"ކޮންމެ ކަމެއްވެސް އަހަރެމެން ކުރަން ޖެހޭނީ ދުނިޔަވީ ފައިދާއަށް ވުރެ އާޚިރަތުގައި ވާނެ ފައިދާއަކަށް ވިސްނާފައި." ހައިޝަމް ބުނެލިއެވެ.

"އަޅެ މިކަމަކާ ދެން ކޮން ގުޅުމެއް؟" ޒައުލްގެ އަނގައިން އެބަސްތައް ނުކުތީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް ހިތްހަމަނުޖެހުނުވަރުން ބުނެވުނީއެވެ.

"އަހަރެމެން އެއްބަސްވުން މި ހަދަނީ ދުނިޔޭގެ ފެންވަރުގެ ހޮޓެލްތަކާއި ރިސޯޓުތައް ހިންގާ ކުންފުންޏަކާއެކު. މި ވިޔަފާރީގެ ތެރެއަށް އަަހަރެމެން ވަދެއްޖެއްޔާ ރާއްޖޭގެ އިތުރުން ޔޫކޭ، ޔޫއެސް އަދި އެހެން ބޮޑެތި ޤައުމުތަކުގައި ދުނިޔޭގެ ފެންވަރުގެ ރިސޯޓުތަކާއި، ކުލަބުތަކާއި ބާރތައް އެޅުމުގެ ފުރުސަތު ފަހިވެގެން ދާނެ. އަދި އެކަން ވެގެން ދާނީ އަހަރެމެންގެ ކުންފުންޏަށް ލިބޭ ކިހާ ބޮޑު ކާމިޔާބީއަކަށް. ކުންފުނީގެ މާލީ ޙާލަތު އިތުރަށް ރަނގަޅުވުން ނޫންކަމެއް ނުވާނެ." ޒައުލް ހައިޝަމްއަށް ވިސްނައިދޭން ބޭނުންވިއެވެ. އެހެންނަމަވެސް އެކަމާ އެއްގޮތަކަށް ވެސް ހައިޝަމްއަކަށް އެއްބަހެއް ނުވެވުނެވެ .

ހައިޝަމް ޒައުލްއަށް ހަލާލު ރިސޯޓެއް ތަރައްޤީ ކުރެވިދާނެކަމަށް ކިޔައިދިނެވެ.

"އަދި އެ ރިސޯޓަކީ ރަލާ އޫރުމަސް ފަދަ ތަކެތި ނުވިއްކާ، ﷲ ޙަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އަރައިނުގަނެވޭގޮތަކަށް ތައްޔާރުކުރެވޭތަނަކަށް ވެސް ހެދިދާނެ. މިހާރުގެ މާކެޓަށް ބަލާއިރު މަދުނަމަވެސް، އަޅުގަނޑުމެންނަށް އެކަން ކުރެވިދާނެ." ހައިޝަމް ބުނެލިއެވެ. ޒައުލްގެ ޚިޔާލުގައި ހަދާ ރިސޯޓުގެ ޕްލޭންގައިވާ ގޮތުން، އެތަނުގައި ﷲ ޙަރާމްކުރައްވާފައިވާ ފާފަތަކަށް އަރައިގަނެވޭނެ ޖާގަވަނީ ތަނަވަސްވެފައެވެ. ތަނުގައި ތަރައްޤީ ކުރާ ސްޕާތަކުގައިވެސް އެފަދަ އަމަލުތައް ކުރެވޭފަދަ ގޮތަކަށް ބައްޓަން ކޮށްފައިވާތީވެސް ހައިޝަމް ނުރުހުނެވެ.

"ތީ މިޒަމާނުގައި އެހާ ވޯކް ކުރާނެ އެއްޗެއް ނޫން. މީގަ އަހަރެމެން ބަލަން ޖެހޭނީ ފައިދާއަށް. ނޫންތަ؟" ޒައުލް ބުންޏެވެ. "ދިރިއުޅުމުގެ ހުރިހާކަމެއް ހަމަ ދީނާ ގުޅުވަން ޖެހޭތަ؟"

"ދީނާ ދިރިއުޅުމަކީ ވަކިކުރެވޭނެ އެއްޗެއް ނޫން. އަހަރެމެން އުޅެން ޖެހޭނެ ގޮތް ވަނީ ދީނުގައި ބަޔާންކުރައްވާފައި." ހައިޝަމް ބުނެލިއެވެ.

"އެފަދަ ހުތުރު އަމަލުތައް ކުރުމަށް ތަންތަން ހަދައިދީ އެ ފުރުސަތު ފަހިކޮށްދިނުމަކީ އަހަރެމެން ކޮށްގެން ވާނެކަމެއް ނޫން." ފައިލަށް ބަލައިލާފައި ހައިޝަމް އަނެއްކާވެސް ބުނެލިއެވެ. އެ އަޑުގައިވާ ސާބިތުކަމުން ހައިޝަމް ދުވަހަކު ވެސް އެކަމަށް އެއްބަސްނުވާނެކަން ޒައުލްއަށް އެނގުނެވެ.

ހައިޝަމް އެތަނުން ދިޔައީ އެކަން ކުރުމަށް ޒަމީރުވެސް ހުއްދަ ނުދޭނެކަމަށް ބުނެފައެވެ. މީގެ ކުރިންވެސް ޒަމީރުއަށް ވެސް އެފަދަ އެތަކެއް ހުށައެޅުމެއް ލިބުނުކަމަށާއި އެހެންނަމަވެސް އެކަމަށް ޒަމީރު އެއްބަސްނުވިކަމަށްވެސް ހައިޝަމް ބުންޏެވެ.

އޭނާ ދިޔަތަން ބަލަން އިނުމަށްފަހު، ޒައުލްއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ދީނީ ވިޔަސް އެއީ ދެން ތަންކޮޅެއް ބޮޑުވަރޭ އޭނާގެ ހިތަށް އެރިއެވެ. އެ ވާހަކަ ހައިޝަމް އޭނާގެ ބައްޕައާ ހިސާބަށް ގެންދާނެކަމުގައި، ޒައުލް ޔަޤީންކުރިއެވެ. ވީވެސް އެހެންނެވެ. ހައިޝަމް އެ ޚަބަރު ޒަމީރަށް ދިނުމާއެކު ޒަމީރު އެކަމާ ބެހޭގޮތުން ޒައުލްއާ ސުވާލުކުރިއެވެ. އެއީ އެރޭގެ ކެއުމުގެ ވަގުތުގައެވެ.

"ބައްޕާ. މިއީ އެހާ ބޮޑުކަމެއް ނޫނޭ. ކެނެޑާގައި ވެސް ރިސޯޓުތައް ހިންގަނީ ހަމަ މިހެން. އެމީހުން އައިސް އުޅޭނެ ގޮތަކަށް އުޅެފަ ދާނެއެއްނު. މީގައި ކޮބާ މައްސަލައަކީ؟" ޒައުލްއަށް ބުނެވުނެވެ.

"ތިގޮތް ޒައުލްއަށް ކަމުދިޔަޔަސް ބައްޕައަށް ކަމަކު ނުދޭ. ޙަލާލު ރިސޯޓް ކޮންސެޕްޓްގައި ތަރައްޤީ ކުރަންޏާ ބައްޕައަށް މައްސަލައެއް ނެތް. " ޒަމީރު ބުނެލިއެވެ.

"އެކަމަކު ބައްޕާ…" ޒައުލް ވާހަކަ ދައްކަން އުޅުނު ނަމަވެސް ޒަމީރު އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ.

"ފައިދާ ނުލިބޭނެޔޭ ޒައުލް ތިބުނަނީ ކީއްވެގެންތަ؟ އިންޝާ ﷲ ފައިދާ ލިބޭނެ. ﷲ ދެއްވާ ރިޒުޤަކަށް އެކަކަށްވެސް ހުރަހެއް ނޭޅޭނެ. މިހާރުވެސް ކިތަށް މީހުން ތިބޭނެ އެކަހަލަ ރިސޯޓެއް ނެތީތީ ނާންނަން… ތުއްތު ޅަ ދަރިން ގޮވައިގެން އައިސް ފެންނަން ނުޖެހޭ މަންޒަރުތައް ފެންނާތީ ނާންނަން. އެހެންވެ ބައްޕަ ވެސް ބޭނުންވަނީ އާއިލާތަކާ ރައްޓެހި މާޙައުލެއް ރިސޯޓެއްގެ ޒަރިއްޔާއިން ފޯރުކޮށްދޭން." ޒަމީރު ބުނެލިއެވެ. ބައްޕައާ ވާހަކަ ދެއްކުމަކީ މޮޔަކަމެކޭ ހީވެ އެންމެ ފަހުން ޒައުލް އެކަން ހުއްޓާލާނީއޭ ބުނެލީ ހިތްހަމަނުޖެހިފައެވެ. އެހެން ޒައުލް ބުނުމުން، ޒަމީރުވެސް އެއްޗެއް ނުބުނެެއެވެ. ޒައުލްއަށް އަދި ވިސްނޭނެޔޭ އޭނާގެ ހިތް ބުނަނީއެވެ.

*****

އެންމެންގެ ވާހަކަތައް ސިކުނޑީގައި ގުގުމަމުން ދިޔަ ޒައުލް އެންމެފަހުން އެ ހާސްކަން ފިލުވާލުމަށް ރިސޯޓަށް ދާން ފެށިއެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގައި ގޮސްފައި އޭނާ އަނބުރާ އަންނަނީ ހޮނިހިރު ދުވަހުގައެވެ. ޒައުލް ރިސޯޓަށް ދާ ސަބަބު ޒަމީރަށް އެނގުމުން އޭނާއަށް ލިބުނު ހިތާމަ އިތުރުވިއެވެ. ކޮންމެވެސް ގޮތަކުން އެ ދަރިފުޅަށް ހިދާޔަތް ދެއްކެވުމަށް އެދި އޭނާއަށް އަބަދާ އަބަދު ދުޢާ ކުރެވެއެވެ. ﷲ އީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެސް ހިތެއްގެ ޙާލަތު ބަދަލުކުރެއްވުމަށް ކުޅަދުންވަންތަ އިލާހެވެ. ވީއިރު އޭނާ ދުވަހަކު ދުޢާކުރުމެއް ހުއްޓައެއް ނުލާނެއެވެ.

ޒަމީރު އޭނާގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ދިޔައީ ހައިޝަމްއާއެވެ. ހައިޝަމްއަށްވެސް ޒައުލްއަށް ވިސްނައިދޭނެ ގޮތެއް ނޭނގުނެވެ. މާޔޫސްވީ އެހެންވެގެންނެވެ. ޒައުލްގެ ސަބަބުން ޒަމީރުގެ މާޔޫސްކަން ފެނުމުން ހައިޝަމްވެސް ދެރަވާގޮތްވިއެވެ. ޒަމީރު އޭނާގެ ކައިރީގައި އިނދެ ރޮމުން، އަމިއްލަ ނަފްސު ކުށްވެރި ކުރަމުން، ދިޔަ ހިނދު، އޭނާވެސް ފެންކަޅިވިއެވެ. ބައްޕަ އަކު، ދަރިއަކަށްޓަކާ އެފަދަ ގޮތަކަށް ކަރުނަ އަޅާތަން އޭނާއަށް ފެނުނީ އަލަށެވެ.

ﷲ އަށް ވަކީލުކުރުމަށާއި ޒައުލްއާ މެދު އުންމީދު ކަނޑާނުލާ ދުޢާކުރުމަށް ހައިޝަމް ނަސޭހަތްތެރިވިއެވެ. ކިތަންމެ އުންމީދު ނުކުރާ މީހާގެ ހިތްވެސް ބަދަލު ކުރެއްވުމަށް ﷲ ކުޅަދުންވަންތަކަން އޭނާ ޒަމީރަށް ހަނދާން ކޮށްލަދިނެވެ. ހީނުކުރާ ކިތަންމެ މީހަކު ތެދުމަގަށް ރުޖޫޢަ ވީކަމީވެސް އިސްލާމީ ތާރީޚު ހެކިދޭ ކަމެކެވެ.

އެންމެފަހުން ހައިޝަމްވެސް ޒަމީރުގެ އެ ހާސްކަމުގެ ވާހަކަ ޙަޔާއާ ހިއްސާކުރިއެވެ. އެ ހިނދު ޙަޔާއަށްވެސް ޒައުލްއަށް ހެޔޮ ވިސްނުން ދެއްވާތޯ ދުއާކުރެވުނެވެ.

ޒަމީރުގެ ޙާލު އަނެއްކާވެސް ދެރަވީ ޒައުލްއާ މެދު ވިސްނަން ފެށުމުންނެވެ. އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. އެކަން ހައިޝަމްއަށް އެނގުމުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާ ޒަމީރަށް ޒިޔާރަތްކުރެއެވެ. ހޮސްޕިޓަލަށް ދާން ޙަޔާ ބޭނުންވި ނަމަވެސް އޭނާއަށް ދެވޭ ގޮތް ނުވަނީ، އަމިއްލަ ބަލި ޙާލަތުގެ ސަބަބުންނެވެ. ކާ ބާރުގަދަ ބޭސްތަކުގެ ސަބަބުން، ގައިގައި ވަރެއް ވެސް ނުހުރެއެވެ. ޑޮކްޓަރުން ލަފާ ދިނީ ސާރޖަރީ ކުރުމަށްފަހު، ރޭޑިއޭޝަން ނެގުމަށެވެ.

*****

އަވި ގަދަ ދުވަހެކެވެ. ހައިޝަމްގެ ފަހަތުގައި ސައިކަލުގައި އިން ޙަޔާގެ ބޮލަށް އެނބުރުން އަރާހެން ހީވާން ފެށިއެވެ. މެންދުރުގެ ހޫނު ގަދަ އަވީގެ ސަބަބުން ދެލޯ ހުޅުވާލައިގެން އިންނަން ވެސް އޭނާއަށް ވަނީ ދަތިވެފައެވެ.

ހޮސްޕިޓަލާ ހިސާބަށް އާދެވުމުން ޙަޔާ ސައިކަލުން ފޭބުމަށްފަހު ގޮސް ހިޔަލަށް ވަނެވެ. އޭނާ މަޑުކޮށްލީ ހައިޝަމް ސައިކަލު ޕާކުކޮށްލާފައި އަންނަން ދެނެވެ.

ހައިޝަމް އައުމުން ޙަޔާއާ ދެމީހުން އެންމެ ފުރަތަމަ ދިޔައީ ޑޮކްޓަރަށް ދައްކާށެވެ. ނިމިގެން ޑޮކްޓަރުގެ ކޮޓަރިން ނުކުތުމަށްފަހު ޙަޔާ ވާހަކަ ދެއްކިއެވެ.

"ދޮންބޭ! ހިނގާބަލަ ޒަމީރު ސާރ ކައިރިއަށް ވަދެލަން." ޙަޔާ ބުނެލިއެވެ.

"ހިނގާ." ހައިޝަމް އެހެން ބުނެލާފަައި ޙަޔާ ގޮވައިގެން ޒަމީރު އޮތް ވޯރޑާ ދިމާލަށް މިސްރާބުޖެހިއެވެ. ވޯރޑަށް ވަނުމަށްފަހު، ޙަޔާ ގޮވައިގެން ގޮސް ޒަމީރު އޮތް ކޮޓަރިއާ ހިސާބަށް ގޮސްފައި ޙަޔާ ބުނީ ހައިޝަމް ފުރަތަމަ ވަނުމަށެވެ. އޭނާ ވަނީ ހައިޝަމް ވަދެފައި އޭނާއަށް ގޮވާލުމުންނެވެ.

ހައިޝަމްގެ ފަހަތުން ވަތް ޙަޔާ ފެނުމާއެކު ޒަމީރުގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

"އައްސަލާމު ޢަލައިކުމް ސާރ." ޙަޔާ ސަލާމް ގޮވަައިލުމުން، ޒަމީރު ސަލާމް ބަލަައިގަތެވެ. ޙަޔާއަށް ބޭއިޚްތިޔާރުގައި، އެއްފަރާތުގައި ހުރި ޒައުލްްއަށް ބަލައިލެވުނެވެ. އެ ފިރިހެންވަންތަކަމަށް ތައުރީފް ކުރެވުނެވެ. ޓީޝާޓަކާއި ޖީންސްއެއްގައި ހުރިއިރު، އެ ފިރިހެންވަންތަ ކަސްރަތީ ހަށިގަނޑާ މެދު ޙަޔާއަށް ވިސްނައިލެވުނެވެ. އަމިއްލަ އިޙްސާސްތަކުގެ ލަގަން ދޫވެގެން ދިޔަ އިޚްސާސްއާއެކު ކުށްވެރި އިޙްސާސްއެއް ޙަޔާއަށް ކުރެވުނެވެ. މީހަކާ ގަޔާވުމަކީ ކުށެއް ނޫންނަމަވެސް، ޒައުލްއަކީ ކޮން ކަހަލަ މީހެއްކަން އެނގުމުން އެފަދަ ޙަލަތަކަށް ވިސްނަން ވެސް ޙަޔާ ބޭނުމެއް ނުވިއެވެ. ޒައުލްއާ ނަޒަރު ވަކިކޮށްލި ޙަޔާ ޒަމީރަށް ބަލައިލިއެވެ.

އަނެއްކޮޅުން ޙަޔާއަށް ބަލަހައްޓައިގެން ޒައުލްއަށް ހުރެވުނީއެވެ. ދެލޯ ނޫނީ އިތުރު ތަނެއް ނުފެންނަ އެ އަންހެން ކުއްޖާގެ މޫނު ބަލަައިލުމުގެ ޝައުޤުވެރިކަން އެ ހިތުގައި އުފެދިގެން ދިޔައެވެ.

އެކަކު ކައިރީގައި ނުބުނި ނަމަވެސް، ހައިޝަމް ބައްޕައަށް ޒިޔާރަތް ކުރަން އަންނަ ކޮންމެ ދުވަހަކުވެސް އޭނާއަށް ޙަޔާއަށް އިންތިޒާރުކުރެވެއެވެ. ކީއްވެކަމެއް ނޭނގެއެވެ. ފަހަރުގައި ކުރީ ދުވަހުގެ ވާހަކަތަކަށްފަހު، އަދި އިތުރު ސުވާލެއް ކުރަން ބޭނުންވެފައި ވީތީކަމަށް ވެސް ވެދާނެއެވެ. ހައިޝަމްގެ ގާތުން ޙަޔާގެ ވާހަކަ އަހަން ނުކެރޭތީ ކޮންމެ ދުވަހަކުވެސް އޭނާ، ޒަމީރު އެ ސުވާލު ހައިޝަމްއާ ކުރަން ދެން މަޑުކުރެއެވެ. ޙަޔާއާ މެދު އެފަދަ ޝައުޤުވެރިކަމެއް އުފެދެންވީ ސަބަބެއް ވިސްނާ ވިސްނާވެސް ޒައުލްއަކަށް ނޭގުނެވެ. މިހާރު އޭނާއަށް އެ ހިތުގެ ހާލު ފަހުމްވުމަކީވެސް ނާދިރުކަމަކަށް ވެއްޖެއެވެ. ޙަޔާ އަކީ އަމްދުން އޭނާ ގަޔާވާން ޖެހޭ ޒާތުގެ ކުއްޖެއް ވެސް ނޫނެވެ. އެފަދަ އެއްވެސް ސިފައެއް ޙަޔާގެ ނެތެވެ. ފޮރުވިގެން ހުރި އަންހެން ކުއްޖަކާ މެދު އެހާވަރަށް އެ ވިސްނެނީ ކީއްވެހެއްޔެވެ؟ ޒައުލްގެ ހިތުގައި އެފަދަ އެތަކެއް ސުވާލެއް އުފެދިފައި ވެއެވެ. ޙަޔާގެ ނިޔަނެތިކަން އެ ހިތާ ހަމައަށް ވާސިލްވުމުގައި ކާމިޔާބު ވީ ނަމަވެސް އެކަން ޤަބޫލު ކުރަން ޒައުލްގެ ޒަމީރު ދިޔައީ ދެކޮޅޮ ހަދަމުންނެވެ.

މުޅި ހަށިގަނޑު ފޮރުވައިގެން އުޅޭ ކުއްޖަކު އޭނާއަށް ކަމުދިޔުން އެއްކިބާ ކޮށްފައި އެ ކުއްޖާއާ މެދު ޝައުޤުވެރިކަމެއް ވެސް ކުޑަމިނުން އުފެދިގެންނުވާނެއެވެ. އަންހެނެއްގެ ރީތިކަން ހާމަވާ ކަމަކީ އޭނާ އަޅާ ހެދުމާއި، ހަށިގަނޑުގެ ވަނާތައް ފާޅުކުރުންކަން ޒައުލް އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތްކުރީ އެހެން ދިމާލަކަށް އެ ހިތް ދީލާލައިގެން ދާން ފެށި އިޙްސާސް އެއް ކުރެވުމުންނެވެ. ޒައުލް ސިހުނީ ހަޔާގެ އަޑާއެކުގައެވެ.

"ﷲ އެއްވެސް އިންސާނަކަށް ނުއުފުއްލެވޭވަރުގެ ބުރައެއް ނުޖައްސަވާނެ." ހަޔާ ޖަވާބު ދިނީ މާޔޫސްވެފައިވާ ޙާލު ޒަމީރު ބުނެލި ވާހަކައަކަށެވެ. އެ ޖުމްލައާއެކު އަނެއްކާވެސް އިތުރަށް ވިސްނައިލުން ޒައުލްއަށް މަޖުބޫރުކުރުވިއެވެ. ކުރިން ދުވަހު ޙަޔާ ދެއްކި ވާހަކަތައްވެސް އެ ހިނދު ސިކުނޑީގައި ގުގުމައިލިއެވެ.

އެ ދުވަހުގެ ބައްދަލުވުމުގައި އޭނާއަ ހަޔާއާ ދެމެދު ވާހަކަތަކެއް ނުދެކެވުނު ނަމަވެސް، އެ ކުއްޖާއާ މެދު ހިތުގައި އުފެދުނު ޝައުޤުވެރިކަން ދެގުނަވިއެވެ. އެ ޙާލުގައިވެސް އެ ހިތްވަރު އެ ހޯދަނީ ކިހިނަކުން ބާއޭ އޭނާގެ ހިތަށް އެރިއެވެ. ޙަޔާމެން ދިޔުމުންވެސް ޒައުލްއަށް އޭނާގެ ސިކުނޑީގެ ތެރެއިން ޙަޔާގެ ޚިޔާލުތައް ނެރެ އެއްލައެއް ނުލެ ވުނެވެ. އެއަށްވުރެ އޭނާގެ ހިތުގެ ޙާލަތު ބޮޑެވެ.

ޒައުލް އޭނާގެ އުޅުމަށް ބަދަލުތަކެއް ގެންނަން އުޒުރުވެރިވީ ނަމަވެސް، ހިތުގެ ނުތަނަވަސްކަމަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. އެހެނެއްކަމަކު، އޭނާގެ ހިތުގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ.

*****

އެގޮތުގައި ހަފްތާއެއް ފާއިތުވެގެން ދިޔައިރު، ޒަމީރު ގެއަށް ދޫކޮށްލައިފިއެވެ. ޗުއްޓީއަކަށްފަހު އޮފީހަށް ނުކުންނަން ފެށިއެވެ.

ބަޔަކާ އެކު އޮތް ބައްދަލުވުމެއް ނިންމާލާފައި އައިސް އޮފީހަށް ވަތް ޒައުލް އޭނާގެ ކެބިންއަށް ދިޔުމުގެ ބަދަލުގައި ހައިޝަމް އިންނަ ކެބިންއަށް ވަދެލިއެވެ. އެ ކެބިންގައި ޖުމްލަ ދެ ކިއުބިކަލް ހުންނަ އިރު ހައިޝަމްއާއެކު އިތުުރު މެނޭޖަރެއް އެތަނުގައި މަސައްކަތްކުރެއެވެ. ޒައުލް ފޯނު ނަގާފައި ހައިޝަމްއަށް ގުޅައިލިއެވެ.

"ހައިޝަމް. ކޮބާ؟" ޒައުލް ސުވާލު ކޮށްލިއެވެ.

"މިވަގުތު ކުޑަކަމަކު ބޭރުގައި." ހައިޝަމް ބުނެލިއެވެ.

"ކޮބާ ކުރެހުން؟" ޒައުލް ހިތްހަމަ ނުޖެހުނެވެ. އެކަން އެނގުމާއެކު ހައިޝަމް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"މޭޒުމަތީ އޮންނާނެ. ޙަޔާ ގޮވައިގެން ކުއްލިއަކަށް ޑޮކްޓަރަށް ދާން ޖެހުނީ. ސޮރީ ސާރ." ހައިޝަމް އެހެން ބުނުމާއެކު ޒައުލްގެ ރުޅިގަނޑު ފިލީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ.

"އޯކޭ. ނިމުނީމަ އާދޭ. " ޒައުލް ބުންޏެވެ. "މީ ލަސްވިޔަސްވެސް އޯކޭ……"

ޝުކުރު އަދާކޮށްފައި ހައިޝަމް ފޯނު ބޭއްވުމުން ޒައުލް މޭޒާ ކައިރިވެލާފައި ބަލައިލިއިރު، އެބުނާ ކުރެހުމެއް އެތަނުގައި އޮތެވެ. އޭނާ އެނަގައިގެން އެނބުރި ލިވަގުތު، މޭޒުމަތިގައި ހުރި އެއްޗެހިތަކެއްގައި އަތުން ޖެހި އެ އެއްޗެހިތައް ވެއްޓިއެއްޖެއެވެ. އެ އެއްޗެހިތައް ނަގަން ތިރިވެލި ޒައުލްގެ ހަރަކާތްތައް މަޑުޖެހުނީ ފެނުނު ފިޔާތޮށި ކުލައިގެ ނޯޓު ފޮތުގެ ސަބަބުންނެވެ. އޭގައި އަރަބިން ޙަޔާ އޭ ޖަހާފައި އޮތްތަން ފެނި، އޭނާއަށް އެ ނަގައި ބަލައިލެވުނެވެ. އަރަބި ކިޔަން ނުފަރިތަޔަސް އެއީ ޙަޔާކަން ޒައުލްއަށް ޔަޤީން ކުރެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު