ރެއާލަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި ވަޔެކާނޯ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި އެންމެ ފަގުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ރެއާލް ވަޔެކާނޯ ބައްދަލުކުރި މެޗު ރެއާލް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާއާއި ޕޮއިންޓްގެ ގޮތުން އަރާ ހަމަކޮށްފިއެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-1 އިންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވަޔެނާކޯއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގައިފާވަނީ ރެއާލް އިންނެވެ. މި ލަނޑު މެޗުގެ 30ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭއެވެ.

އަދި މިލަނޑު ޖެހިތާ ހަތަރު މިނެޓް ފަހުން ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލްގެ ލީޑު ފުޅާކޮށްފައެވެ. މި މެޗުގައި ވަޔެކާނޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދީފައިވަނީ ޕެޑްރޯ ޑިއާޒްއެވެ. މި މެޗުގައި ރެއާލްގެ މެދުތެރެއަށް ކުޅެމުންދާ ޖޫޑް ބެލިންހަމަށް އަނިޔާވެގެންވަނީ ދެވަނަ ހާފުގައި ބާލާފައެވެ.

މި ކާމިޔާބީއާއެކު ރެއާލް މިހާރު ވަނީ 57 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި އުޅޭ ބާސާއާއި ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ.

ނަމަވެސް ބާސާ އެއް މެޗު މަދުން ކުޅެފައިވާއިރު ފައިދާ ގޯލަށް ބަލާއިރު ބާސާ އުޅެނީ ކުރީގައެވެ. މި ހަފްތާގައި ބާސާއާއި އޮސަސޫނާ ބައްދަލުކުރުމަށް ހަމަޖެހިފާވި މެޗުވަނީ ބާސާގެ ފުރަތަމަ ޓީމުގެ ޑޮކްޓާ ކާލްސް މިނާރޯ ގާސިއާ މަރުވުމާއި ގުޅިގެން ފަސް ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު