"ރަމަޟާން މަސް ދެބައިވީއެވެ. ބާކީއޮތް މަދު ދުވަސްކޮޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އަޒުމް ކަނޑައަޅާށެވެ. ފަހުން ހިތާމަކުރުމަށްވުރެ ރަަގަޅީ ލިބުނު ވަގުތުގެ ބޭނުން އެންމެ ރަގަޅަށް ހިފުމެވެ. ގިނައިން އަޅުކަމުގައި ވަގުތު ހޭދަކޮށް އާޚިރަތުގެ ނަސީބާއި އުފާވެރިކަން ހޯދައިގަންނާށެވެ."
***
މިރިއަމްގެ އިނގިލިތައް ތުރުތުރުލާން ފެށިވަރުން އަތުން ފޯނު ދޫވިއެވެ. އަތަށް ބަަލައިލެވުނުއިރު އޭނައަށް ބީރައްޓެހި އިނގިލިތަކެވެ. ވައިރުލާފައި ހުރިހެން ރޫޖެހިފައިވާ މުސްކުޅި އަތެކެވެ. މިވަނީ ކިހިނެއްހެއްޔެވެ؟ އޭނަ ތަކުރާރުކޮށް އެސްފިޔަ ޖަހަން ފެށުމުން މަޑުމަޑުންގޮސް އޭނަގެ ޒުވާން އަތްތިލަ އަނބުރާ އިއާދަވިއެވެ. ނޫކުލައިން ޕޮލިޝްކޮށްފައިވާ ނިޔަފަތިތަކެވެ.
މުޅިރަށުތެރޭގައި ގުގުމައިލީ އަޒާންގެ އަޑެވެ. އޭނަގެ މަންމަ ވަނީ އަތުގެ ނިޔަފަތިތަކުގައި ކުލަ ޖެއްސުމުން ވުޟޫކަމު ނުދާނެކަމަށާއި ފެން ޖެހުން މަނާކުރާ ހުރަހަކަށް އެވާނެކަމަށް ބުނެފައެވެ. އޭނަ މިހާ މޮޔަކަންތައް ކުރަނީ ކީއްވެހެއްޔެވެ؟ އަވަހަށް ތެދުވެ އޭނަ ނިޔަފަތިތަކުން ކުލަ ފިލުވަންފެށިއެވެ. ނޭގިނަމަވެސް ސާޔާގެ ސަބަބުން އޭނައަށް ބޮޑު ލޮޅުމެއް އަރައިފިއެވެ.
ކުއްލިއަކަށް އޭނަގެ ނަޒަރުގައި އަޅައިގަތީ އަވަށްޓެރިން އެގެއާއި ދިމާލަށް އަންނަތަނެވެ. އެންމެގެ މޫނުމަތިން ފެންނަނީ ހައިރާންކަމާއި ކަންބޮޑުވުމެވެ. ކޮންމެވެސް އަންހެނަކު ބާރަށް ރޮމުން ދިޔައެވެ. ކިހިނެއްވީބާވައެވެ. ކަންފަތަށް އިވެމުން ދިޔަ އަޑުތަކުގައިވަނީ ކަންބޮޑުވުމާއި އަވަސްކަމެވެ. މިރިއަމް ޖޯލި ކައިރީގައި ހުރީ ގަނޑުވެފައިވާ ބުދެއްހެންނެވެ. ހިމޭންކަމުގެ ތެރެއިން އެކެއްގެ ރުއިމުގެ އަޑު އިވުނަސް ވެގެން އުޅޭގޮތެއް ދެނެގަންނަން ސިކުނޑި ނުކުޅެދުނެވެ. ނުތަނަވަސްކަމާއި ކަންބޮޑުވުމުގައި ހުއްޓާ އެކަކު އެގެއާއި ދިމާލަށް އައެވެ. އަވަށްޓެރި އަންހެނެކެވެ. ވަރުބަލިކަން އެކުލެވޭ ދެލޮލެވެ. އޭނަގެ ނޭވާ އަވަސްވެފައިވިއެވެ. އެއްވެސް އިންޒާރަކާއި ނުލާ އޭނަ އިއްވައިލިއެވެ.
"ޔޫނުސް ދުނިޔެއާއި ވަކިވެގެން ހިނގައްޖެ. އޭނަ ގެނބުނީ...."
އެ ލަފުޒުތައް މިރިއަމްގެ ސިކުނޑިއަށް ބިންދައިލީ ރާޅެއްހެންނެވެ. ޔަގީންކަމެއްނެތް އެބަސްތަކުން އޭނަގެ މޭގައި ހިނގާ ނޭވާވެސް ހުއްޓުނެވެ. އޭނައަށް ބަލަން ހުރެވުނީ އެސްފިޔަޖަހައިނުލައެވެ. ހިތްވެސް ވިންދު ޖަހަންފެށީ ކަންފަތުގެ ތެރެއިންނެވެ. އިރުކޮޅަކަށް ދުނިޔެވެސް އެލުވިފައިވާފަދަ އެއްޗެއްހެން ހީވިއެވެ. ފައިދަށުން ބިންގަނޑު ދެމިގަތެވެ.
އަވަށްޓެރިއަކަށް މިރިއަމްއަށް ކުރި އަސަރު އިހުސާސްވެ ކައިރިއަށް އައިއިރު މޫނުމަތިން ފެނުނީ ފިކުރުބޮޑުވުމާއި ހަމްދަރުދީއެވެ.
"ވަރަށް ހިތާމަހުރިކަމެއް ކޮއިފުޅު. އެކަމަކު ހަނދާންކުރަންވާނެ. ﷲއަކީ ރަހުމާންވަންތަ ރަހީމްވަންތަ.. ތި ހިތަށްވެސް ހަމަޖެހުންދެއްވާނެ.." އެއަޑު އޯގާތެރިކަމުން ފުރިގައި މިރިއަމްއަށް ލިބެމުން ދިޔަ ކެކުޅުންތަކަށް ލިބުނު ބާމެއްފަދައެވެ.
މިިރިއަމް ހިންދިރުވައުލީ އޭނަގެ މޭގެތެރެއިން ކުށުގެ ހޫނުކަން ކުޑަކޮށް އިހުސާސްވުމުންނެވެ. އޭނަ ދޮންބައްޕައާއިމެދު އަބަދުވެސް ރުޅިވެރިކަމާއި ނުރުހުންތެރިކަމާއިއެކު މުއާމަލާތުކުރިއެވެ. ރުޅިއާއެކު އުކައިލާ ބަސްތަކާއި ބެހެއްޓި ދުރުކަން އަދި އެފިނިކަންވެސް މެއެވެ. އެކަމަކު މިހާރު އެހުރިހާ ހަނދާންތައް މޭގައި ބުރައަކަށް ވެއްޖެއެވެ. އޭނަ ތަންކޮޅެއް އޯގާތެރިވީނަމައެވެ. އެ ޚިޔާލުތައް އޭނަ އެތެރެއިން ކަމުން ދިޔައެވެ. އެކަމަކު އޭނަ ހުރީ ހިމޭނުންނެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ.
ބޭރުތެރޭގައި އަޑުފަށްގަނޑު ގަދަވަމުން އަޔަސް ގޭތެރެއިން އިވުނީ އެކަނި އަވަށްޓެރިޔާގެ ފިޔަަވަޅުގެ އަޑެވެ.
އޭނަގެ މަންމަގެ މޫނުމަތިން މާބޮޑު ޝުއޫރެއް ނުފެނުނެވެ. އަބަދުގެ އޯގާތެރި މޫނެވެ. އެސްފިޔަތައް ތިރިކޮށްލިއެވެ. އޭނަ މަންމައަށް ބަލަންހުރީ ހިތާމައާއި މޮޅިވެރިކަމުގެ ނިޝާނެއްފެންނާނެކަން ޔަގީންކޮށްގެންނެވެ. މަންމަ އިސްއުފުލައިލިއިރު އެލޮލުން ފެނުނީ ހިމޭންކަމާއި މޮޅިވެރިކަމެވެ.
"إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ" ޖަމީލާގެ އަޑު މަޑުކަމުން ކިރިޔާ އިވުނުކަމެވެ. އެ ދަންނަ އަދި ސީރިޔަސްކަމުން ފުރިގެންވާ ލަފުޒުތަކުން ޔަގީނުންވެސް ހިތްވަރު ލިއްބައިދެއެވެ. ރުއިމާއި ހަޅޭއްލެވުންފަދަ ކަމެއް އެތާގައެއްނެތެވެ. ހިމޭން އަދި ކެތްތެރިކަމުން ފުރިފައިވިއެވެ.
އަވަށްޓެރިއާއަށްވެސް އެ ހިމޭން މޮޅިވެރިކަން އިހުސާސްވެ ޖަމީލާ ގެނެސް ކޮނޑުގައި ޖައްސައިލިއެވެ."ﷲ ކެތްތެރިކަން ދެއްވާށި ޖަމީލާ. ވަރަށް ހިތްވަރުގަދަ. އަހަރެމެން އެންމެން މިތިބީ މިދަނޑިވަޅު ޖަމީލާއާއެކީ...."
ޖަމީލާ ކުޑަކޮށް ޖަހައިލިއެވެ. ކުޑަކޮށް ތުންފަތް ތުރުތުރުލިޔަސް ޝުއޫރުތައް ފޮރުވައިލީ ދާދި އަވަހަށެވެ. ކުރިން ހުރި ކެތްތެރިކަމާއި ހިމޭންކަން އަނބުރާ އައެވެ.
މިރިއަމް ދޮރުމަތީގައި ހުރިއިރު ނަޒަރު ހުރީ އެހެން މީހުންނަށް ހުއްޓިފައެވެ. އެމީހުން ހިތާމަކުރަމުން ދިޔައިރު ތުންތުންމަތިން ދެކެވުނު ވާހަކަތަކުން އެކްސިޑެންޓު ހިނގީ ބޯޓުގެ ކައްޕިގެ ސަބަބުންކަން އެނގުނެވެ. އޭނައަށް އެންމެން ފެނުނީ ދުރުންނެވެ. އެހެން ދުނިޔެއަކުން އެމީހުންނަށް ބަލަން ހުރެވުނުފަދައެވެ. އޭނައަށް މިފަދަ މޮޅިވެރިކަންތައް ގަނޑެއްގެ ތެރެއަށް އަނެއްކާ ނުވަދެވޭނެއެވެ. ދެވަނަފަހަރަށްވެސް މިފަދަ ކަނޑަކަށް ގެނބެންވީ ކީއްވެހެއްޔެވެ؟ އެކަމަކު ވަގުތު ވޭތުވަމުން ދިޔަވަރަކަށް އޭނައަށް އެނގުނީ ފަހަތަށް ނުދެވޭނެކަމެވެ. އޭގެ ސަބަބުން ކުށުގެ އިހުސާސް ކުރިއަށްވުރެ ބޮޑުވިއެވެ. އޭނަގެ ދޮންބައްޕަ އަބަދަށްޓަކައި ވަކިވެގެން ދިޔައީއެވެ. މަންމަ އެކަނިވެރިކޮށްލާފައެވެ. އޭނަ ހިމޭނުން ހުރިއިރު ދޮންބައްޕަ ނެތުމުގެ ފަޅުކަން ވަށައިލިހެން ހީވިއެވެ. އަމިއްލަ އަތްތިލައަށް ބަލައިލެވުނެވެ. ކުލަ ފިލުވަން އުނގުޅަމުންގޮސް ރަތްވެފައިވާ އިނގިލިތަކެވެ. ވަށައިގެން ހިނގަމުންދާ ކަންތައްތަކުގެ ބުރަދަން ނެގޭވަރަށްވުރެ އޭނަ ޅައެވެ. އެކަމާއި ކުރިމަތިލާނެ ގޮތެއް ނޭގުނުއިރު އޭނައަށް އިހުސާސްވީ އޭނަ އެހެން މީހުންގެ ލޯތަކަށް ނިވާވެ ކުޑަވެފައިވާހެންނެވެ.
ތަންކޮޅެއް ދުވަސްވީ އަވަށްޓެރިއެއްކަމަށްވާ ޝީރީން ކައިރިއަށް އައިއިރު އެލޮލުގައިވެސް ވީ ހަމްދަރުރީއެވެ." ﷲއަކީ އެންމެ މޮޅަށް ކަންތައް ތަދުބީރުކުރައްވާ ފަރާތް. އެއްވެސް މީހަކަށް އެފަރާތުގެ ހިކުމަތް ދެނެނުގަނެވޭނެ. ކޮއިފުޅާ...އަހަރެމެން އެންމެނަކީ ދަތުރުވެރިންތަކެއް. އެފަރާތަށް ތަވައްކަލްކޮށް ނިޔާފުޅަށް ރުހެން ޖެހޭނީ..ހަނދާން ކުރަންވާނީ ކޮންމެ ކަމެއްވެސް ހިނގަމުން މިދަނީ އެފަރާތުގެ ރޭއްވެވުމާއި އެއްގޮތަށްކަން..." އެވާހަކަތައް ދެއްކީ ހިތްހަމަޖައްސައިދޭން ކަމުގައިވިޔަސް އެކަމަށްވުރެ އޭނައަށް އިހުސާސްވީ އޭނަގެ ވާޖިބެވެ. އޭނަ ކުޑަކޮށް ހީލިޔަސް ލޮލާއި ހަމަޔަށް އެ ހިނިތުންވުމެއް ނުފޯރިއެވެ. ބުނާނެ އެއްޗެއް ނޭގުނަސް ހަގީގަތް ގަބޫލުކުރެވުނެވެ.
"ވަރަށް ރަގަޅު ހިތެއް ލިބިފައިވާ ކުއްޖެއް. މިރިއަމް. ހިތާމައިގެ ސަބަބުން އެކަން ބަދަލުވިޔަނުދީ..އަހަރެމެންގެ ހިތާމައާއި މޮޅިވެރިކަމަށްވުރެ ﷲ ތައާލާގެ ރަހުމަތް ބޮޑު..ހަނދާން ކުރައްޗޭ..."
ކޮޓަރިތެރޭގައި އިވެނީ މަޑުމަޑުން ވާހަކަދައްކާ އަޑާއި ދުޢާގެ އަޑެވެ. ޖަމީލާ ގާތުގައި އެއްބަޔަކު އިށީދެލިއެވެ. އެކުޑަ ރަށުގެ އެންމެންގެ މެދުގައި އޮންނަ އުޅުމާއި އެއްބައިވަންތަކަމާއެކުގައިވެސް އޭނައަށް އިހުސާސްވީ ވޭތުވަމުންދާ ކޮންމެ ހިނދުކޮޅެއްފައި އޭނައާއި އެމީހުންނާއި ދޭތެރޭގައި އޮތް ގުޅުން ދުރުވަމުން ދިޔަހެންނެވެ. އެންމެވެސް އައީ އޭނަގެ މަންމައަށްޓަކައެވެ. މަންމަ ގާތަށެވެ. އޭނަ މިހުރީ އޭނަގެ ޚިޔާލުތަކާއެކު އެކަނިވެރިވެފައެވެ. ކުށާއިއެކު އެކަނިވެފައެވެ. އޭނައާއި އޭނަގެ ދިރިއުޅުމާއި ދޭތެރޭގައިވި ޖާގައިގާ ވި ފުން ހިމޭންކަން އޭނައަށް އެއްގޮތަކަށްވެސް ދޭހަނުވާ ހާލުގަައި އެކަނިއެވެ.
އެންމެފަހުން އޭނައާއި މަންމަގެ ލޯ ބައްދަލުވިއެވެ. މަންމަ އޭނަގެ ގާތުގައިވާ މީހުންނާއި ވަކިވެގެން އޭނައާއި ދިމާލަށް މިސްރާބުޖެހިއެވެ. އިތުރު ވާހަކަދެއްކުމެއްނެތި މަންމަ އޭނަ ގެނެސްމޭގައި ޖެއްސިއެވެ. މަންމަގެ ބީހުމުގައި އޯގާތެރިކަމާއެކު ބާރެއްވިއެވެ. ތޫފާންތަކާއި ކުރިމަތިލާފައިވި ނަމަވެސް ލޯބިވާ މީހުންނަށް އެކަންތައްތަކުގެ ތެރެއިންވެސް ލޯބިވާން ދަސްކޮށްފައިވާ މީހެއްހެނެވެ. އެތައް އަހަރެއްވާންދެން އާއިލާގެ ބުރަދަން އުފުލާފައިވާ މަންމަގެ އަތްތިލަވެސް އޭނަގެ ބުރަކަށީގައި ޖައްސައި ގަޔާއި ކައިރިކޮށްލިއިރު އަތުގެ ބާރުވެސް އިހުސާސްވިއެވެ.
މަންމަގެ ހެދުމުގައިވާ ޖޭޒްމިންގެ ސެންޓްވަހާއިއެކު ކެމޮމިލްގެ ލުއިވަސް އެކުވެ ނޭފަތުގައި ހަރުލިއެވެ. އެއްވެސް ސެންޓްފުޅިއެއްގައި ނުދުވާނެވަހެކެވެ. ދުވަހަކުވެސް އެ ވަސް މިރިއަމްއަށް ހަނދާން ނައްތައެއް ނުލެވޭނެއެވެ. މަންމަގެ އެ ބައްދައިލުމަކީ ހިމާޔަތެއްފަދައެވެ. ދުނިޔޭގެ ކޮންމެ ފަދަ ބޮޑު ހާދިސާއެއް ހިނގިޔަސް މަންމަގެ ލޯބ ގުޑައިނުލާނެކަމުގެ ހިމޭން ވައުދެކެވެ. އެއްވަރަކަށް އަދި ބާރަށް އިވެމުން ދިޔަ މަންމަގެ ހިތުގެ ވިންދުގެ އަޑުން އޭނަގެ ހަލަބޮލި ސިކުނޑިއަށް ލިބުނު ފިނިކަމަކަށްވިއެވެ.
