ޔުއޭފާ ޔޫރޮޕާ ލީގުގެ ކްއާޓާ ފައިނަލްއިން ޓޮޓްނަމް ހޮޓްސްޕާ އާއި ލާޒިއޯއިން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކްއާޓާ ފައިނަލުން ސްޕާސް ޖާގަހޯދީ ރައުންޑް އޮފް 16 ގައި އޭޒީ އާލްކްމާ އާއި ބައްދަލުކޮށް ތިން ލަނޑު ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން އާލްކަމާގެ ދަނޑުގައި ކުޅެ އެއް ލަނޑު ސުން ލަނޑުން އާލްކަމާ ކާމިޔާބުކުރި ނަމަވެސް ސްޕާސްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު ތިން ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ސްޕާސްއެވެ.
ސްޕާސްއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ދެވަނަ ލެގުގައި ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ ސްޕާސްއިންނެވެ. މި ލަނޑު މެޗުގެ 26 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ވިލްސަން އޮޑެބާޓްއެވެ. މި މެޗުގައި ސްޕާސްއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ އެގްރިގޭޓް ނަތީޖާ އިން ސްޕާސްއަށް ލީޑު ނަގައިދިނީ ޖޭމްސް މެޑިސަން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މި މެޗުގައި އާލްކަމާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕިއާ ކޫޕްމައިނާއެވެ. މި ލަނޑާއެކު އާލްކަމާއިން އެގްރިގޭޓް ނަތީޖާއިން ހަމަހަމަ ކުރި ނަމަވެސް މެޗުގެ 74 ވަނަ މިނެޓުގައި އޮޑޮބާޓް މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު އެކު ސްޕާސްއިން އެގްރިގޭޓް ނަތީޖާއިން އެއް ލަނޑުގެ ލީޑެއް ނެގިއެވެ.
މިކާމިޔާބީއާއެކު ސްޕާސް ކްއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރިއިރު ކްއާޓާ ފައިނަލްގައި އެޓީމު ބައްދަލުކުރާނީ އެއިންޓްރެކްޓް ފްރޭންކްފާޓް އާއެވެ.
މި މުބާރާތުގައި ރޭގައި ކުޅުނު އިތުރު މެޗަކަށް ބަލާއިރު ލާޒިއޯ އާއި ވިކްޓޯރިއާ ޕްލެޒެންގެ ކުރިމަތިލުން ކާމިޔާބުކޮށް ލާޒިއޯއިން މިމުބާރާތުގެ ކްއާޓާ ފައިނަލުން ވަނީ ޖާގަހޯދައިފައެވެ.
މި ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ލާޒިއޯއެވެ. އަދި ލާޒިއޯގެ ދަނޑުގައި ކުޅުނު ދެވަނަ ލެގު ނިމިފައިވަނީ އެއް ލަނޑު އެއް ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. ލާޒިއޯއިން ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފެއްދި ދެވަނަ ލެގުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފާވަނީ މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑަކުން ޕްލެޒެންއެވެ.
މި ލަނޑާއެކު ޕްލެޒެން އިން ވަނީ އެގްރިގޭޓް ނަތީޖާ އިންވެސް ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕަވެލް ސުލުޗްއެވެ. މިމެޗުގައި ލާޒިއޯއިން ނަތީޖާ ހަމަހަމަ ކޮށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 77 ވަނަ މިނެޓްގައި އަލޭސިއޯ ރޮމަގްނޯލީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މީގެއިތުރުން މިމުބާރާތުގައި އެތުލެޓިކް ބިލްބާއޯ އާއި އޭއެސް ރޯމާގެ ކުރިމަތިލުން ހަތަރު ލަނޑު ތިން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ބިލްބާއޯ ކްއާޓާ ފައިނަލުން ޖާގަހޯދާފައިވާއިރު ރޭންޖާސް އާއި ފެނަބާޗޭގެ ކުރިމަތިލުން ތިން ލަނޑު ތިން ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ދެޓީމު އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ތިން ލަނޑު ދެ ލަނޑުން ކުރި ހޯދާ ކްއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވަނީ ރޭންޖާސްއިންނެވެ.
މިމުބާރާތުގެ ކްއާޓާ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ.