ދިވެހި އުފެއްދުންތައް ޕައިރޭޓް ކުރާތީ ކަންބޮޑުވެއްޖެ

ދިވެހި އުފެއްދުންތައް އެކި ޕްލެޓްފޯމްތަކުން ނަގައި އެ ޕައިރޭޓްކޮށް އޮންލައިންކުރާ މައްސަލަ ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ދިވެހި ފިލްމުތަކާއި ޝޯތައް ޕައިރޭޓްކޮށް އެހެން ޕްލެޓްފޯމުތަކަށް ދޫކޮށްލާ މައްސަލައަކީ އާ މައްސަލައެއް ނޫނެވެ. ނަމަވެސް މި ފަހަކަށް އައިސް މި މައްސަލަ ވަނީ އިތުރަށް ބޮޑުވެފައެވެ. މިކަމާ ގުޅިގެން ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ މިކަމަށް އުފެދިފައެވެ.

ދާދިފަހުން ރާއްޖޭގެ އެންމެ ބޮޑު ޕްރޮޑަކްޝަން ކުންފުނި ޑާކްރެއިން އެންޓަޓެއިންމެންޓުންވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޑާކްރެއިން އިން ބުނެފައިވަނީ ދިވެހި ފިލްމުތަކާއި ޝޯތައް ޔޫޓިއުބް އާއި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާގައި ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެއީ މި ޕްރޮޑަކްޝަންތަކަށް އުފެއްދުންތަކުން އާމްދަނީ ލިބޭ ގޮތަކީ މީޑިއާނެޓާއި ބައިސްކޯފު ފަދަ އޯޓީޓީ ޕްލެޓްފޯމުތަކަށް ލައިގެން ކަމަށްވާތީ ހިލޭ ބެލޭގޮތަށް ޕައިރޭޓު ކުރުމުން ގެއްލުންވާ ކަމަށް ޑާކްރެއިން އިން ބުނެއެވެ.

އޯޓީޓީ ޕްލެޓްފޯމަތަކަށް ދޫކޮށްފައިވާ ކޮންޓެންޓްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ މާލީ ގޮތުން ސްޓޫޑިއޯއަށް ކުރިމަތިވާނެ ބޮޑު ގެއްލުމެއް ކަމުގައި ޑާކްރެއިން އިން ވަނީ ބުނެފައެވެ. އެއީ ސްޓްރީމިން ސާވިސްތަކުން މި އުފެއްދުންތައް ޕައިރޭޓްކޮށް ސޯޝަލް މީޑިއާގައި އާންމުކުރުމުން އެ ހިދުމަތްތަކުން ޕްރޮޑަކްޝަން ކުންފުނިތަކަށް ކޮމިޝަން ދިނުމަށް އުނދަގޫވާނެތީ ކަމަށް ޑާކްރެއިން ބުނެއެވެ.

މިފަދަ އުފެއްދުންތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދޭނެ ނިޒާމުތަކެއް ސަރުކާރުން ހަމަޖެއްސުމަށް އެދި ޑާކްރެއިން އިން ގޮވާލާފައިވެއެވެ.

މިއީ މީގެ ކުރީންވެސް ދިވެހި ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުން އެކި ފަހަރުގެ މަތީން ކަންބޮޑުވުން ފާޅުކޮށް ގޮވާލާފައިވާ ކަމެކެވެ. ރާއްޖޭގެ ކޮޕީރައިޓް ގާނޫނު އެންމެ އެކަށީގެންވާ ގޮތަށް ހަރުދަނާ ކޮށްފައި ނުވާތީ އެކަމާ ތަރީންނާއި ޕްރޮޑަކްޝަންތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް