މީޑިއާ ކައުންސިލް އުވާލަން ނުފެންނަ ކަމަށް ފާސްކޮށްފި

މީޑިއާ ކައުންސިލް އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އިން މަޖިލީހުގެ ތަޅުމަށް ހުށައެޅި ހުށައެޅުން ފާސް ނުވެ މީޑިއާ ކައުންސިލް އުވާލަން ނުފެންނަ ކަމަށް ފާސްކޮށްފި އެވެ.

މީޑިއާ ކައުންސިލް އުވާލުމަށް ފެނޭތޯ މަޖިލިހުގެ ތަޅަމުގައި މި މަހުގެ 4 ވަނަ ދުވަހު ވޯޓް ނެގި ވަގުތު ވަނީ މަޖިލިސް ވަރަށް ބޮޑަށް ހަލަބޮލިކޮށްލައިފަ އެވެ. އެ ދުވަހު މަޖިލިސް ހަލަބޮލިވީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލް މަޖިލިހަށް ބަލައިގަތުމަށް ފަހު ފޮނުވާނެ ކޮމެޓިއެއްގެ މައްސަލާގައި ހިޔާލުތަފާތުވުން އުފެދި އެ ބިލް ޕާކްކުރަން ރިޔާސަތުން ނިންމެވުމާ ގުޅިގެންނެވެ. އެ ދުވަހު އެ ހޫނުގަނޑުގެ ތެރޭގައި މީޑިއާ ކައުންސިލް އުވާލުމުގެ ބިލަށް ވޯޓަށް އެހުމާ އެކު މީޑިއާ ކައުންސިލް އުވާނުލުމަށް 50 އަށް ވުރެ ގިނަ މެންބަރުން ވޯޓް ދީފައިވެ އެވެ. ނަމަވެސް ވޯޓުގެ ނަތީޖާ ރިޔާސަތުން އިއުލާނުނުކޮށް އެދުވަހު ވަނީ މަޖިލިހުގެ ޖަލްސާ މެދުކަނޑާލާފަ އެވެ.

އެއަށް ފަހު އިއްޔެގެ ޖަލްސާގައި އެ ދުވަހު ވޯޓް ނެގި ގޮތުގެ ތަފްސީލް މަޖިލިސްގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އިއުލާނުކުރައްވައިފަ އެވެ. ޝާހިދު ވިދާޅުވީ މީޑިޔާ ކައުންސިލް އުވާލަން ފެނޭތޯ ނެގި ވޯޓުގައި މީޑިއާ ކައުންސިލް އުވާލުމަށް ނުފެންނަ ކަމަށް 52 މެންބަރުން ވޯޓް ދެއްވި ކަމަށެވެ.

މީގެ އިތުރަށް އެދުވަހު އެންމެ ބޮޑަށް ހިޔާލު ތަފާތުވި މައްސަލަ ކަމުގައިވާ ކުލުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ހުށައެޅުއްވި އެއްވެ އުޅުމުގެ ބިލް މަޖިލިހުގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމުގެ މައްސަލަ ވެސް އިއްޔެ ވަނީ ހައްލު ކޮށް އެ ބިލު ދިރާސާ ކުރުމަށް ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއެއް ހޮވައި އެ ކޮމިޓީ ވެސް ފާސްކުރައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު