"ޑްރައިވަރު މިއަދު ނާދެ. " ޒައުލް އެހެން ބުނެލާފައި އޭނާ ޒަމީރު ގެންގޮސްލަދީފާނެކަމުގައި ބުނެލިއެވެ. ޒަމީރު ބޯ ޖަހައިލުމުން ޒައުލް އަވަސްވެގަތީ ޒަމީރާއެކު ދިޔުމަށެވެ.
ހޮސްޕިޓަލާ ހިސާބަށް ދެވުމުން، ޒަމީރު ކާރުން ފޭބިއެވެ. ޒައުލްވެސް ކާރު ޕާކުކޮށްލާފައި ޒަމީރާއެކު ދިޔައެވެ. ބަލި މީހުން ބައިތިއްބާފައި ތިބޭ ވޯރޑުތަކާ ދިމާލަށް ހިނގައިގަންނަމުން، ޒަމީރު ހައިޝަމްއަށް ގުޅައިލިއެވެ.
"ސާރ. މިހާރު އައީތޯ؟" ހައިޝަމް އެ ސުވާލުކޮށްލުމުން ޒަމީރު އޭނާ އަންނަ ވާހަކަ ކުރިން ހައިޝަމްގެ ގާތުގައި ބުނެފައިވާކަން ދޭހަވެއެވެ.
"ކޮންތާކު ޙަޔާ އޮތީ؟ ވޯރޑްގަތަ؟" ޒަމީރު ސުވާލުކޮށްލިއެވެ.
"ނޫން. ރޫމެއްގައި." އެހެން ބުނެލުމަށްފަހު ފަހު، ހައިޝަމް ޙަޔާ އޮތް ރޫމު ނަންބަރު ބުނެލުމުން ޒަމީރު އެ ދިމާލަށް ދާން މިސްރާބުޖެހިއިރު އޭނާގެ ފަހަތުން ޒައުލް ވެސް ދިޔައެވެ. ޖީބަށް އަތް ޖަހާލައިގެން ހުރެ ހިނގަމުން ދިޔަ ޒައުލް ލާފައިހުރީ އަތްދިގު ޓީޝާޓެއްކަމުން އޭނާގެ އަތުގެ މުލައްދަނޑީގައި ކުރަހާފައި ވާ ޓެޓޫ ވަނީ ފަރުދާވެފައެވެ. އިސްކޮޅުން ދިގު ޒައުލްއަކީ ޖާނުން ވަރުގަދަ ޒުވާނެކެވެ. ގަދަ މުށިކުލައިގެ ކަޅިން ފެންނަނީ، ފުންކަމާއި ތޫނު ކަމެކެވެ. ބަލައިލާ ކޮންމެ ދިމާލަކުންވެސް އަންހެން ކުދިންގެ ނަޒަރުތައް އޭނާއަށް ހުއްޓެމުން ދިޔަކަން ޒައުލްއަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް މިއަދު އޭނާއަށް އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވުނެވެ. ހިތާ ސިކުނޑީގައިވަނީ އެންމެ ކަމެކެވެ. ހަމައެކަނި ޙަޔާއެވެ. ޒަމީރާއެކު އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު ޒައުލްގެ ހިތުގެ ތެޅުންވެސް ބާރުވަމުން ދިޔައެވެ.
ޙަޔާ ބާއްވާފައި އޮތް ކޮޓަރިއާ ހިސާބަށް އާދެވުނުއިރު، ދޮރުކައިރީގައި ހައިޝަމް ހުއްޓެވެ.
"އައްސަލާމު ޢަލައިކުމް ސާރ…" ހައިޝަމް ސަލާމަށް އަތްދިއްކޮށްލުމުން، ޒަމީރު އެ އަތުގައި ހިފަމުން ސަލާމް ބަލައިގަތެވެ.
"ޙަޔާ؟" އޭނާ ސުވާލުކޮށްލުމުން ހައިޝަމް އެބަ ބަލާލަމޭ ބުނެލާފައި ދޮރު ހުޅުވާލާފައި އެތެރެއަށް ވަދެލިއެވެ.
"އޯކޭ ދޯ؟" މޫނު ނިވާކޮށްލި ޙަޔާއަށް ބަލައިލަމުން ހައިޝަމް ބުނެލުމާއެކު ޙަޔާ ބޯ ޖަހައިލިއެވެ. ޙަޔާ އެހެން ބުނުމުން ހައިޝަމް ބޭރަށް ނުކުމެލާ އެތެރެއަށް ވަނަސް އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. ޒަމީރު އެތެރެއަށް ވަތްއިރު ޒައުލްވެސް ވަނެވެ.
"ޙަޔާ! ކިހިނެއްތަ؟" ޙަޔާ ފެނުމާއެކު، ޒަމީރު ސުވާލުކޮށްލިއެވެ.
" ٱلْحَمْدُ لِلَّٰهِ." ޙަޔާ އެހެން ބުނެލިއިރު، އެ އަޑުން ވަރިބަލިކަން ފާޅުވިއެއްކަމަކު، ﷲ އަށް ޝުކުރުވެރިވާކަން ދޭހަވަނީ އެހެން ބުނެލި ގޮތުންނެވެ.
"އިންޝާ ﷲ. ހުރިހާކަމެއް ވެސް ރަނގަޅުވާނެ." ޒަމީރު ބުނެލިއެވެ.
"ލައްބަ ސާރ. އިންޝާ ﷲ. " އުންމީދުން ފުރިގެންވީ ގޮތަކަށް ޙަޔާ އެހެން ބުނެލުމުން، އެ މަންޒަރު ބަލަން ހުރި ޒައުލްއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އެ ޙާލަތުގައިވެސް ޝުކުރުވެރިވަނީ ބާއޭ އޭނާގެ ހިތަށް އެރިއެވެ. ސަބަބަކީ ކޮބައިހޭ އަހަން އޭނާގެ ހިތް އެދި ގޮވަން ފެށި ނަމަވެސް، ހިމޭންކަން އިޚްތިޔާރުކުރަން މިފަހަރުވެސް އޭނާއަށް މަޖުބޫރުވީ ކީއްވެގެންކަމެއް ނޭނގެއެވެ. ހީވަނީ އެ ސުވާލުކުރުމަށް އުޅޭ ކޮންމެ ފަަހަރަކު ސިކުނޑީގައި އުޅޭ އިތުރު މީހަކު އެކަމަށް ހުރަސް އަޅާހެންނެވެ.
ނަރުސްކުއްޖަކު އެތެރެއަށް ވަނީ އެވަގުތެވެ. އޭނާ ހައިޝަމްގެ ގާތުގައި ބުނީ ޑޮކްޓަރު ބައްދަލުކޮށްލަން ބޭނުންވެގެން އުޅޭކަމުގައެވެ. އެހެންކަމުން ހައިޝަމްވެސް ލަސްނުކޮށް ނަރުސްކުއްޖާއާއެކު ދިޔައީއެވެ. އެވަގުތު ޒަމީރަށްވެސް ފޯނު ކޯލެއް އައުމާއެކު އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.
"އަހަރެން އެބަ ގުޅަން." އެހެން ބުނެލާފައި ފޯނު ބާއްވަން އުޅުނު ވަގުތު އެކޮޅުން ބުނެލި ވާހަކައިން އޭނާގެ މޫނުމަތީން ހިތާމައިގެ އަސަރު ފާޅުވިއެވެ. އޭނާގެ ގާތް ރަޙްމަތްތެރިއަކު ނިޔާވީއެވެ. އެހެންކަމުން ފޯނު ކަންފަތުގައި ޖަހައިގެން ހުރެ އޭނާ ގޮސް ބޭރަށް ނުކުމެލިއެވެ. އެއާއެކު ޒައުލްއާ ޙަޔާއާ ދެމީހުން އެ ކޮޓަރި ތެރޭގައި އެކަނިވިއެވެ. ޙަޔާ ކުޑަކޮށް ނުތަނަވަސްވި ނަމަވެސް، އޭނާ އެއްޗެއް ނުބުންޏެވެ. އޭނާއަށް ބުނެދޭން ނޭނގޭ އުދަގުލެއްގެ އަސަރު ވެރިވީ، ޒައުލް އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރުމުންނެވެ. މޫނު ފޮތިކޮޅުގައި ހިފާ ރީތިވެސް ކޮށްލެވުނެވެ. އަދި އިސްޖަަހައިލެވުނެވެ. އެ މަންޒަރު ބަލަން ހުރި ޒައުލްއަށް ޙަޔާގެ ނުތަނަވަސްކަން ފާހަގަވިޔެއްކަމަކު، އޭނާ އެ ނަޒަރު ހަޔާއާ ވަތްކެއް ނުކުރިއެވެ.
"އަހަރެން ސުވާލެއް ކޮށްލަންތަ؟" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، ޒައުލް ސުވާލުކޮށްލިއެވެ. ޒައުލްއާ ނަޒަރު ވަކިކޮށްލައިގެން އިން ޙަޔާއަށް އިސްއުފުލައިލެވުނީ ދެނެވެ. އޭނާ އަނގައިން ނުބުނި ނަމަވެސް، ބޯ ޖަހައިލީ އާބަސް ދިނުމުގެ ގޮތުންނެވެ. އޭރު އެހިތް ތެޅިލީ ޒައުލް ކޮށްފާނެ ސުވާލެއް ނޭނގޭތީއެވެ. އަނެއްކާވެސް ޙަޔާ ނިކަން އަވަސް އަވަހަށް ޒައުލްއާ ނަޒަރު ވަކިކޮށްލީ، ޒައުލްގެ ދެލޮލަށް ބަލަހައްޓައިގެން ހުރުމަކީ އޭނައަށް ކުޅަދާނަކަމަކަށް ނުވާތީއެވެ.
"ތިހާ ބޮޑު ކަމެއް ދިމާވީމަވެސް ކީއްވެ ތިހާ ހަމަޖެހިލާފަ ތިހުންނަނީ؟ ކީއްވެ ތިހާ އުންމީދު ކުރަނީ؟ ކީއްވެ އެއްވެސް ޝަކުވާއެއް ތި ހިތުގަ ނެތީ؟ ކީއްވެ ތިކަމަށް ވެސް ޝުކުރުވެރިވެ، ٱلْحَمْدُ لِلَّٰهِ އޭ ތިބުނަނީ؟ " ޒައުލްއަށް ސުވާލުކޮށްލެވުނެވެ. ހަމަ ހަޤީގަތުގައިވެސް އެ ސުވާލުތައް ދިޔައީ އޭނާއަށް އުނދަގޫކުރަމުންނެވެ. ގިނަ ސުވާލު ތަކެއް އެއްފަހަރާ ކޮށްލެވުނީ ވެސް އެހެންވެގެންނެވެ. ޒައުލް ހީކުރީ ހަމައެކަނި ޝުކުރުވެރިވާން ޖެހޭނީ ލިބޭ ނިޢުމަތުގެ ވަގުތުގައި އެކަނި ކަމުގައެވެ. ހިތުގައި އުފެދިފައިވާ ސުވާލުގެ ޖަވާބު ޙަޔާ ދޭނެ ގޮތަކަށް އިންތިޒާރުކުރެވުނު އޭނާއަށް ނޭނގުނުކަމަކީ އެ ޖަވާބު ވެެގެން ދާނީ އޭނާ އުންމީދުވެސް ނުކުރާފަދަ ފުރިހަމަ ޖަވާބަކަށްކަމެވެ. ޒައުލްގެ ސުވާލާއެކު ހަޔާއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ.
"އަހަރެމެން ﷲ އަށް ޝުކުރުވެރިވާން ޖެހެނީ ހަމައެކަނި، ލިބޭ ނިޢުމަތުގެ ވަގުތުގައި އެކަނިތަ؟ މުސީބާތުގެ ވަގުތުވެސް ކެތްތެރިވެ، އަހަރެމެން ﷲ އަށް ޝުކުރުވެރިވާންޖެހޭ. އެކަލާނގެ އަހަރެމެންނަށް ދެއްވި ނިޢުމަތްތަކަށް އަބަދުވެސް ޝުކުރުކުރަން ޖެހޭ……. ﷲ އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުތަކުންނަށް ދުވަހަކުވެސް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވަވާނެ. ﷲގެ ނިޢުމަތްތަށް ގުނާ އަދަދު ނުކުރެވޭއިރު، އެންމެ ކަމެއްގެ ސަބަބުން، އުންމީދު ގެއްލުވާލަން ވާނެތަ؟ މިކަމުގައި ވެސް ފަހަރުގައި ހެވެއް އޮތީކަމަށް ވެދާނެ. އަހަރެމެންނަށް ނޭނގުނަސް އެކަން ﷲ މޮޅަށް ދެނެވޮޑިގަންނަވާނެ. ހިތާމައާ ހިތްދަތިކަމުގެ ވަގުތުގައި ކެތްތެރިވެ ﷲ އަށް ވަކީލުކުރުމަކީ އަހަރެން މުސްލިމުންގެ ކިބައިގައި ހުންނަން ޖެހޭ ސިފައަކަށް ވާން ޖެހޭނެ. " ޙަޔާ ޖަވާބު ދިނެވެ.
"ހަމަ ޔަޤީނުންވެސް، އެކަލާނގެ އެއްވެސް އިންސާނަކަށް ނުއުފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެ." ޤުރުއާނުގެ އާޔަތެއް ހަނދާނަށް ގެންނަމުން އެ އާޔަތް ކިޔާލާފައި ޙަޔާ ބުނެލިއެވެ.
"ކީއްވެގެންތަ ތިހާ ދީންވެރި އިރުވެސް ތިކަންތައް ކުރިމަތިވީ؟ ﷲ ތިބާ ދެކެ ލޯބިވެވޮޑިގެންވާނަމަ، ކީއްވެގެން، ތިފަދަ ޙާލަތެއްކުރިމަތިކުރެއްވީ؟" ހަޔާގެ ޖަވާބުން ޒައުލްގެ ހިތަށް އަސަރު ކުރިނަމަވެސް، އެހާ ފަސޭހައިން ގޮތް ދޫކުރާކަށް ބޭނުމެއް ނޫނެވެ. ޝައުޤުވެރިކަމާއެކު ޒައުލްއަށް ސުވާލުކޮށްލެވުނެވެ.
"ﷲ ލޯބިވެވޮޑިގަންނަވާ އަޅުތަކުންނަށް އެކަލާނގެ އިމްތިޙާނު ކުރިމަތިކުރައްވަނީ އެކަލާނގެއާ އިތުރަށް ގާތްވެ ކެތްތެރިވެ، ޝުކުރުވެރިވުމަށްޓަކައި، އަހަރެމެން ކެތްތެރިވެ ﷲއަށް ދުޢާ ކުރުމުގައި ސާބިތުވާނަމަ ސުވަރުގޭގައި އަހަރެމެންގެ ދަރަޖަ އެތަކެއް ތަނެއް އުފުލިގެންދޭ. ފަހަރެއްގައިވެސް އަހަރެމެންނަށް ދަތިތައް ކުރިމަތިވަނީ ﷲ އަހަރެމެން ދެކެ ލޯބިވެވޮޑިގެންނުވާތީއެއް ނޫން. " ޙަޔާ ބުނެލިއެވެ. އެއާއެކު ޒައުލް ހިމޭންވިއެވެ. އެ ހުރިހާ އެއްޗެއް ސިކުނޑިއަށް ނަގައިގަންނަން ވެސް ވަގުތުކޮޅެއް ނެގިއެވެ.
"އުޅެން ޖެހޭލެއް ބުރަކަމުން ގިނަ މީހުންނަށް ﷲ ހަނދުމަކޮށްލާކަށް ވަގުތެއް ނުލިބޭ. މުސީބާތެއް ނުވަތަ ހިތާމައެއް ކުރިމަތިވުމުން ނޫނީ ﷲ ހަނދުމަނުކުރާ މީހުން ވެސް އުޅޭ. އަހަރެން ޤަބޫލުކުރަނީ މި އިމްތިޙާނަކީ ވެސް ﷲ އާ ގާތްވާން އަހަންނަށް ލިބުނު ފުރުސަތެއް ކަމުގައި." ޙަޔާ ބުނެލިއެވެ.
އެ ދެއްކި ވާހަކަތަކުން ޒައުލްގެ ހިތަށް އަސަރުކުރިއެވެ. ހިތުގެ ކަނަކުން އެބަސްތަކުގައިވި ތެދުކަން ހާމަކޮށްދޭން މަސައްކަތް ކުރިނަމަވެސް، އަމިއްލަ ނަފްސަށް ޒައުލް އަޑުލީ އެ އަޑު ނޭހުމަށެވެ. މިފަދަ މީހުންނަކީ މީހުންގެ ސިކުނޑިއާ ކުޅެލުމަށް މޮޅެތި އުކުޅުތައް ގެންގުޅޭ މީހުންތަކެއްކަން، އޭނާއަށް އެނގެއެވެ. ސިކުނޑި ދޮވެލަންވެސް އެހާ މޮޅުވާނެއެވެ. ބައްޕައަށް އެ ބަދަލުތައް އައި ސަބަބު އޭނާއަށް ސާފުވެއްޖެއެވެ. އެ ދައްކާ މޮޅު ވާހަކައިން ނުހެއްލި ދާނީ މަދުމީހެއް ވިއްޔާއެވެ. ބަސްތައް އެހާ ފަށުވި ވެފައި ފުރިހަމައެވެ.
އޭނާ ދެއްކި ވާހަކައިން ޒައުލްއަށް އަސަރުކުރިކަން ޙަޔާއަށް އެގުނީ އަވަސް ނަޒަރެއް އޭނާ ޒައުލްއަށް ދިންވަގުތު، ޒައުލްގެ މޫނުމަތީގެ އަސަރުތައް ފެނުމުންނެވެ. އެފަދަ ސުވާލުތަކެއް ޒައުލް ކުރާނީ ދީނާ ކިހާ ދުރުވީމަކަން ޙަޔާއަށްވެސް އެނގުނެވެ. އޭނާ ހިތާ ހިތުން ދުޢާކުރީ އޭނާގެ ވާހަކަތަކުން ޒައުލްގެ ހިތުގައި އީމާންތެރިކަމުގެ ކުޑަވެސް ނޫރެއް އެހިތުގައި ދިއްލައިދެއްވުމަށް އެދިއެވެ.
ޒައުލްގެ ހިތަށް އަސަރު ކުރި ނަމަވެސް އޭނާއަށް ސާރާ މަތީން ހަނދާންވެ ނިތަށް ރޫތައް އަރުވައިލެވުނެވެ. ސާރާ ވަކިވުމުން އޭނާ ހިތާމަކުރި ވަރު އެނގޭނީ އޭނާއަށެވެ. އެފަދަ ހިތާމައެއް އޭނައާ ކުރިމަތިކުރެއްވީ ކީއްވެބާއޭ ޒައުލްގެ ހިތަށް އެރިއެވެ. އެއާއެކު ޙަޔާގެ ވާހަކަތަކާ މެދު އޭނާގެ ހިތުގައި ރުޅިވެރިކަމެއް އުފެދުނެވެ.
"މިސާލަކަށް ތިމާ އެންމެ ލޯބިވާ މީހާ ތިމާއާ ވަކިވުމަކީވެސް ހެވެކޭ ތަ ތިބުނަނީ؟" ޒައުލްއަށް އެހެން އަހައިލެވުނީ ތަންކޮޅެއް ހަރުކޮށެވެ. ޒައުލްގެ އެ ސުވާލު އައި ގޮތުން ޙަޔާއަށްވެސް ހައިރާންކަމެއް ލިބުނެވެ. އޭނާއަށް އެއްޗެއް ނުބުނެ މަޑުކޮށްލެވުނީ އެހެންވެގެންނެވެ. ޒައުލްއާއެކު އެކަނި މާ ގިނަ އިރުވެއްޖެކަން ފަހުމް ވުމުން ދޮންބެ އަންނާނެ އިރަކަށްވެސް އިންތިޒާރުކުރެވުނެވެ. އެފަދަ ގޮތަކަށް މީހަކާ އެކު އެކަނި ހުރުމަކީ އޭނާއަށް އެހާ ފަސޭހަކަމެއް ވެސް ނޫނެވެ.
"ކިހިނެއްވީ؟ " ޒައުލް ހީކުރީ ޙަޔާއަށް ބުނާނެ އެއްޗެއް ނޭނގުނީކަމަށެވެ.
"އަހަރެން ދެންމެ ދެއްކި ވާހަކަތާ މެދު ވިސްނާލަބަލަ." ޙަޔާ އެދުނެވެ. ޒައުލްއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް، އެތަނަށް ހައިޝަމްއާއި ޒަމީރާ ދެމީހުން ވަނެވެ.
