"ޙަޔާ ތި ހީކުރާކަހަލަ ގޮތަކަށް ނޫން."
ޙަޔާ އޭގެ މާނަ ގޯސްކޮށް ނަގާފާނެތީ ހައިޝަމް ކަންބޮޑުވިއެވެ. އެންމެފަހުން އޭނާ ހުރިހާ ވާހަކައެއް ޙަޔާއަށް ކިޔައިދިނެވެ. އޭނާ ނައުފާއާ ގަޔާވާކަމުގައި ބުނެލިއެވެ. ހަޔާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
"އެެހެންވެ ދޮންބެ ބޭނުން ނައުފާ ގާތުން ކައިވެންޏަށް އެދެން. އަދި ނައުފާގެ އާއިލާއާ ބައްދަލުކުރަން ވެސް ބޭނުން." ހައިޝަމް ބުނެލިއެވެ.
"އެކަމަކު… "
ހައިޝަމް އެހެން ބުނެލާފައި މަޑުޖެހުމާއެކު، ޙަޔާއަށް ބުމަ އަރުވައިލެވުނެވެ. ހައިޝަމް އެއްޗެކޭ ބުނޭތޯ މަޑުކޮށްލި ނަމަވެސް އޭނާ އިތުރަކަށް ވާހަކައެއް ނުދެއްކިއެވެ. އެހެންކަމުން ޙަޔާއަށް ވާހަކަ ދައްކަން މަޖުބޫރުވިއެވެ.
"އެކަމަކު ކިހިނެއްވީ؟ މީހަކު ދެކެ ގަޔާވުމަކީ މައްސަލައެއް ނޫން. ދޮންބެ ތިކުރީ ފާފައެއް ނޫނެއްނު. ހަލާލު ގޮތުގައި ތިގުޅުމަށް ފުރުސަތު ދޭން ބޭނުންވަންޏާ ކޮބާ މައްސަލައަކީ؟" ޙަޔާ ބުނެލިއެވެ.
"ކިހިނެއް ބާއޭ ހިތަށް އަރަނީ؟ ހަމަ ހުރެ ހުރެފަ ދާކަށް ވެސް ނުކެރޭނެއެއްނު." ހައިޝަމްއަށް ބުނެވުނެވެ. ހައިޝަމްގެ އަޑުން މާޔޫސްކަން ކޮންމެވެސް ވަރަކަށް ފާޅުވާން ފެށިއެވެ. އެއާއެކު ޙަޔާ ހިތްވަރުގެ ބަހެއް ހައިޝަމްއަށް ބުނެލިއެވެ.
"އިންޝާ ﷲ. ދޮންބެއަށް، މާތް ﷲ ކޮންމެވެސް ގޮތެއް ދައްކަވާނެ. ނައުފާ ވިޔަސް އަދި ނައުފާ ނޫންވިޔަސް ދޮންބެގެ ޙަޔާތަށް އަންނާނީ ރަނގަޅު ކުއްޖެއް." ޙަޔާ ބުނެލިއެވެ. ހައިޝަމްގެ ހިތަށްވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާއަށް ވީ އެންމެ ރަނގަޅަކަށް ކަންތައްތައް މަގުފަހިކޮށްދެއްވުމަށް އެދި އެހިނދު ދުޢާ ކުރެވުނެވެ.
****
ބުރަ ދުވަހަކަށްފަހު، އޮފީސް ނިންމާލާފައި ހައިޝަމް، ނުކުތްއިރު މާ ބޯ ނޫނަސް ތެމޭވަރަށް ވާރޭ ވެހެއެވެ. އެހެންކަމުން އޮފީހުގެ އިމާރާތުގެ އެއްފަރާތުގައި ހިޔާވާހެން ހައިޝަމް މަޑުކޮށްލީ ކޯޓުވެސް ނެތްކަން ހަނދާންވުމާއެކުގައެވެ. ވާރޭ ތުނިކުރަމުން ދިޔައީތީ ތެމިގެން ދާކަށް ހައިޝަމް ބޭނުމެއް ނުވިއެވެ. އޭނާ އެތަނުގައި ހުއްޓާ ޒައުލްގެ ފޯނެއް އައެވެ.
"ހަލޯ. ހައިޝަމް." ޒައުލް ބުނެލިއެވެ. "ކޮންތާކު؟"
"ދާންވެގެން ހަމަ ނުކުތީ... ކިހިނެއްވީ ސާރ؟" ހައިޝަމް ސުވާލުކޮށްލިއެވެ.
"އޯކޭ އެހެންވިއްޔާ މާދަން ދެން." ޒައުލް ބުނެލިއެވެ.
"ވާރޭ ވެހޭތީ އަދި މަޑުކޮށްލައިގެން ހުރީމީ. ކަމަކުތޯ ސާރ. މައްޗަށް އަރައިލެވިދާ." ޒައުލް އެ ގުޅީ ކަމެއް ބޭނުންވެެންހެން ހީވުމާއެކު ހައިޝަމް ބުނެލިއެވެ.
"ކެބިންގަ އިނީ މިއިނީ." އެހެން ބުނެލާފައި ޒައުލް ފޯނު ބޭއްވިއެވެ.
ހައިޝަމް ފޯނު ބާއްވާފައި ވެހެމުން ދިޔަ ވާރެއަށް އަވަސް ނަޒަރެއް ދީފައި ގޮސް އޮފީހަށް ވަދެ ޒައުލްގެ ކެބިންއަށް ދިޔައެވެ.
ޓަކި ޖަހާލާފައި އެތެރެއަށް ވަތްއިރު ޒައުލް އިނީ ގޮނޑީގައި ލެނގިލައިގެންނެވެ. ހައިޝަމް ފެނުމާއެކު އޭނާ ހަށިގަނޑު ސީދާކޮށްލަމުން އެދުނީ އިށީނދެލުމަށެވެ. ހައިޝަމް ވެސް އިށީނދެލާފައި ޒައުލް ދައްކަން އުޅޭ ވާހަކައަކަށް ސަމާލުކަން ދީގެން އިނެވެ. އެހެންނަމަވެސް އިރުކޮޅެއް ފާއިތުވެގެން ދިޔަފަހުންވެސް ޒައުލްއަށް ބުނާނެ އެއްޗެއް ނޭނގި އިނދެވުނީއެވެ. އޭނާއަށް އިސްޖަހައިލެވުނީ ބޭއިޚްތިޔާރުގައެވެ. އަބަދުވެސް އިސް އުފުއްލައިގެން ޖެހިލުމެއްނެތި ވާހަކަ ދައްކާ ޒައުލްއަށް ވީ ގޮތް ފެނި ހައިޝަމްވެސް ހައިރާންވިއެވެ. އޭނާއަށް ދެބުމަ އުފުއްލައިލެވުނީވެސް ގަސްތަކު ނޫނެވެ. އެހެންނަމަވެސް އެއީ މީގެ ކުރިން ޒައުލްގެ ފަރާތުން ނުފެންނަ އަމަލަކަށް ވީތީ ބޭއިޚްތިޔާރުގައި އެގޮތަށް އަމަލު ކުރެވުނީއެވެ. އެންމެފަހުން ހައިޝަމް ވާހަކަ ދައްކަން ނިންމިއެވެ.
"ސާރ." ހައިޝަމް ޒައުލްގެ ސަމާލުކަން ހޯދައިލަން ގޮވައިލިއެވެ. ޒައުލްވެސް އިސް އުފުލައިލާ ހައިޝަމްއަށް ބަލައިލީ ދެނެވެ. ޒައުލްގެ މޫނުމަތިން އޭރު ކޮންމެވެސް ކަހަލަ ޖެހިލުންވުމެއްގެ އަސަރު ފާޅުވަމުން ދިޔައެވެ.
"ބޮޑުކަމެއް ވީތޯ؟" ހައިޝަމްވެސް ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ. ދެންވެސް އެއްޗެއް ބުނަން ނުކުޅެދިފައި އިންހެން އިން ޒައުލް އިނީ ހާސްވެފައެވެ. އޭނާ މޭޒުމަތީގައި އޮތް ފައިލު ހައިޝަމްއަށް ދިއްކޮށްލިއެވެ. ޒައުލްގެ އަމަލުތައް ހުރި ގޮތުން ހީވަނީ އެއީ އަދި އޭނާގެ އަސްލު ބޭނުން ނޫން ހެންނެވެ. ހަޤީގަތުގައި ހައިޝަމް ގެނައި ސަބަބު ބުނަން އޭނާ ޖެހިލުންވެގެން އުޅެނީހެންނެވެ.
"މީ…" ހައިޝަމްއަށް ސުވާލުގެ ނަޒަރަކުން ޒައުލްއަށް ބަލައިލެވުނެވެ. އެއަށްފަހު، ފައިލް ހުޅުވާލާފައި އޭނާ އޭގައި ލިޔެފައިވާ އެއްޗެއް ކިޔައިލިއެވެ.
"މި ޕްރޮޖެކްޓް އަޅުގަނޑުމެންނަށް ލިބުނީތޯ؟" ހައިޝަމްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އެއީ މިސްކިތްތައް އެޅުމަށްޓަކާ އެމީހުންނާ މަސައްކަތް ހަވާލުކުރިކަމުގެ ލިޔުމެވެ. އޭނާ އެންމެ ހިތްހަމަޖެހުނީ އެ އެއްބަސްވުމަކީވެސް މީގެ ކުރިން ވީ އެއްބަސްވުމަށް ވުރެ އެތަކެއް ގުނައެއް ރަނގަޅު އެއްބަސްވުމަކަށް ވީތީއެވެ. އޭނާއަށް ޒައުލްއަށް ބަލައިލެވުނީ ޤަބޫލުނުކުރެވިފައި އިނދެއެވެ. އެއީ ހަމަ ޒައުލްގެ ނިންމުމެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. ސަބަބަކީ އޭގައި ސޮއިކޮށްފައި އޮތީ ޒައުލްކަމަށް ވާތީއެވެ.
"މިއީތަ ސާރ އަޅުގަނޑު ގެންނަން އުޅުނުކަމަކީ؟" ހައިޝަމް ސުވާލުކޮށްލިއެވެ. އަދި ވަރަށް ފުން ނަޒަރަކުން އޭނާ ޒައުލްއަށް ބަލައިލިއެވެ. ޒައުލް އޭނާ ގެނައީ އެކަން އެކަނި ހާމަކޮށްލަން ނޫންކަމުގައި ހައިޝަމްގެ ހިތް ބުނަނީއެވެ.
"ނޫން. އެއީ…….އެހެން ކަމެއް…." އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށް ބުނެލާފައި ޒައުލް ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު، އޭނާ އިންނަ މޭޒުގެ ކަބަޑު ހުޅުވާލާފައި ނެގީ ފޮތެކެވެ. ޒައުލް އެ ފޮތް ހައިޝަމްއަށް ދިއްކޮށްލުމާއެކު، އޭނާއަށް ލިބުނީ ޝޮކެކެވެ. އޭގައި ލިޔެފައިވާ ޙަޔާގެ ނަން ކިޔައިލުމާއެކު، ސުވާލުގެ ނަޒަރަކުން ޒައުލްއާ ދިމާލަށް ބަލަހައްޓައިގެން އިނދެވުނީ އެއީ ޙަޔާގެ ފޮތެއްކަން އޭނާއަށް ޔަޤީންވާތީއެވެ. އަދި އެ ފޮތް ޒައުލްގެ އަތަށް ދާން ޖެހުނު އެއްވެސް ސަބަބެއް ހައިޝަމްއަށް ނުވިސްނުމުންނެވެ.
"މި ފޮތް…މީ ޙަޔާގެ ފޮތެއް…. ކިހިނެއް ސާރ އަތުގަ؟" ހައިޝަމް އެ ފޮތުގައި ހިފަމުން އަދިވެސް އެއްފަހަރު އެއަށް ބަލައިލިއެވެ. އެއީ ހަމަ ޙަޔާގެ ފޮތެވެ. އަނެއްކާވެސް ސުވާލުގެ ނަޒަރަކުން އޭނާއަށް ޒައުލްއަށް ބަލައިލެވުނެވެ. ޒައުލްގެ ޖަވާބެއްގެ އިންތިޒާރުގައި އިންދާ ޒައުލް އަނެއްކާވެސް އޭނާ ހައިރާންކޮށްލައިފިއެވެ.
"ސޮރީ…" ޒައުލްއަށް ބުނެވުނީ ހަމަ އެކަނި އެހެންނެވެ. ހައިޝަމްއަށް ހަޤީޤަތް ކިޔައިދޭން އޭނާ ޖެހިލުންވިއެވެ. އެހެންނަމަވެސް، އެއީ ކުރަން ޖެހޭކަމެއްކަން ވިސްނި އަނެއްކާވެސް އެއްޗެއް ބުނަން ޒައުލް އުޅުނެވެ. މިފަހަރުވެސް ހީވީ އޭނާގެ ދުލުގައި ތަޅެއް ލެވުނުހެންނެވެ. އެއްވެސް އެއްޗެއް އެ ދުލަކުން ބޭރެއް ނުވިއެވެ. އަނގަ ހުޅުވާލުމަށްފަހުވެސް ލައްޕައިލީ އަޑު ބޭރުނުވުމުންނެވެ. ޒައުލްގެ ޖަވާބެއްގެ އިންތިޒާރުގައި އިން ހައިޝަމްއަށް އޭރުވެސް އިނދެވުނީ ހައިރާންވެފައި ޒައުލްއަށް ބަލަހައްޓައިގެންނެވެ.
ހިމޭންކަމުގައި ވަގުތުކޮޅެއް ފާއިތުވެދިޔަފަހުން، ޒައުލް އަނެއްކާވެސް ހައިޝަމްއާ ނަޒަރު ސީދާކޮށްލިއެވެ. ހައިޝަމް އިނީ ޖަވާބު ބޭނުންވެފައިކަން އެނގި، ޒައުލް ވީ ގޮތް ހައިޝަމްއަށް ކިޔައިދިނެވެ. ހައިޝަމް ރުޅި އައިސްދާނެތީ ޒައުލް ކަންބޮޑުވެފައިވާ ވަރު އޭނާގެ އަޑުން އެކަނިވެސް ފާހަގަވަމުން ދިޔައެވެ.
"އަހަންނަށް މާފުކުރޭ. ދުވަސްކޮޅެއްވެއްޖެ މި ފޮތް ހަވާލުކުރަން އުޅޭތާވެސް. އެކަމަކު ހަމަ ހިތްވަރު ނުލިބުނީ." ޒައުލް އިސްޖަހައިލިއެވެ. "ތީގެން އަހަންނަށް ވަރަށް ފައިދާކުރި. އެކީ ކިޔާފަ ނޫނީ ދޭކަށް ހިތެއް ނޭދުނު. އެހެންވެ….."
ޒައުލް މަޑުޖެހިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލީ ދެން އިތުރަށް ދައްކާނެ ވާހަކައެއްއޭނާއަށް ނޭނގުނީމައެވެ. އެހެންނަމަވެސް އަނެއްކާވެސް ހިތްވަރު ހޯދާ އޭނާ ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެންގެ ވަރަށް ބައިވަރު ސުވާލުތަކަށް ތި ފޮތުން ޖަވާބު ލިބުނު. ތީގަ ޙަޔާ ތައްޔާރުކޮށްފައި ހުރި ނޯޓުތަކުން ދީނާ ބެހޭ ވަރަށް ބައިވަރު އެއްޗެހި ދަސްވެއްޖެ. އޮޅުން ފިލައިފި. އަދި އަހަންނަށް ވިސްނިފައިވަނީ ވަރަށް ގޯސްކޮށްކަންވެސް އެނގިއްޖެ." ޒައުލް ހާމަކޮށްލިއެވެ. ދެންވެސް ބުނާނެ އެއްޗެއް ހައިޝަމްއަކަށް ނޭނގުނެވެ.
"ހަޤީގަތުގަ އަހަރެން ހީކުރީ އިސްލާމް ދީނަކީ ވަރަށް ވެސް ހަރުކަށި ދީނެއްކަމަށް. އެއީ ހައްދުފަހަނަ އަޅާފައިވާ ފިކުރެއްކަމަށް. އަދި އެ ދީނުގައި އަންހެނުންގެ ހައްޤުތަކަށް ރައްކާތެރިނުވާކަމަށް. އެމީހުންނަށް އެއްވެސް މިނިވަންކަމެއް ނޯންނަކަމަށް. އެކަމަކު…." ޒައުލް ހައިޝަމްއަށް ބަލައިލިއެވެ.
"އެކަމަކު؟" ހައިޝަމް ބޭނުންވީ ޒައުލްގެ ދުލުން އެޖުމްލަ ފުރިހަމަކުރުވަން ފަދައެވެ. އޭނާ ޒައުލްގެ ފަހު ބަސް ތަކުރާރުކޮށްލާފައި މަޑު ކޮށްލިއެވެ.
"އެކަމަކު އެއީ ހަޤީގަތެއް ނެތް ވާހަކަތަކެއް. ކުޑަކޮށްވެސް އެ މީހުން އެ ދައްކާ ވާހަކަތަކާ އިސްލާމްދީނުގައި ކަންތައްތައް އޮންނަ ގޮތަކާ ދިމައެއްނުވި. ހަޔާގެ ނޯޓްތައް ކިޔާފަ ޤުރުއާނާ މެދު ޝައުޤުވެރިކަން އުފެދި އަހަރެން ޤުރުއާނުގެ އާޔަތްތަކާއި މާނަތައް ވެސް ބެލިން. ތަރުޖަމާ ކީން. އެގޮތަށް ކަންތައް ކުރަން ފެށީމަ ހިތުގަ ވީ ޝައްކުތައް ފިލައިގެން ހިނގައްޖެ. އަހަންނަށް ހީކުރެވުނީ މުޅީން ކުށްހީއެއްކަން ޔަޤީންވެއްޖެ. " ޒައުލް ބުންޏެވެ. "އަހަންނަށް ވިސްނުނީ މުޅީން ގޯސްކޮށް."
ޒައުލް ދައްކަމުން ދިޔަ ވާހަކަތަކުން ހައިޝަމް އުފާވިއެވެ. އެކަން އެނގުމުން ޒަމީރު އުފާވާނެ ވަރުވެސް އޭނާއަށް އަންދާޒާކޮށްލެވުނެވެ. ޒައުލްއަކީ ދީނާ ކިހާ ދުރު ޒުވާނެއްކަން ހައިޝަމްއަށް އެނގެއެވެ. މީގެ ކުރިން ވެސް ދީނީ ކަންތައްތަކާ ޒައުލް އެހާ ގަޔާ ނުވާކަން ހައިޝަމްއަށް އެނގުނެވެ. އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ﷲ އީ އެކަލާނގެ އިރާދަކުރައްވައިފި މީހެއްގެ ހިތް ހިދާޔަތުގެ ނޫރުން އަލިކޮށްލަން ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ހީނުކުރާ ކިތަންމެ ގޮތަކަށް މީހުން އިސްލާމް ދީން ޤަބޫލުކޮށްފައިވެސް އެބަ ހުއްޓެވެ. ހައިޝަމްއަށް އޭނާގެ އަތުގައި އޮތް ފޮތަށް ބަލައިލެވުނެވެ.
"ޙަޔާއަށް ތެންކިއު ބުނެލަދޭތި." ޒައުލް ލުއިކޮށް ހީނލިއެވެ. ހައިޝަމް ރުޅި ނައުމުންނާއި، އެއްޗެއް ނުބުނުމުން އޭނާ ހިތްހަމަޖެހުނެވެ. ކޮންމެ ގޮތެއް ވިޔަސް ހައިޝަމް ރުޅިއައިނަމަވެސް އޭގައި އޭނާއަށް ބުނެވޭނެ އެއްޗެއް ވެސް ނެތެެވެ. ސަބަބަކީ އޭނާ ކުރީ ވަށްކަމަކަށް ވާތީއެވެ.
"އެނގޭ ތީ ކިހާ މުހިންމު ފޮތަކަށް ވާތީކަން އެހާވަރުން ޙަޔާ ތި ހޯދަން އުޅޭނީ. އެހެންވީމަ ސޮރީ ވެސް ޙަޔާ ގާތުގައި ބުނެދޭތި." ޒައުލް އެހެން ބުނެލުމުން ހައިޝަމް ބޯ ޖަހައިލިއެވެ.
ޒައުލް ދެން ކަންތައްކުރާނެ ގޮތެއް ކިތަންމެ އެނގެން ބޭނުންވިނަމަވެސް، ހައިޝަމްއަށް އެ ސުވާލުކޮށްލާކަށް ނުކެރުނެވެ. އެހާ ވަރަށް ޒައުލްގެ ޒާތީ ކަންތައްތަކުގެ ތެރެއަށް ވަންނަން އޭނާ ޖެހިލުންވީއެވެ. އެހެންނަމަވެސް ޒައުލްގެ ހިތުގައި އީމާންތެރިކަމުގެ ހުޅުކޮޅެއް ދިއްލިފައިވާތަން ފެނި އޭނާ ހިތްހަމަޖެހުނެވެ.
"ޝުކުރިއްޔާ ސާރ." ހައިޝަމް ޝުކުރުވެރިވެފައި، އޭނާ ދިޔުމުގެ ހުއްދައަކަށް އެދުނެވެ. ޒައުލް އާބަސް ދިނުމުން ހައިޝަމް ގޮސް ނުކުމެ ނުކުމެ ހުއްޓާ ޒައުލް އަނެއްކާވެސް އޭނާއަށް ގޮވާލައިފިއެވެ.
"ހައިޝަމް…." އެއާއެކު ހައިޝަމް އެނބުރުނެވެ.
"ޔެސް ސާރ." އޭނާ ބުނެލިއެވެ.
"އަމް… ޙަޔާ ކިހިނެއް؟ މިހާރު ރަނގަޅުތަ؟" ޒައުލް ސުވާލުކޮށްލިއެވެ. މި ދޭތެރެއިން ޙަޔާ އުޅުނީ ވަރަށް ބަލިވެކަމާއި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދިންކަން ވެސް ޒައުލްއަށް އެނގޭތީ އޭނާ ސުވާލުކޮށްލިއެވެ. ޙަޔާ އެ ތަޙައްމަލްކުރަނީ ވޭނީ ބައްޔެކެވެ. އެއީ އުނދަގޫ ޙާލަތެކެވެ.
" މިހާރު ދެން ވަރަށް ބޮޑަށް ރަނގަޅު. ޑިސްޗާރޖްވެސް ކޮށްފި. ٱلْحَمْدُ لِلَّٰهِ.." ހައިޝަމް އޮޅުން ފިލުވައިލަދިނެވެ.
"އެނގޭ މީ ހައިޝަމްއާއި ޙަޔާއަށްވެސް ވަރަށް އުނދަގޫ ޙާލަތެއްކަން. ކަމެއް ބޭނުމިއްޔާ އަހަރެން ގާތު ބުނައްޗޭ." ޒައުލް އެހެން ބުނެލުމުން ޝުކުރުވެރި ބެލުމަކާއެކު، ބޯ ޖަހާލާފައިި ހައިޝަމް ގޮސް ކެބިންއިން ނުކުތެވެ. އެއާއެކު ޒައުލްއަށްވެސް ވައިއަޑުން " ٱلْحَمْدُ لِلَّٰهِ " އޭ ބުނެވުނެވެ. އޭނާ ގޮނޑީގައި ލެނގިލިއިރު އެ ތުންފަތްމަތީގައި ހިނިތުންވުމެއްގެ އަސަރުވިއެވެ.
ހައިޝަމް ތިރިއަށް ދިޔައިރު، ވާރޭ އޮތީ ހުއްޓާލާފައިކަމުން، އޭނާ ސައިކަލަށް އަރާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ގެއަށް ގޮސް މައްޗަށް އެރުމަށްފަހު، އޭނާ ގޭތެރެއަށް ނަޒަރު ހިންގައިލިއެވެ. ޙަޔާ ފެންނަން ނެތުމުން އޭނާ ވީ ކޮޓަރީގައިކަން ހައިޝަމްއަށް އެނގުނެވެ. ބޫޓު ބާލާފައި ހަރުގަނޑަށް ލުމަށްފަހު، ގޮސް ޙަޔާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލިއެވެ.
"ވަދޭ." އެއީ ހައިޝަމްކަން ޔަޤީންވާތީ ޙަޔާ ތަންކޮޅެއް ބާރަށް ބުނެލީ ބޭރުގައި ހުރި ހައިޝަމްއަށް އަޑު އިވޭވަރަށެވެ.
އެއާއެކު ހައިޝަމް އެތެރެއަށް ވަނެވެ. ޙަޔާ އެނދުގައި އޮށޯވެލައިގެން އޮވެފައި ތެދުވީ ދެނެވެ. އޭނާ ހެޑްބޯޑުގައި ލެނގިލަމުން، ހައިޝަމްއަށް ބަލައިލިއެވެ. ހައިޝަމްގެ މޫނުމަތީގައި ވި ހިނިތުންވުމުން ވީ ގޮތް ނޭނގުނު ނަމަވެސް، ޙަޔާއަށް ހިނިތުންވެވުނެވެ.
"ޙަޔާގެ އަމާނާތެއް ރައްދު ކޮށްދޭން ވެގެން މިއައީ…" ހައިޝަމް ބުނެލިއެވެ.
"އަނެއްކާ ކޯންޗެއްބާ؟" ޙަޔާއަށް އެހެން ބުނެވުނީ ވިސްނާލަމުންނެވެ.
ހައިޝަމް އޮފީސް ދަބަސް ހުޅުވާލާފައި، ޙަޔާގެ ފޮތް ނަގާ ޙަޔާއަށް ދިއްކޮށްލިއެވެ.
"ތީ އަހަރެންގެ ފޮތް…" އުފާވިއެއް ކަމަކު ޙަޔާގެ އަޑުން ހައިރާންކަންވެސް ފާޅުވަމުން ދިޔައެވެ. "ހާދަ ދުވަސް ވެއްޖެޔޭ…ކޮންތާކު އޮތީ؟"
ހައިޝަމް އެ ފޮތް ދިނުމުން ޙަޔާ އޭގައި ހިފިއެވެ. އަދި އޭނާ ވަރަށް ރަނގަޅަށް އެ ފޮތަށް ބަލައިލިއެވެ. ޔަޤީން ނުކުރެވުނު ފަދައަކުންނެވެ. އޭނާ ހުރީ އެ ފޮތް އެކީ ގެއްލުނީކަމަށް ނިންމައިގެންނެވެ. އަލުން އަނބުރާ އެ ފެނިދާނެކަމަށް އުންމީދު ކޮށްގެނެއްވެސް ނޫނެވެ. އެހެންނަމަވެސް، ހީވެސް ނުކުރާ ގޮތަކަށް އޭނާގެ އަތަށް ފޮތް ލިބުމުން ވީ އުފާ ބަޔާންކުރަންވެސް ނޭނގުނެވެ. ހިނިތުންވުން ފުޅާކޮށްލަމުން އޭނާ ހައިޝަމްއަށް ބަލައިލުމަށްފަހު، ކުރިން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.
"ކޮންތާކު އޮތީ؟ ދޮންބެ އަތުގަ ތަ އޮތީ؟"
"ނޫން… ތި ފޮތް އޮތީ ޒައުލް އަތުގަ." ހައިޝަމް ބުނެލި ވާހަކައިން ޙަޔާއަށް ޝޮކެއް ލިބިގެން ދިޔައެވެ. އޭނާގެ ހިތަށް ވެސް ވެރިވީ ހައިޝަމްއަށް އެންމެ ފުރަތަމަ ޒައުލް އަތުން އެ ފޮތް ފެނިގެން ހިތަށް ވެރިވި ސުވާލުތަކެވެ.
"އެކަމަކު… ކިހިނެއް….؟" ޙަޔާއަށް ސުވާލުކޮށްލެވުނެވެ.
(ނުނިމޭ)