ނަޖީބުގެ އަޑާއެކު އަފްނާން ފޯނުގައި ހިފިއެވެ. އެއަށް ބަލައިލުމާއެކު، ކަންފަތުގައި ޖެހުނު އަޑާއެކު، އޭނާގެ މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލިހެންނެވެ.
އަފްނާންގެ ފައި ދަށުން ހީވީ ބިންގަނޑު ދެމިގެންދިޔަ ހެންނެވެ. އިސްޖަހާލެވުނު ގޮތަށް އިސް އުފުލައިލަން ވެސް ނޭނގިފައި އޭނާއަށް ހުރެވުނުއިރު، ލަދުވެތިކަމާއި ހިތާމައިގެ ސާލެއް އޭނާގެ މުޅި ހަށިގަނޑުގައި އޮޅާލާފައި ވާފަދައެވެ.
"އަހަރެމެންނަށް ކުރެވުނު ކުށަކީ އަފްނާން ބޭނުންވާގޮތަށް ހުރިހާކަމެއް ކުރުމުގެ އިޚްތިޔާރު ދިނުންތަ؟" ނަޖީބުގެ އަޑު ބާވެލިއެވެ. ވާނުވާ ނޭނގިފައި ހުރި އަޒްލަފް ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި އަފްނާންގެ އަތުން ފޯނު އަތުލިއެވެ. އެއަށްފަހު އެ ވީޑިއޯ ބަލައިލިއެވެ. ބުނާނެ އެއްޗެއް ނޭނގި އަފްނާންއަށް ބަލައިލެވުނީ ހުރިހާކަމެއް އެނގި ސާފުވުމުންނެވެ. މައުވާއާއި އޭނާގެ މަންމަ އަފްނާން ދެކެ އަންނަ ރުޅި އަކީ އޭނާއަށް ހައްޤުއެއްޗެއްކަމުގައި އަޒްލަފްއަށް ޤަބޫލުކުރެވުނެވެ. އަފްނާން އަމިއްލަ ނަފްސު އެހާ ވަރަށް ކުށްވެރިކުރާ ކުށުގެ ބޮޑުކަން އެނގި އަޒްލަފްއަށް ދެފަރާތަށް ބޯ ހޫރާލުމާއެކު ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"ތީތަ އަފްނާންއަށް އަހަރެމެން ދިން ތަރުބިއްޔަތަކީ؟ އަންހެނުންނަށް އިޚްތިރާމްކުރަން ދަހެއް ނުކޮށްދެވޭތަ؟ ނިކަމެތި އަންހެން ކުއްޖެއްގެ އިޙްސާސްތަކާ ކުޅުނުއިރު ހަމަ އެކައްޗެއްވެސް ހިތަކަށް ނާރާތަ؟ އެވެސް އެ ކުއްޖާގެ އެއްވެސް ކުށެއް ނެތި." ކިތަންމެ ރުޅި އައި ނަމަވެސް އަފްނާންގެ ގަޔަށް އަތް އިސްނުކޮށްވޭތޯ ނަޖީބު މަސައްކަތްކުރިއެވެ.
"އަފްނާންއަށް އެނގޭތަ؟ މިއަދު ފުރަތަމަ ފަހަރަށް މީހަކަށް އިސްއުފުލާ ބަލާލަން ނުކެރޭ ވަރަށް ބައްޕަ ލަދުގަނެއްޖެ. ދުވަހަކު ހުވަފެނުންވެސް ނުދެކޭހާ ދަށު ދަރަޖައަށޭ އަފްނާން ތި ވެެއްޓުނީ..." އިސްޖަހާލައިގެން ހުރި އަފްނާންނާ ނަޒަރު ވަކިކޮށްލުމެއްނެތި ނަޖީބު ވާހަކަ ދައްކަމުން ދިޔައެވެ. "މުޅި ސޯޝަލް މީޑިއާގައި ތި ވައިރަލްވީ ނަމަ ދެން ކީކުރާނީ؟ އަަހަރެމެން އެންމެން ބަދުނާމު ވީސް..."
"މަންމަގެ ދަރިއެއް ތިހާ ރަހުމުކުޑަ ވެދާނެޔޭ ހިޔެއް ނުކުރަން." އެހުރިހާ އިރު އެއްޗެއް ނުބުނެ ހުރި ރިސާމާވެސް ވާހަކަ ދެއްކިއެވެ.
"އެހާ އިހާނެތިކޮށް ކަންތައް ކުރިއިރު، އެއްފަހަރުވެސް ވިސްނާނުލަންތަ ތިމާގެ މަންމައަކީ ވެސް އަންހެނެކޭ.... އަފްނާން ތި ކަންތައް ކުރީ ވަރަށް ގޯސްކޮށް. ޝީ ވިލް ބީ ޓްރޮމަޓައިޒްޑް ފޮރ ދި ރެސްޓް އޮފް ހާރ ލައިފް. ކިހިނެއް އެހެން މީހަކަށް އިތުބާރުކުރާނީ؟ ކިހިނެއް އެހެން މީހަކަށް ފުރުސަތު ދޭނީ.؟" ވިސްނި ވަރަކަށް ނަޖީބުގެ ރުޅިގަނޑު ދިޔައީ އިތުރުވަމުންނެވެ. "އަފްނާން. އަހަރެން އެބަ ވާހަކަ ދައްކަމޭ..."
އެވަރަށް އެއްޗެހި ކީ އިރުވެސް، އެންމެ ފަހަރަކު ވެސް އަފްނާން އިސް އުފުލާ ބަލައެއް ނުލިއެވެ. ލަދުވެތިކަމުގެ ފޭރާމަކުން މުޅި ހަށިގަނޑު ނިވާކޮށްލައިފައިވާ ހާލު މިއަދު އެއިން އެކަކާވެސް ކުރިމަތިލުމުގެ ޤާބިލްކަމެއް އޭނާގެ ނެތެވެ. ބިންފަޅާފައި އަޑިއަށް ދާނެ ނަމަ ވެސް މާ ރަނގަޅެވެ. އޭނާގެ ސަބަބުން މަންމައަށް ކޮށްފައިވާ އަސަރާއި، ބައްޕަ ލަދުގަނެފައިވާ މިންވަރު އަންދާޒާކޮށްލެވުމާއެކު، މޭގައި ތޫނު ރިހުމެއް އުފެދުނެވެ. މަންމައާއި ބައްޕަ ދިން ތަރުބިއްޔަތުގައި ކޮޅުފައިން ޖެހިއްޖެކަމުގެ އިިޙްސާސްއާއެކު، މީހާގެ ނަފްސަށް ބުނެދޭން ނޭނގޭ އުނދަގުލެއް ވެރިވިއެވެ. މައިންބަފައިން އޭނާއަށް ކުރި އިތުބާރު އެވަނީ ގެއްލިފައެވެ. އެމީހުން އެވަނީ އޭނާގެ އެ އަމަލުގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ބޭޒާރުވެފައެވެ.
"ސޮރީ.." އަފްނާންގެ ދުލުގައި ހީވަނީ ބަރު އެެއްޗެއް އައްސާފަައިވާހެންނެވެ. ދުލުން ބުނެލަން ފަސޭހަ ލަފުޒަކަށް ވިޔަސް، އެ ލަފުޒު އެ ދުލުން ބުނެލުން ވެގެން ދިޔައީ އުނދަގޫކަމަކަށެވެ.
"ކޮންމެ ކަމެއް ކޮށްފަވެސް ސޮރީއޭ ބުނީމަ ވީތަ؟" ނަޖީބު ބުންޏެވެ.
"އެގޮތަށް ކަންތައް ކޮށްފަ އެ ކުއްޖާއާ ބައްދަލުކުރަން ހޮސްޕިޓަލަށް ވެސް ދިޔައިމެއްނު... އަފްނާން ބޭނުންވެގެންނެއްނު އެ ކުއްޖާ ދޫކޮށްލީ. ދެން ކީއްކުރަން ދިޔައީ؟" ނަޖީބަށް އެކަން އެނގުނީ ޖައުފަރުގެ ފަރާތުންނެވެ. އެއާއެކު ރިސާމާ ވެސް ހަައިރާންވިއެވެ. އެއީ އޭނާއާ ހުރިހާ ވާހަކައެއް ހިއްސާކުރި އިރު ނަޖީބު ނުބުނާ ވާހަކައަކަށް ވާތީއެވެ. ބައްޕައަށް ނޭނގޭ އެއްކަމެެއް ވެސް ނެތްކަން އަޒްލަފްއަށް ޔަޤީންވިއިރު އަފްނާން އޭނާގެ ދެލޯ ފުހެލެވުނެވެ.
"ލުކް އެޓް މީ، އެން އާންސަރ މީ." ނަޖީބުގެ ބާރު އަޑު ގުގުމައިލިއެވެ.
އަފްނާން އިސް އުފުއްލައިލާ ފުރަތަމަ ފަހަރަށް ނަޖީބަށް ބަލައިލިއެވެ.
އަފްނާންގެ ލޮލުން ފެނުނު އަސަރުތަކުން އެހިތަށް ލިބިފައިވާ ތަކުލީފުތައް ނަޖީބުގެ ތަޖުރިބާކާރު ސިކުނޑިއަށް ފަހުމްވިއެވެ. ދަރިފުޅު ކުރީ ކުށެއް ނަމަވެސް، އަދި އެކަމާ ކިތަންމެ ރުޅި އައިސް ހުރި ނަމަވެސް އެ އަސަރުތަކުން އޭނާއަށް ވެސް އުނދަގޫވިއެވެ. އެހެންނަމަވެސް ކުރެވުނު ކުށުގެ އިޙްސާސް އަފްނާންއަށް ކޮށްދޭން ޖެހެއެވެ. އެއީ ކިހާވަރެއްގެ ކަމެއްކަމާއި އަފްނާންގެ ސަބަބުން ނިކަމެތި މައުސޫމް އަންހެން ކުއްޖެއްގެ ދިރިއުޅުން ހަލާކުވިކަން އަންގައިދޭން އެބަ ޖެހެއެވެ.
އަފްނާން އިތުރަށް އެއްޗެއް ނުބުނުމުން އަޒްލަފް އަތުގައި އޮތް ފޯނު ހިފައިގެން، ނަޖީބުވެސް އެތަނުން ހިނގައިގަތެެ. އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހުމުން ރިސާމާވެސް އަފްނާންއަށް ބަލައިލާފައި ދިޔައެވެ. ހުރިފިޔަވަޅުމަތިން ގުޑާލަންވެސް އަފްނާންއަށް ކެރުނީ ދެނެވެ. އޭނާ ގޮސް ސޯފާގައި އިށީނދެ ނިތުގައި އަތް ޖައްސައިލިއެވެ.
"ދޮންބެއަކަށް ނޭނގެ މިވަރުކަމެއްކަމެއް. ކީއްވެގެންތަ އެގޮތަށް ކަންތައްކުރީ؟." އަޒްލަފްއަށް ވެސް ބުނެވުނެވެ.
"އެކަމަށޭ އަހަރެމެން އެންމެންގެ ކައިރިން މާފަށް މި އެދެނީ. އައި އެމް ނޮޓް ޕްރައުޑް އޮފް މައިސެލްފް އޭ. އަމިއްލަ ސޫރައަށް ބަލައިލިޔަސް ލަދުގަނޭ…" އަފްނާންގެ އަޑުގައިވަނީ ހިތް ހަލާކު ވާފަދަ އަސަރުތަކެކެވެ. އިތުރަށް އަޒްލަފްއަށް ވެސް އެއްޗެއް ނުބުނެވުނީ އާއިން ދުވަމުން ދުވަމުން އައުމުންނެވެ. އޭނާގެ ފަހަތުން ނޯކަރު ކުއްޖާވެސް އައެވެ. އޭނާ އާއިން ގެންދަން އުޅުމުން ދިޔަޔަސް އެންމެރަނގަޅޭ އަޒްލަފް ބުނެލިއެވެ.
"ކުޑަބޭ…" އާއިން އަފްނާންގެ ގާތަށް ގޮސް ހުއްޓިފައި ވާހަކަ ދެއްކިއެވެ. "ސޭޑްވެފަތަ؟"
އަފްނާން އާއިންއަށް ބަލާލާފައި ދެފާރަތަށް ބޯ ހޫރާލީ އަނގައިން ބުނާނެ ހިތްވަރުވެސް ނެތް މީހެއް ފަދައަކުންނެވެ. ހިނިތުންވާން މަސައްކަތް ކުރިނަމަވެސް، އޭނާއަށް އެކަމެއްވެސް ނުކުރެވުނެވެ.
"ދަރިފުޅާ. ހިނގާބަލަ ޑެޑީއާއެކު." އަޒްލަފް އާއިން ގޮވައިގެން ދިޔުމުންވެސް އަފްނާން އެތަނުގައި އެތަކެއް އިރަކު އިނެވެ. އެއަށްފަހު އޭނާވެސް ގޮސްވަނީ ކޮޓަރިއަށެވެ. އެ ދިޔަ ގޮތަށް ގޮސް ސޯފާމައްޗަށް ވެއްޓިގަތެވެ. ފައިގެ އެއްބައި ސޯފާއިން ބޭރަށް ވައްޓާލައިގެން އޮތްއިރު އަފްނާންގެ ނަޒަރު ސީދާ ހުއްޓިފައިހުރީ، ސީލިންގަށެވެ. ލޮލުގެ ހިމަކޮޅުން އައި ކަރުނަތައް ފައިބައިގެން ދާން ފެށިނަމަވެސް، އެ ކަރުނަތައް ހުއްޓުވާކަށް މިފަހަރު އަފްނާން މަސައްކަތެއް ނުކުރިއެވެ. ހީވަނީ ހިތުގެ އުދާސްކަން ކަރުނައިގެ ސިފައިގައި ބޭރުކޮށްލަން ބޭނުންވެފައިވާހެންނެވެ. ސިކުނޑީގެ ހާސްކަމުގެ ސަބަބުން ގައިގެ ވަރުވަނީ ދޫވެފައެވެ. ގިލަންވެރިކަމާއި ތަކުލީފުތައް އެހެން މީހަކަށް ތަސައްވަރު ނުކުރެވޭ މިންވަރަށް އޭނާގެ ހިތުގައި އުތުރި އަރަމުން ދިޔައެވެ. އެކަކުވެސް އޭނާގެ ޙާލަށް ވިސްނާނުލަނީ ކީއްވެހެއްޔެވެ؟ އެ ކުށަށް މާފަށް އެދެންވީ ކިތަށް ފަހަރު ހެއްޔެވެ؟ ކުށް ޤަބޫލުކުރުމުން މާފު ނުކުރެވެނީ ކީއްވެހެއްޔެވެ؟ ކުރެވުނު ކުށުގެ ބޮޑުކަމާއެކު މާފަކީ އެހާ ފަސޭހައިން ލިބޭނެ އެއްޗެއް ނޫންކަން އެނގުނު ނަމަވެސް، ހިތުން އެކަމަށް އެދެވެނީއެވެ. ބޭއިޚްތިޔާރުގައެވެ. އެންމެ މީހަކު ނަމަވެސް އޭނާގެ ނަޒަރިއްޔާތުން މަންޒަރު ބަލާލުމަށް އެދެވެނީއެވެ.
އެ ދުވަހުގެ ފަހުން ނަޖީބާ އަފްނާންއާ އޭނާއާ ދެމެދު މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ.
*****
ހަފްތާއެއްހާ ދުވަސް ފާއިތުވެެގެން ދިޔައިރުވެސް އަފްނާންވެސް ބަލަނީ ނަޖީބުގެ ކުރިމައްޗަށް ނާރާ ވޭތޯއެވެ. ގެއިން ބޭރަށް ނުގޮސް އެކަނި މާއެކަނި ގޭގައި ހޭދަކުރަން ބޭނުންވެފައިވާ ޙާލު އަފްނާން ކޮލެޖަކަށް ވެސް ނުދެއެވެ. މުޅި މީހާ ވަށައިގެން އެކަނިވެރިކަން އިޙްސާސްކުރެވެމުން ދިޔައެވެ. ހީވަނީ ދުނިޔެއާ މެދު ފޫހިވެފައިވާހެންނެވެ. ދިރިއުޅުމާ މެދު މާޔޫސްވެފައިވާހެންނެވެ. އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލި މީހާއަށް އެއްވެސް އަލިމަގެއް އަފްނާންއަކަށް ނުފެނުނެވެ. އޭނާގެ ހައްލަކަށްވީ އެކަކުގެ ވެސް ކުރިމައްޗަށް ނާރާ އުޅުމެވެ. ކާން ބޭނުންވާފަހަރަކު ކާންވެސް އޭނާ ނުކުންނަނީ އެންމެން ކައި ނިމުމުންނެވެ. ގިނަވަގުތު، ހޭދަކުރެވެނީ ވިސްނުމާ ފިކުރުކުރުމުގައެވެ. މައުވާގެ ހަނދާންތަކުން ހިތް ޒަޚަމު ކުރުވާ ޙާލުގައި ވެސް އޭނާ ކެތްތެރިވިއެވެ. މައުވާގެ ސޫރަ ދުށުމަށް ނުކިޔަމަންތެރި ހިތުން ޖަދަލު ކުރިއެއްކަމަކު އެހިތަށް ބާރު ފޯރުވަން އަފްނާން މަސައްކަތްކުރިއެވެ.
*****
ރޭގަނޑެކެވެ. ޒާޔާ ހޮސްޕިޓަަލަށް ދިޔައި މައުވާއާ ބައްދަލުކޮށްލުމުގެ ބޭނުމުގައެވެ. އޭނާ އެތެރެއަށް ވަތްއިރު ރާމިޒާ ވެސް އެތަނުގައި އިނެވެ.
"މަންމަ ދޭބަ ގެއަށް ގޮސްލާފަ ތިބުނާ އެއްޗެއް ހިފައިގެން އަންނަން." މައުވާ ރާމިޒާއަށް ބުނެލީ، ގެއަށް ދާ ވާހަކަ ދައްކާފައި އޮތުމުންނެވެ. ހަޤީގަތުގައި މައުވާ ބޭނުންވީ ރާމިޒާ އެތަނުން ފޮނުވާލާށެވެ. އޭނާ ހުރީ ޒާޔާއާ އެކަނި ވާހަކަ ދައްކާލަން ބޭނުންވެފައެވެ. ރާމިޒާ ވެސް އާއެކޭ ބުނެލާފައި ނުކުތުމުން މައުވާ ޒާޔާއަށް ބަލައިލިއެވެ.
ޒާ." އޭނާ ގޮވައިލިއެވެ.
"މައު…. އޯކޭތަ؟" އޭނާގެ ނަމުން ގޮވާލާފައި މައުވާ މަޑުޖެހިލި ގޮތުން، ޒާޔާ ސުވާލުކޮށްލިއެވެ.
"ހޫމް." މައުވާ އަނެއްކާވެސް ހިމޭންވިއެވެ.
"މީ…. އަފޫ… އައި މީން އަފްނާން ފެނުނުތަ؟" އެ ސުވާލު އެކަކާވެސް ނުކުރަންވެގެން މިވީ ދުވަސްތަކުގައި މައުވާ ވަރަށް ކެތްކުރިއެވެ. އެހެންނަމަވެސް، ކެތްތެރިކަން ކޮޅުންލާ އެންމެފަހުން، އެ ސުވާލު އޭނާއަށް ކޮށްލެވުނީއެވެ. އަފްނާން އޭނާގެ ބަހުގެ އިތުބާރު ހިފައްޓައިފިއެވެ. ނުފެންނާތީ ކޮންމެވެސް ވަރަކަށް ދެރަވެސް އޭނާ ވިއެވެ.
"ކިހިނެއްވީ؟ އޭނަ މިހާރު ނާދޭތަ؟" ޒާޔާއަށްވެސް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ. މައުވާ އާއެކޭ ބުނެ ބޯ ޖަހައިލަމުން ކަންތައް ވީ ގޮތް ކިޔައިދިނެވެ. "ދެން ބުނެބަ..."
"ނޭނގެ ކޮލެޖަކަށް ވެސް ނުދޭ…." ޒާޔާ އެހެން ބުނެލާފައި މައުވާއާ ނަޒަރު ވަކިކޮށްލިއެވެ. ކަންތައް ހިނގައި ދިޔަގޮތް ކިޔައިދޭނީ ބާއޭ ނޫނީ ނޫންބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.
"ޒާ… ޕްލީޒް ޓެލްމީ…" މައުވާ އާދޭހުގެ ރާގެއްގައި ބުނެލިއިރު، އަފްނާންއާ ބެހޭގޮތުން އެނގެން އޭނާގެ ހިތް ބޭޤަރާރުވެފައިވާ މިންވަރު ޒާޔާއަށް ހާމަވިއެވެ. "އައި ޑޯންޓް ނޯ. އަފްނާންއަށް މާފުކުރާކަށް ބޭނުމެއް ނުވޭ. އެކަމަކު އެގޮތަށް ނާންނާތީވެސް ފާޑަކަށް ހިތަށް ގޮތެއް ވޭ… ހުރިހާ ފީލިންގްސްތަކެއްވެސް ހުންނަނީ އެކުވެފަ. ޒާ…އަހަރެން ކިހިނެއް ހަދާނީ."
މައުވާގެ އެ ސުވާލަށް ދޭނެ ޖަވާބެއް ޒާޔާއަކަށް ނޭނގުނެވެ. މައުވާގެ ހިތުގައި އަފްނާންއަށްޓަކާ ލޯބިވާކަމާއި އެހިތުން އެހެން މީހަކަށް ޖާގަ ނުދެވޭނެކަން ވެސް އޭނާއަށް ޔަޤީންވިއެވެ.
"ޒާ….ކަމެއް ވެއްޖެ ދޯ." މައުވާ އަނެއްކާވެސް ގޮވައިލިއެވެ. ޒާޔާގެ މޫނުމަތީގެ ކުލަވަރުތަކުން ބޮޑުކަމެއް ހިނގައިިފިކަން މައުވާއަށް ޔަޤީންކުރެވުނެވެ. އެންމެފަހުން ވީ ގޮތް ޒާޔާ މައުވާއަށް ކިޔައިދިނެވެ. މައުވާގެ ހިތަށް ތަދުވި ނަމަވެސް، އެކަން ފާޅުނުކުރަން އޭނާ މަސައްކަތްކުރިއެވެ. އެރޭ ޒާޔާ ދިޔުމުންވެސް އެތަކެއް އިރަކު ވިސްނަން މައުވާއަށް އޮވެވުނެވެ.
*****
އަފްނާންއަށް އައި އެ ބަދަލުތައް ރިސާމާއަށް ވަރަށް ގާތުން ފާހަގަކުރެވުނެވެ. މަޔަކަށްވީތީ އަފްނާން އެގޮތަށް އުޅޭތަން ބަލަން އޭނާގެ ލަގޮނޑިއަކަށް ކެތެއް ނުކުރެވުނެވެ. އަފްނާންގެ މޫނުމަތިން ފެންނަ މާޔޫސްކަމާއި އެ ދެލޮލުން ފެންނަ ހިތްދަތި އަސަރުތަކުން ރިސާމާ އެންމެ ފަހުން ނަޖީބާ ވާހަކަ ދެއްކިއެވެ.
"ނަޖީބު…" ސްޓަޑީގައި އިން ނަޖީބުގެ ގާތަށް ގޮސް ހުއްޓިފައި ރިސާމާ ގޮވައިލިއެވެ.
"ކަމެއްގައިތަ؟" މޭޒުމަތީގައި ހުޅުވާފައި ހުރި ފައިލްތަކަށް ބަލައިލާފައި އެކަނިވެސް ނަޖީބު މަސައްކަތެއް ކުރަނީކަން ރިސާމާއަށް ދެނެގަނެވުނެވެ.
"އާނ. އެއްޗެއް ބަލައިލަން ޖެހިގެން." ނަޖީބު ބުނެލިއެވެ.
"އެހެންވިއްޔާ ފަހުން…" ރިސާމާ އުޅުނީ ދާން ނަމަވެސް، ނަޖީބު އޭނާ ހުއްޓުވިއެވެ.
"ކިހިނެއްވީ؟" އަތުގައި އޮތް ޕްރޮޖެކްޓެއްގެ ފައިލު ލައްޕައިލަމުން ނަޖީބު އަނބިމީހާއާ ސުވާލުކޮށްލިއެވެ. ރިސާމާ އަކީ އޭނާ މަސައްކަތުގައި އިންދާ ދުވަހަކުވެސް އުނދަަގޫކުރާ މީހަކަށް ނުވާތީ އޭނާ ގޮވާނީ ބޮޑުކަމަކުކަން އެނގޭތީ ނަޖީބު އެ ހުރިހާކަމެއް ބަހައްޓާފައި ރިސާމާއަށް ސަމާލުކަން ދިނެވެ. އޭނާ ރިސާމާގެ އަތުގައި ހިފައްޓާލަމުން ޖެހިގެން ހުރި ގޮނޑީގައި ބެއިންދީ އެ މޫނުމަތީން ފެނުނު އަސަރުތަކުންނެވެ.
"ނަޖީބު… އަފޫ ވަރަށް ބަދަލުވެއްޖެ. މިހާރު ކޮލެޖަކަށް ވެސް ނުދޭ." ރިސާމާގެ އަޑުން ފާޅުވަނީ ކަންބޮޑުވުމެވެ. "ދުވާލު ހަތަރު ދަމު އެ އޮންނަނީ ގޭގަ. ކުރެވުނު ކަންތަކާ އޭނަ އެހުންނަނީ ވަރަށް ދެރަވެފަ."
"އެނގޭ ތިކަން. އަފްނާންއާ ވާހަކަ ދައްކަން ބޭނުންވެފަ މި ހުންނަނީވެސް. އެކަމަކުވެސް ނޭނގެ ކީއްވެކަމެއް. އަދި މަޑުކޮށްލައިގެން ހުރެވެނީ." ނަޖީބު ބުނެލިއެވެ.
"އެހެން އުޅެފަ އަނެއްކާ ގޯސް މަގެއް ޚިޔާރުކޮށްފާނެތީ އަހަރެން އެންމެ ޖެހިލުންވަނީ؟ އޭގެ ކުރިން އަހަރެން ބޭނުން އަފްނާންއާ ވާހަކަ ދައްކަން. " ރިސާމާ ބުންޏެވެ.
"ކޮބާ އަފްނާން؟ ކޮޓަރިގަތަ؟" ނަޖީބު ސުވާލުކޮށްލިއެވެ.
"ޓެރެސްގަ. ކޮޓަރި ބަލާފަ މިއައީ. ޔަޤީން މިހާރު އިންނާނީ އެތާކަން." ރިސާމާ ބުނެލިއެވެ.
"ހިނގާ ދާން…" ނަޖީބު ގޮނޑިން ތެދުވެލިއެވެ. އަނބިމީހާގެ ވާހަކަތަކަށް އޭނާ އިޖާބަ ދިނެވެ.
"ދެން މަސައްކަތޯ؟" ރިސާމާ ސުވާލުކޮށްލީ މޭޒުމައްޗަށް އިޝާރާތްކޮށްލަމުންނެވެ.
"މިކަން ދެން ފަހުން ކޮށްލާނީ. ތީވެސް މުހިންމުކަމެއްނު. ރުޅި އައިސްގެން ހުރެގެން އެއްވެސް ކަމެއް ހައްލެއް ނުވާނެއެއްނު. ހިނގާ…" ރިސާމާގެ އަތުގައި ހިފައްޓާލާފައި ނަޖީބު ބުނެލިއެވެ. އޭނާ ބޯ ޖަހާލަމުން ހުރިހާކަމެއްވެސް ރަނގަޅުވާނެޔޭ ބުނެލިއެވެ.
"ނަޖީބު…. އަހަރެން… ވާހަކައެއް ބުނަންތަ؟" ހިނގައިގަނެފައިވެސް ރިސާމާ މަޑުޖެހުނެވެ.
"ކިހިނެއްވީ؟" ރިސާމާގެ މޫނުމަތިން ފެނުނު އަސަރުތައް މާނަކުރަން މަސައްކަތްކުރަމުން ނަޖީބު ވާހަކަ ދެއްކިއެވެ.
(ނުނިމޭ)