"އިންތާ އިނދެނެގެއްނު ކުރާކަމެއް ކުރާނީ. މި ދަނީ މެރަތަންއެއް ދުވާކަށް ނޫނެއްނު." ޙަޔާ މަޖަލަކަށް ބުނެލިއެވެ. އެއާއެކު ހައިޝަމްއަށް ވެސް ލުއިކޮށް ހީނގަނެވުނެވެ. އޭނާއަށް ޙަޔާއަށް ބަލައިލެވުނީ ފަޚުރުވެރިކަމާއެކުގައެވެ. އެ ހުރިހާކަމަކާއެކުވެސް ޙަޔާގެ އުންމީދަށް ބަދަލެއް ނާދެއެވެ.
*****
ޖެހިގެން އައި ދުވަހު އޮފީހަށް ގޮސް އެންމެ ފުރަތަމަ ވެސް ހައިޝަމްގެ މަސައްކަތަކަށްވީ އޭނާގެ ޑެސްކުތަށް ހާވާ ޙަޔާގެ ފޮތް އޮތްތޯ ބެލުމެވެ. އޭނާ އެ މަސައްކަތުގައި އުޅެނިކޮށް ޒައުލް އައިސް ވަނެވެ. އޭނާ އައީ ހައިޝަމްގެ ކައިރީގައި މުހިންމު ވާހަކައެއް ދައްކަން ނަމަވެސް، ހައިޝަމް އުޅުނު ގޮތުން މަޑުޖެހިލެވުނީ އޭނާ އެ ހޯދަނީ ކޯއްޗެއްކަން އެނގޭފަދަ އަކުންނެވެ. ހައިޝަމްއަށް ގޮވާނުލާ މަޑުޖެހުނީ ވެސް އެހެންވެގެންނެވެ.
"ސާރ." ހައިޝަމްއަށް ޒައުލް ފެނުމާއެކު، އޭނާއަށް ގޮވައިލެވުނެވެ. އަދި މަސައްކަތް މަޑުޖައްސާލަމުން، ޒައުލްއަށް ބަލައިލިއެވެ.
"ކިހިނެއްވީ؟ އެއްޗެއް ގެއްލުނީތަ؟" ޒައުލް ސުވާލުކޮށްލީ ހައިޝަމްގެ ޖަވާބު އަންނާނެ ގޮތާ މެދު ޝައުޤުވެރިވެ ހުރެއެވެ.
"މީ ޙަޔާގެ ފޮތެއް ގެނެވުނުތޯ ބަލައިލީ. ގޭގެ އެއްވެސް ތަނަކުންވެސް ނުފެނުނުވިއްޔަ." ހައިޝަމް ބުނެލިއެވެ.
"އެހެންތަ؟" އެވަގުތު ހައިޝަމްގެ މޫނުމަތިން ފެނުނު މާޔޫސީ އަސަރުތަކާއެކު އެ ފޮތް އޮތީ އޭނާގެ އަތުގައިކަމުގައި ބުނަން ޒައުލްގެ ދޫ ކުޑަކޮށް ހަރާކާތްކޮށްލިއެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ހިމޭންކަން އިޚްތިޔާރުކުރެވުނެވެ. އޭނާ އެ ފޮތް ހައިޝަމްއާ ހަވާލުކުރަން ބޭނުންނުވާ ފަދައެވެ.
'ކަމަކުތޯ ސާރ؟" ހައިޝަމް ސުވާލުކޮށްލިއެވެ.
"އާނ ހައިޝަމް. މިއަދު ބާރަ ޖަހާއިރު އޮތް ކްލައިންޓާ އެކު މީޓިންއަށް ދާން ބުނަންވެގެން." ޒައުލް ބުންޏެވެ.
"ބާރަ ޖަހާއިރު؟" ހައިޝަމްއަށް ބުނެވުނެވެ. އެ މޫނުމަތިން ފެނުނު އަސަރުތައް މާނަކުރަން ޒައުލްއަށް އުނދަގޫވިއެވެ.
"ކިހިނެއްވީ؟ އެ ގަޑި އުނދަގުލީތަ؟ ނޫނީ ކަމެއް އޮތީތަ؟" ޒައުލް ސުވާލުކޮށްލިއެވެ.
"ނޫނޭ ސާރ. އެކަމަކު މިހާރު ބަންގި ގޮވަނީ އެހާއިރު." ހައިޝަމް ބުނެލިއެވެ. ނަމާދު ވަގުތު ދޫކޮށްލާފައި އެއްވެސް ތަނަކަށް ދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ މީޓިން ރޭވީ ޒައުލްކަން އޭނާއަށް އެނގުނެވެ. މީޓިންތައް ރޭވުމުގައި ނަމާދުވަގިުތަށް ސަމާލުކަން ދިނުމަށް ހައިޝަމްއާއި ޒަމީރާ ދެމީހުން ބުނެފައިވާތީ އޮފީހުގެ އެހެން މީހަކު ނަމާދު ވަގުތާ ދިމާކޮށް މީޓިންއެއް ދުވަހަކު ނުވާއްވާނެއެވެ. އެކަން ޒަމީރު އޮންނަނީ މަނާވެސް ކޮށްފައެވެ.
"ކުޑަކޮށް ލަސްކޮށްލެވޭކަށް ނެތްތަ؟" ހައިޝަމްއަށް ބުނެވުނެވެ.
"ދެން މިހާއިރުވީމަ ކިހިނެއް ވަކި ލަސްކުރާނީ؟" ޒައުލްއަށް ބުނެވުނެވެ. ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. "ހައިޝަމްއަށް ދެވެން ނެތިއްޔާ ދެން އިތުރު ގޮތެއް ހަމަޖައްސާނީ."
"ނޫނޭ ސާރ… އައިލް ގޯ." ޒައުލްގެ މޫނުމަތިން ފެނުނު އަސަރުތަކުން ހައިޝަމްއަށް އެހެން ބުނެވުނީ ޖެހިލުންވެ ހުރެއެވެ. އިތުރު ވާހަކައެއް ނުބުނެވި އުޅެނިކޮށް ޒައުލްގެ ފޯނު ރިންގުވިއެވެ. ފޯނުން ވާހަކަ ދެއްކީ އޮފީިހުގެ ކުއްޖެކެވެ. އޭނާ ބުނީ ކްލައިންޓު އެދިގެން މާދަމާގެ ދެގަޑި ސުންމިނެޓަށް މީޓިން ފަސްކުރި ވާހަކައެވެ. ފޯނު ބާއްވަމުން ޒައުލް ހައިޝަމްއަށް ބަލައިލިއެވެ.
"މީޓިން މާދަމާއަށް ލަސްވެއްޖެ." ޒައުލް ބުނެލިއެވެ. ހައިޝަމް އެވަގުތު މީޓިންއަށް ދާން ދެކޮޅު ހެދީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. އެއީ ނަމާދު ވަގުތަށް ވާތީއެވެ.
"ކޮން އިރަކަށް؟" ހައިޝަމްއަށް ހަމަޖެހުމުގެ ނޭވާއެއް ލަމުން ސުވާލުކޮށްލެވުނެވެ. އެއާއެކު ޒައުލް ގަޑި ބުނެލިއެވެ.
ހައިޝަމްގެ ކައިރީގައި ހުރެފައި ޒައުލް އޭނާގެ ކެބިންއަށް ގޮސް ގޮނޑީގައި އިށީނދެލުމަށްފަހު، އެތަނުގައި އޮތް ފޮތަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އިއްޔެ އޭނާ ގެއަށް ދިޔައީވެސް އެ ފޮތް ހިފައިގެންނެވެ. ރޭގަނޑުގެ އެތަކެއްވަގުތެއްވެސް އޭނާ އެ ފޮތް ކިޔުމުގެ ހޭދަކުރިއެވެ. އެންމެފަހުން، ޤުރުއާން އެޕްލިކޭޝަނެއް ވެސް އަޅައިގެން ޤުރުއާނުގެ ބައެއް ސޫރަތްތަކުގެ މާނަވެސް އޭނާ ކިޔެވެ. ވިސްނުމެއްގައި އިނދެފައި އޭނާ ފޯނު ހުޅުވައިލިއެވެ. އެއަށްފަހު އެންމެފަހުން އޭނާ ބެލި ހިސާބު ހުޅުވައިލިއެވެ. އެއީ الانفطار ސޫރަތާ ސޫރަތުގެ މާނައެވެ. އޭނާ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތް އާޔަތުގެ މާނައިގައިވަނީ ސުވާލެކެވެ. "އޭ އިންސާނާއެވެ! ތިބާގެ ވެރި ދީލަތިވަންތަ ރަސްކަލާނގެއާ މެދު ތިބާ ހެއްލުން ތެރި ކުޅައީ ކޮންއެއްޗެއް ހެއްޔެވެ؟"
ޒައުލްގެ މެއަށް ފިނިވެލިއެވެ. އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އެހެންފަހަރު ފަހަރު ހުއްޓާލާ ޒައުލް މިފަހަރު، ހުއްޓައެއް ނުލިއެވެ. އޭނާ އެ ސޫރަތް އެއްކޮށް ކިޔާ ނިންމައިލިއެވެ. އަދި އެހެން ދެތިން ސޫރަތެއް ވެސް އޭނާ ކިޔެވެ. ހިތަށްކޮށްފައިވާ އަސަރަކުން، އޭނާ، މޭޒުގައި ބޯ އަޅައިލެވުނެވެ. އެ ސޫރަތުގެ މާނައާ މެދު އޭނާއަށް ފުންކޮށް ވިސްނެން ފެށިއެވެ. ޒައުލްއަށް ނޭނގުނުކަމަކީ މިހާރު އޭނާގެ އޭނާގެ ހިތުގައި އީމާންތެރިކަމުގެ ހުޅުކޮޅެއް ދިއްލިއްޖެކަމެވެ. އީމާންކަމުގެ ނޫރުގެ އަސަރު އެހިތަށް ކުރަން ފެށި ކަމެވެ. ޝައްކެތްވެސް ނެތެވެ. ﷲ އީ އެކަލާނގެ އިރާދުކުރައްވައިފި މީހަކަށް ހިދާޔަތް ދައްކަވާ ހިތަށް އީމާންތެރިކަމުގެ ނޫރު ލެއްވުމުގައި ކުލަދުންވަންތަ ރަސްކަލާނގެއެވެ.
*****
އޮފީސް ނިމިގެން ޒައުލް ގެއަށް ދާން ނުކުތް ގަޑިއަކީ، ހައިޝަމްވެސް ނުކުތް ވަގުތެވެ. އޭރު ހައިޝަމް ހުރީ ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ.
"އާނ ޙަޔާ. ދޮންބެ ވަރަށް ބަލައިފިން. ހަމަ ގައިމުވެސް އޮފީހަކު ނެތް." ހައިޝަމް ބުނެލިއެވެ. ހައިޝަމް އެ ވާހަކަ ދައްކަނީ ޙަޔާއާކަން އެނގި ޒައުލްގެ ހިތަށް ފިނިވެލީ އަދިވެސް އެ ދައްކަނީ އެ ފޮތުގެ ވާހަކަކަން އެނގޭތީއެވެ. އޭނާގެ ހިތް ނުގޮތަކަށް ތެޅިވެސް ލިޔެވެ. އެވަގުތު އެއީ ޙަޔާއަށް ކިހާ މުހިންމު ފޮތެއްކަން އިޙްސާސްވެ އެ ފޮތް އޮތީ އޭނާގެ އަތުގައިކަމުގައި ބުނަން ޒައުލް ބޭނުންވި ނަމަވެސް އޭނާ ފަސްޖެހުނެވެ.
ޒައުލް ފެނުމާއެކު ހައިޝަމް ހިނިތުންވެލިއެވެ. އެއާއެކު ރައްދުގައި ހީނލުމަށްފަހު، ޒައުލް އެތަނުން ދިޔައެވެ.ހައިޝަމް ވެސް ފޯނު ބާއްވަމުން ޖީބަށް އަތް ލީ ވަގުތު ވޮލެޓު ނެތުމުން އޮފީހުގައި ބާއްވާފައި ނުކުމެވުނުކަން އެނގުނު، ހައިޝަމް އެނބުރިލީ އެތެރެއަށް ވަންނަން ދިޔުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް، އެވަގުތު އެ ދިމާލުން ހުރަސްކޮށްލި އަންހެން ކުއްޖެއްގެ ގައިގައި އޭނާ އަޅައިގަތެވެ. ބަލައިލުމާއެކު އެއީ ނައުފާކަން ހައިޝަމްއަށް އެނގުނީ އެ ކުއްޖާ ހުރީ ނިޤާބު އަޅާފައިކަމަށްވާތީއެވެ. އެ އޮފީހުގައި ނައުފާ ނޫނީ ނިޤާބު އަޅާ އަންހެން ކުއްޖަކު ނޫޅެއެވެ.
"ސޮރީ." ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބުނެވުނެވެ.
ހައިޝަމްއަށް ނައުފާ އަބަދުވެސް ކަމުދެއެވެ. އޭނާ ނިޤާބު އެޅުމުގެ ކުރިންވެސް ނައުފާ އަކީ އަޚްލާޤު ރަނގަޅު ހަރުދަނާ ޒިންމާދާރު ކުއްޖެއްކަން އޭނާއަށް އެނގެއެވެ. އަދި ނައުފާގެ މުޅި އާއިލާއަކީވެސް ތަޢުލީމީ އާއިލާއެއްކަން އޭނާއަށް އެނގެއެވެ. ނައުފާއަކީ މީގެ ކުރިން މީހަކާ އިން އަންހެން ކުއްޖެއްކަންވެސް އޭނާއަށް އެނގެއެވެ. އަދި އޭނާގެ ފިރިމީހާ އޭނާ ދޫކޮށްދިޔަކަންވެސް ހައިޝަމްއަށް އޮތީ އެނގިފައެވެ.
ހައިޝަމް އޮފީހަށް ވަދެ ވޮލެޓު ހިފައިގެން ނުކުމެގެން ގޮސް ސައިކަލަށް އަރަން އުޅުނު ވަގުތު، އެއްފަރާތުގައި މަޑު ކޮށްލައިގެން ތިބި އޮފީސް ދެ ކުއްޖަކު ދައްކަމުން ދިޔަ ވާހަކައެއް އޭނާގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ.
"ކީއްކުރާނީ؟ އެމީހުން މަންމަމެންނަކީވެސް ވަރަށް ދީނީ ބަޔެކޭ ކިޔާ އަޑު އަހަރެން އަހަނީ. ވަރަށްފަހުން ވެސް ނައުފާއާ އިންނަން އެގެއަށް މީހަކު ދިޔަކަމަށް ވަނީ. އެކަމަކު ވަރިވެފަ ހުރެފަ އަދި ދަރިއެއް ހުރީމަ އޭނަވެސް ރިޖެކްޓްކޮށްލީކަމަށްވަނީ." އެތަނުން އެއްކުއްޖަކު ބުނެލިއެވެ. ހައިޝަމްއަށް މަޑުޖެހެވުނެވެ. ނައުފާ މީހަކާ އިންކަން އެނގުނު ނަމަވެސް، ދަރިއެއް ހުރިކަމެއް އޭނާ ނުދެނަ ހުއްޓެވެ.
"އާނ. ދެތިން މީހަކު ދިޔަކަމަށް މަވެސް އަޑު އެހިން. އަނެއްކަކު އޭނަ ރިޖެކްޓްކޮށްލީ މޫނު އަޅާތީ އޯ. މާބޮޑަށް ހައްދުފަހަނަ އަޅާފަ ހުރީމައޯ. އެ ފިރިހެން މީހަ ބުނިކަމަށްވޭ ބުރުގާ އެޅިޔަސް މައްސަލައެއް ނެތޭ. އެކަމަކު ނިޤާބު ނަގާށޭ. އެކަން ކުރަންވެސް ބޭނުންނުވީ މީނަ." އަނެއްކުއްޖާ ބުނެލި އެވެ.
"ދެން އެވަރު ވާން ޖެހޭތަ؟ އަދި އެންމެ އަށާވީސް އަހަރު ވިއްޔަ. އެހެން އުޅެންޏާ ދެން އިންނާނެ މީހަކުވެސް ނުވާނެ."
"އަހަންނަށް ހަމަ ޔަޤީން އޭނާގެ ކުރީގެ ފިރިމީހާވެސް އޭނާ ދޫކޮށްލާފަ ދިޔައީ އޭނަގެ ސަބަބުންކަމަށް. ފިރިމީހާ ބުނާ ގޮތަށް ނުހެދީމަ ވާނީވެސް އެހެންނެއްނު." ހަޤީޤަތް ރަނގަޅަށް ނޭނގި، އެ ދެ ކުދިން ނައުފާއާ ބެހޭގޮތުން ގޮތް ނިންމަމުން ދިޔައީ އެއީ ކިހާ ގޯސްކަމެއްކަން ނޭނގިއެވެ. އަނެކުންގެ ވާހަކަ އެފަދަ ގޮތަކަށް ދެއްކުމަކީ އިސްލާމްދީން ކިހާ ބޮޑަކަށް މަނާކުރާ ކަމެއްކަންވެސް އެ ދެމީހުންނަކަށް ނޭނގުނެވެ.
އެ ދެކުދިންގެ ވާހަކަތައް އަޑު އަހަން އިން ހައިޝަމްގެ ދެބުމަ ގޮށްޖެހުނެވެ. އަންހެނަކަށްވެ ހުރެ އަނެއް އަންހެން މީހާގެ އަބުރަށް އަރައިގަނެވޭއިރުވެސް އެމީހުންނަށް ނޭނގެނީ ހެއްޔެވެ؟ ދީނަށް އުޅެން އަންހެން ކުއްޖަކު މަސައްކަތްކުރާނަމަ، އިސްލާމީ ހިޖާބުން ނިވާވެއްޖެނަމަ އެއީ ހައްދު ފަހަނަ އެޅުން ކަމަށް ޤަބޫލުކުރަނީ ކީއްވެގެން ހެއްޔެވެ؟ މި ދުނިޔެއަށް ވުރެ އާޚިރަތް މުހިންމުވާ ކޮންމެ މީހަކުވެސް މަސައްކަތް ކުރާނީ ﷲގެ ރުއްސެވުން ހޯދާކަށް ނޫން ހެއްޔެވެ؟ ދުނިޔޭގައި ކިތަންމެ ދަތިތަކެއް ކުރިމަތިވިޔަސް އެކަމުގެ ހެޔޮ ޖަޒާ ހަމަގަިއމުވެސް ﷲ ސުބުޙާނަކީ ވަޠަޢާލާ އެމީހަކަށް ދެއްވާނެއެވެ.
އެ ދެއަންހެން ކުދިން ދައްކަމުން ދިޔަ ވާހަކައަށް ރައްދުދޭން ހިތަށް އަރާފައިވެސް އޭނާ މަޑުޖެހިލިއެވެ. އެއީ އެންމެ ރަނގަޅު ގޮތެއް ނޫނޭ ހިތާއެވެ. އެހެންނަމަވެސް، އެ ވާހަކަތަކުން ނައުފާއާ ދޭތެރޭ ވިސްނައިލަން އޭނާއަށް މަޖުބޫރުވިއެވެ. ނައުފާއާ ދޭތެރޭ ގޯސް ނަޒަރަކުން އޭނާ ދުވަހަކުވެސް ނުދެކެއެވެ. އެހެންނަމަވެސް އޭނާއަށް އަބަދުވެސް ނައުފާ ކަމުދެއެވެ. ދީންވެރި ކަމާއި ރަނގަޅު އަޚްލާޤުގެ ސަބަބުން ނައުފާ ވަނީ އޭނާގެ ހިތުން ޖާގައެއް ކަށަވަރު ކޮށްފައެވެ. ކައިވެނީގެ ގޮތުން ގުޅެން އޭނާ ބޭނުންވަނީ އެފަދަ އަންހެން ކުއްޖަކާއެވެ. ނައުފާ ފަދަ އަންހެނަކު އޭނާގެ ޙަޔާތަށް އަތުވެއްޖެނަމަ، އޭނާގެ ޙަޔާތް ބާއްޖަވެރިވާނެއެވެ. އަދި ދަރިން ލިބިއްޖެނަމަ، އެދަރީން ވެސް ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި ބޮޑުވާނެކަން ކަށަވަރެވެ.
ނައުފާއާ ކައިވެނީގެ ގޮތުން ގުޅުމުގެ ޚިޔާލު ހައިޝަމްއަށް ވެރިވިއެވެ. ނައުފާއާ ވާހަކަ ދައްކަން އޭނާ ބޭނުންވެސް ވާން ފެށިއެވެ. އެހެންނަމަވެސް، އެއީ ނައުފާ އެއްބަސްވާނޭ ކަމެއް ނޫންކަން އެނގޭތީ އެ ޚިޔާލު ދޫކޮށްލީ، ޚުދު އޭނާގެ ޒަމީރުވެސް އެކަމަށް އެވަގުތު ދެކޮޅު ހެދުމުންނެވެ.
ގެއަށް ދިޔުމަށްފަހު ހައިޝަމް ސޯފާގައި އިށީނދެލިތަނާ ކޮޓަރިން ނުކުތް ޙަޔާ އޭނާއަށް ގޮވައިލިއެވެ.
"ދޮންބޭ!. ދެންމެތަ ތިއައީ؟" ޙަޔާވެސް އައިސް ސޯފާގައި އިށީނދެލިއެވެ. ހައިޝަމް ބޯ ޖަހައިލުމުން ޙަޔާ، ޓީވީ ހުޅުވައިލީ އެ ދުވަހު ހައިޝަމް އޭނާ ހުރީ މެންދުރު ކައިގެން ކަމަށާއި ދެން މިއަދު ނުކާނެކަމަށް ބުނުމުންނެވެ.
"ކިހިނެއްވީ ދޮންބޭ؟" ޙަޔާ ސުވާލުކޮށްލިއެވެ.
"މީ… ނޫން… އަނެއްހެން މާ ބޮޑު ކަމެއް ނުވޭ." ހައިޝަމް ހިނިތުންވެލި ނަމަވެސް، އޭނާ ކަމަކާ ވިސްނަމުންދިޔަކަން ޙަޔާއަށް އެނގުނެވެ. އޭނާ ހައިޝަމްއާ ދެވަނަ ފަހަރަށް ސުވާލުކޮށްލީ އެހެންވެގެންނެވެ. އޭނާގެ ހިތުގެ ޙާލަތު ޙަޔާގެ ކައިރީގައި ހާމަކުރަންވީބާއޭ ހައިޝަމްގެ ހިތަށް އެރިއެވެ.
"ދޮންބޭ…." ވިސްނުންތަކުން ފުނިޖެހެމުން ދިޔަ ސިކުނޑީގައިވި ޚިޔާލުތަކުގެ ތެރެއިން ހައިޝަމްއަށް ޙަޔާގެ އަޑު އިވުނެވެ.
"ކީކޭ ނައުފާ؟…" ނައުފާގެ ޚިޔާލުތަށް އޭނާގެ ސިކުނޑި ހިޞާރުކޮށްފައިވާލެއް ބޮޑުކަމުން ހައިޝަމްއަށް ބުނެވުނީވެސް ނައުފާގެ ނަމެވެ. ބުނެވުނު އެތި ރޭކާލުމާއެކު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. "ސޮރީ… ޙަޔާ…"
"ނައުފާ އަކީ ކާކު؟" ޙަޔާއަށް ބުނެވުނެވެ. އޭރު އެ މޫނުމަތީގައިވަނީ ހައިރާންކަމެވެ. ދޮންބެ އަނެއްކާ އަންހެން ކުއްޖަކާ ގުޅުމެއް ބާއްވަނީ ހެއްޔެވެ؟ އެހެން ނޫނީ އެފަދަ ގޮތަކަށް އެ ދުލުން އަންހެން ކުއްޖެއްގެ ނަން ބޭރުވާންވީ ކީއްވެހެއްޔެވެ؟
"އޮފީހުގައި މަސައްކަތްކުރާ ކުއްޖެއް." ހައިޝަމް އެހެން ބުނެލާފައި ޙަޔާއަށް ބަލައިލިއެވެ. އެ މޫނުމަތީގެ އަސަރުތަކުން ހައިޝަމްއަށް އަނެއްކާވެސް ނިކަން އަވަސް އަވަހަށް ވާހަކަ ދެއްކުނެވެ. "ޙަޔާ ތި ހީކުރާކަހަލަ ގޮތަކަށް ނޫން."
(ނުނިމޭ)