ނަމާދަށްފަހު، ދެ އަތް އުފުލާ ﷲ ގެ ހަޟްރަތުގައި ޒައުލް ދުޢާކުރަމުން ދިޔައިރުވެސް އޭނާގެ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ހޯސްލާފައި ކަރުނަތައް އޭނާގެ ކޯތާފަތުން ތިރިއަށް ރޮނގުދެމެމުން ދިޔައެވެ.
ﷲ ގެ ރަޙްމަތަށް އެދޭ ޙާލު އެ ކަލާނގެ ޢަޒާބުން އޭނާ ސަލާމަތްކޮށްދެވުން އެދި ދުޢާކުރެވުނެވެ. އެހެން އިންދާ ކުޑަ ހިނދުކޮޅަކަށް އޭނާ މަޑުޖެހޭގޮތްވީ އަތުގައި ކުރަހާފައިވާ ޓެޓޫ ފެނިފައެވެ. ﷲ އޭނާގެ ތައުބާ ޤަބޫލު ކުރައްވާނެބާއޭ ޒައުލްގެ ހިތަށް އެވަގުތު އެރިއެވެ. އެއާއެކު ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާ މާޔޫސްވާގޮތްވިއެވެ. އެހެން ނަމަވެސް، ދެވަނަ ސިކުންތުގައި، ﷲ ގެ ރަޙްމަތުން މާޔޫސް ނުވުމަށް ޒައުލް އޭނާގެ އަމިއްލަ ނަފްސަށް ހަނދާންކޮށްލަދިނެވެ. އެއީ އޭނާ ޣާފިލުކަންމަތީގައި ހުރެ ކުރަހާފައިވާ އެއްޗެއްސެވެ. މިހާރު އޭނާ އެވަނީ ތައުބާ ވެފައެވެ. އަނދިރިކަމުގެ ތެރޭގައި ދުނިޔޭގެ މަޖަލުގައި ހެއްލެނިވެގެން އެތަކެއް ބަޔަކު އުޅެމުން ދާއިރު، އެ އެންމެންގެ ތެރެއިން ހެޔޮ މަގު އޭނާއަށް ދެއްކެވީތީ ﷲއަށް އެތަކެއް ފަހަރަކު އޭނާއަށް ޙަމްދުކުރެވުނެވެ.
މުޅި ޙަޔާތުގައިވެސް ނުލިބޭ ފަދަ ހިތްހަމަޖެހުމެއް އެރޭ ޒައުލްއަށް ލިބުނެވެ. ތައުބާއަށްފަހު ޒައުލްގެ ހިތަށް އާދަޔާ ޚިލާފު ފިނިކަމެއް ލިބުނެވެ. އޭނާއަށް މާޒީ އާ މެދު ވިސްނުނު ނަމަވެސް، ﷲ ގެ އޯގާވަންތަކަން ހިތަށް އެރުމުން އެކަމުން ލިބުނު ނުތަނަވަސްކަންވެސް ފިލައިގެން ދިޔައެވެ. އެގޮތުގައި އެތަކެއް އިރަކު އޭނާ އިނެވެ. ތެދުވެ ހިންދެމިލުމާއެކު އޭނާއަށް ހީވީ ޚުދު އޭނާ އަކީ އެހެން މީހެއް ހެންނެވެ. ވިސްނުމާ ޚިޔާލާ ކަންތައްތަކާ ދޭތެރޭ ދެކޭ ނަޒަރިއްޔާތު ބަދަލުވެފައިވާ ގޮތުން ޚުދު ޒައުލްވެސް ހައިރާންވިއެވެ. އެހެންނަމަވެސް އެއީ ހުސް ރަނގަޅު ބަދަލުތަކެއްކަން އޭނާއަށް ފަހުމްވި އެވެ.
******
ޙަޔާގެ ގާތުން އިސްލާމް ފިލާވަޅު މުޠާލިޢާ ކުރުމަށްފަހު، ނޫރާ ގެއަށް ގޮސް ވަތްއިރު އޭނާގެ ބޭބެ ސިނާން ގޭގައި ހުރުމުން ހައިރާންވިއެވެ. މިހުރިހާ ދުވަހު، ސިނާން ހުރީ މެލޭޝިޔާގައި ކިޔަވާށެވެ. އެހާ ދުވަސްފަހުން ދޮންބެ ފެނުމުން އުފާވިނަމަވެސް، އެހާ ހައިރާންވީ ނުބުނެ އައުމުންނެވެ.
"ދޮންބޭ… ކޮން އިރަކު އައީ؟" ސިޓިން ރޫމުގައި ހުރި ފޮށިތައް ފެނުމުން، ސިނާން އެއައީ އޭނާ ޙަޔާމެން ގޭގައި ހޭދަކުރި އެއް ގަޑިއިރުގެ ތެރޭގައިކަން ނޫރާއަށް އެނގުނު ނަމަވެސް، އޭނާއަށް އެހެން އަހައިލެވުނީ ހައިރާންވީލެއް ބޮޑުކަމުންނެވެ.
"ދެންމެ މިއައީ. ނޫރާ ކޮންތާކުން ތިއައީ؟" ސިނާން ސުވާލުކޮށްލިއެވެ. އޭނާ ފުޅާ ހިނިތުންވުމެއް ނޫރާއަށް ރައްދުކޮށްލިއެވެ. ދިގު އިސްކޮޅަކާއި އޮޅަލި ކުލައިގެ ހަންގަނޑެއް ލިބިފައިވާ ސިނާން އަކީ ވެސް ފިރިހެންވަންތަ ޒުވާނެކެވެ. އޭނާއަކީ އަފީފާއާއި ޝަކޫރުގެ ދޮށީ ދަރިފުޅެވެ. އެތަކެއް ދުވަހެއް މެލޭޝިޔާގައި ހޭދަކުރުމަށްފަހު ސިނާން އައީ، މާސްޓާރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކޮށްގެންނެވެ.
"ޙަޔާ ދައްތަ ކައިރިން މިއައީ." ނޫރާ ފޮތްތައް ދައްކައިލަމުން ސިނާންގެ ސުވާލަށް ޖަވާބު ދިނެވެ.
"އަދިވެސް އެމީހުން މިގޭގަތަ އުޅެނީ؟" ސިނާން ސުވާލުކޮށްލިއެވެ. ނޫރާ ބޯ ޖަހައިލުމުން އޭނާއަށް އަފީފާއަށް ވެސް އަވަސް ނަޒަރެއް ދެވުނެވެ.
"އާނ. އެމީހުން ނުދޭ.އޭރުއްސުރެ ހަމަ މިގޭގައި އެ އުޅެނީ.." ޙަޔާމެން އެގޭގައި އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. މައިންބަފައިން ނިޔާވުމަށްފަހު ވެސް އިތުރު ތަނަކަށް ބަދަލުވުމުގެ ޚިޔާލެއް ހައިޝަމްއަދި ޙަޔާވެސް ނުގެން ގުޅެއެވެ. އަފީފާގެ ޖަވާބު އަޑު އިވި ސިނާން ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޙަޔާ އަކީ އެންމެ ކުރިން ފެށިގެންވެސް އޭނާއަށް ކަމުދާ ކުއްޖެކެވެ. ރީތި ކުއްޖެކެވެ. އަމިއްލަ ޚިޔާލުގައި ޙަޔާ ހުންނާނެގޮތް ސިނާންއަށް ކުރެހެން ފެށިއެވެ. ޙަޔާގެ އެ ރީތިކަން އަދި މިހާރު މާ ފުރިހަމަވާނެ ކަންނޭނގެއެވެ. ބުރުގާ އަޅައިގެން އުޅުނު ނަމަވެސް، މޫނުމަތީގެ ސިފަތައްވެސް ފުރިހަމއެވެ. ބޮޑު ހެދުން ލިޔެއްކަމަކު އެ ހަށިގަނޑުވެސްއެހާ ފުރިހަމަވާނެކަމަށް އޭނާއަށް ޤަބޫލުކުރެވެއެވެ.
ޚިޔާލުތަކުގައި ބެހެމުން ދިޔަ ސިނާން ސިހުނީ އަފީފާ ގޮވައިލުމުންނެވެ.
"ދަރިފުޅާ. ދެން ދޭ ތާޒާ ވެލައިގެން އެއްޗެއް ކާލަން އަންނަން." އޭނާ ބުނެލިއެވެ.
"އޯކޭ.މި އަންނަނީ" ސިނާން ގޮސް ކޮޓަރިއަށް ވަނުމުން، އަފީފާ ނޫރާއާ ވާހަކަ ދެއްކިއެވެ. ފިލާވަޅުތައް އެނގުނުތޯ އޭނާ ސުވާލުކުރިއެވެ. އެއާއެކު ނޫރާ ވަރަށް އުފާވެފައި އޭނާއަށް މިހާރު ވަރަށް ގިނަ އެއްޗެހި އެނގޭކަމަކާއި ދަސްވެއްޖެކަމުގައި ބުންޏެވެ.
*****
އެރޭ ކެއުމަށްފަހު ސިނާން، ނޫރާ ބެލްކަނީގައި ހުއްޓާ ބެލްކަންޏަށް ނުކުމެލިއެވެ. އޭނާގެ މަޤްސަދަކަށްވީ، ޙަޔާގެ ވާހަކަ ނޫރާގެ ގާތުން އޮޅުން ފިލުވުމެވެ. މެލޭޝިޔާގައި އުޅުނުއިރު ޙަޔާއާ މެދު މާ ބޮޑަށް ނުވިސްނުނީ އޭރު އެކަމާ ވިސްނަން ވަގުތު ނުވުމުންނެވެ. އަދި އެހެން އަންހެން ކުދިންނާ ގުޅުން ބާއްވަމުން ދިޔައީތީއާ ވެސް އެކުގައެވެ. އެހެންނަމަވެސް މާލެ އައި ފުރަތަމަ ދުވަހު ޙަޔާގެ ނަން އިވުމާއެކު ސްކޫލު ދައުރުގައި ހިތުގައި އުފެދުނު އިޙްސާސްތައް އާލާވާން ފެށިއެވެ. މާޒީގެ ހަނދާންތައް އޭނާއަށް އާވާން ފެށިއެވެ. ސިނާން ސްކޫލު ދައުރުގައިވެސް އެތަކެއް ފަހަރަކު އޭނާ ޙަޔާ ގާތުން ރައްޓެހިވާން އަހަން ބޭނުންވިއެވެ. އެހެންނަމަވެސް، އެކަމަށް ހިތްވަރު ނުލިބުނީ ޙަޔާ އޭނާގެ ހުށައެޅުން ޤަބޫލުނުކުރާނެކަން އެނގޭތީއެވެ. ޙަޔާއަކީ އެއަށްވުރެ ދީނީ ކަންތައްތަކަށް ލޯބިކުރާ ކުއްޖެކެވެ. އެހެންކަމުން އަމްދުން ކުއްޖަކާ ރައްޓެހި ވުމަކީ އޭނާ ކުރާނެކަމެއް ނޫންކަން ސިނާންއަށް އެނގެއެވެ.
ރެއިލިންގައި އަތް އަޅުވާލަމުން އޭނާ ނޫރާއަށް ބަލައިލުމަށްފަހު، ވާހަކަ ފަށާނެ ގޮތަކާ މެދު ވިސްނިއެވެ. ހަމަ ހުރެހުރެފައި ޙަޔާގެ ވާހަކަ ފެށުމުން ނޫރާ ހީކުރާނީ ކީކޭ ހެއްޔެވެ؟ ނޫރާވެސް އެވަނީ މިހާރު ކަންތައްތަކަށް ލޯ ހުޅުވި އެކަހަލަ ކަންތައްތައް އެނގޭ ވަރުވެފައެވެ.
"ނޫރާގެ ނަތީޖާ ކިހިނެއްތަ؟" ސިނާން ސުވާލުކޮށްލިއެވެ.
"ރަނގަޅު. އިސްލާމުން އެންމެ ދަށުން ލިބުނީ. އެކަމަކު ޙަޔާ ދައްކަ ކައިރިން ޓިއުޝަން ނަގަން ފެށުމުން މިހާރު ނޭނގޭ ހުރިހާ އެއްޗެއްވެސް އެނގިއްޖެ. ޙަޔާ ދައްތަ ކިޔަވައިދޭން ވަރަށް މޮޅު. ދޮންބެއަށް އެނގޭތަ؟ ނޫރާމެންނަށް ނޭނގޭ ވަރަށް ގިނަ އެއްޗެހި ޙަޔާ ދައްތައަށް އެނގޭ." ނޫރާ ވާހަކަ ދެއްކިއެވެ. އެއާއެކު ސިނާންގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުޅާވިއެވެ. ނޭނގިނަމަވެސް، ނޫރާގެ ވާހަކައިގެ މިސްރާބު ހުރީ އޭނާ ބޭނުންވާ ދިމާލަށެވެ. އެކަމުގެ ސަބަބުން، ސިނާންއަށް މައުޟޫގެ ތެރެއަށް ވަންނަން ފަސޭހަވެގެން ދިޔައެވެ.
"އެގޭގައި ވަރަށް ގިނަ މީހުން އުޅޭތަ؟"ސިނާން ސުވާލުކޮށްލިއެވެ.
"ނޫން. ޙަޔާ ދައްތައާއި ހައިޝަމް ބޭބެއާ އެކަނި އުޅެނީ… އެހެންމީހަކު ނޫޅޭ." ނޫރާ ކިޔައިދިނެވެ.
"ހައިޝަމް ބޭބެ މެރީއެއް ނުކުރޭތަ އަދި؟" އުމުރުގެ ގޮތުން ހައިޝަމްއާއި ސިނާންއަކީ އެއްވަރުގެ ދެމީހުންކަމުން ސިނާން ސުވާލުކޮށްލިއެވެ.
"ޔެސް. ޙަޔާ ދައްތަވެސް ނުކުރޭ. " ނޫރާގެ ވާހަކައިން ސިނާންގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. ހިތުގައިވި ނުތަނަވަސްކަން ފިލައި ދިޔައީ ޙަޔާ އަދިވެސް ހުރީ ހުހަށް ކަން އެނގުމުންނެވެ. އޭނާއަށް އަދިވެސް ފުރުސަތު ނުގެއްލެނީތާއޭ ހައިޝަމްގެ ހިތަށް އެރިއެވެ. ފަހަރުގައި ކުދިންނާ ރައްޓެހިވުމާ ބެހޭގޮތުން ހަޔާގެ ނަޒަރިއްޔާތު ބަދަލުވެފައިވެސް ހުރެދާނެތާއެވެ. އަދި އެ ޙިޔާލު ބަދަލު ނުވިނަމަވެސް، ކައިވެންޏަކާ ހިސާބަށް ދާކަށްވެސް މިހާރަކު ހުރަހެއް ނެތެއް ނޫންހެއްޔެވެ؟ ޚިޔާލީ ފޮލާ ކައްކަމުން ދިޔަ ހައިޝަމްއަށް ޝޮކެއް ލިބުނީ ނޫރާ ބުނެލި ވާހަކައިންނެވެ.
"ކީކޭ؟" އޭނާއަށް އިވުނު އަޑު ޔަޤީން ނުކުރެވުނު ފަދައަކުން ސުވާލުކޮށްލެވުނެވެ.
"ޔެސް ޙަޔާ ދައްތަ އުޅެނީ މޫނު އަޅައިގެން މިހާރު. އެކަމަކު ނޫރާއަށް ކިޔަވައިދޭން އިންނަ ގަޑީގައި އިންނާނީ ނަގައިގެން. އެނގޭތަ؟ އަސްލު މޫނު އަޅަން މިހާރު ނޫރާވެސް ބޭނުންވޭ." ނޫރާ ބުނެލިއެވެ.
"އޭނ. ކީކޭ؟ މޫނު އަޅާށޭ؟" އެކަމާ ގަޔާ ނުވާ ފަދައަކުން ސިނާންއަށް ބުނެވުނެވެ. އޭނާއަށް ބުމަވެސް އަރުވައިލެވުނީ ބޭއިޚްތިޔާރުގައެވެ.
"ޔެސް… ކިހިނެއްވީ؟ އެނގޭތަ؟ ޙަޔާ ދައްތަ ބުނި އަންހެނާ ޢިއްފަތްތެރިވެ، ލަދުވަތިވުމުން އަންހެނާގެ ރީތިކަން އިތުރުވާކަމުގައި." ނޫރާ ބުނެލިއެވެ.
"ކީކުރަން ކުރާކަމެއް؟ ވަޒީފާއަކަށް ވެސް ނުދެވޭނެ. އެހެންނޫނަސް ނޫރާ އަދި މާ ކުޑައެއްނު." ސިނާން ހީނލަމުން ބުނެލިއެވެ. އެއާއެކު ޙަޔާގެ ވިސްނުން ގޮސްފައި ހުރި ހިސާބު އޭނާއަށް އަންދާޒާކޮށްލެވުނެވެ. ވީއިރު އަމުދުން ޙަޔާ ކުއްޖަކާ ލޯބީގެ ގޮތުން ނުގުޅޭނެކަން އޭނާއަށް އެނގިގެން ދިޔައެވެ. ދެން އޮތް ގޮތަކީ ޙަޔާގެ ގާތުން ކައިވެންޏަށް އެދުމެވެ. ހަޔާ މޫނު އަޅައިގެން ހުއްޓަސް އޭނާއަށް ވަރިހަމައެވެ. އޭނާ ޙަޔާ ބޭނުމެވެ. ކުރީގައި ވި ލޯބި އަދިވެސް އެހިތުގައި ވާތީއެވެ. މޫނުއެޅިޔެއްކަމަކު އޭނާގެ އިޙްސާސްތަކެއް ބަދަލެއް ނުވިއެވެ. އެހެންނަމަވެސް އިނދެފައި ކަންތައް ކުރާނެ ގޮތަކާ މެދު ސިނާން ވިސްނައިލިއެވެ. މޫނު ނޭޅިޔަސް ބުރުގާ އަޅައިގެން އުޅެވިދާނެކަމަށް ޙަޔާއަށް ވިސްނައިދެވިދާނެއޭ ސިނާންގެ ހިތަށް އެރިއެވެ.
*****
އެ ދުވަހުގެ ފަހުން ސިނާން ޙަޔާ ފެނޭތޯ ވަރަށް ބަލައެވެ. ނޫރާއާއެކު މައްޗަށް އަރާފާނަމޭ ވެސް އޭނާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް، އެ ހިތްވަރެއް ނުލިބުނެވެ.
އެހެން އުޅެނިކޮށް ސިނާންއަށް އެ ފުރުސަތު ފަހިވީ ޙަޔާ ހޮސްޕިޓަލަށް ގޮސްފައި އައި ދުވަހެއްގައެވެ.
ލިފްޓް މެއިންޓެނެންސްއަށް ބަންދުކޮށްފައި ހުރުމުން ސިނާން ތިރިއަށް ދާންވެގެން މިސްރާބުޖެހީ ސިޑިންނެވެ. ޙަޔާ އޭނާއަށް ފެނުނީ ސިޑިން އަރަނިކޮށެވެ. އެވަރަށް ބޭރަށް ދާއިރުވެސް އެ އިމާރާތުން ދުވަހަކުވެސް މޫނު އަޅާފައި ހުންނަ ކުއްޖަކު ސިނާންއަކަށް ނުފެނެއެވެ. އެހެންކަމުން އޭނާއަށް އެއީ ހަޔާކަން ޔަޤީންކުވިއެވެ.
ދެވަނަ ފަންގިފިލާއާ ހިސާބަށް އާދެވުނުއިރު ޙަޔާ ވަރުބަލިވެފައި ހުރި ވަރު ފެނި ސިނާން ވާހަކަ ދެއްކިއެވެ.
"ޙަޔާ… " ސިނާން ގޮވައިލުމާއެކު ޙަޔާ އިސް އުފުލައިލިއެވެ. އެއާއެކު ސިނާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "ހާދަ ވަރިބަލިވެފަ."
ޙަޔާ ކުރިމައްޗަށް ބަލައިލުމާއެކު ސިޑިމަތީގައި އޭނާއަށް ބަލަހައްޓައިގެން ހުރި ޒުވާނާ ލޮލުގައި އަޅައިގަތެވެ. އެއާއެކު އެއީ ސިނާންކަން އޭނާއަށް އެނގުނެވެ. ޙަޔާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ބާރުބާރަށް އައި ހައިޝަމް ސިޑިން އެހިސާބަށް އަރައިފިއެވެ.
"ޙަޔާ." އޭނާ ޙަޔާއަށް ގޮވައިލަމުން ހަޔާއަށް އެހީތެރިވެދިނެވެ.
"އަނހާ ސިނާން. ކޮން އިރަކު އައީ؟" ހައިޝަމްއަށް ސިނާން ފެނުމާއެކު ސުވާލުކޮށްލެވުނެވެ. އެ ދެމީހުންނަކީ ވެސް މާ ގާތް ނުވިޔަސް ދެއެކުވެރިންނެވެ.
"މިހާރު ދުވަސްކޮޅެއް ވެއްޖެ. " ސިނާން ބުނެލިއެވެ.
"އިންޝާ ﷲ ، ވާނެ އަދި ކޮފީއަކަށް އަރަން." އެހެން ބުނެލާފައި ހައިޝަމް ހަޔާ ގޮވައިގެން މައްޗަށް އަރަން ފެށުމުން ސިނާން އެ ދެމީހުންނަށް ތަން ދައްކާ އެއްފަރާތަަކަށް ޖެހިލިއެވެ. އޭރު ޙަޔާ ހުރި ގޮތުން ތަފާތު ސުވާލުތައް އޭނާގެ ހިތުތެރޭގައި އުފެދެން ފެށިއެވެ. ޙަޔާ އަނެއްކާ ބަލީހެއްޔެވެ؟ އެހާވަރު ވެފައި އެ ހުރީ ކިހިނެއްވީމަ ބާވައެވެ؟ ހިތް ބުނަން ފެށީ ހަޔާ ބޮޑު ބައްޔެއް ތަޙައްމަލް ކުރަމުންދާކަމުގައެވެ. އެހެންކަމުން ބޭރަށް ދިޔުމުގެ ޚިޔާލު ދޫކޮށްލާފައި އޭނާ އަނެއްކާވެސް އެރީ މައްޗަށެވެ. އޭރު އޭނާގެ މަންމަ އުޅެނީ ގޭތެރޭގައި މޮޕް ޖަހާށެވެ.
"ކިހިނެއްވީ ތިއައީ؟" ދެންމެ ނުކުތް މީހާ އަނބުރާ އައުމުން، އަފީފާ ސުވާލުކޮށްލީ މަސައްކަތް މަޑުޖައްސައިލުމެއް ނެތިއެވެ.
"ޕްލޭން ކެންސަލް ވީ." އެހެން ބުނެލާފައި ގޮސް ސިނާން އިށީނީ ސޯފާގައެވެ. ކުއްލިއަކަށް ސުވާލުކުރުމުން އަފީފާ އަށް އެއްޗެއް ހީވެދާނެތީ، ޓީވީ އަޅުވާލާފައި އިރުކޮޅެއް ފަހުން އޭނާ އަސްލު ކުރަން ބޭނުންވާ ސުވާލު އަފީފާއާ ކޮށްލިއެވެ. ދެންމެ ޙަޔާއާ ހައިޝަމްއާ ދެމީހުން ސިޑިމަތިން ފެނުނުކަމަށާއި ޙަޔާ ބަލި ވައްތަރު ޖަހާކަމަށް ސިނާން ބުނެލުމުން އަފީފާ އޭނާގެ މަސައްކަތް މަޑުޖައްސައިލިއެވެ.
"އާނ ކީކުރާނީ؟ ޙަޔާ ވަރަށް ބަލި." އޭނާ ބުނެލިއެވެ.
"އެއީ؟ ކިހިނެއްވީ އަނެއްކާ؟" ސިނާންއަށް އަވަސް އަވަހަށް ސުވާލުކޮށްލެވުނެވެ. ދެވަނަ ސިކުންތުގައި ހައިރާންކަން ފޮރުވަން އޭނާ މަސައްކަތްކުރިއެވެ. އަދި މާ ނޫންކަމަށް ހެދިގެން އޭނާ އިނެވެ.
"ޙަޔާ އުޅެނީ ލިވަރ ކެންސަރު ޖެހިގެން." އަފީފާގެ ވާހަކައާއެކު ސިނާންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ޙަޔާއާ ބެހޭގޮތުން އަދި އެފަދަ ކިތަށް ޝޮކު އޭނާއަށް އަދި ލިބޭނެ ހެއްޔެވެ؟.
(ނުނިމޭ)
comment ސްނޯ
2 week 4 day ago
މިއައީ ފަނި ހަދަން ސިނާން
comment ފާތި
2 week 5 day ago
ވަރަށް ލޯބި
comment މައި
2 week 5 day ago
ވަރަށް ސަޅި މިވާހަކަ ! ދީނީ ވާހަކަތައް ރަމަޟާން މަހު ކިޔައިލަން ލިބުމުން ހަމްދުކުރަން