ވަގުތުވެސް ދިގުދެމި ލަސްވެގެން ދިޔަފަދަ ހިނދުކޮޅެކެވެ. ޖަމީލާވެސް މިރިއަމްގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދެއްނުކުރެއެވެ. އޭނަ ދަރިފުޅަށް މަންމައެއްގެ ފަރާތުންް ދޭނެ ހިތްވަރާއި ހިމާޔަތްދިނީއެވެ. އެވަގުތު ދުވަސްވެ ބަލިކަށިވެފައިވާ މަންމަގެ އަތަކީ އޭނައަށް ދުނިޔެއިން ފެނުނު އެންމެ އަމާންތަންކަމުގައި ފެނުނެވެ.އެއީ ތޫފާނެއްގެ ތެރެއިން ރައްކާތެރިކަން ހޯދާ ހިޔާވައްސެއްކަން އަދި މިރިއަމްއަށް ނޭގެނީއެވެ. ކުއްލިއަކަށް އޭނައަށް އެނގުނީ މަންމަގެ އަތަށް ކުޑަ ދުލެއް އައިކަމެވެ .މަންމަ އަބަދުވެސް ބޭރުފުށުން ދައްކަމުން ދިޔަ ހިތްވަރާއި ގަދަކަން ކުޑަކޮށް ގޮސް ކަރުތެރެއިން ގިސްުލުމެއްގެ އަޑުއިވުނެވެ. އެއާއެކު މަންމަގެ ކޮނޑުވެސް ކޮންމެވެސް ވަރަަކަށް ރޫ އަޅަންފެށިއެވެ. އެންމެފަހުން މަންމަގެ ކެތްތެރިކަން ކޮޅުންލައިގެން ގޮސް ހިތާމައާއި މޮޅިވެރިކަން ފުރަތަމަ ފަހަރަށް ދައްކުވައިދިނީއެވެ. މަންމަގެ ކަރުނަތައް ހިމޭނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އޭނަގެ ކޮނޑު ތެމެމުން ދިޔައެވެ. މަންމަގެ ކަރުނަތައް އޭނަގެ ހެދުން ތެންމަމުން ދިޔައިރު މަންމަ ހިތްހަމަޖައްސައިދިނުމުގެ ބަދަލުގައި ކޮންމެވެސް އެހެން އެއްޗެއް އެތެރެހަށީގައި ހިރިލިއެވެ. އޭނަ އެހާވަރުނ ް އަމިއްލަ ޖަޒުބާތުގެ ވަށައިގެން ބިނާކުރި ފާރުގައި ރެނދުލާން ފެށިއެވެ. މަޑުގިސްލުމަކާއެކު އޭނައަށްވެސް ނަފުސް ކޮންޓްރޯލް ކުރެވޭނެ ގޮތެއްނުވިއެވެ. ކުށާއި ހައިރާންކަމާއި ހިތާމަ އެކުވެގެންގޮސް ކެތްނުވާވަރުވިއެވެ. ފުރިހަމަޔަށްް ލޯބިދޭން އޭނައަށް ނޭގުނު ފަރާތެއްގެ ވަކިވުމާއެކު އޭނަގެ މަންމަވެސް އެހާ ހިތާމަކުރާކަން އެނގުމުންނެވެ. މަންމަގެ ދެވަނަ ހިތާމައެވެ. އޭނައަށް ހުއްޓުމުގެ ކުރިން ހޫނު ކަރުނަތައް އޮހިގަތެވެ. އޭނަ އަވަހަށް މަންމަގެ އަތް ދުރުކޮށްލީ ލައްކިއެއް ޖަހާފައެވެ. ފަހަތަށް ނުވެއްޓުނީވެސް ކިރިޔާއެވެ. މަންމަ އޭނައާއިދިމާލަށް އަތް ދިއްކޮށްލިޔަސް އަނބުރާލާފައި ވިދުވަރެއްހެން އޭނަ ދުއްވައިގަތީ ދޮރާއި ދިމާލަށެވެ. ހުއްޓޭވަރަށްވުރެ ބާރަށެވެ. ގެއިން ނުކުމެގެން ދުއްވައިގަތީ ހިމޭނުން އެމަންޒަރު ދެކެން ތިބި އަވަށްޓެރިންވެސް ފަހަނަޅާފައެވެ. ފިނި ހަވީރުގެ ފަޒާތެރެއަށެވެ. އޭރު އޭނަގެ މޭ އިންތިހާއަށް ބާރަށް ތެޅެމުން ދިޔައެވެ. ކިތަންމެ ހިމޭނަސް އޭނައަށް ހަމަޖެހުމެއް ނުލިބުނެވެ. އެތައް ބުރަދަނެއް އުފުލާލައިގެން ހުރުމުން ވާނީ ކިހިނެއްހެއްޔެވެ؟ އެތެރޭގައި ކެކިއަރަމުންން ދިޔަ ޖަޒުބާތުތަކަށް ފިލަން އޭނަ ދުރަށް ދުވަމުން ދިޔައެވެ. ދާންވީ ތަނެއް ކުރާންވީ ކަމެއް ނޭގި ހުރެއެވެ.
އޭނަ ގޯޅިން ލަނބައިލި ވަގުތު ބައިސްކަލެއްގައި ޖެހި މަގުމައްޗަށް ގުޅައަކަށް ޖެހުނެވެ.
"އޯ.....ދާތަނެއް ބަލައިގެން އުދުހުނަސް އެންމެ ރަގަޅޭ...." ދެމީހުން މުޑި އެރުމާއެކުު ޒުބޭރުވެސް ބައިސްކަލާއެކު ފަހަތަށް ވިއްސައިގެން ގޮސް ބިންމަތީގައި ޖެހިފައި އޮތެވެ. ކަރުނައިން ބަރާވެފައިވާ ލޮލުން ފުސްކޮށް ފެންނާތީ ޒުބޭރުކަން އެނގެން ހިނދުކޮޅެއް ނެގިއެވެ. އޭނަ ހެދުމުން ވެލި ފޮޅާލަމުން ތެދުވުނުއިރުވެސް ނޭވާ ހަމަޔަކަށް ނޭޅެއެވެ. އޭރު ޒުބޭރުވެސް ބިންމަތިން ތެދުވުނުގޮތަށް ފުރަތަމަ ހައިރާންކަމުގެ ނަޒަރެކެވެ. އެއާއެކު މިިރިއަމްގެ ލޮލުން ހިފެހެއްޓުމެއްނެތި އޮހެމުން ދިޔަ ކަރުނަތަކުން އޭނަ ނުތަނަވަސްވެ ޖެއްސުމުގެ ހިނިތުންވުން ތުންފަތުން ފިލައިގެން ދިޔައެވެ.
"ކިހިނެއްވެފައި ތިހިރީ؟" ޒުބޭރުގެ އަޑަށް މަޑުމައިތިރިކަމެއް އައެވެ. އެކަމަކުވެސް އޭނަގެ ލާނެތްކަމުގެ ކުޑަ މިންވަރެއް ފައުޅުވާން ހުއްޓެވެ." ތިހާވަރަށް ރޮނީ ކީއްވެތަ؟ ޔޫ ލުކް ސިލީ......"
އޭނަ ޖަވާބެއްނުދީ ލޮލުގައިވާ ކަރުނަތައް ފޮހުނުހެން އިތުރުވީއެވެ. އޭނަ އެމީހެއްގެ ކައިރީ އެންމެ ބަލިކަށިކަން ދައްކަން ބޭނުންނުވާ މީހަކީ ޒުބޭރުއެވެ. ޒުބޭރު ބުމަ ހިއްލާލިގޮތަށް އާއްމުކޮށް އެލޮލުން ނުފެންނަ ކަންބޮޑުވުމުގެ ކުލަ މޫނުން ފައުޅުވިއެވެ."ހޭއި. ނުރޮއި... ތިހެން ރުއީމަ ނުވެސް ގުޅޭ... އެނގެއެއްނު. މަގު މެދުގައި.....އެ އިމާމް އަނެއްކާ ރިޖެކްޓްކުރީތަ ނޫނީ.........."
ޒުބޭރުގެ އަޑު މަޑުވެގެން ދިޔައީ އެހީތެރިވާނެގޮތެއް އޭނައަށްވެސް ޔަގީންނުވެފައެވެ. ރަކިވުންފަދަ ހުރިހާ ޖަޒުބާތުތައް ހިފަހައްޓައިގެން ހުއްޓާ ވުޖޫދަށް އައެވެ. ޒުބޭރު ބައިސްކަލް ބިންމަތިން ނަގަނިކޮށް އޭނަ ފައިން އެތިފަހަރެއް ބޭލިއެވެ. ދަގަނޑުތައް ތެޅިގަތް އަޑު ހިމޭންކަން ނަގައިލިއެވެ. އެއާއެކު ސިހުނު ވަރުން އަނެއްކާ ޒުބޭރު ޖެހުނީ ބިންމަތީގައެވެ. އެންމެ ހިނދުކޮޅަކަށްވެސް މަޑުކޮށްލުމެއް ނެތި އޭނަ ދުރަށް ދުއްވައިގަތީއެވެ. މިފަހަރު ސާޔާގެ ގައިގާ އަޅައިނުގަތީ ހަމަ ކިރިޔާއެވެ.
"މިރިއަމް...ހަމަ ތިގެއަށް ދަނިކޮށް މި ދިމާވީ.."ސާޔާގެ އަޑުގައިވީ އޯގާތެރިކަމެވެ. ހަމްދަރުދީއާއި ކުލުނުން ފުރިފައެވެ.
"މިރިއަމް.ހިނގާ ގެއަށް ދަމާ. މަންމަ ކަންބޮޑުވާނެ...."
އޭނަ ސާޔާއަށް ބަލައިލިއިރުވެސް ކަރުނަ ހިފެހެއްޓުމެއްނެތެވެ. ހާސްވެފައި މުޅިކުއްޖާ ރޫރޫ އަޅަމުން ދިޔައެވެ.
"ހަދަންވީ ގޮތެއް....ވެސް ނޭގޭ..."މިރިއަމްގެ އަޑު ކެނޑޭގޮތްވިއެވެ.
ސާޔާ ވާހަކަދައްކަން ފެށީ ވަގުތުކޮޅެއްގެ ހިމޭން ކަމަކަށްފަހުގައެވެ." އިޓްސް އޯކޭ ނޭގުނަސް..... މަގު ނުސާފުވިޔަސް ﷲ ތައާލާ މަގުދައްކަވާނެ...."
އޭނަގެ ސިކުނޑީގައި ރޭހެއް ޖެހިފަދައެވެ. ކުށާއި ހިތާމައިގެ އިހުސާސްތަކުގެ ބުރަދަން އުފުލަން ކުޅަދާނައެއްނޫނެވެ. ގެއްލިގެން ދިޔުމުމުގެ ހިތާމައާއެކު "އެހެން ހެދުނު ނަމަ" އިހުސާސް ބޮލުން އެއްލައެއްނުލެވުނެވެ.
"ދޮންބައްޕައަށް އެހާ މީންކޮށް ކަންތައް ނުކުރެވުނުނަމަ....."މިރިއަމް ސުވާލުކުރިއެވެ." ދޮންބައްޕައާއެކު ދިިރިއުޅެން ދަސްކުރެވުނުނަމަ...ފަހަރެއްގައި..ފަހަރެއްގައި ދޮންބައްޕަ އަދިވެސް އަހަރެމެންނާއެކު ވާނެ....އެ ބޯޓުގައި ދިރިއުޅެންނުދާނެ ކަން ނޭގޭ މިގޭގައި އުޅޭތީ އެވަރަށް މައްސަލަ ނުޖެއްސިނަމަ...."
ސާޔާ ހިމޭންކަމާއެކު މިރިއަމްގެ ހިތުގެ އުދާސްތައް އަޑުއަހަމުން ދިޔައެވެ.
"މަންމަ އަލުން ކައިވެނި ނުކުރިނަމަ....އޭރުން މަންމަ ދެވަނަފަހަރަށް މިހިތާމަ ކުރާކަށް ނުޖެހުނީސް.."
ސާޔާ ފުން ނޭވާއެއް ދޫކޮށްލާފައި އޭނައާއި ދިމާލަށް އެއް ފިޔަވަޅު އެޅިއެވެ. ކޮންމެ ލަފުޒެއްގައިވީ އޭނަގެ ވިސްނުންތެރިކަމެވެ."މިރިއަމް.....ތަގުދީރުގައި ލިޔުއްވާފައިވާ ކަމެއް ބަދަލެއް ނުކުރެވޭނެ... 'އެހެން ވިނަމަ' އަކުން ކުރާނެކަމެއްނެތް. އިތުރަށް ހިތުގެ ހަމަޖެހުން ގެއްލޭނީ..ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވި...އަހަރެން މިހެން ކަންތައް ކުރިނަމައޭ ނުބުނާށެވެ. އޭގެ ބަދަލުގައި ﷲ އިރާދަކުރެއްވީއޭ ހީ ޑަޒް އޭޒް ހީ ވިލްސް އޭ ބުނާށެވެ."
އޭނަ ބޯ ހަލުވައިލީ ރަގަޅަށް އޭގެ މާނަތައްވެސް ނަގައިނުގަނެވިގެންނެވެ." އެކަމަކު އެކަމާއިމެދު ވިސްނުން ހުއްޓޭގޮތެއްނުވި....އެހެން ހެދުނުނަމަ.....ރަގަޅުވާނެއޭ....ހުރިހާކަމެއް ތަފާތުކޮށް ވިނަމަ............"
ސާޔާ އޭނަގެ ކޮނޑުގައި އަތް ބޭއްވިއެވެ. އެ ކުދި ހަރަކާތަކީވެސް ލިބުނު ކުޑަ ހިތްވަރަކަށް ވިއެވެ."އަހަރެމެންނަށް ވީ ކަމެއް ބަދަލެއް ނުކުރެވޭނެ...ދެން އޮތީ ކުރިއަށް ދާނެ ގޮތެއް ހޯދުން.. މިއަދު ކުރާނެކަމަކަށް ފޯކަސް ކުރުން. މިންވަރުފުޅާއިމެދު ރުހިގެން. އަހަރެމެންނަށް ނުފެނުނަސްް ނޭގުނަސް އެންމެ ރަގަޅުގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް...."
ވަށައިގެންވާހާ ހުރިހާ އެއްޗެއް ހިމޭންވިފަދައެވެ. ސާޔާގެ ލަފުޒުތައް ނަގައިގަންނަން މުޅި ދުނިޔެވެސް މަސައްކަތްކުރާފަދައިންނެވެ. ސާޔާގެ އެ ސާދާ އިޚުލާސްތެރި ބަސްތައް މަޑު ރަޖާއެއްފަދައިން އޭނަގެ ނަފުސްގައި އޮޅައިލެވުނެވެ.
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހުން ތިރިއަށް ދާންފެށީ ރަށުތެރެއަށް ދިގު ހިޔަނިތައް އަޅުވަމުންނެވެ. ދުރުން އިވޭ މީހުންގެ އަޑުތަކާއި ރާޅުތައް މުގުރާ އަޑާއި އެދެކުދިންގެ ފިޔަވަޅުގެ އަޑުވެސް ލާމެހެމުން ދިޔައެވެ. ދޮންބައްޕަ މަރުވުމުގެ ހިޔަނި އެޅި މިރިއަމްގެ ހިތަށް ހީނުކުރާފަދަ އަސަރުކޮށް ސިކުނޑިއަށް ބަނަކަމެއް ވެރިވެފައިވިއެވެ.ތަންކޮޅެއް ދުރު މަގަކުން ލާފައި ގެއާއި ދިމާލަށް މިސްރާބުޖެހިއިރު މިރިއަމްގެ ލޮލުގައި އަޅައިގަތީ ރުކެއްގެ ކައިރިން ފެނުނު ކުޑަ ހަރަކާތެކެވެ.
އޭނ ރަގަޅަށްަ ބަލައިލިއިރު ފެނުނީ ދިގު ކަޅު ޝަޚުސެކެވެ. ފުރަތަމަ ހީކުރެވުނީ އިންސާނެއްކަމަށެވެ. ފަހަރެއްގައި މަސްވެރިއަކަށްވެސް ވެދާނެއެވެ. އެކަމަކު އެއްވެސް ހަރަކާތެއްވެސް ނެތެވެ.
"ސާޔާ. އެހެރަ މީހާ ފެނޭތަ؟"އޭނަ ވައި އަަޑަކުން އަހައިލީ ފިޔަވަޅުތައް ހުރިތަނަށް ހުއްޓެމުންނެވެ. ނޭވާވެސް ތާށިވީފަދައެވެ. އެހިޔަނި ހުރީ ހަރަކާތެއް ނެތިފައެވެ. ކައިރިގައި ހުރި ރުއްގާ ދިގު ހިޔަންޏެއް އެޅިފައިވަނީ އިރުގެ ސަބަބުންނެވެ. އޭނަ ލޯ ހަނިކޮށްލާފައި އެ ޝަޚުސް ދެނެގަންނަން މަސައްކަތްކުރިއެވެ.
ވަރަށް ބޮޑު ގޯހެއް އެބަ އުޅެއެވެ.
ނުނިމޭ