އެވަކާޑޯގެ ބޭނުން ކުރުމަށްފަހު ބާކީވާ ބައި ހަލާކުވާތީ ކަންބޮޑުވޭތަ؟

އެވަކާޑޯ އަކީ އަގުބޮޑުކޮށް ލިބެން ހުންނަ މޭވާގެ ބާވަތެއް ކަމުން ފަސޭހައި ހަލާކުވުމަކީ ވަރަށް ބޮޑު މާޔޫސްކަމެއް އަޅުގަނޑުމެންނަށް ގެނުވާ ކަމެއް--ފޮޓޯ/ޔާހޫ

މިހާރަކަށް އައިސް އެވަކާޑޯ އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލު މޭވާގެ ބާވަތަކެވެ.

ސިއްހީގޮތުން ގިނަގުނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދޭ މި މޭވާ އަކީ އޭގެ ގޮތުގައި ބާޒާރުގައި ވެސް ބޮޑު އަގުގައި ލިބެން ހުންނަ ބާވަތެކެވެ.

ހާއްސަކޮށް އެކި ގައުމުތަކުން ރާއްޖެ އެތެރެކޮށްފައި ހުންނަ އެވަކާޑޯގެ އަގު ކަނޑައަޅާފައި ހުންނަނީ އެ ގައުމުތަކަށް ނިސްބަތްކޮށެވެ. ބޮޑު އަގުގައި އެވަކާޑޯ ގަތުމަށްފަހު ބޭނުންކޮށްފައި ބާކީ ހުންނަ ބައި އައިސްއަލަމާރީގައި ރައްކާކުރި ނަމަވެސް އަނެއް ދުވަހު އޭގެ ކުލަ ބަދަލުވެފައި ހުރުމަކީ މާޔޫސްކަން ގެނުވާ ކަމެކެވެ.

ފަޅާފައި އޮންނަ އެވަކާޑޯއެއް ފަހުން ބޭނުންކުރަން ބޭނުންވާނަމަ އައިސްއަލަމާރިއަށްލުމުގެ ކުރިން އެވަކާޑޯ ލާފައި އޮންނަ ތަށީގެތެރޭގައި ފިޔައެއް ބޭއްވުމުން ވެސް އޭގެ ކުލަ ބަދަލުނުވެ އޮންނަ ކަމަށް ދަ ލައިފްސްޓައިލް ޑައިޓީޝަންގެ ވެރިޔާ، ރެޖިސްޓަޑް ޑައިޓީޝަން ނިއުޓްރީޝަނިސްޓް ޖެރިލީން ޖޯންސްގެ ލިޔުމެއްގައި ބުނެފައިވެއެވެ.

ފިޔައާ އެކު ރައްކާކުރާނަމަ އެވަކާޑޯގެ ތޮށި ހުންނަ ބައި ފިޔާގައި ޖެހިފައިވޭތޯ ޔަގީންކުރުމަށް ސަމާލުކަންދޭން ވާނެއެވެ. މީގެއިތުރުން އެވަކާޑޯގެ ބާކީ ބަޔަށް ލުނބޯ ހުތް ކޮޅެއް ޖަހާލުމަށްފަހު ވެސް ނުވަތަ އެއަށް މާމުއިކޮޅެއް އަޅާލުމަށްފަހު ވެސް ރައްކާކުރެވިދާނެއެވެ.

އެވަކާޑޯ ހަލާކުވެ ކުލަބަދަލުވުމުން ރައްކާތެރި ކުރުމަށް ބޭނުންކުރާ ވަރަށް ގިނަ ޓެކްނިކްތައް ހުރޭ--ފޮޓޯ/ދަކިޗެން

އެވަކާޑޯ އެއާ ޓައިޓް ކޮންޓެއިނާއެއް ނުވަތަ ޕްލާސްޓިކް ރެޕިންގައި ވެސް ބަންދުކުރެވިދާނެއެވެ. އޭގެ ސަބަބުން އޭގެ ކުލަ މުށިކުލައަށް ބަދަލުވުން ދުރުކޮށްދިނުމުގެ އިތުރުން އޮކްސިޖަން އެކްސްޕޯޝަ ކޮންޓްރޯލްކޮށްދޭނެއެވެ.

ޖެހިގެން އަންނަ ދުވަހު ބާކީވި އެވަކާޑޯ ބޭނުންކުރަން ބޭނުންވާނަމަ ކާށި ފެނުގައި އެވަކާޑޯ ބޭއްވުމުން ވެސް މުށިކުލަ ނާރާ އޮންނާނެ ކަމަށް ނިއުޓްރީޝަނިސްޓް ޖެރިލީން ޖޯންސް ވަނީ ބުނެފައެވެ. ހަމައެއާއެކު އެވަކާޑޯ ފަޅިކުރުމަށްފަހު އަލަނާސި ޖޫސް އޭގައި ހާކާލުމުން ވެސް އެވަކާޑޯގެ ކުލަ ބަދަލުނުވެ ހުރެއެވެ.

އެވަކާޑޯގެ ކުލަ މުށިކުލައަށް ބަދަލުވެފައިވާނަމަ ވެސް ބޭނުންކުރުމުގެ ކުރިން މުށިކުލަ ހުރި ބައި ވަކިކޮށްލުމަށްފަހު ކެއުމަކީ ރައްކާތެރިގޮތެއް ކަމަށް ޖެރިލީން ޖޯންސްގެ ލިޔުމުގައި ވަނީ ބުނެފައެވެ.

ނަމަވެސް ފަޅާފައި އޮންނަ އެވަކާޑޯއިން ނުބައި ވަހެއް ދުވާނަމަ އެ ކެއުން ރައްކާތެރި ނޫން ކަމަށް މި ލިޔުމުގައި ވަނީ ލަފާދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު