އިންގްލިޝް ޕްރިމިއާ ލީގުގައި އާސެނަލް އާއި ޗެލްސީ ބައްދަލުކުރި މެޗު އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ޗެލްސީ އިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އިންނެވެ.
މިމެޗުގެ ފެށުން ރަނގަޅުވީ އާސެނަލްގެއެވެ. މިގޮތުން މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ މެޗުގެ ހަމައެކަނި ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިކޭލް މެރީނޯއެވެ.
މީގެއިތުރުން ލިއާންޑްރޯ ޓްރޮސާޑް، ގެބްރިއެލް މާޓިނެއްލީ އާދި ޑެކްލަން ރައިސް އަށްވެސް ލަނޑު ޖަހާނެ ފުރުސަތު ފުރަތަމަ ހާފުގައި ލިބިގެންދިޔައެވެ. މިމެޗުގައި ޗެލްސީއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ މާކް ކުކުރެޔާއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕާ ޑޭވިޑް ރާޔާ އަތުން ދޫވިނަމަވެސް ގޯލަށް އަމާޒުނުވެ ދިޔައީ ބޭރަށެވެ.
މިކާމިޔާބީއާއެކު އާސެނަލް މިހާރު އުޅެނީ ކުޅުނު 29 މެޗުން ލިބިފައިވާ 58 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވުމުން ޗެލްސީ އުޅެނީ 49 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. މިމުބާރާތުގައި ފުލަމް އާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ ފުލަމްއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. އަދި ދެވަނަ ހާފުގެ ބޮޑުބައި ލަނޑެއް ނުޖެހި ދިޔަ ނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި ފުލަމްއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް އެޓީމަށް ލީޑު ނަގައިދީފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮޑްރިގޯ މޫނީޒްއެވެ. އަދި މިލަނޑު ޖެހިތާ 10 މިނެޓް ފަހުން ފުލަމްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރަޔަން ސޭސެގްނޯންއެވެ. މިމެޗުގައި ސްޕާސްއަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ދެވަނަ ހާފުގައި އެޓީމަށް ލިބުނެވެ. މިގޮތުން ޑޮމިނިކް ސޮލަންކީއަށް ލިބިގެންދިޔަ ފުރުސަތު ތަކުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ.
މިކާމިޔާބީއާއެކު ފުލަމް މިހާރު އުޅެނީ 45 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި ސްޕާސް އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.