"އެކަމަކު… ކިހިނެއް….؟" ޙަޔާއަށް ސުވާލުކޮށްލެވުނެވެ.
އެކަންތައް ވީ ގޮތް ހައިޝަމް ޙަޔާއަށް ކިޔައިދިނުމުން ޙަޔާއަށް ވެސް ލިބުނީ އިތުރު ހައިރާންކަމެކެވެ. ޒައުލްގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެކަމަށް އުންމީދުކުރެވިފައި ނެތީތީކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނާއަށް ﷲއަށް ޝުކުރުވެރިވެވުނެވެ. ﷲ އީ އެކަލާނގެ އިރާދުކުރައްވައިފި ކޮންމެ މީހަކަށް ތެދުމަގު ދައްކަވާ ރަސްކަލާނގެއެވެ. ހީވެސް ނުކުރާ ގޮތް ގޮތަށެވެ.
"ޒަމީރު ސާރ ވަރަށް އުފާވާނެ ދޯ." ހަޔާއަށް ބުނެވުނެވެ. ޒައުލްގެ ސަބަބުން ޒަމީރު ވިސްނާ ވަރާއި އެކަމުގެ ސަބަބުން އޭނާގެ ޙާލު ދަށަށް ދާކަން ޙަޔާއަށް ހައިޝަމްގެ ފަރާތުން އޮތީ އެނގިފައެވެ. ހިނިތުންވެލާފައި އޭނާއަށް އެހެން ބުނެވުނީ އެހެންވެގެންނެވެ. ހައިޝަމްވެސް ބޯ ޖަހައިލިއެވެ. ހައިޝަމް ކޮޓަރިން ނުކުތުމާއެކު ޙަޔާ އޭނާގެ ފޮތަށް ބަލައިލިއެވެ. އެއާއެކު ފޮތް ތެރޭގައި އޮތް ރިބަންކޮޅެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ ހަމަ ގައިމުވެސް އޭނާގެ އެއްޗެއް ނޫނެވެ. އެހެންކަމުން، ޙަޔާ އެ ޞަފްޙާ ހުޅުވައިލިއެވެ. އެއާއެކު އޭނާއަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ.
" شفاكِ الله ، ޙަޔާ." ޙަޔާއަށް އެ ޞަފްޙާގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލެވުނެވެ. އެއަށްފަހު، ތިރީގައި ބްރެކެޓް ތެރޭގައި ލިޔެފައި އޮތް ތަންކޮޅުވެސް އޭނާއަށް ކިޔައިލެވުނެވެ.
"ހަމަ ކަށަވަރުން އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ." އޭގެ ތިރީގައި " الشرح : 6 " ޖަހާލާފައި އޮތެވެ.
"އެނގޭ ޙަޔާ ތި ތަޙައްމަލް ކުރަނީ އުނދަގޫ ދުވަސްތަކެއްކަން. އެކަމަކު ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. ޙަޔާ އެ ދުވަހު ބުނި ބަސްތަކުގެ މާނަ އަހަންނަށް މިއަދު ވަރަށް ރަނގަޅަށް އެނގިއްޖެ. ދިމާވާ ކޮންމެ ކަމަކީ ވެސް އަހަރެމެންނާ ކުރިމަތިކުރައްވާ އިމްތިޙާނެއް. ކެތްތެރިވެގެން ނޫނީ ކާމިޔާބީ ނެތްކަން އަހަންނަށް މިއަދު ޔަޤީންވެއްޖެ. " އޭގެ ތިރީގައި ޒައުލްގެ ކުޑަ ނޯޓެއް ވެސް އޮތެވެ. އަދި ޙަޔާގެ ހުއްދަ ނެތި އެ ފޮތުގައި ލިޔެވުނީތީ މާފަށް ވެސް އެދިފައި އޮތެވެ. ޒައުލްއާ މެދު ޙަޔާގެ ހިތުގައިވެސް ޝައުޤުވެރިކަމެއް އުފެދިގެން ދިޔައެވެ.
*****
ރޭގަނޑު ކައިގެން ކޮޓަރިއަށް ވަތް ޙަޔާގެ ލޮލުގައި އެނދުގެ ސައިޑް ޓޭބަލްމަތީގައި އޮތް ފޮތް އަޅައިގަތުމާއެކު، ދެ ވިސްނުމެއްގައި ހުރި ފަދައަކުން އިރުކޮޅަކު އޭނާ ހުއްޓެވެ. އެއަށްފަހު ގޮސް ކަބަޑު ހުޅުވާލާފައި، އޭގެތެރެއިން ތިން ފޮތެއް އޭނާ ނެގިއެވެ. އަދި ކޮޓަރިން ނުކުތެވެ. އޭރު ހައިޝަމް އިނީ ޓީވީ ބަލާށެވެ.
"ދޮންބެ އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟" ޙަޔާ އެދުނެވެ.
"ކޮންކަމެއް؟" ޓީވީގެ އަޑު މަޑުކޮށްލަމުން ހައިޝަމް ސުވާލުކޮށްލިއެވެ.
ޙަޔާ އޭނާގެ އަތުގައި ހުރި ފޮތްތައް ހައިޝަމްއަށް ދިއްކޮށްލިއެވެ.
"މީ؟" ހައިޝަމް ސުވާލުކޮށްލިއެވެ.
"މި އެއްޗެހި ގެންގޮސް ޒައުލްއަށް ދެވިދާނެތަަ؟ މީގަ ހުންނާނެ ޒައުލްއަށް ބޭނުންވާ ވަރަށް މުހިންމު މައުލޫމާތު. މި ދުވަސްކޮޅު އީމާންތެރިކަމާ ގުޅޭ ވާހަކަތަކާއި އިސްލާމްދީނާ މެދު ޝައްކު އުފެދޭ ވާހަކަތަކަށް ދީފައިވާ ރައްދުތައް ޒައުލްއަށް ކިޔައިދެވެން ޖެހޭނެ. ދެން. މީ…މިއީ ނަމާދުކުރަން ފަށައިގަންނައިރު އެހީ އަކަށްވާނެ ފޮތެއް." ޙަޔާ އެ ހުރިހާ ފޮތެއް ދައްކައިލަމުން ބުނެލިއެވެ. ޒައުލްއާ މެދު އެހާ ވަރަށް ވިސްނުނީ ކީއްވެގެންކަމެއް ޚުދު ޙަޔާއަކަށް ވެސް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ޒައުލްއަށް ތެދުމަގު ލިބި އިސްލާމް ދީނުގެ މަތީގައި ފައިތިލަ ސާބިތުކޮށްލަން އޭނާގެ ހިތް އެވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާކަމެވެ.
ހައިޝަމް ހިނިތުންވެލިއެވެ. ޙަޔާ އަކީ އަބަދުވެސް މީހުންނަށް އޭނާއަށް ލިބިފައިވާ ޢިލްމެއް ފޯރުކޯށްދޭން މަސައްކަތް ކުއްޖާ ކުއްޖެކެވެ. އޭނާގެ ސަބަބުން މީހަކަށް ނޭނގޭ ޢިލްމެއް އުނގަންނައި ދެވުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ. މާ ބޮޑު އެއްޗެއް ހިތަށް އެރުވުމެއްނެތި ހައިޝަމް، އެ ފޮތްތަކުގައި ހިފިއެވެ. އަދި އޭނާ އެ އެއްޗެހި ޒައުލްއަށް ދޭނެ ކަމުގައި ބުންޏެވެ.
އެރޭ ޒައުލް ގުޅާފައި، ކުޑަކަމަކު އޮފީހަށް އަންނަން ބުނުމުން ހައިޝަމްވެސް އޮފީހަށް ދިޔައީ، ޙަޔާ ޒައުލްއަށް ދޭން އޭނާ އަތަށް ދިން ފޮތްތައް ހިފައިގެންނެވެ.
ހައިޝަމް ގޮސް އޮފީހަށް ވަތްއިރު އެތަނުގައި އިތުރު މީހަކު ނެތެވެ. ޒައުލް އައިސް ވަނީ ވެސް ހައިޝަމް އެތަނުގައި ޒައުލްގެ އިންތިޒާރުގައި ހުއްޓައެވެ. ޒައުލް ބުނެލީ މާދަމާ އޮންނަ ބައްދަލުވުމަކާ ބެހޭ ވާހަކަތަކެއް ދައްކާލަން ކަމަށެވެ. މިއަދު އޮފީސް ގަޑީގައި އޭނާ އެ ބައްދަލުވުން މަތިން ހަނދާންނެތުނީކަމުގައެވެ. ދެމީހުން ގޮސް ވަނީ މީޓިން ރޫމަށެވެ. ޒައުލް މޭޒު ދޮށުގައި އިށީނުމަށްފަހު، ޕްރެސެންޓޭޝަން އަޅުވައިލިއެވެ. އަދި އެއަށްފަހު އޭގައި ހުރި ކަންތައްތައް ހައިޝަމްއަށް އޮޅުން ފިލުވައިދީފައި ހައިޝަމްގެ ޚިޔާލު ހޯދިއެވެ. ހައިޝަމްގެ ޚިޔާލާ އެއްގޮތަށް އޭނާ ކަންތައްތައް ބަދަލުކުރަމުން ދިޔައެވެ. އެހެން ފަހަރުތަކުގައިހެން ހައިޝަމްއާ ދެބަސްވެ އަރައިރުމެއް ޒައުލް ނުވެއެވެ.
އެ މަސައްކަތް ނިންމާލެވުނުއިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ލެޕްޓޮޕް ލައްޕާލާފައި ހިންދެމިލުމާއެކު ޒައުލް ހައިޝަމްއަށް ބަލައިލުމަށްފަހު، ވާހަކަ ދެއްކީ ހިނިތުންވެލަމުން ނަމަވެސް، މަޑުމޮޅިކަމެއްގެ އަސަރު އެ އަޑުގައި ވެއެވެ.
"ސޮރީ އިނގޭ ހައިޝަމް. އަހަންނަށް އެނގޭ ހައިޝަމްގެ ކޮއްކޮ ޙަޔާވެސް ބަލިކަން. އެނގި ހުރެ މިހާ ގިނަ އިރަށް ނުރަސްމީ ގަޑިއެއްގައި ގެންނަން ޖެހުނީމަ އަސްލުވެސް ސޮރީ..." ޒައުލް އިނީ ހަޤީގަތުގައިވެސް ދެރަވެފައެވެ. ޙަޔާ ބަލިކަމުން ހައިޝަމް އުޅެނީ ވަރަށް ބުރަކޮށްކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ހައިރާންވަނީ އެހުރިހާކަމަކާ އެކުވެސް ހައިޝަމްވެސް ޙަޔާ އެކޭ އެއްގޮތަށް އެހާ ހަމަޖެހިފައި ހުންނާތީއެވެ.
"އިޓްސް އޯކޭ ސާރ. މައްސަލައެއް ނޫން." ހައިޝަމް ވެސް ޒައުލްއަށް ނަޒަރެއް ދިނެވެ. އަދި ފޯނަށް ނަޒަރު ހުއްޓައިލީ މެސެޖެއް އައުމުންނެވެ.
"އަހަރެން ވާހަކައެއް އަހައިލަންތަ؟" ހައިޝަމްގެ ސަމާލުކަން އަތުލަމުން ޒައުލް އޭނާގެ ސުވާލެއް ހައިޝަމްއާ އަމާޒުކޮށްލަން ތައްޔާރުވިއެވެ.
"ޔާ. ކޮށްލަބަ." ހައިޝަމް އާބަސް ދިނެވެ.
"ހައިޝަމް ބިރެއް ނުގަނޭތަ؟" ޒައުލް ސުވާލުކޮށްލިއެވެ. އެއާއެކު ހައިޝަމްއަށް ޒައުލްއަށް ދެވުނީ ހައިރާންކަމުގެ ނަޒަރެކެވެ. ޒައުލްގެ އެ ސުވާލުގެ މާނަ ނަގާނެ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެއީ ކޮންކަމަކަށް ނިސްބަތްކޮށް ކުރި ސުވާލެއްކަމެއްވެސް ނޭނގުނެވެ. ސުވާލުގެ ނަޒަރަކުން ބަލަން އިނދެވުނުއިރު ދެން ބުނާނެ އެއްޗެއް ވެސް ހައިޝަމްއަކަށް ނުވިސްނުނެވެ.
"މިބުނީ… ޙަޔާ…." ޒައުލް މަޑުޖެހިލިއެވެ. "އަމް… އެނގޭ ހާސްވާނެކަން… ޙަޔާ އެހާ ބޮޑުކަމަކާ ކުރިމަތިލާއިރު ކަންބޮޑުވާނެކަންވެސް އެނގޭ. އެކަމަކު… އެ ހާސްކަން ކީއްވެ ނުފެންނަނީ؟ ޙަޔާގެ ފަރާތުންވެސް، ހައިޝަމްގެ ފަރާތުން އަހަންނަކަށް މާޔޫސްވެ ގޮތް ހުސްވާތަނެއް ނުފެނޭ… އެ ކީއްވެތަ؟" ޒައުލްއަށް ސުވާލުކޮށްލެވުނެވެ. ޝައުޤުވެރިކަމާއެކުގައެވެ. ހައިޝަމްގެ ޖަވާބެއް އޭނާ ބޭނުމެވެ.
"ސާރ... އަސްލު އެނގޭތަ؟ ކަންބޮޑުވޭ. ހާސްވެސް ވޭ. ދެރަވެސް ވޭ. ބައެއް ފަހަރު މާޔޫސްވެސް ވޭ. އެކަމަކު އެ ކަހަލަ ކޮންމެ ވަގުތަކު އަހަރެމެން ވާގި އެދެނީ ﷲ ގެ ހަޟްރަތުން. އެއީ އަހަރެމެން މުސްލިމުންނަށް ވީތީ ކުރަން ޖެހޭކަމެއް. ކޮންމެ ޙާލަތެއްގައި އިންސާނާ ހުއްޓަސް އެ ޙާލަތު ބަދަލުކުރެއްވުމަށް ވެސް ﷲ ކުޅަދުންވަންތަ. އެކަލާނގެ އަހަރެމެންނަށް އަންގަވާފައިވަނީ ކެތްތެރިވުމަށް." އެހެން ބުނެލާފައި ހައިޝަމް ބަޤަރާ ސޫރަތުގެ އެންމެފަހު އާޔަތުގައި ﷲ ވަޙީކުރައްވާފައިވާ ވަހީ ބަސްފުޅުގެ މާނަ ޒައުލްއަށް ކިޔައިދިނެވެ. ﷲ އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކުލީފެއް ނުޖައްސަވާކަމުގައި އައިސްފައިވާ އާޔަތުގެ މާނަ އަޑު އިވުނު ހިނދު ޒައުލްގެ ހިތަށްވެސް ފިނިކަމެއް ވެރިވިއެވެ.
"ކިތަންމެ ބޮޑު އިމްތިޙާނަކާ ކުރިމަތިވިޔަސް ކެތްތެރިކަން އަހަރެމެން އިޚްތިޔާރުކުރަން ޖެހޭނެ. މިއީ ވަގުތީ ތަނެއް. އަހަރެމެން މިތަަނަށް އައީ އާޚިރަތަކަށް ޓަކާ ތައްޔާރުވާން. އަހަރެމެން، ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވަނީ ހަމައެކަނި ނިޢުމަތުގެ ވަގުތުގައެއް ނޫން. ހިތާމަޔާއި ހިތްދަތިކަމުގެ ވަގުތުގައިވެސް..... އަހަރެމެންނަށް ނޭނގުނަސް ﷲ މިންވަރުފުޅު ކުރައްވާ ކޮންމެ ކަމެއްގައިވެސް ހެވެއް ވާނެ." ހައިޝަމްގެ ވާހަކަތައް އެއްވެސް ހުރަހެއްނެތި ސީދާ ފޯރީ ޒައުލްގެ ހިތަށެވެ. ހައިޝަމް އެފަދަ ވާހަކަތައް ދައްކާ ކޮންމެ ފަހަރަކު ފޫހިވާ ޒައުލް މިފަހަރަކު ފޫއްސެއްވެސް ނުވިއެވެ. އެހެންނަމަވެސް ޝައުޤުވެރިކަމާއެކު އެ ވާހަކަތައް އަޑު އަހަން އޭނާއަށް އިނދެވުނެވެ.
ޒައުލް ގޮނޑިން ތެދުވުމާއެކު، ހައިޝަމް އޭނާގެ ދަބަސް ހުޅުވާލުމަށްފަހު، ނެގި ތިން ފޮތް ޒައުލްއަށް ދިއްކޮށްލިއެވެ.
"ތީ؟" ޒައުލް ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ.
"ޒައުލްއަށް މިވަގުތަށް މުހިންމުވާނެހެން ހީވާ ކަހަލަ ފޮތްކޮޅެއް މީ.." ހައިޝަމް ހިނިތުންވެލިއެވެ.
ހިނދުކޮޅަކަށް ބަސް ހުއްޓުނު ނަމަވެސް، ދެވަނަ ސިކުންތުގައި ޒައުލް އޭގައި ހިފި އިރު އޭނާގެ ހިތުގައި ނޭނގޭ އުފާވެރިކަމެއްގެ ވިންދެއް ހޭލައްވައިލިއެވެ. އެ ފޮތްތަކަށް ބަލައިލުމާއެކު ހިނިތުންވެވުނެވެ. އޭގައި ޖަހާފައިވާ ޙަޔާގެ ނަން ފެނި އެއީ ޙަޔާގެ ފޮތްތަކެއްކަން އޭނާއަށް އެނގުނެވެ. ޙަޔާ އޭނާގެ ލޯ މައްޗަށް ސިފަވިހެންވެސް ޒައުލްއަށް ހީވިއެވެ. އެ އަންހެން ކުއްޖާއަށްޓަކައި ހިތުގައި ހަމަ ގައިމުވެސް އާ ވިންދެއް ހޭލި ފަދައެވެ. އެހިތުން ޙަޔާއަށް މީގެ ކުރިން ނުދެވޭ މަޤާމެއް ޒައުލްއަށް ދެވުނެވެ.
"ޙަޔާ އެދުނީ މި ފޮތްތައް ޒައުލްއަށް ދިނުމަށް. މީގެން ޒައުލްއަށް ފައިދާއެއްކޮށްފާނެ." ހައިޝަމްގެ ވާހަކައިން ޒައުލްގެ ހިނިތުންވުން ފުޅާވުން ނޫން ކަމެއް ނުވިއެވެ.
އެރޭ ޒައުލްއަށް ގެއަށް ދެވުނުއިރު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. ޕެންޓު ހައުސް އަށް ވަނުމަށްފަހު، އޭނާ އެންމެ ފުރަތަމަވެސް ބަލައިލީ ބައްޕަގެ ޚަބަރެކެވެ. ޒަމީރު އޮތީ ނިދާފައެވެ. އެހެންކަމުން އޭނާ ވެސް ގޮސް ކޮޓަރިއަށް ވަނީއެވެ.
ފެންވަރާލައިގެން ނުކުތުމަށްފަހު ޙަޔާ އޭނާއަށް ދިން ފޮތްތައް ޒައުލް ނެގިއެވެ. އެނދުގައި އޮށޯތުމުގެ ބަދަލުގައި އޭނާ އިށީނދެލީ ލިޔާ މޭޒުކައިރީގައެވެ. މޭޒުމަތީގައި ހުރި ލޭމްޕު ދިއްލައިލާފައި ޒައުލް، އެތަނުން އެއްފޮތް ހުޅުވައިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި ފުރަތަމަ އަޅައިގަތީ ނަރަކައިގެ އަޒާބުގެ ވާހަކަތަކާ ބެހޭގޮތުން އައިސްފައިވާ އާޔަތްތަކަކާއި މާނައެވެ. އެ ފޮތުގައި ފާހަގަކޮށްފައިވާ ސޫރަތްތަކުގެ މާނަވެސް އެކީ އޭނާ ކިޔެވެ.
އެހިތަށް ބިރުވެރިކަންވަނީ އޭނާ، ﷲ އަށް އުރެދިފައިވާ މިންވަރު ހިތަށް އެރުމުންނެވެ. ތައުބާވުމުގެ ފުރުސަތު އޭނާއަށް ގެއްލިފައިވީކަމުގެ އިޙްސާސް އެހިނދު ޒައުލްއަށް ކުރެވުނެވެ. ދެން ތައުބާ ވިޔަސް ﷲ އޭނާގެ ތައުބާ ޤަބޫލު ނުކުރައްވަފާނެތީ، ޒައުލް ޖެހިލުންވިއެވެ. އޭނާއަށް ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާލެވުނީ އެހާ ވެސް އަވަހަށެވެ. އެ މާޔޫސްކަމުގައި އިނދެ އަނެއް ސަފްޙާ އެއްލުމަށްފަހު، ޒައުލް ބަލައިލިއެވެ. އަދި އޭގައި ލިޔެފައި އޮތް އެއްޗެއް އޭނާ ކިޔައިލިއެވެ. ހުޅަނގު ފަރާތުން އިރު އަރަންދެން ތައުބާގެ ދޮރު ހުޅުވިފައިވާކަމަށާއި، ﷲ އީ ރަޙީމްވަންތަ އެންމެ އޯގާވަންތަ ރަސްކަލާނގެކަމުގައި ލިޔެފައި އޮތް ތަންކޮޅެއް އޭނާއަށް ފެނުނެވެ. އޭގެ ތިރީގައި އަދިވެސް ބައިވަރު ވާހަަކަތައް ލިޔެފައި ހުއްޓެވެ. الزمر ސޫރަތުގެ 53 ވަނަ އާޔަތުގެ މާނަ ލިޔެފައި އޮތްތަން ފެނި އެ އާޔަތުގެ މާނަ ޒައުލް ކިޔައިލިއެވެ. ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލުމަށާއި އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެކަމަށް ކިޔަމުން ދިޔައިރު އެ ދެލޯ ފެންކަޅިވަމުން ދިޔައެވެ.
ﷲ އީ ހަމަ ޔަޤީނުންވެސް އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ. ރާއްޖެ އާދެވުމަކީ އޭނާއަށް ލެއްވި ރަޙްމަތެއްކަމުގައި ޒައުލްއަށް ޤަބޫލުކުރެވުނެވެ. އެއީ އޭނާއަށް ހިދާޔަތް ލިބުމަށް މެދުވެރިވި ސަބަބެވެ. އެކަމަށްޓަކައި އޭނާއަށް ﷲ އަށް އެތަކެއް ފަހަރަކު ޝުކުރުވެރިވެވުނެވެ.
ނަމާދުކުރާ ގޮތްތައް ލިޔެފައިވާ ފޮތް ޒައުލް ހުޅުވައިލިއެވެ. އެއަށްފަހު އޭނާ އޭގައި ލިޔެފައިހުރި އެއްޗެހި ކިޔަން ފެށިއެވެ. ތައުބާ ވެ ނަމާދުކުރަން އޭނާ ބޭނުންވިއެވެ. ތައުބާވާނެ އެންމެ ފުރިހަމަ ގޮތް އެ ފޮތުގައި ލިޔެފައި އޮތެވެ. އެ ކިޔާ ނިމުނުއިރު ޒައުލްގެ ހިތުގައި އާދަޔާ ޚިލާފް ރޫހެއް ވިއެވެ. އޭނާ އެންމެ ހިނދުކޮޅެއްވެސް ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. ފާޚާނާއަށް ވަދެވުޟޫކޮށްލައިގެން ނުކުމެ ވުޟޫ ދުޢާ އޭނާ ކީ ވެސް އެ ފޮތް ބަލައިގެންނެވެ. އޭރު މެންދަމުން އަލިވެ ދޭއް ޖަހާ ބޮޑުވެއްޖެއެވެ. މުސައްލަ ފަރުތާލަމުން އޭގެ މަތީގައި ހުއްޓުނުއިރު، މީހާ ތުރުތުރު އަޅައެވެ. ކުރެވިފައިވާ ކުށްފާފަތަކަށް އޭނާ ވަނީ ބިރުވެތިވެފައެވެ. ފާފަަތަކުން ބަދެވިފައިވާ ނަފްސު ވަނީ ތައުބާވެ ރަނގަޅު މަގަށް ރުޖޫޢަ ވުމަށް ކެތްމަދުވެފައެވެ.
ޒައުލް ދެ ރަކުއަތުގެ ނަމާދެއް ކުރިއެވެ. އޭރުވެސް އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. މެންދަމުގެ އެ ހިމޭންކަމުގެ ތެރެއިން ޒައުލްގެ މަޑު ގިސްލުމުގެ އަޑު އިވެން ފެށީ ސަޖިދަޔަށް ތިރިވި ވަގުތުގައެވެ. ޒައުލް އެތަކެއް އިރަކު ރުޔެވެ. އޭނާއަށް ކުރެވިފައިވާ އެންމެހާ ފާފަތަކަށް ތައުބާވިއެވެ. އަދި އޭނާއަށް ތެދުމަގު ދެއްކެވީތީ ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވިއެވެ.
ނަމާދަށްފަހު، ދެ އަތް އުފުލާ ﷲ ގެ ހަޟްރަތުގައި ޒައުލް ދުޢާކުރަމުން ދިޔައިރުވެސް އޭނާގެ ކަރުނަތަކަކަށް ހުއްޓުމެއް ނައެވެ. ހޯސްލާފައި ކަރުނަތައް އޭނާގެ ކޯތާފަތުން ތިރިއަށް ރޮނގުދެމެމުން ދިޔައެވެ.
(ނުނިމޭ)