ގެދޮރު އިމާރާތްކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވާ މީހުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އިފުތިތާހުކުރި "ހިޔާވެހި ފައިނޭންސިން ޕްރޮގްރާމް"ގެ ދަށުން ގެދޮރު އިމާރާތްކުރުމަށް ދޫކުރާ އިސްލާމިކް ފެސިލިޓީއަށް އެދި ފޯމް ހުށަހެޅުމުގެ ވަގުތު މިއަދު އިތުރުކޮށްފިއެވެ.
ގެދޮރު އެޅުމުގެ ފަސޭހަ ގޮތްތައް ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ހިޔާވަހި ފައިނޭންސިން ޕްރޮގްރާމް އިފުތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފަހެއްގައެވެ.
އެ ފެސިލިޓީއަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އަށެއްގައެވެ. އެއިރު އެކަމަށް މުއްދަތު ދިނީ އަންނަ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުގެ ރޭ 23:59 އަށެވެ.
މިއަދު ހައުސިން މިނިސްޓްރީން ވަނީ އެ މުއްދަތު އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ 00:00 ހަމައަށް ދަންމާލައިފައެވެ.
ފައިނޭންސިން ފެސިލިޓީތަކަށް އެދުމަށްޓަކައި "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ފޯމް ހުށަހެޅޭނެއެވެ.
އެ ފެސިލިޓީގެ ދަށުން، ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ލޯނަށް އެދެވޭނެއެވެ. އެ ޕްރޮގްރާމުން ފޯރުކޮށްދޭ ފައިސާގެ ތަފުސީލަކީ:
- ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް
- މިނިސްޓްރީން މި ޕްރޮގްރާމަށް ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކުން އެދި ހުށަހަޅާ ފަރާތްތަކަށް ތިން މިލިއަން ރުފިޔާއާ ހަމައަށް
- ފުރަމާލެއިން ހުށަހަޅާ ފަރާތްތަކަށް ހަ މިލިއަން ރުފިޔާއާ ހަމައަށް
މާލެއަށް ދޫކުރާ ލޯނުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށްވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ކޮންމެ ފަރާތަކަށް ކޮންމެ ބިމަކަށް އިތުރު އެއް މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ހިމަނަން ފުރުސަތު ލިބޭނެއެވެ.