'ވިޓަމިން ޕީ' ހޯދަން ޖެހެނީ މީރު ކެއުމެއް ކާން

ކެއުމަކުން ހިތަށް އުފާވެރިކަން ލިބޭނެ ކަހަލަ ކެއުމަކަށް އިންސާފުކޮށްލެވުމަކީ ހަށިގަނޑަށް ބޭނުންވާ 'ވިޓަމިން ޕީ' ހޯދައިދިނުން ކަމަށް ދިރާސާވެރިން ބުނޭ--ފޮޓޯ/ހެލްތުލައިން

ކޮންމެ މީހެއްގެ ގާތުން ވެސް އެ މީހަކު އެންމެ ކާހިތްވާ ކެއުމަކީ ކޮބައިތޯ އެހުމުން އޭގެ ޖަވާބު ނޭނގި ނުދާނެއެވެ. އޭގެ ސަބަބު ވެސް ދެނެގަންނަން އެހާ ފަސޭހައިރު މީރު ކެއުމަކަށް އިންސާފުކޮށްލެވުމަކީ ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ކެއުންތަކަށް އިންސާފުކުރާ ވަގުތަކީ އުފާވެރި މާހައުލެއް ގާއިމުކުރެވި ތަފާތު ތަޖުރިބާތަކެއް ކުރުވާ ވަގުތުތަކަށް ހެދުމުގެ އިތުރުން ކާނާއިން އަމިއްލަ ނަފުސަށް ލިބިގަންނަ ހިތްހަމަޖެހުމަކީ ހަށިގަނޑަށް އޭގެއިން ސިއްހީގޮތުން ފައިދާކުރުވާ ކަމެއް ކަމަށް ރެޖިސްޓަޑް ޑައިޓީޝަން އަދި ނިއުޓްރިޝަނިސްޓް ޖެރްލީން ޖޯންސް ޝާއިއުކޮށްފައިވާ ލިޔުމެއްގައި ވަނީ ފާހަގަކޮށްފައެވެ.

އާއިލާއާ އެކު ކެއުންތަކަށް އިންސާފުކޮށްލުމަކީ ހިތަށް އުފާވެރިކަން ލިބި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުވާ ކަމެއް--ފޮޓޯ/ސްޓޮކްއެޑޯބް

ރެޖިސްޓަޑް ޑައިޓީޝަނެއްގެ އިތުރުން ނިއުޓްރިޝަން ލިޔުންތެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ޖެރްލީން ޖޯންސްގެ ލިޔުމުގައި ފާހަގަކޮށްފައިވާ މުހިއްމު ކަންކަމުގެ ތެރޭ، ސޭވަރީ ކެއުންތަކުގެ ސަބަބުން ކާނާ ހަޖަމު ކުރުމަށް އެހީވެދެއެވެ.

ހަމައެއާއެކު 'ޑިސްއޯޑާޑް އީޓިންގް'އިން މީހާ ދުރުކޮށްލަދީ ކާތަކެއްޗާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިވާ ކަމަށް ޖެރްލީން ޖޯންސް ވަނީ ފާހަގަކޮށްފައެވެ.

ތިމާ އެދޭ މީރު ކެއުމަކަށް އިންސާފުކޮށްލެވުމަކީ އެކަމުގެ ސަބަބުން ނަފުސާނީ ދުޅަހެޔޮކަން ވެސް އިތުރުކޮށްދޭ ކަމެއް--ފޮޓޯ/ސްޓޮކްއެޑޯބް

ތިމާ އެދޭ މީރު ކެއުމެއް ކާލެވުމަކީ ހަށިގަނޑުގެ ހޯމޯންތަކަށް ހިތްހަމަޖެހުމެއް ލިބި ސިކުނޑިއަށް އުފާވެރިކަމާއި ސިއްހަތަށް ފައިދާހުރި ގޮތަކަށް ކެއުން ބެހެއްޓުމަށް ހިތްވަރު ލިބޭ ކަމެއް ކަމަށް ސައިންސްގެ ދިރާސާތަކުން ވަނީ ދައްކާފައި ކަމަށް ޖެރްލީން ޖޯންސްގެ ލިޔުމުގައި ވަނީ ބުނެފައެވެ.

ހަމައެކަނި ބަނޑުފުރާލުމުގެ ނިޔަތުގައި ކެއުންތަކަށް އިންސާފުކުރުމަކީ އެކަމުން ސިކުނޑިއަށް ގޯސް މެސެޖުތަކެއް ދޭނެ ކަމެއް ކަމަށް ދަ ލައިފްސްޓައިލް ޑައިޓީޝަންގެ ވެރިޔާ ވަނީ ބުނެފައެވެ.

ކެއުންތަކަށް އިންސާފު ކުރުމަކީ ގުޅުންތައް ބަދަހިކުރުމުގެ އިތުރުން ބައެއް ކަހަލަ ކެއުންތަކަކީ ތިމާ ލޯބިވާ މީހެއްގެ ހަނދާންތައް ވެސް އާކޮށްލަދޭ ކެއުންތައް ކަމުން އެކަމުން ނަފުސުގެ ދުޅަހެޔޮކަމަށް ވެސް ވަރަށް ހެޔޮ އަސަރުތަކެއް ކުރުވާ ކަމަށް ވެސް ޖެރްލީން ޖޯންސް ވަނީ ބުނެފައެވެ.

މިސާލަކަށް ބައެއް ކަހަލަ ކެއުންތަކަކީ ދުނިޔެ ދޫކޮށްފައިވާ މާމާ ނުވަތަ ކާފަގެ ހަނދާންތައް އާކޮށްލަދޭ ކަހަލަ ކެއުންތައްކަން ފާހަގަކޮށްލެވޭ ކަމަށް ޖެރްލީން ޖޯންސްގެ ލިޔުމުގައި ފާހަގަކޮށްފައެވެ.

ރަމަޟާން މަހަކީ ތަފާތު އެކި ވައްތަރުގެ ކެއުންތަކުގެ އަޖުމަ ބަލާލުމުގެ ގޮތުން ވެސް ކެއުންތައް ތައްޔާރުކޮށް އާއިލާއާ އެކު ކެއުންތަކަށް އިންސާފުކުރާ މައްސަރަކަށް ވުމުން މިއީ ހަށިގަނޑަށް ބޭނުންވާ 'ވިޓަމިން ޕީ' ހޯދުމަށް އެންމެ އެކަށީގެންވާ މައްސަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

comment ކޮމެންޓް