ކާރަށް އަރާ އިށީނުމަށްފަހު، ޒައުލްއަށް ބަލައިލަމުން، ޒަމީރު ބުނެލިއެވެ. އެކަމުންވެސް ޒައުލްގެ ހިތަށް އަސަރެއް ކުރޭތޯއެވެ.
ޒައުލްގެ މޫނު މައްޗަށް ކޮންމެވެސް ކަހަލަ އަސަރުތަކެއް ވެރިވިނަމަވެސް، އޭނާ އެކަން ވަންހަނާކުރަމުން ދިޔަކަން ޒަމީރަށް އެނގުނެވެ.
ބައްޕައާ އެކު ސަހަރާއަށް ދިޔުމަށްފަހު ޒައުލް އުޅުނީ ބޭރުގައި މަޑުކޮށްލާށެވެ. އެހެންނަމަވެސް، ޒަމީރު އެކަމަށް ހުރަސް އެޅިއެވެ.
"ދަރިފުޅާ. އެންމެން އެތެރެއަށް ވަންނައިރު، ދުރުގަ ހުންނާކަށް ނުވާނެއެއްނު. މީހުން ހީކުރާނީ ކީކޭ؟" މަޑުމައިތިރިކަމާއެކު ޒަމީރު ބުނެލިއެވެ. އޭނާ ބޭނުންވީ ޒައުލް އޭނާއާ އެކު ގެންދާށެވެ. އެހެންކަމުން، އޭނާ އެފަދަ ވާހަކަތައް ދައްކާ އެންމެފަހުން ޒައުލް އެއްބަސްކުރުވިއެވެ. ޒައުލްވެސް ވަށައިގެންވީ މާހައުލަށް ބަލައިލުމާއެކު، އެއީ ތެދެއްކަން އިޙްސާސްކުރެވި، ޒަމީރާއެކު އެ ދިމާލަށް ހިނގައިގަތެވެ. ސަހަރާ ތެރޭގަޔާއި ބޭރުގައިވެސް ފުދޭވަރަކަށް މީހުން ގިނައެވެ.
މޫނު ބެލުމަށްޓަކައި މައްތިޔާ ބާއްވާފައި އޮތް ތަނަށް އާދެވުމާއެކު، ޒައުލްގެ ހިތުގެ ތެޅުމަށް ބަދަލެއް އައެވެ. އެހިތް ބާރުބާރަށް ތެޅެން ފެށީ ކިއްވެގެންކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. އެފަދަ ގޮތަކަށް އޭނާގެ ކުރިމަތީގައި މީހަކު އޮއްވާ އޭނާއަށް އެންމެފަހުން ފެނުނީ މީގެ ތިން މަސް ކުރިންނެވެ. އެއީ ސާރާއެވެ. އެ ދުވަހުގެ މަންޒަރުތައް ލޯ މައްޗަށް ކުލަވާން ފެށި ޒައުލް ފުންނޭވާއެއް ދޫކޮށްލިއެވެ.
ބައްޕައާއެކު މަޑުމަޑުން ގޮސް، މައްޔިތާގެ މޫނު ބަލައިލުމަށްފަހު ޒައުލް އެތަނުން ދުރަށް ޖެހިލިއެވެ. ޒަމީރުވެސް އޭނާގެ އެހެން އެކުވެރިޔެއްގެ ކައިރީގައި މަޑުކޮށްލަމުން އެމީހާގެ ކޮނޑުގައި ޖަހައިލީ ހިތްވަރު ދިނުމުގެ ގޮތުންނެވެ.
"މީ އަހަރެންގެ ދަރިފުޅު." ޒަމީރު ޒައުލް ތަޢާރަފްކޮށްލަދިނެވެ. އެއާއެކު ޒަމީރުގެ އެކުވެރިޔާ ޒައުލްއަށް ސަލާމް ގޮވައިލިއެވެ. އާދައިގެ މަތީން ޒައުލް ސަލާމުގެ ޖަވާބެއް ނުދެއެވެ. އެހެންނަމަވެސް ސަލާމަށް ދިއްކޮށްލި އަތުގައި ހިފައިލިއެވެ. މީގެ ކުރިންވެސް ކައްތައް ކުރާ ގޮތަށް ލުއި ހިނިތުންވުމެއް ވެސް އޭނާ ހަދިޔާކޮށްލިއެވެ.
މަޢްރިބު ނަމާދަށް ގޮވުމުން، ޒަމީރާއި، އޭނާގެ އެކުވެރިޔާ އާ ދެމީހުން، ވުޟޫކުރުމަށްޓަކައި ފެންއިސްކުރު ބަރިތަކާ ދިމާލަށް ހިނގައިގަތެވެ. ޒައުލްއަށްވެސް އެ ދެމީހުންނާއެކު ދާން މަޖުބޫރުވީ ޒައުލްގެ ބައްޕަގެ އެކުވެރިޔާ އޭނާގާތުު އައުމަށް ބުނުމުންނެވެ. ވަށައިގެންވީ މާހައުލަށް ބަލައިލުމާއެކު އިތުރު ގޮތެއް ނެތް ފަދައަކުން ޒައުލް ދިޔައެވެ.
ވުޟޫކުރަމުން ޒައުލް މަޑުޖެހުނީ ބައްޕަމެން އެތަނުން ދޭތޯ އެވެ. ނަމާދަށް މިސްކިތަށް ނާރާވޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް، އެ ދެމީހުން ތިބީ އޭނާގެ ފަހަތުގައި ވިއްދާފައެވެ. ޒައުލް ގޮވައިގެން ގޮސް އެންމެފަހުން މިސްކިތަށް ވެސް ވަދެއްޖެއެވެ. ޒަމީރުގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވަނީ ވެރިވެފައެވެ.
ބައްޕައާއި އެކުވެރިޔާ ސުންނަތް ކުރަން ފެށުމުން އެތަން ބަލަން ޒައުލްއަށް ހުރެވުނެވެ. އެއަށްފަހު މިސްކިތް ތެރެއަށް ބަލައިލަމުން އޭނާ ވެސް ނަމާދުކުރަން ފެށިއެވެ. ނަމާދުގައި ކިޔާ ގިނަ އެއްޗެހި އޭނާގެ ހަނދާނަކު ނެތެވެ. ޤުރުއާނުންވެސް ހަނދާންހުރީ އެންމެ ދެތިން ސޫރަތެވެ. އެކަމާ ޒައުލް އެ ވަގުތަކު ދެރައެއް ނުވިއެވެ. އޭނާއަށް އެއީ މުހިންމުކަމަކަށް ނުވާތީ ކަންނޭނގެއެވެ. އެހެންނަމަވެސް، އޭނާއަށް ވެސް އެނގޭކަން ދައްކަންވެގެން، ތުން ތަޅުވަ ތަޅުވާފައި ނަމާދުގެ ހަރަކާތްތައް ކުރިއެވެ. އެގޮތަށް އަމަލުކުރި އިރު ހިތުގައި ނޭނގޭ ހުސްކަމެއް ވިކަން އޭނާއަށް އިޙްސާސްވިއެވެ.
ސުންނަތްކޮށް ނިމިގެން މަޣްރިބު ނަމާދުކުރަން ފެށުމާއެކު އިވެން ފެށި ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން އޭނާއަށް ވީ ގޮތް ބުނެދޭކަށް ނޭނގުނެވެ. ޤުރުއާނުގެ އާޔަތެއް އެފަދަ ގޮތަކަށް އަޑު ނާހާތާ ވީ ޒަމާނެއްވެސް ނޭނގެއެވެ. ކިޔަވަމުން ދިޔަ އާޔަތްތަކެއްގެ މާނަ ނޭނގުނު ނަމަވެސް، އެ އަޑު އިވުމުން އެކަނިވެސް ހިތަށް އަސަރުކުރިއެވެ. ކީއްވެގެކަންކަމެއް ޚުދު ޒައުލްއަކަށްވެސް ނޭނގެއެވެ. އެ އަޑު އަހަން އިތުރަށް އޭނާ ބޭނުންވާން ވެސް ފެށިއެވެ.
