މިސްކިތަށް ލޯބިޖެހި ކޮންމެ ނަމާދު ވަގުތަކު މިސްކިތަށް އައުމުގެ އަޒުމު ޒައުލްގެ ހިތުގައި ގަދަވެގެން ދިޔައެވެ.

ޒައުލް ގެއަށް ދިޔައީ ނިމާލުގެ ވާހަކައިން ހިތްހަމަ ޖެހިހުރެގެންނެވެ. އަދި ﷲ އަށް ޝުކުރުވެރިވާ ޙާލުގައެވެ.

*****

ހަފްތާއެއް ފަހެވެ. ޑޮކްޓަރަށް ދެއްކުމާއެކު، ބައެއްކަހަލަ ޓެސްޓްތައް ހަދަން ޖެހިގެން ޒަމީރު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ. އެކަމުގެ ސަބަބުން އޮފީހުގެ ކަންތައްތައް ބެލެހެއްޓުމަށް ޒައުލް ހަވާލުކުރީ ހައިޝަމްއާއެވެ. ބައްޕަ ބުނީ ހަމަ ރަނގަޅު ވާހަކަ އެކޭ އޭނާގެ ހިތަށް އެރިއެވެ. ހައިޝަމްގެ ތެދުވެރިކަމުގެ ސަބަބުން، އޭނާއާ ކަމެއް ހަވާލުކުރަން ޖެހިލުންވާ އެކަކުވެސް މުޅި އެ އޮފީހުގައި ވެސް ނޫޅެއެވެ. ޚުދު ޒައުލް ވެސް މިހާރު އެންމެ އިތުބާރުކުރާ މީހަކަށް ހައިޝަމް ވެއްޖެއެވެ.

ޑޮކްޓަރުން ޒަމީރު ގެއަށް ދޫނުކުރީ އައިވީކޮށް އެންޓިބަޔޮޓިކްތަކެއް ދޭން ޖެހޭތީއެވެ. ވުމާއެކު އެ ހަފްތާ ތެރޭގައި ޙަޔާވެސް ހައިޝަމްއާއެކު ޒަމީރަށް ޒިޔާރަތްކުރަން ބައެއް ފަހަރު ހޮސްޕިޓަލަށް އާދެއެވެ. އެޑްމިޓްކޮށްގެން ފަރުވާދޭން ފެށުމުން ބޭހާއެކު ޒަމީރަށް ވަރަށް ބޮޑުތަން ލުއިވިއެވެ. ދޭތެރެއަކުން ހޮނޑުލެވި ބަނޑަށް ތަދުވިއެއްކަމަކު އަބަދަކު ތަދެއްވެސް ނުހުރެއެވެ.

އެއީވެސް އެފަދަ ދުވަހެކެވެ. ހައިޝަމް އޮފީސް ނިންމާލާފައި ގޮސް ގޭގެ ތިރީގައި މަޑުކޮށްލުމަށްފަހު، ޙަޔާގެ ނަންބަރަށް ގުޅައިލިއެވެ. ދެވަނަ ރިންގާއެކު ޙަޔާ ފޯނު ނެގިއެވެ. ސަލާމަށް ޖަވާބު ދީފައި އޭނާ ވާހަކަ ދެއްކިއެވެ.

"ތިރީގަތަ؟" ޙަޔާ ސުވާލުކޮށްލިއެވެ.

"އާނ. ފައިބާ އަވަހަށް." ހައިޝަމް އެދުނެވެ.

"ގިވް މީ ފައިވް މިނެޓްސް. މި ފައިބަނީ…" ޙަޔާ އެހެން ބުނެލާފައި ފޯނު ބޭއްވިތާ ފަސްވަރަކަށް މިނެޓް ފަހުން، ގޭގެ ދޮރު ހުޅުވާލާފައި އޭނާ ނުކުމެއްޖެއެވެ.

"ޔޫ އޯކޭ؟" ޙަޔާ ކުޑަކޮށް ވަރުބަލިހެން ހީވާތީ ހައިޝަމް ސުވާލުކޮށްލީ ކަންބޮޑުވެފައި ހުރެއެވެ.

"ޔާ. އަނެއްހެން އޯކޭ." ހިނިތުންވެލުމަށްފަހު، ޙަޔާ ޖަވާބު ދިނެވެ.

ހައިޝަމްއައީ ޒަމީރުގެ ގާތަށް ދިޔުމުގެ ކުރިން ޙަޔާ ބަލައެވެ. އޭނާ ހޮސްޕިޓަލަށް ދާ ވާހަކަ ބުނުމުން ޙަޔާވެސް ދާން ބޭނުންވީއެވެ.

ހޮސްޕިޓަލަށް ގޮސް ޒަމީރު އޮތް ކޮޓަރިއަށް މިފަހަރުވެސް އެންމެ ފުރަތަމަ ވަނީ ހައިޝަމްއެވެ. ޙަޔާ އެތެރެއަށް ވަނީ ހައިޝަމް ނުކުމެ ވަންނާށޭ ބުނުމުންނެވެ. އާދައިގެ މަތީން ކަޅު ޖިލްބާބާއި ނިޤާބުގައި ޙަޔާ ފެނުނުނަމަވެސް، އެތަނުގައި ހުރި ޒައުލްއަށް ހަޔާއަށް ބަލަހައްޓައިގެން ހުރެވުނީ ބޭއިޚްތިޔާރުގައެވެ. ޙަޔާއަށްވެސް އެކަން ފާހަގަވީ ކަންނޭނގެއެވެ. އޭނާއަށް ވެސް ބޭއިޚްތިޔާރުގައި ޒައުލްއާ ދިމާލަށް ބަލައިލެވުނީ ޒައުލް ބަލާހެން ހީވުމުންނެވެ.

ޙަޔާ ބަލައިލުމާއެކު ޒައުލް ވަގުތުން އިސްޖަހައިލިއެވެ. ކުރެވުނީ ރަނގަޅު ކަމެއް ނޫނޭ ހިތަށް އެރުމާއެކު އޭނާ ގޮސް ކޮޓަރިން ނުކުމެލިއެވެ. އޭރު ޙަޔާއާ ވާހަކަ ދައްކާ ހިތުން ޒައުލްގެ ހިތް ދިޔައީ ތެޅި ފޮޅެމުންނެވެ. ޙަޔާ ފެނުމުން އޭނާއަށް ވީގޮތެއްވެސް ނޭނގުނެވެ. އެ އަންހެން ކުއްޖާގެ މޫނު ނުފެނުނެއްކަމަކު ހިތަށް ފިނިވެލިއެވެ. މެއަށް ފާޑެއްގެ ގޮތެއް ވެލާ ހިތުގެ ތެޅުން އަވަސް ވިއެވެ. އެ އިޙްސާސްތައް ކޮންޓްރޯލް ކުރަމުން ޒައުލް ފާރުގައި ލެނގިލިއެވެ.

"އަހަންނަށް… އަހަންނަށް ޙަޔާ… ކަމުދަނީބާ؟" ޒައުލްއަށް މޭގައި މަޑުމަޑުން އަތް ޖައްސައިލިއެވެ. އެއާއެކު ހިތުން އޭނާއަށް ޖަވާބު ދިން ފަދައެވެ. "އާއެކޭ" އަމިއްލަ ނަފްސަށް ބުނެވުމާއެކު އޭނާއަށް ހިނިތުންވެވުނު ނަމަވެސް، ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފަނޑުވީ ޙަޔާ އޭނާއާ ދޭތެރޭ ދެކޭގޮތެއް ނޭނގޭތީއެވެ. އޭނާ އަކީ ކޮން ކަހަލަ މީހެއްކަމާއި ކިހިނެއް އުޅުނު މީހެއްކަންވެސް ޙަޔާއަށް އޮންނާނީ އެނގިފަތާއެވެ. ދީން ނޭނގޭ މީހަކާ ގުޅެން ޙަޔާ ފަދަ ކުއްޖަކު އެއްބަސް ވެދާނެހެއްޔެވެ؟ ޒައުލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެ ފިކުރުތަކުން ދުރުވުމަށް އޭނާ ފޯނު ނަގާ ފޯނާ ކުޅެން ފެށިއެވެ.

ޙަޔާއަށް ފޯނެއް އައުމާއެކު އޭނާ ބަލައިލިއެވެ. ގުޅީ އަފީފާ އެވެ. އޮފީހުގެ ކޮންމެވެސް ވާހަކައެއް ދައްކަންވެގެން ތިބި ހައިޝަމްއާއި، ޒަމީރަށް ބަަލައިލާފައި ފޯނު ކަންފަތުގައި ޖައްސާލަމުން އޭނާ ބޭރަށް ނުކުމެލީ އޭނާގެ ފޯނު ކޯލާއެކު އެ ދެމީހުންނަށް އުނދަގޫވެދާނެތީއެވެ. އެއާއެކު ޙަޔާގެ ލޮލުގައި އަޅައިގަތީ ދޮރުގެ ކުރިމައްޗަށް ވާގޮތަށް ފާރުގައި ލެނގިލައިގެން ފޯނު ހިފައްޓާލައިގެން ހުރި ޒައުލް އެވެ. އެއާއެކު ކުޑަ ވަގުތު ކޮޅަކަށް އެނާ ހުއްޓުން އަރާ ގޮތްވިއެވެ. އެހެންނަމަވެސް، ނުވާ ކަމަކަށް ހަދާލާފައި ވާހަކަ ދައްކަން ފެށިއެވެ.

"އައްސަލާމު ޢަލައިކުމް ޙަޔާ." އެކޮޅުން އަފީފާ ބުނެލިއެވެ.

"ވަޢަލައިކުމުއް ސަލާމް. ކިހިނެއްވީ އަފީފާއްތަ؟" ޙަޔާ ބުނެލިއެވެ.

"ނޫރާ މިއަދު ބަލިވީމަ ނުދެވޭނެ ވާހަކަ ބުނެލަން ވެގެން މިގުޅީ. ޙަޔާ އިންތިޒާރުގައި އިނދެދާނެތީ." އަފީފާ ބުންޏެވެ.

"އެންމެ ރަނގަޅު ވާނެ. ދެން ބުނެލާތި މާދަން އަންނައިރު އިސްލާމް ޕާސްޓްޕޭޕަރު ހިފައިގެން އަންނަން. " އެހެން ބުނެލާފައި ޙަޔާ ނޫރާއަށްޓަކައި ދުޢާކުރިއެވެ. އަވަސް ޝިފާއެއް ދެއްވުން އެދިއެވެ.

ފޯނާ ކުޅެން އިސްޖަހާލައިގެން ޒައުލް ހުއްޓެއްކަމަކު ޙަޔާގެ ވާހަކަތައް އޭނާއަށް އަޑު އިވުނެވެ. ޙަޔާގެ އެ ނިޔަނަތި އަޑު އިތުރަށް އެހުމަށް ކެތްމަދުވެފައި ހުރި ނަމަވެސް، ފޯނު ކޯލު ނިމުމާއެކު އެ ފުރުސަތެއް އޭނާއަކަށް ގެއްލުނެވެ. އޭނާ އަމިއްލަ އިޙްސާސް ހަމައަކަށް އަޅުވައިލިއެވެ.

"ޙަޔާ…" ޙަޔާ އެނބުރި ކޮޓަރިއަށް ވަންނަން އުޅުމުން ޒައުލް ޙަޔާއަށް ގޮވައިލިއެވެ. އެއާއެކު ދެވަނަ ސިކުންތުގައި ލޯ މަރާ ތަގުޅި ކޮށްލަމުން ތުންފަތުގައި ދަތް ވެސް އަޅައިލެވިއްޖެއެވެ. އެއީ އަދި ރަނގަޅު ގޮތެއް ނޫނޭ ޒައުލްއަށް ހީވީއެވެ. ޙަޔާއަށްވެސް ލިބުނީ ޝޮކެކެވެ. ޒައުލް އެފަދަ ގޮތަކަށް އޭނާއަށް ގޮވައިލުމުންނެވެ. ފަސް އެނބުރި ޒައުލްއަށް ބަަލައިލުމާއެކު، އޭނާއަށް ވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"މީ… އެ ފޮތްތަކަށް… ވަރަށް ބޮޑަށް ތޭންކްސް.." އަޅައަޅައި ގަންނަމުން ޒައުލް ބުންޏެވެ. އޭނާ ޙަޔާ މަޑުކުރުވީ ކޮންމެހެން އެހެން ވާހަކައެއް ދައްކާކަށްވެސް ނޫނެވެ. ހަމައެކަނި އެ ފޮތްތަކުން އޭނާއަށް ފައިދާކުރި ވާހަކަ ބުނެފައި ޝުކުރު އަދާކުރުމުގެ ގޮތުންނެވެ. "އޭގެން އަހަންނަށް ވަރަށް ބައިވަރު އެއްޗެހި ދަސްވެއްޖެ."

"އުފާވެއްޖެ." އެހެން ބުނެލާފައި ހަޔާ ހިނިތުންވެލިކަން ޒައުލްއަށް އެނގުނެވެ. އޭނާ ބޯ ޖަހައިލުމުން ޙަޔާ އަނެއްކާވެސް އެތެރެއަށް ވަންނަންވެގެން އުޅުނެވެ. އެހެންނަމަވެސް، މިފަހަރުވެސް ޒައުލް އޭނާ ހުއްޓުވިއެވެ.

"އެ ފޮތްތައް… މީ ކޮން އިރަކުން ދޭންވީ؟" ޒައުލް ސުވާލުކޮށްލިއެވެ.

"ނިމުނީމަ. އަހަންނަކަށް ލަހެއް ނުވޭ." ހަމަ އެ މަޑުމައިތިރިކަމުގައި ޒައުލްއަށް ބަލައިލަމުން ޙަޔާ ބުނެލިއެވެ. އެއަށްފަހު އޭނާ ކޮޓަރިއަށް ވަދެލިއެވެ. އެ މަންޒަރު ބަލަން ހުރި ޒައުލްއަށް އޭނާގެ ހިނިތުންވުން ފުޅާކޮށްލެވުނެވެ. އެ އަންހެން ކުއްޖާގެ ސާދާކަމާއި މަޢުސޫމުކަމުގެ ސަބަބުން އޭނާގެ ހިތުގައި ތަފާތު ޝުޢޫރުތަކެއް އުފެދެމުން ދިޔައެވެ. ޙަޔާއާ ގިނައިރު ވާހަކަ ދެއްކުމަށް އޭނާގެ ހިތް އެދި ގޮވަން ފެށިއެވެ. ޙަޔާއާ އެކު ވަގުތު ހޭދަކުރުމަށްވެސް މެއެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޒައުލްގެ ހިތަށް ޝައިތާނީ ވަސްވާސްތައް ވެރިވާ ގޮތްވިއެވެ. އެއާއެކު އޭނާ އަމިއްލަ ޖަޒުބާތުތައް ކިޔަމަން ކުރުވިއެވެ. ޙަޔާއަކީ ޢިއްފަތްތެރި، އަޚްލާޤު ރަނގަޅު ހެޔޮ ލަފާ އަންހެން ކުއްޖެކެވެ. އެއާއެކު، ދެންމެ އެފަދަ ގޮތަކަށް ވާހަކަ ދެއްކުމަށް ޙަޔާ ނުރުހިދާނެޔޭ އޭނާގެ ހިތަށް އެރިއެވެ. އެ އަމަލުން ޙަޔާހިތަށް އަރާނީ ކީކާ ބާއޭ ވެސް ޒައުލްގެ ހިތް އޭނާގެ އަމިއްލަ ނަފްސާ ސުވާލުކުރަމުން ދިޔައެވެ.

އެ ޚިޔާލުތަކުގައި ހުރި ޒައުލްގެ ހިތުގެ މިސްރާބު މުޅީން އެހެން ދިމާލަމަށް މިސްރާބުޖެހިއެވެ. އެ ހިތް އެދި ގޮވަން ފެށީ ކައިވެނީގެ ގުޅުމުން ޙަޔާއާ ގުޅުމަށެވެ. އެ ވާހަކަ ބައްޕައާ ދެއްކުމަށެވެ. އޭނާގެ މީހަކަށް ހަޔާ ހެދުމަށް ޒައުލް ބޭނުންވާން ފެށިއެވެ.

ޒަމީރު ގެއަށް ދޫކޮށްލަންދެންވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޙަޔާއާއި ހައިޝަމްއާ ދެމީހުން ހޮސްޕިޓަލަށް ދެއެވެ. ޙަޔާއަށް ނުދެވެންޏާ ކޮންމެވެސް ކާއެއްޗެއް ހިފައިގެން ނަމަވެސް ހައިޝަމް ގޮސް ވަދެލާނެއެވެ. އެކަމުގެ ސަބަބުން ޒައުލްގެ ހިތުގައިވެސް އެ ދެމީހުންނަށް ޝުކުރުވެރިކަން ނޫން އެއްޗެއް ނުވިއެވެ. ހައިޝަމް ފަދަ އެކުވެރިއަކު ލިބޭނީ ހަމަ ޔަޤީނުންވެސް މަދު މީހަކަށޭ އޭނާގެ ހިތަށް އެރިއެވެ. ރަނގަޅު ހެޔޮ ލަފާ އެކުވެރިން ޚިޔާރުކުރުމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެކުގައި އުޅޭ އެކުވެރީންނަކީ ގޯސް ބައެއް ނަމަ އެމީހުންނާ އެއްބައިވެވި ރަނގަޅު މަގަކުން ކަސިޔާރު ވެގެން ހިނގައިދިޔުމުގެ ފުރުސަތު އޮންނާނެއެވެ. ޚުދު ޒައުލްވެސް ވަނީ އެކަން ތަޖުރިބާ ކޮށްފައެވެ. ބޭރުގެ އެކުވެރިންގެ ވާހަކަތަކަށް ހެއްލި ދީނާ ދުރުވެވި ޣާފިލުކަންމަތީގައި އޭނާ އެތަކެއް ދުވަހެއް ހޭދަކުރިއެވެ. ލޯ މަތީން ފެންނަމުންދިޔަ އެތަކެއް ހެކިތަކަކަށް އޭނާ ދިޔައީ ފުރަގަސް ދެމުންނެވެ. ކާއިނާތު ޚަލްޤުކުރެއްވި މާތް އިލާހުގެ ކުޅަދުންވަންތަކަމުގެ ހެކިތައް ކޮންމެ ދުވަހަކުމެ ލޯމަތީން ފެންނަމުން ދިޔަ އިރުވެސް ލޮލަށް ނުފެންނަ ކަނު މީހެއްގެ ގޮތުގައި އޭނާ އެތަކެއް ދުވަހެއް ވަންދެން އުޅުނެވެ. ކަންފަތަށް އިވެމުންދިޔަ ހެޔޮ ބަސްތަކަށް ބީރު މަންމަން މީހެއް ފަދައިން ފުރަގަސްދިނެވެ.

*****

ޒައުލް ހުރީ ގޭގެ ޓެރެސްގައެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ހުރެފައި އޭނާ ހާމައަށް އޮތް އުޑުމަށްޗަށް ބަލައިލިއެވެ. އެއީ އުޑުމަތި ސާފު ރީތި ރެއެކެވެ. ބުރުހަމަ ހަނދެއްގެ އަލިން އުޑުމަތި އަލިކޮށްލާފައިވާއިރު، ހަނދުގެ ވަށައިގެން އެތަކެއް ހާސް ތަރިތަކެއް ފިޔަޖަހަމުން ދިޔައެވެ. އުޑުމަތީގައި ވިލާ ރޮއްޖެއްހާ ހިސާބުވެސް ނެތެވެ. އެހާވެސް އުޑުމަތި ސާފެވެ. އެހިތްގައިމު ވަގުތަށް އިތުރު ފުރިހަމަކެއް ގެނެސްދެމުން ދިޔައީ، ޖެހެމުން ދިޔަ ލުއި އެހެނަސް ތާޒާ ވައިރޯޅިތަކުންނެވެ. އެ ހުރި ގޮތަށް ހުރެ ޒައުލްއަށް ވިސްނައިލެވުނެވެ. މިހާ ފުރިހަމައަށް ހިނގާ ގުދުރަތީ ނިޒާމަކީ ހަމަ ހުރެހުރެފައި އުފެދުނު އެއްޗެއް ކަމަށް މީގެ ކުރިން ޒައުލްވެސް ޤަބޫލުކުރިއެވެ. އިންސާނުން ދުނިޔެއަށް އައީ މަޖާކޮށްލާފައި ލޯމަރާލަންކަމަށް އޭނާ ހީކުރިއެވެ. އެ ހިސާބުން އެ ނިމުނީކަމަށް ވެސް ޤަބޫލުކުރިއެވެ. އެހެންނަމަވެސް މިހާރު އޭނާގެ ވިސްނުން ބަދަލުވެއްޖެއެވެ. ކާއިނާތުގެ ހުރިހާކަމެއް މިހާ ފުރިހަމައަށް ހިންގަވާ ފަރާތެއް ވާކަމަށް ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ޤަބޫލުކުރަން ޖެހެއެވެ. ހަމައެކަނި އިންސާނާގެ ހަށިގަނޑަށް އެކަނި ވިސްނައިލިނަމަވެސް، އެކަން އެނގި ހާމަވާނެއެވެ. އެހާ ފުރިހަ ނިޒާމަކުން އިންސާނާގެ ގުނަވަންތައް ފުރިހަމަކުރެއްވި އިލާހުގެ ކުލަދުންވަންތަކަން ކިތަންމެ ހާވެސް ބޮޑެވެ.

އަނދިރިކަމުގެ ތެރޭގައި ޒައުލް ވީކަމީ މިހާރު އޭނާގެ މާޒީއެވެ. އެ މާޒީ އަލުން ތަކުރާރު ވާކަށް ޒައުލް ބޭނުމެއްނޫނެވެ. ދީނުގެ މަތީގައި ސާބިތުވެ ހުރުމަށް އޭނާއަށް ދުވާލަކު އެތަކެއް ފަހަރަކު ﷲ އަށް ދުޢާ ދެންނެވެއެވެ. އެހެން ހުރިއިރު، ޤުރުއާނުގެ ބައެއް އާޔަތްތަކުގެ މާނަ އޭނާ ހަނދާންކުރިއެވެ.

ޒައުލްގެ ފޯނު ރިންގުވީ އޭނާ އެހެން ހުއްޓައެވެ. ގުޅީ އަރީޝްއެވެ. އޭނާގެ އެކުވެރިޔާއެވެ. އެކުވެރިޔާއަށް ވެސް އޭނާ އިސްލާމްވެ ތެދުމަގު ޚިޔާރުކުރިކަން އަދި ޒައުލް ހުރީ ސިއްރުކޮށްގެންނެވެ. އެހެންނަމަވެސް އެ ވާހަކަ މިރޭ އެކުވެރިޔާއާ ހިއްސާކުރަންވެސް ޒައުލް ނިންމިއެވެ.

"ސަލާމް އަރީޝް." ޒައުލް އެހެން ބުނެލި ހިނދު އަރީޝްއަށް މަޑުޖެހުމެއް އައިކަން ފޯނުގައި ހުރިނަމަވެސް ޒައުލްއަށް އެނގުނެވެ. އޭނާ އެ ގޮތަށް ބުނެލީ ވެސް އަރީޝްއަށް ކަމެއް އަންގައިދިނުމުގެ ގޮތުންނެވެ.

"ސަލާމޭ. ތީ ދުވަހަކު ޒައުލް ބުނިވެސް އެއްޗެއް ނޫން. ތިތަނަށް ދިޔައިމަ ތިތާ މީހުން ވާހަކަ ދައްކާ ގޮތަށް އާދަވީތަ؟" އަރީޝް ލުއި ހުނުމަކާއެކު ސުވާލުކޮށްލިއެވެ.

"އަހަރެން… އަހަރެން އިސްލާމް ދީނުގެ މަގަށް އަލުން ރުޖޫޢަ ވެއްޖައިން އަރީޝް،" އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި ޒައުލް ހާމަކޮށްލިއެވެ. އެއާއެކު އަނެއްކާވެސް އަރީޝް މަޑުޖެހިލިއެވެ.

"އެން…" ހައިރާންކަމާއެކު އަރީޝްއަށް އެހެން އަހައިލެވުނީ އެތަނުން ދިޔައިރު، އޭނާއަށް ވުރެ އެކުވެރިޔާގެ ޙާލަތު ގޯސްކަމުންނެވެ. އޭނާވާ ކަލަކުވާކަމަށް ޤަބޫލުކުރިތާއެވެ. އެކަމަކު ޒައުލް ކުޑަމިނުން އެކަމެއް ވެސް ޤަބޫލެއް ނުކުރެއެވެ. އެހާ ބޮޑު ބަދަލެއް އެކުވެރިޔާއަށް އަންނަން ޖެހުނު ސަބަބެއް ވިސްނާ ވިސްނާވެސް އޭނާއަކަށް ނޭނގުނެވެ.

"އަރީޝް… ވަގުތު ފާއިތުވުމުގެ ކުރިން އަހަންނަށް ވިސްނުނުކަމީ ނަސީބެއް. އެހެންނޫނީ އަހަރެންވެސް ވާނީ ގެއްލެނިވި ހަލާކުވަނިވި މީހުންގެ ތެރެއިން." ޒައުލް ބުނެލިއެވެ.

"ޒައުލް… ކިހިނެއްވެފަތަ ތިހުރީ؟" އަރީޝްއަށް ސުވާލުކޮށްލެވުނެވެ.

"އަހަންނަކަށް އެއްވެސް ކަމެއް ނުވޭ. ކަމެއްވެފައި ހުރީ ކުރީގެ އަހަންނަށް. ދާނެ މިސްރާބެއް ނޭނގުނީވެސް ކުރީގެ ޒައުލްއަށް. އެކަމަކު މިޒައުލްއަށް ހުރިހާކަމެއް ވެސް އެނގި ސާފުވެއްޖެ." ޒައުލް ބުންޏެވެ.

"އަރީޝް… އަރީޝްވެސް ތައުބާވުން ލަސް ނުކުރޭ. ދުނިޔޭގެ އުފަލަށް ގެއްލިގެން ތިއްބާ މަރު އަންނާނީ ކޮން ވަގުތަކު ކަމެއް އަހަރެމެން އެކަކަށްވެސް ނޭނގޭނެ. އަހަރެން ބޭނުމެއް ނޫން އަހަރެންގެ އެކުވެރިޔާ ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ވާ މީހަކަށް ވެގެންދާތަން ބަލާކަށް." ޒައުލް ހަމަ ހަޤީގަތުގައިވެސް އޭނާގެ އެކުވެރިޔާއަށް ހެޔޮ އެދެއެވެ. އެގޮތަށް ބުނެވުނީ އެހެންވެގެންނެވެ.

"އައި ވޯންޓު އެންޖޯއި މައި ލައިފް ޒައުލް… ތިހުރިހާކަމެއް…"އަރީޝްގެ ހިތުގައި އޮތް އެތި ބޭރުކޮށްލެވުނުކަންވެސް އެނގުނީ ވަކި ހިސާބަކަށް ބުނެވުނު ފަހުންނެވެ.

"އެއީއެއްނޫން އަހަރެމެން ދުނިޔެއަށް އައި މަޤްސަދަކީ. އަހަރެމެންގެ މަސައްކަތަކަށް ވާން ޖެހޭނީ އާޚިރަތުގެ ކޮއްތު ތައްޔާރުކުރުން. އެނޫނީ އަހަރެމެންނަށް ސަލާމަތެއް ނެތް. މި ރޭ ވެސް މަރު އަހަރެމެންނާ ބައްދަލުކޮށްފާނެ. ފަހުން ތައުބާ ވާން ހުއްޓާ މަރުވީމަ ﷲ ގެ ހަޟްރަތަށް ދަތުރުކޮށްފައި އަހަރެމެން ދޭނީ ކޮން ޖަވާބެއް؟" ޒައުލް ބުނެލިއެވެ.

ޒައުލްގެ ވާހަކައަށް ރައްދުދޭނެ ގޮތެއް ނޭނގިފައި އަރީޝް ހުއްޓާ އޭނާއަށް ފަހަތުން ކޮންމެވެސް މީހަކު ގޮވައިލި އަޑު އިވުނެވެ. "ހިނގާބަލާށޭ ޑްރިންކަކަށް" ދާން އިނގިރޭސިން ބުނެލި އަޑު އިވުމާއެކު ޒައުލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ އަރީޝް ފޯނު ބޭއްވީ ފަހުން ގުޅާނެކަމަށް ބުނެފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު