ފަހު 15އަށް އުމްރާއަށްދާ އުމްރާވެރީން ސައުދީއަށް ފުރައިފި

ފަހު 15 އަށް އުމްރާއަށްދާ އުމްރާވެރީން ސައުދީއަށް ފުރައިފި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި ރޯދަމަހުގެ ފަހު 15ގައި ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށްދާ އުމްރާވެރީން ސައުދީއަށް ފުރައިފިއެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ މި ރޯދަމަހުގެ ފަހު 15ގައި ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމަރާއަށްދާ ބައިވެރީން އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސައުދީ ފްލައިޓުން ރޭ ފަތިހު ސައުދީއަށް ފުރާފައި ވާކަމަށެވެ.

އެގޮތުން 364 އުމްރާވެރީން ފުރިއުރު އެ އުމްރާވެރީންގެ ފުރަތަމަ އުމްރާ މިއަދު ފުރިހަމަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަކީލް ވިދާޅުވީ އެ ކޯޕަރޭޝަނުގެ ހަވާލުގައި މުޅި ރޯދަމަހުގެ އުމްރާގެ އަޅުކަމަށް ގޮސް ތިބި 200 އެއްހައި އުމްރާވެރީން މިހާރުވެސް ސައުދީގައި އެބަތިބި ކަމަށެވެ.

އެހެންކަމުން ހައްޖު ކޯޕަރޭޝަނުގެ އެހީގައި 600 އަށްވުރެ ގިނަ ދިވެހި އުމްރާވެރީން ސައުދީގައި އުޅޭނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

އުމްރާގެ އަޅުކަމަށް ފުރި އުމްރާވެރީންނަށް ޖިއްދާއަށް ދެވޭނީ ފަސް ގަޑިއިރުގެ ދިގު ދަތުރެއް ކުރުމަށް ފަހުގައެވެ. އެއަށްފަހު ޖިއްދާ އެއާޕޯޓުން މައްކާގައި އުމްރާވެރީން ތިބޭ ހޮޓަލަށް ދެވޭނީ ދެ ގަޑިއިރުގެ ބަސް ދަތުރަކަށް ފަހުގައެވެ.

comment ކޮމެންޓް