މަޣްރިބް ނަމާދަށްފަހު، ކަށުނަމާދުކޮށް މައްތިޔާ ވަޅުލެވުނެވެ. އަދި އެއަށްފަހު މިސްކިތުގައި ދީނީ ދަރުސްއެއް އޮތެވެ. ބައްޕަ އޭނާގެ ގާތުގައި މަޑުކުރަން އެދުނު ނަމަވެސް، ޒައުލް މުހިންމުކަމެއް އޮތްކަމަށް ބުނެ ނުކުތީ ނިމުމުން ގުޅާލަން ބުނެފައެވެ. އޭރު ހިތުގައި ނޭނގޭ ނުތަނަވަސްކަމަކާއި ބިރުވެރިކަމެއް ވެއެވެ. އެ ޖެހިލުންވުމާއި ނުތަނަވަސްކަން ޒައުލް މާނަކުރީ އެހެން ގޮތަކަށެވެ. މިސްކިތަކީ ހިތް ނުތަވަސްކުރުވާ ތަނެއްގެ ގޮތުގައި އޭނާއަށް ހީވާން ފެށިއެވެ. އެހާ އަވަހަށް އެތަނުން ނުކުންނަން ބޭނުންވީވެސް އެ ސަބަބާ ހުރެއެވެ. އެހެންނަމަވެސް، އޭރު ޒައުލްއަށް ނޭނގުނު ކަމަކީ އެހިތް ނުތަވަސްވެފައިވީ ހެއްދެވިފަރާތާ ދުރުވެފައިވާ މިންވަރު ޚުދު އޭނާގެ ހިތަށްވެސް އިޙްސާސްކުރެވުމުން ކަމެވެ. ހައްޤުގެ، މަގަށް ރުޖޫޢަވެ ހަމަޖެހުމެއް އެ ހިތަށް ބޭނުންވެފައިވާކަމުގައެވެ.
ނުކުމެ ނުކުމެ ހުއްޓާ ދަރުހުގެ ތަންކޮޅެއް އޭނާއަށް އަޑު އިވުނީ ސްޕީކަރުގެ އަޑު ހުރީ ތަންކޮޅެއް ބާރަށް ކަމަށް ވާތީއެވެ.
ކީރިތި ޤުރުއާނުގެ ރަޢުދު ސޫރަތުގެ 28 ވަނަ އާޔަތް ކިޔައިލުމަށްފަހު އެ އާޔަތުގެ މާނަ ކިޔައިދިން ވަގުތު ޒައުލްގެ މެއަށް ފިނިވެލިއެވެ. ހިތްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުން ކަމަށް ބުނެލި ވަގުތު މުޅި މީހާ ފިނިވެސް ވިއެވެ. ހީވީ އެ ހިތުގެ ޙާލު އެނގިގެން ބުނެލިހެންނެވެ. ދަރުސް ދެމުން ދިޔަ މީހާ އިތުރަށް ކަންތައްތައް ތަފްސީލްކޮށްލަދޭން ފެށުމުން، ޒައުލްބޭނުންވީ އެތަނުން ވީ އެންމެ އަވަހަކަށް ދާށެވެ. އަވަސް އަވަސްކޮށްލައިގެން، މިސްކިތުން ނުކުމެގެން ގޮސް ކާރަށް އެރިއިރު، އޭނާގެ ހިތުގައިވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. މީހާގެ ހިތުގެ ތެޅުންވެސް ވަނީ ބާރުވެފައެވެެ.
ގޮނޑީގައި ލެނގިލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާއަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އެ އާޔަތުން އެހާ ބޮޑު އަސަރެއް އޭނާއަށް ކުރަންވީ ކީއްވެހެއްޔެވެ؟ އޭނާގެ ނުތަނަވަސްކަމާއި ހާސްކަމުގެ ސަބަބަކީ، މިސްކިތަށް ދިޔުމެއް ނޫން ހެއްޔެވެ؟ އޭނާ އަކީ އެއް އިރެއްގައިވެސް މީހަކު ދައްކާ ވާހަކައަކަށް އެހާ ސަމާލުކަން ދިން މީހެއް ނޫނެވެ. އެހެންނަމަވެސް، މިއަދު ތަފާތެވެ. ސިކުނޑީގެ އެއްފަރާތުގައި، ޙަޔާ ދެއްކި ވާހަކަތައް ގުގުމަމުން ދިޔައިރު ދެންމެ އިވުނު ވާހަކަތަށްވެސް ހީވަނީ ކަންފަތުގައި ގުގުމާހެންނެވެ.
ހުންގާނުގައި ޒައުލް ބޯ އަޅައިލިއެވެ. އިރުކޮޅަކު އެގޮތުގައި އޭނާއަށް އޮވެވުނެވެ. އެއިން އެއްވެސް ކަމާކާ ވިސްނަން ބޭނުން ނުވި ނަމަވެސް، އޭނާއަށް ވިސްނެނީއެވެ. އެ އާޔަތުންނާއި، ހަޔާ ދެއްކި ވާހަކަތަކުން ފުން އަސަރުތަކެއް ކޮށްފައިވާ ހިތް ހަމައަކަށް އަޅުވާނެ ގޮތެއް ޒައުލްއަކަށް ނޭނގުނެވެ.
*****
އެ ދުވަހުގެ ފަހުން ޒައުލްގެ ހިތުގެ ހަމަޖެހުން އެކީ ގެއްލުނެވެ. އެކަނިވެއްޖެނަމަ ހުރެވެނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައެވެ. އެކުވެރިން ދައްކާފައިވާ ވާހަކަތަކުގެ ތެދު ދޮގު އަމިއްލައަށް ބެލުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދުނު ނަމަވެސް، އެކަން ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ އަކީ އެހާ ފަސޭހައިން ކަންތައްތަކަށް ހެއްލޭ މީހެއްގެ ލަޤަބު ލިބެން ބޭނުން ނުވާތީއެވެ. އެހުރިހާކަމަކާ ވީ އެންމެ ދުރަށް ދިޔުމަށް ޒައުލް މަސައްކަތް ފެށިއެވެ. އޮފީހުގެ ކަންތައްތައް ބަދަލުކުރުމަށްޓަކައި މަސައްކަތް ފެށިނަމަވެސް، ބައްޕަ ޒަމީރުގެ ސަބަބުން އޭނާއަށް އެކަން ކުރަން އުނދަގޫވިއެވެ. އޭނާ ބޭނުން ގޮތަކަށް ކުންފުނި ހިންގުމުގެ ހުއްދަ ދިން ނަމަވެސް، ދީނާ ދުރު އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ޒަމީރު ނުދިނެވެ.
*****
އެއީވެސް އާދައިގެ ދުވަހެކެވެ. ޒައުލް އޭނާގެ ލެޕްޓޮޕް ހުޅުވާލައިގެން މަސައްކަތެއްގައި އިންދާ ހައިޝަމް އައިސް ވަނެވެ. އޭރު އޭނާގެ އަތުގައި އޮތް ފައިލުގައި މުހިންމު ލިޔުންތަކެއް ހުއްޓެވެ.
"ސާރ." ހައިޝަމް ވާހަކަ ދައްކަން ހުއްދައަށް އެދުމުން ޒައުލް ލެޕްޓޮޕުން ނަޒަރު ވަކިކޮށްލަމުން ހައިޝަމްއަށް ބަލައިލިއެވެ. އޭނާ ގޮނޑިއަށް އިޝާރާތްކޮށްލީ އިށީންނާށޭ ބުނުމުގެ ގޮތުންނެވެ. ހައިޝަމް އިށީނުމުން، ޒައުލް ވާހަކަ ކުރިއަށް ގެންދިޔުމަށްޓަކައި އިޝާރާތްކޮށްލިއެވެ. އަދި ހައިޝަމްއަށް އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓައިލި އެވެެ.
"ސާރ. މީ ކުރީގައި އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެއްގެ ލިޔުންތަކެއް." ޒައުލް އޭނާގެ ޕްލޭނާ ނުރުހޭނެކަން ހައިޝަމްއަށް ހީވަނީ ކީއްވެގެންކަމެއް ނޭނގެއެވެ. ދުރުދުރުން ވާހަކަ ފަށައިގެން ކުރިއަށް ގެންދިޔަ ސަބަބަކީވެސް އެއީއެވެ. ހައިޝަމް އެ ފައިލް ޒައުލްއަށް ދިއްކޮށްލުމުން ޒައުލް އޭގައި ހިފާފައި ބަލައިލިއެވެ. އޭނާ އޭގައި ހުރި ލިޔުންތަކާއި ކުރެހުންތައް ބަލަމުން ދިޔައެވެ.
"މީ… މީ މިސްކިތްތަކެއްގެ ކުރެހުންތަކެއްނު." ޒައުލް ބުންޏެވެ.
"ޔެސް ސާރ. މީ ކުރީގައި އަޅުގަނޑުމެން ނެގި ޕްރޮޖެކްޓެއް. މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ހަތް ރަށެއްގައި ވާނީ މިސްކިތްތަކެއް ބިނާކޮށްފަ. މިސްކިތުގެ ޑިޒައިނާއި، ކުރެހުންތައްވެސް އެއީ މިތަނުގައި މަސައްކަތްކުރާ ދެ ކުއްޖަކު ހިލޭ ކޮށްދިން މަސައްކަތެއް. ބިޑު ހުށައަޅައިގެން އަޅުގަނޑުމެންނަށް އޭރު މިޕްރޮޖެކްޓް ލިބުނީ.." ހައިޝަމް ބުނެލިއެވެ.
"ދެން.. މިހާރު ކިިހިނެއްވެގެން މި އެއްޗެހި ހިފައިގެން ތިއައީ؟" ހައިޝަމް ބުނަން އުޅެނީ ކީކޭކަން ނޭނގި، ޒައުލްއަށް ސުވާލުކޮށްލެވުނެވެ. އޭނާ ސުވާލުގެ ނަޒަރަކުން ހައިޝަމްއަށް ބަލައިލަން އިނދެފައި ފުންނޭވާއެއް ދޫކޮށްލިއެވެ.
"އަނެއްކާވެސް މިކަހަލަ އެހެން ޕްރޮޖެކްޓަކަށް ބިޑު ހުށައަޅަން ހުޅުވާލާފަ އެބައޮތް. އަޅުގަނޑަށް ފެންނަނީ މިފަހަރުގެ ޕްރޮޖެކްޓް އަޅުގަނޑުމެން ނަގަން. " ހައިޝަމް އޭނާ އައި ބޭނުން ޒައުލްއަށް ހާމަކޮށްލިއެވެ. "މިފަހަރު ދިހަ ރަށެއްގައި މިސްކިތްތައް އަޅަން ވަނީ ހުުޅުވާލާފަ. އެއީ އަޅުގަނޑުމެން އަމިއްލަ ތަކެތީގައި."
"ދެން؟" ޒައުލްއަށް ބުނެވުނެވެ. "މީގެން އަހަރެމެންނަށް ވާނީ ކޮން ފައިދާއެއް؟ މީގެ ކުރިންވެސް ވީ ފައިދާއެއް ނެތް. ދެން ކީއްކުރަން؟" އަތުގައި އޮތް ފައިލަށް އިޝާރާތްކޮށްލާފައި ޒައުލް ބުނެލިއެވެ.
"މާ ބޮޑު ފައިދާއެއް ނުވިއެއްކަމަކު، ގެއްލުމެއް ވެސް ނުވެއެއް ނޫންތޯ ސާރ. ރިޒުޤު ދެއްވަނީ މާތް ﷲ. އެކަލާނގެ މަގުގައި ފައިސާ ހޭދަކުރުމުން މުދަލުގައި ބަރަކާތް ލައްވާ އިތުރަށްވެސް ދެއްވާނެ. އަޅުގަނޑުމެން އެކަންތައް ކުރީ ހެޔޮ ނިޔަތުގައި. ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި….. ސާރ! މިހާރުވެސް އޭރުގެ ފައިނޭންޝަލް ރިޕޯޓްތައް ބަލާ. އަމިއްލަ ތަކެތީގައި ހުރިހާކަމެއް ކުރިނަމަވެސް، ކުންފުންނަށް އެންމެ ރުފިޔާއެއްވެސް ގެއްލުމެއް ނުލިބޭ. އެހެން ނޫނަސް މިފަދަ ކަމެއް ކުރެވޭހާ ވަރަށް ފައިސާ ވެސް އެބަ ހުރި ނޫންތޯ؟ " ހައިޝަމް ބުނެލިއެވެ. "މިސްކިތެއް ބިނާކުރުމަކީ ކިހާ މާތް އަމަލެއްކަން ސާރއަށް އެނގިނުލައްވާތޯ؟"
ޒައުލްއަށް ވިސްނައިދިނުމުގެ ގޮތުން، ހައިޝަމް ވާހަކަ ދެއްކިއެވެ. އެހެންނަމަވެސް އެއީ ފަސޭހަކަމަކަށް ނުވިއެވެ. އޭނާ ދެއްކި ވާހަކަތަކާ މެދު ވިސްނާ ޚިޔާލެއް ޒައުލް ނުކުރިއެވެ.
"އިހަށް މި ބަހައްޓާފަ އަހަރެން ދައްކާ ވާހަކަ އަޑު އަހާލަބަލަ." ޒައުލް އެދުނެވެ. "ތިއަށްވުރެ މާ ފައިދާ ލިބޭ ކަމެއް ފެށުމުގެ ޚިޔާލު އަހަރެން އެބަ ގެންގުޅެން."
"އެއީ ކޮންކަމެއްތޯ؟" ކުޑަ ހައިރާންކަމަކާއެކު ހައިޝަމްއަށް ސުވާލުކޮށްލެވުނެވެ. އެއަށްވުރެ ފައިދާ ލިބޭނެކަމަކީ ކޮބައި ހެއްޔެވެ؟
"މިއަށް ބަލައިލަބަލަ." ވަތްގަނޑު ހުޅުވާލާފައި ނެގި ފައިލެއް ހައިޝަމްއަށް ދިއްކޮށްލަމުން ޒައުލް ބުނެލިއެވެ. ހައިރާންކަމާއެކު ޒައުލްއަށް ބަލައިލުމުން ޒައުލް އެދުނީ އޭގައި ލިޔެފައިވާ އެއްޗެއް ކިޔައިލުމަށެވެ. ހައިޝަމް ނިކަން ފަރުވާތެރިވެ އިނދެ އޭގައި ލިޔެފައިވާ އެއްޗެއް ކިޔަން ފެށިއެވެ. އެ ކިޔަމުން ދިޔަ ވަރަކަށް އޭނާގެ ދެބުމަ ގާތްވަމުން ދިޔައެވެ. ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ. ޒައުލްއަށް ބަލައިލެވުނުއިރު، އެމޫނުމަތިން ހަމަ ރަނގަޅަށްވެސް ނުރުހުންތެރިކަން ފެނިގެން ދިޔައެވެ.
"މިއީތަ ސާރ ތިބުނާ ރަނގަޅު މަސައްކަތަކީ؟" ހައިޝަމްއަށް އެހެން އަހައިލެވުނީވެސް ތަންކޮޅެއް ބާރަށެވެ. ކުރިމަތީގައި އިނީ ވެރިމީހާއަށް ވީނަމަވެސް، ޖަޒުބާތުގައި ޖެހުނު ވަރުން ބާރަށް ބުނެވުނީއެވެ.
"އާނ. އަހަންނަށް ހަމަ ޔަޤީން މިއިން ގެއްލުމެއް ނުވާނެކަން. އަނެއްކޮޅުން، އެތައް ގުނައެއް ބޮޑުކޮށް ފައިދާ ލިބޭނެ." ޒައުލް ބުނެލިއެވެ.
"ކޮންމެ ކަމެއްވެސް އަހަރެމެން ކުރަން ޖެހޭނީ ދުނިޔަވީ ފައިދާއަށް ވުރެ އާޚިރަތުގައި ވާނެ ފައިދާއަކަށް ވިސްނާފައި." ހައިޝަމް ބުނެލިއެވެ.
(ނުނިމޭ)