ނަތީޖާ ހަމަހަމަވުމުން ޕެނަލްޓީޖަހައި، ރެއާލުން އެޓްލެޓިކޯ ބަލިކޮށްފި

ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުން ރެއާލް ޖާގަހޯދީ ރައުންޑް އޮފް 16ގައި ވާދަވެރި އެޓްލެޓިކޯ މެޑްރިޑާއި ބައްދަލުކޮށް ދެ ލަނޑު ދެ ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ހަތަރު ލަނޑު ދެ ލަނޑުންނެވެ. މިދެޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ރެއާލްގެ ދަނޑުގައި ކުޅެ ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްފައިވަނީ ރެއާލްއެވެ.

އަދި ރޭ ކުޅުނު ރެވަނަ ލެގު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްފައިވަނީ އެޓްލެޓިކޯއެވެ. ރޭ ކުޅުނު ދެވަނަ ލެގުގައި އެޓްލެޓިކޯއިން މެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މިގޮތުން މެޗުގެ ކުޅުން ފެށިތާ 27 ސިކުންތުގެ ތެރޭގައި އެޓްލެޓިކޯއިން ވަނީ ރޭގެ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށް މެޗުގެ ލީޑު ނަގާ އެގްރިގޭޓް ނަތީޖާއިން ދެޓީމު ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯނޯ ގެލެގާއެވެ. މިލަނޑާއެކު މެޑްރިޑް ޑާބީއެއްގައި ލަނޑު ޖެހި އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާއަށް އޭނާ ވަނީ ވެފައެވެ.

މިލަނޑާއެކު ރެއާލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ ގިނަ މަސައްކަތް ތަކެއް ކުރި ނަމަވެސް ވަރަށް ރަނގަޅަށް ޑިފެންޑް ކުރަމުންދިޔަ އެޓްލެޓިކޯގެ ޑިފެންސް ފޫއަޅުވާލުމުގައި އެޓީމަށް ކުރިއެރުމެއް ލިބޭގޮތެއް ނުވިއެވެ. އަދި އެޓްލެޓިކޯއިން މިމެޗުގައި ރަނގަޅަށް ޑިފެންޑް ކުރުމުގެ އިތުރުން ލިބޭ ފުރުސަތު ތަކުގައި ކުރި އަރާ ނުރައްކާތެރި ހަމަލާތަކެއް ވެސް ފޮނުވާލާފައިވެއެވެ.

މިގޮތުން ހޫލިއަން އަލްވަރޭޒް ފޮނުވާލި ތިން ހަމަލާއެއް ޓީބޯ ކޯޓުއާ ދިފާއުކުރިއެވެ. މުޅި މެޗުގައި ވެސް ރެއާލްގެ ފޯވަޑް ލައިނަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ ކިލިއަން އެމްބާޕޭ، ވިނިޝިއަސް ޖޫނިއާ އަދި ރޮޑްރިގޯއަށް މާބޮޑު ވަރެއް ކުރެވެމުންދިޔަ ތަނެއް ފެނިގެން ނުދިޔައެވެ. ނަމަވެސް އެމްބާޕޭއަށް އެޓްލެޓިކޯގެ ޑިފެންޑަރުން ކައިރިން ސަލާމަތް ވެވުނު ހަމައެކަނި ފަހަރު އޭނާ އެރާ ހަމަލާއެއް އުފައްދަން އުޅުމުގެ ތެރޭގައި ވަނީ ރެއާލްއަށް ޕެނަލްޓީ އެއް ހޯދައިދީފައެވެ.

ނަމަވެސް ވިނީޝިއަސް ޖޫނިއާ ފޮނުވާލި ޕެނަލްޓީ ދިޔައީ އެޓްލެޓިކޯގެ ގޯލްގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އެލަނޑު ރެއާލްއިން ކާމިޔާބު ކުރި ނަމަ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުގެ އިތުރުން އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންދިޔައީހެވެ. ނަމަވެސް ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ނަތީޖާއަށް ބަދަލެއް ނައިސް، އިތުރު ވަގުތުގެ ދެ ހާފުގައި ވެސް އެއަށް އަސަރެއް ނުކުރުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ތިންވަނަ ޕެނަލްޓީ ރެއާލްގެ ފެޑެރީކޯ ވަލްވާޑެ ޖެހުމަށް ތައްޔާރު ވަމުންދިޔަ ވަގުތު ވީއޭއާރުންވަނީ އެޓްލެޓިކޯގެ ދެވަނަ ޕެނަލްޓީ ކާމިޔާބު ކުރި އަލްވަރޭޒް ޕެނަލްޓީ ޖެހި ވަގުތު ކައްސާލައިގެން ދެ ފަހަރެއްގެ މަތިން ބޯޅައިގައި ފައިޖެހިފާ ވާތީ އޭނާގެ ޕެނަލްޓީ ބާތިލް ކުރިކަން ރެފްރީ މެދުވެރިކޮށް އަންގާފައެވެ.

މިއާއެކު އެޓްލެޓިކޯގެ ޔާން އޮބްލަކް ރެއާލްގެ ލޫކަސް ވަޒްކޭޒްގެ ޕެނަލްޓީ ދިފާއު ކުރިއެވެ. އެޓްލެޓިކޯގެ މާކޮސް ލޮރެންޓޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑި އަށެވެ. އެންޓޯނިއޯ ރުޑިގާ ރެއާލްގެ ފަސްވަނަ ޕެނަލްޓީ ކާމިޔާބު ކޮށްދީ ކުއާޓާ ފައިނަލްގެ ޖާގައެއް އެޓީމަށް ކަށަވަރު ކޮށްދިނެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލްގައި ރެއާލް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އާސެނަލް އާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު