***
"ސާޔާ. އެހެރަ މީހާ ފެނޭތަ؟"އޭނަ ވައި އަަޑަކުން އަހައިލީ ފިޔަވަޅުތައް ހުރިތަނަށް ހުއްޓެމުންނެވެ. ނޭވާވެސް ތާށިވީފަދައެވެ. އެހިޔަނި ހުރީ ހަރަކާތެއް ނެތިފައެވެ. ކައިރިގައި ހުރި ރުކަށްވުރެ ދިގު ހިޔަންޏެއް އެޅިފައިވަނީ އިރުގެ ސަބަބުންނެވެ. އޭނަ ލޯ ހަނިކޮށްލާފައި އެ ޝަޚުސް ދެނެގަންނަން މަސައްކަތްކުރިއެވެ.
ވަރަށް ބޮޑު ގޯހެއް އެބަ އުޅެއެވެ.
އޭނަ ކުރިއަށް ފިޔަވަޅު އަލަންފެށިއިރުވެސް ނޭވާ ހަމަޔަކަށް ނޭޅެއެވެ. ހިތުގެ ވިންދުވެސް ބާރުވެފައިވަނީ ހަމައެކަނި ވަރުބަލިވެގެނެއް ނޫނެވެ. އެހެން އުދަގޫދެނިވި ބުރަދަނެއް އުފުލަން ޖެހި އޭނަ އުޅެއުޅެ ހިތުން ނެރެ އެއްލައެއް ނުލެވުނެވެ. ސާޔާވެސް އެއްވަރަކަށް ހިނގަން މަސައްކަތްކުރިއިރު ވައިގެ ރޯޅިތައް އޭނަގެ ނިގާބުގައި ފިރުމަމުން ދިޔައެވެ. ސާޔާ އެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ދުނިޔެއަކީ ވަގުތީ ފާލަމެއްކަމަށާއި ކޮންމެ މީހަކުވެސް އުޅެން ޖެހެނީ ދަަތުރުވެރިއެއް ފަދައިން ކަމުގައެވެ. އެކަމަކު އެދެއްކި ގިނަ ވާހަކަތައް އޭނަގެ ކަންފަތަކަށް ނީވުނެވެ. އޭނަގެ ނަޒަރު ހުއްޓުނީ އެހެން ދިމާލަކަށެވެ.
މިފަހަރުވެސް ހިޔަންޏެކެވެ. ދުރުގައި ހުއްޓިލައިގެން ހުއްޓެވެ. އޭނަގެ މައިބަދައިން ނުދަންނަ ޒާތެއްގެ ފިނިކަމެއް ދަތުރުކުރި ހިނދުކޮޅެކެވެ. ޔަގީނުންވެސް އެހިޔަނި އެތާ ހުރެފައި ދެން ގެއްލުނީއެވެ. އެހިޔަނި ހުއްޓިލައިގެން ހުރިތަން ހުރީ ހުހަށެވެ. ގަސްތަކުގެ ގޮފިތައްވެސް ހަލުވަމުން ދިޔައިރު އެތާ މީހަކު ހުއްޓިލައިގެން ހުރިކަން އެގަސްތަކަށްވެސް ނެގޭފަދައެވެ.
އޭނައަށް އެތެރެއަށް ނޭވާ ދަމައިލެވުނެވެ.
"ކިހިނެއްވީ؟ މީހަކު އެތާހުރީތަ؟" ސާޔާވެސް ނަޒަރު ހުއްޓައިލީ އެދިމާލަށެވެ. އެއްވެސް މީހަކު ނޫނީ ދިރޭ އެއްޗެއް ފެންނާކަށް ނެތެވެ.
"އެއްވެސް މީހެއް ނެތް.."އޭނަވެސް ބޯ ހޫރައިލިއެވެ.
ސާޔާ އޭނަގެ މޫނަށް ބަލަން ހުރީ ދިރާސާކުރާފަދަ ގޮތަކަށެވެ. އެކަމަކު މިިރިއަމްގެ ވިސްނުމުގައިވާ އެއްޗެއް ބުނުވަން އިތުރަށް ބާރު އަޅަން ގަސްތެއްނުކުރިއެވެ. ދެމީހުން ގެއާއި ހަމަޔަށް ފޯރިއިރުވެސް އޭނައަށް އިހުސާސް ކުރެވުނީ ނުފެންނަ ފަރާތަކުން އޭނައަށް ބަލަމުން ދާކަމެވެ.
***
ކާކޮޓަރި ފުދޭވަރަކަށް ހޫނެވެ. ކްލޭ ބޯތަށިތަކާއި ވަކަރު ސަމުސާޖެހޭ ލުއިއަޑު ހިމޭންކަމުގެ ތެރެއަށް އިތުރުވެލައެވެ. ޖަމީލާގެ ހީވާގި އަތުން މަސައްކަތްކުރަމުން ދިޔައިރު ތަނުގެ ވައިގާ ހިފާލީ ކެމޮމިލް އަދި ކަރަންފޫގެ ވަހެވެ. އޭނަ ފުށްގަނޑު މޮޑެމުން ދިޔައިރު އަތުގައި އަޅާފައިވާ އުޅާތައްވެސް މިއުޒިކެއްފަދައިން ތެޅިލައެވެ. އެހެން ދުވަހެކޭ ތަފާތެއްނެތެވެ. މިގެއަށް ބޮޑު ހިތާމައެއް އައިސްގެން އުޅޭހެނެއް ހިޔެއްނުވެއެވެ. އަދިވެސް ބޭރުގެ ވައިގާ އަދިވެސް ވަނީ ވަނީ މޮޅިވެރިކަމާއި ހިތާމަކުރުމުގެ ރޫހެވެ.
މިރިއަމް ހިމޭންކަމާއެކު އޭނަގެ މަންމަގެ ހަރަކާތްތައް ދެކެން ހުރެފައި ގޮސް ސޯފާގައި އޮށޯވެލީ ފިޔާ މީރުކުރަން ފެށުމުން އުދަގޫވެގެންނެވެ. ސީލިންއަށް ބަލަން އޮތްއިރު އެކި ޚިޔާލުތައް ބޮލުތެރޭގައި އެނބުރެމުން ދިޔައެވެ. އޭނަގެ ދޮންބައްޕަ ނިޔާވެގެން ވަޅުލީ މިއަދުގައެވެ. އަވަހަށް ވަޅުލުމަީ ސުންނަތަކަށްވެފައި ޖަމީލާ އަދި ޔޫނުސްގެ އާއިލާވެސް ބޭނުންވީ އެގޮތްކަމަށްވާތީއެވެ. ނަމަވެސް އޭނަ ހައިރާންވަނީ މަންމަގެ އަމަލު ހުރިގޮތުންނެވެ. ދޮންބައްޕަ ވަޅުލިތާ އަދި މާ ގިނަ ގަޑިތަކެއް ނުވިޔަސް އަވަދިނެތި އެއުޅެނީ ބަދިގޭގައެވެ.
"މަންމަ މިގަޑީގައި ކައްކަނީ ކީއްވެތަ؟"މިރިއަމްއަށް ހިމޭނުން ނޯވެވިގެން ތެދުވެގެންގޮސް ދޮރުމަތީގައި ހުއްޓުނެވެ.
"ސުހޫރުއަށް މިރިއަމް...." އާދައިގެ މަތިން ފަނޑު ހިނިތުންވެމެކެވެ.
"މިރިއަމްގެ ބައްޕަ އަބަދުވެސް ކާހިތުން އުޅޭ އެއްޗެއްނު..." ފުށްގަނޑުން ކުދި ގުޅަތައް ހަދަމުން މަންމަ ބުނެލިއެވެ.
މިރިއަމް ގަނޑުވާގޮތްވިއެވެ. އެލަފުޒުތަކުން ހިމޭންކަން ކަނޑާނަގާލައިފިއެވެ. އެހާ ތޫނުވެފައި ޝޮކެއްޖެހޭފަދަ ގޮތެއް އެ ބަސްތަކުގައިވިއެވެ.
މިރިއަމްގެ ބައްޕަ ހެއްޔެވެ؟ މިއަދު ނިޔާވި މީހާ ނޫންހެއްޔެވެ؟ އަދިވެސް އެ ހަށިގަނޑު ތާޒާކަންމަތީގައިވާ މީހާ ނޫންހެއްޔެވެ؟ ދުވަސްކޮޅެއްކުރިން އެމީހަކު އެގޭގައި ހާޟިރުވެގެން ހުރި މީހާ ނޫންހެއްޔެވެ؟
ނޫނެކެވެ. މަންމަ އެދައްކަނީ ހަމަ ކުރީގެ ވާހަކައެވެ. އެންމެ ކުރިން ނިޔާވި އޭނަގެ ބައްޕަގެ ހަނދާންތައް ވުޖޫދަށް ގެނުވީއެވެ. އޭނައަށް ކަޅިޖަހައިލަން ނޭގިފައި މަންމަގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. މަންމައަށް އެކަން ފާހަގަވިހެނެއް ހިޔެއްނުވެއެވެ. ކުރީޒަމާނުގެ ރާގަކަށް ނާނާ އަޅުވައިގެން ހުރިއިރު ކިޔާއެއްޗެއް ކިރިޔާ ސާފުވާކަމެވެ. އޭނަގެ މަންމަ ގެއްލިފައި އިނީ ކޮން ޚިޔާލުތަކެއްކަމަށް ދެނެގަންނަން ނުކުޅެދުނެވެ.
ވާނީ އެހެން ނޫންހެއްޔެވެ؟ މަންމަ އުޅެނީ އެއްވެސް ކަމެއް ބަދަލުނުވާފަދައިންނެވެ. އެއްވެސް އެއްޗެއް ގެއްލިގެން ނުދާފަދައިންނެވެ. ފިރިމީހާ މުހިއްމު ހެނެއްވެސް ހިޔެއްނުވެއެވެ. ކިތަންމެ ކެތްތެރިވިޔަސް ގާތްމީހެއްގެ މަރުގެ ސަބަބުން އަސަރުކޮށް ރޮވެންވާނެ ނޫންހެއްޔެވެ؟ އެހެން ދުވަސްތަކާއި ތަފާތުވެސް ވާންޖެހޭނެ ނޫންހެއްޔެވެ؟ ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ބަދިގޭތެރެއިން ތަށި ސަމުސާފަދަ އެއްޗެހީގެ އަޑު އިވިލިޔަސް ގޭތެރޭގެ ހިމޭންކަން ކުރިއަށްވުރެ ފުންކަމަށް އޭނަ ފާހަގަކުރިއެވެ. އޭނަ އެހިމޭންކަންދެކެ ނަފްރަތުކުރެއެވެ. ކޮޓަރިތަކުގެ ކޮންމެ ކަނެއްގައި އެހިމޭންކަންވެރިވެ އޭނަގެ ބައްޕަގެ ހަނދާންތައް އެތަންތަނުގައި ގަދަކޮށްލާފަދައެވެ. އަދި މިހާރު މަންމަގެ ދެވަނަ ފިރިމީހާގެ ވަކިވުމާއި ގުޅިގެން އޭނައަށް ވަނީ ބުނަން ނޭގޭފަދަ ވަރުގަދަ ފުން ވަކިވުމުގެ އަަސަރު އެހެން ގޮތަކަށް ކުރުވާފައެވެ.
އެއީ މަންމަގެ ކުށެވެ. އޭނަގެ ޚިޔާލުތައް އެހެން ދިމާލަކަށް އެނބުރިގަތެވެ.
އޭނަ އެބަސްތައް ދުލުން ބޭރުނުކުރިކަމުގައި ވިޔަސް އިހުސާސްވެއެވެ. ދޮންބައްޕަ ބުނާ އެއްޗަކަށް މަންމަ ހީލާއިރު އަދި މަޖާ އެއްޗެއް ބުނުމުން ހީގަންނައިރު އޭނައަށް ހީވީ އެތެރެހަށީގެ ކޮންމެވެސް ދިމާލެއްގައި ގޮށެއް ޖެހޭހެންނެވެ. ދޮންބައްޕަގެ ވަކިވުމަށްފަހުވެސް އެގޮށަށް ބާރުވަމުންދިޔައެވެ. މަންމައަށް އެކަން ދޭހަނުވަނީހެއްޔެވެ؟ އެހާ ފަސޭހައިން މަންމަ މާޒީއާއި ދުރަށް ދިޔައީހެއްޔެވެ؟ ބައްޕަ ވަކިވުމުގެ ތަދުން އަރައިގަންނަން ފެނުނުގޮތަކީވެސް އަލުން މީހަކު ހޯދާފައި ދިރިއުޅުމާއިގެން ކުރިއަށް ދިޔުން ހެއްޔެވެ؟ ދޮންބައްޕަ ދިޔުމުންވެސް މަންމަ އެ އިހުސާސްތައް ދާދި ފަސޭހައިން ވަޅުލައިފިއެވެ.
އޭނަގެ ހިތަށް ތަދުވިއެވެ. އެހާ ފަސޭހައިން މަންމަ އެހެން މީހަކާއެކު ދިރިއުލުން ފެށުމުން އޭނައަށް ބަޔާން ނުކުރެވޭފަދަ އަސަރެއް ކުރިއެވެ. އޭނަ ދޮންބައްޕަ ދެކެ ނަފްރަތުކުރީއެއްނޫނެވެ. އެކަމަކު މައްސަލައަކީ ބައްޕައަށް ނުވީކަމެވެ. ބައްޕަގެ ބަދަލުގައި އެ މަގާމުގައި އެހެން މީހަކު ހުންނަން ޟަމީރު ތަންނުދިނީއެވެ. އެކަކަށްވެސް އެ މަގާމު ނުފުރޭނެއެވެ. އޭނަގެ ހިތް އެތިކޮޅުތަކަށް ވެގެން ފައިބައިގެން ދާއިރުވެސް މަންމައަކަށް ރޭކާނުލައެވެ. އެހާ ވަރުގަދަ ރުޅިއެއް އަންނަންވީ ސަބަބެއް ނޭގުނަސް ރުޅިގަނޑު އޭނަ ބަލިކަށިކޮށްލިއެވެ. އަދި މިހާރު އޭނަގެ މަންމަ ބައްޕަގެ ވާހަކަ ނަންގަންނަ ގޮތުން ހީވަނީ ދިރި ހުރިހެންނެވެ. ކޮންމެ ފަހަރަކުވެސް ބައްޕަ ހިނގާފައި އައިސް ދޮރުން ވަދެފާނެހެންނެވެ. މިއީ މަންމަގެ ނުލަފާ ސަމާސާއެއް ހެއްޔެވެ؟ މަންމައަކީ އެފަދަ މިޒާޖެއްގެ ވެރިއެއް ނޫނެވެ.
މަންމަގެ ފިޔަވަޅުގެ އަޑު ކޮރިޑޯއާއި ދިމާލުން އިވުނެވެ. ލަސް ހިނގުމެކެވެ. ފިޔަވަޅުތައް ގުނަމުން އަންނަފަދައެވެ. އޭނަގެ ދަތްދޮޅިއަށް ވާންވިއެވެ. މަންމަ ދޮރުމަތިން ފެންނަން މާގިނައިރެއް ނުނެގިއެވެ. މޫނުން ފެންނަނީ އެ ހިމޭން މަޑުމައިތިރިކަމެވެ. ކެތްތެރިކަމެވެ. ވިދާ ލޮލެވެ. އިތުރު އެއްވެސް ކަމެއް ބަދަލެއްނުވެއެވެ.
"މިރިއަމް. ހެދުން ދޮންނަން މަންމައަށް އެހީވެދީބަލަ.." އޯގާތެރި އަޑެކެވެ.
މިރިއަމްގެ މެޔަށް ބާރުވެލިއެވެ.
"އަހަރެން ބޭނުމެއްނޫން..."ގަނޑުފެންފަދަ ފިނި އަސަރެކެވެ. އެކަމަކު އެތެރެހަށީގެ ތޫފާނާއި ނުބައްދަލު މަޑުމައިތިރި ކަމެކެވެ. އޭނަ ހަގީގަތުގައި ބޭނުންވީ އަޑުކޮޅަށް ހަޅޭއްލަވައިގަތުމަށެވެ.
މަންމަ ކުޑަކޮށް ހުއްޓުން އެރިއެވެ. ލޮލަށް މަޑުމައިތިރިކަން ގެނައެވެ."ކިހިނެއްވީ ދަރިފުޅު..."
އޭނައަށް އިތުރަށް ކެތެއްނުކުރެވުނެވެ. މަންމަގެ އަމަލު ހުރިގޮތުން އެއްވެސް ބޮޑު ހާދިސާއެއް ނުހިނގާފަދައެވެ. މަންމަ ހަނދާން ނައްތައިލަނީއެވެ. އޭނައަށް ކުރާނެ އަސަރު ނުވިސްނަނީހެއްޔެވެ؟
"މަންމަ އަބަދުވެސް....އަހަރެމެންގެ ދިރިއުޅުމަށް މީހުން ގެނެސް...ދެން އެމީހުން ދަނީ....." އޭނަގެ އަޑު ކެނޑޭގޮތްވިއެވެ."އެންމެ ކުރިން ބައްޕަ......ދެން އޭނަ...ކީއްވެ އަބަދު މިހެން ވާންވީ؟"
މަންމަގެ މޫނުގެ ކުލަ ކުޑަކޮށް އޮއްސުނެވެ. ލޮލުގެ ކައިރީގައިވި ރޮނގުތައް ފުންވިހެން ހީވިއެވެ. ހިތުގައި ޖެހުނުފަދައެވެ. އެކަމަކު އޭނައަކަށް ހުއްޓައެއް ނުލެވުނެވެ.
"މަންމައަކަށް ނުވިސްނޭ..."އޭނަގެ ރުޅިގަނޑު ގަދަވިއެވެ." މަންމަ އަށް ހެޔޮ ކޮންމެ އެއްޗެއްވިޔސް....ހަމަ ކުރިއަށް ދަނީ.....އެއްވެސް ކަމެއް ނުވާކަމަށް ހަދާފައި...އެކަމަކު އަދިވެސް އަހަރެން މިހިރީ.....ހުރިހާ ކަމެއް ބޮލުގައި އަޅަން އެބަޖެހޭ.........."
މަންމަ ހުރީ ހިމޭންވެފައެވެ. އެލޮލުގައި ވި ތަދާއި އަސަރު އޭނައަށް ފެނުނެވެ. އޭނައަށް ހެވެވެ. މަންމަގެ ހިތަށް އަސަރުކުރިޔަސް އޭނައަށް ކޮންކަމެއް ހެއްޔެވެ؟ އޭނައަށް ފެންނަނީ ބައްޕަގެ ވަކިވުމުގެ ހުސްކަމެވެ. އެއާއެކު ދޮންބައްޕަގެވެސް މެއެވެ.
މަންމަ ކުރިއަށް ޖެހިލާފައި އޭނަގެ މޫނުގައި އަތް ޖައްސައިލަން އުޅުމުން އޭނަ ފަހަތަށް ޖެހިލަމުން ބޯ ހޫރައިލިއެވެ.
"މަންމަ ދެން އެކަން ފޫބައްދަން އުޅޭނެކަމެއްނެތް.." އޭނަ ތުން ތަޅުވަމުން އެނބުރުނެވެ. "އިތުރަށް މިކން ގޯސްވިޔަނުދީބަލަ...."
އޭނަގެ ފިޔަވަޅުތައް ދުރަށް އަޅާތަން ބަލަން ޖަމީލާ ހުރިއިރު އެލަފުޒުތައް އޭނަގެ ހިތުގެ ފުންމިނަށް ގެނބެމުން ދިޔައެވެ. އެކަމަކު މިރިއަމްއަކަށް އެކަމެއް ނުވިސްނުނެވެ. އޭނަގެ ސަބަބުން މަންމައަށް ލިބުނު މޮޅިވެރިކަމާއި ކުރި އަސަރު އަދި އެ ލޮލުގައި ހިނދުކޮޅަކަށް ދެމިެގެން ދިޔަ ކުށުގެ އިހުސާސްގެ ހިލަމެއްވެސް ނުވިއެވެ. އޭނައަށް ވިސްނުނީ އަމިއްލަ ނަފުސާއިމެދުގައެވެ. އޭނައަށް ލިބިފައިވާ ހައިރާންކަމާއިއެކު ގަބޫލުނުކުރެވޭފަދަ ގޮތަކަށް ހުރިހާކަމެއް ބޮއްސުން ލައިގެން ދަނީ މަންމައާއިހެދި ކަމަށްވެސް ނިންމިއެވެ.
ހިމޭންކަން އެނބުރި އިއާދަވިއެވެ. މިފަހަރު ކުރިއަށްވުރެވެސް އެހިމޭންކަން ބޮޑެވެ.
***
ފަޖުރުލުމުގެ ކުރިން ފުން ހިމޭންކަމުގެ ތެރެއިން ގެ ހޭލިފަދައެވެ. ގޭތެރެއަށް ވެރިވެފައިވާ އޮރެންޖްއަލިވެސް މަސައްކަތްކުރަމުން ދިޔައީ ގެއަށް ދިރުމެއް ގެނެސްދިނުމަށެވެ. ފަންކާގެ ވަޔާއެކު ފާރުތަކަށް އެޅިފައިވާ ހިޔަނިތައް ނަށައިލައެވެ. ދުރުން އިވެނީ ރާޅުތަކާއި ވައިރޯޅީގެ ލުއި އަޑެވެ.
މިރިއަމް ވަކަރު މޭޒުގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިށީދެލިއިރުވެސް ރަގަޅަށް އެސްފިޔަ ހުޅުވައިނުލެވެއެވެ. ހޫނު ސައިތަށީގައި އިނގިލިތަކުން ހިފަހައްޓާލާފައިވީއިރު މަޑު ހޫނުކަމެއް އިހުސާސްކުރެވުނެވެ. ރޮށްޓާއި މަސްހުނީގެ މީރުވަސް ނޭފަތުގައި ޖެހުނެވެ. މަންމަ ތަށިތައް ކައިރިކޮށްލަދިނެވެ.
"ރަގަޅަށް ކައި...ސުހޫރު ކެއުމުގައި ބަރަކާތް ލެއްވިގެން ވޭ...."
އޭނަ ލަސްލަހުން ހަފަމުން ދިޔައިރު ހޫނު ކާއެއްޗެހި މައިދާއަށް ޖަމާވަމުން ދިޔައެވެ. އޭނަގެ ސިކުނޑީގައި އެ ހަދީސް ވިއެވެ.
"ސުހޫރު ކާށެވެ. އެ ކެއުމުގައި ބަރަކާތް ލެއްވިގެންވެއެވެ." ބުޚާރީ ހަދީސް
މިރިއަމްއާއި މަންމަގެ ދޭތެރޭގައިވީ ހިމޭން ކަމެވެ. އެއި މުޅިން އާކަމެއްވެސް ނޫނެވެ. އޭނަ ކުޑަދޮރުން ބަލައިލިއިރު އަދިވެސް އުދަރެސް ފެންނަނީ ކަޅު ދެލިކުލައިގައެވެ. ރަށުތެރެއިންވެސް އަދި އަޑެއް ބަޑެއްނީވެއެވެ. އެކަމަކު މިއި ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ.
***
އުދަރެސް ހުޅުފަޅާފައިވީ ރަންގު އަދި ފިނިފެންމަލުގެ ކުލަތަކުންނެވެ. އިރު ތިރިވަމުންދިޔައީ ރީތިހާ ކުލަތަކުން އިންސާނުން އާޝޯޚު ކުރުވަމުން ދުނިޔެއިން އެއް ދުވަސް ކުރުކޮށްލަމުންނެވެ. ފޮތި އަޅާފައިވާ ތަބައް ހިފައިގެން އަވަށްޓެރިންނަށް ތަފާތު ބާވަތްތަކުގެ ކާއެއްޗެހި ހިފައިގެން މީހުން ހޭލަމޭލަވެ އުޅޭތަން ފެނެއެވެ. ރޯދަ ވީއްލުމުގެ ވަގުތު ކުޑަތަންވާވަރަކަށް ފިޔަވަޅުތައް އަވަހެވެ. އާދައިގެ މަތިން ބަދިގެތެރެއިން އިވެމުން ދިޔައީ ފިޔާ ތެލުލެވޭއިރު އިވޭ އަޑެވެ. ކާށި ކިރުގެ ވަސް ދުވަންފެށުމުން އޭނަ ނޭވާ ދަމައިލިއެވެ. މަންމަ އިފްތާރަށް ސުފުރާ ތައްޔާރުކޮށް ނިމެންދެން މިރިއަމް އޮތީ ޖޯލީގައި އަމިއްލަ ޚިޔާލީ ދުނިޔޭގައެވެ.
މަންމަ ގޮވުމުން އޭނަ ދެފައި ހުރަސްކޮށްލައިގެން ކުނާމަތީގައި ހަމަޖެހިލިއެވެ. ދެ އިނގިލިދޭތެރޭގައި ކަދުރެއް އޮތެވެ. އަނެއް ފަޅީގައި އިށީދެލައިގެން އިން މަންމަގެ ހުދު އިސްތަށިގަނޑަށް ރަންކުލައިގެ އައްޔެއް އެޅި ތަފާތު ރީތިކަމެއް ފެނެއެވެ. ޖޯޑުގައި ލުއިގޮތަކަށް ހިފަހައްޓާލައިގެން އިނދެ މަންމަ މަޑުމަޑުން ދުޢާކުރަނީއެވެ.
މިރިއަމް ފުން ނޭވާއެއް ދޫކޮށްލިއެވެ. ދުނިޔެވެސް ކުޑަކޮށް މަޑުޖެހިލިފަދައެވެ.
އެއާއެކު އަޒާންގެ ހިތްގައިމު އަޑު ވައިގެތެރޭގައި ދައުރުވިއެވެ. އިފްތާރު ގަޑި ޖެހުނުކަން އިއުލާން ކުރީއެވެ.
"ބިސްމިﷲ...."މިރިއަމް އޭނަގެ ކަދުރުގައި ދަތް ޖައްސައިލިއެވެ. ފޮނިރަހަ އަނގައިގެ ތެރެއަށް ވިރިގެން ދިޔައީ މާމުއިފަދައިންނެވެ. އެއާއެކު ފެންފޮދެއް ދިރުވައިލުމުން އަރާމު އިހުސާސެއް ކުރެވި ވަރުބަލިކަން ފިލިއެވެ. މަންމަވެސް ލަސްލަހުން ފެންފޮދެއް ބޯލުމާއެކު ދެލޯ މަރައިލީ ﷲ ތައާލާއަށް ހަމްދުކުރަމުންނެވެ. މިރިއަމްއަށް ސިކުންތުކޮޅަކަށް އިހުސާސްކުރެވުނީ ކޮންމެވެސް ޖަޒުބާތެއް ދިޔަހެންނެވެ. އޭނަގެ ރުޅިއެއް ނޫނެވެ. ހައިރާންކަމެއްވެސް ނޫނެވެ. ނޭގޭ ކޮންމެވެސް ކަމެކެވެ. އެއަށް ދޭނެ ނަމެއް އޭނައަކަށް ނޭގުނެވެ.
މަސްޖިދުގެ ހަރަމްތެރެ ފަޅުފިލުވާލާފައިވަނީ ނަމާދަށް ތައްޔާރުވާމީހުންގެ ހަރަކާތްތަކުންނެވެ. ބޭރުވެސް ދިއްލާލާފައިވީ އެލުވާފައިވާ ބައްތިތަކުންނެވެ. ރޭގަނޑުގެ ވައިރޯޅިތަކުގެ ބީހިލުމުން މަޑުމަޑުން ނަށަމުންދާއިރު ނިކަން ހިތްގައިމެވެ. ފަޒާގައި ހިފާފައިވީ ކެލާ އަދި އޫދުފަދަ އަތަރުތަކުގެ ވަހެވެ. މިރޭ ރަށުތެރޭގައި އާއްމުކޮށް ދެކެވޭ ވާހަކަތަކުގެ ރާގާއި މައުޟޫ ބަދަލުވެފައިވިއެވެ. އަދި ހުސްފަޔާ ދުވެ ސަކަރާތް ޖަހާ އުޅޭ ކުދިންވެސް ފެންނާކަށް ނެތެވެ. އެންމެން ޖަމާއަތް ހަދާފައިވަނީ ރަމަޟާންމަހުގެ ފުރަތަމަ ތަރާވީހަށެވެ.
މިރިއަމް އާއި ލައިލާ މަސްޖިދުގެ ދޮރުކައިރީގައި ތިބެ ބުރުގާތައް ރަގަޅުކުރަމުން ދިޔައެވެ. އޭރުވެސް ވަށައިގެން ތިބިމީހުން މަޑުމަޑުން ވާހަކަދައްކާ އަޑުއިވެއެވެ. މިރިއަމްގެ ކަންފަތް ހުޅުވިފައިވަނީ އެންމެ ލަފުޒެއްވެސް އިވުމަށެވެ. ކިޔާ އެއްޗެއް ރަގަޅަށް އޮޅުން ނުފިލިޔަސް ގުޅުން ހުރިވާހަކައެއް ދެކެވިދާނެކަމަށްޓަކައެވެ. ފިރިހެނުންގެ ބައި އޮތީ ފުރިފައެވެ. ކޮނޑާއި ކޮނޑު ޖައްސާލައިގެން ސަފު ހަދާލާފައިވާއިރު ނަމާދު ފެށުމުގެ ކުރިން ކުރަން ޖެހޭ ދުޢާތަކަށް ހުރިހާ ސަމާލުކަމެއް ދީގެންނެވެ. އަންހެންވެރިން ފަހަތުގައި ސަފުތައް ހަދަމުން ކުނާތައް މަތީގައި ތިބިއިރު ބައެއް މީހުން ދުވަސްވީ ރަހުމަތްތެރިން ފެނި ހާލުއަހުވާލު އަހަމުން ދިޔައީ ވައިއަޑަކުންނެވެ.
ލައިލާ ކުއްލިއަކަށް މިރިއަމް ގައިގާ އުޅަބޮށި ޖައްސައިލިގޮތުން އޭނަ އަރިއަޅާގޮތްވިއެވެ.
"ކިހިނެއްވީތަ؟" އޭނަ މޭކަށިގަނޑުގައި ފިރުމައިލަމުން ލޯ އަޅައިލިއެވެ. ލައިލާ އެކަމާއި އަޅާލުމެއްނެތި މިސްކިތަށް ވަންނަ ދޮރާއި ދިމާލަށް އިޝާރަތްކޮށްލިއެވެ. އޭނައަށްވެސް އެ ދިމާލަށް ނަޒަރު ހުއްޓައިލެވުނެވެ.
ނުނިމޭ