ޒަމީރު ޙަޔާއަށް ބަލާލުމަށްފަހު، އޭނާގެ އެކުވެރިއެއް ނިޔާވެގެން ސަހަރާއަށް ދާންޖެހޭކަމުގައި ބުނެލިއެވެ. އަދި ފަހުން އަންނާމޭ ވެސް އޭނާ ބުނެލިއެވެ.
"إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ." އެެ އަޑު އިވުމާއެކު ޙަޔާއަށް ބުނެވުނެވެ. ކޮންމެ މަރަކީވެސް އަހަރެމެން އިންސާނުންނަށް ލިބޭ ޢިބްރަތެކެވެ. މަރު ހަނދުމަ ކޮށް އުޅުން އިސްލާހު ކުރުމަށް ހަނދާންކޮށްލަދޭ ހަނދާންކޮށްލަދިނުމެކެވެ. މަރުވާނެ ވަގުތެއް ނޭނގުނު ނަމަވެސް ކޮންމެ މީހަކީވެސް މަރުވާނެ މީހެކެވެ. سورة الأنبياء, ގެ ތިރީސް ފަސްވަނަ އާޔަތާއި މާނަ ޙަޔާގެ ހިތަށް ވެރިވިއެވެ. ކޮންމެ ނަފްސެއްވެސް މަރުގެ ރަޙަ ދެކޭނެކަމުގައި މާތް ﷲ ވަނީ ކީރިތި ޤުރުއާނުގެ ވަޙީ ކުރައްވާފައެވެ.
ކޮންމެ މަރަކީ މީހަކަށް ހަމަ ޔަޤީނުންވެސް ހަނދާންކޮށްދިނުމެކެވެ. ދުނިޔޭގެ ޒީނަތްތެރިކަމަށް އަލްވަދާޢު ކިޔުމަށްފަހު އާޚިރަތުގެ ގޮވައްޗަށް ހިޖުރަ ކުރުމަކީ އެކަކަށްވެސް ރެކެވޭނެ ކަމެއް ނޫނެވެ.
"ދަނީ އިނގޭ." ޒަމީރު އެހެން ބުނެފައި ނުކުތުމުން އޭނާގެ ފަހަތުން، ޒައުލްވެސް ނުކުންނަން ހިނގައިގަތެވެ. އެހެންނަމަވެސް އޭގެ ކުރިން އޭނާ އަދިވެސް އެއްފަހަރު ޙަޔާއަށް ބަލައިލިއެވެ. ޤަބޫލުނުކުރަން ހިތް އެދުނު ނަމަވެސް، ޙަޔާގެ ވާހަކަތައް އޭނާގެ ސިކުނޑީގައި އޭރުވެސް ތަކުރާރުވަމުން ދިޔައެވެ. ނުވިސްނަން އުޅުނު ނަމަވެސް ހަމަ އެ ބަސްތަކާމެދު ވިސްނެނީއެވެ.
"އަހަރެން ދެންމެ ދެއްކި ވާހަކަތާ މެދު ވިސްނާލަބަލަ." ޙަޔާގެ އަޑު އަދިވެސް ހީވަނީ އޭނާގެ ކަންފަތުގައި ގުގުމާހެންނެވެ. އަމިއްލަ ޒަމީރަށް އެ ކަމާ މެދު ނުވިސްނުމަށް އިންޒާރު ދިނެއްކަމަކު، އެކަން ކުރުމަށް އޭނާއަށް ދަތިވިއެވެ. ޣައިރު މުސްލިމުން އިސްލާމްދީނާ މެދު ދައްކާފައިވާ ވާހަކަތަކާ، އެ ދީނުގެ ހަރުކަށިކަން ހަނދާންކުރަމުން، ހިތުގެ ޖަޒުބާތުތަށް ކިޔަމަން ކުރެވޭތޯވެސް ޒައުލް ބެލިއެވެ.
"މަރު މީހަކާ ބައްދަލުކުރާނެ ވަގުތެއް އެކަކަށްވެސް ނޭނގޭނެ. ކަންތައްތަކާ މެދު ވިސްނާލީމަ އިބުރަތުން ފުރިގެންވީ ދަރުހެއް ނޫނީ ނުލިބެ. ރަޝީދު ނިޔާވީ ހަމަ ކުއްލިއަކަށް. ބަލިވެ އުޅެފަކާވެސް ނޫން. މަރަކީ އެކަހަލަ އެއްޗެއް. އަހަރެމެންނަށް އޮތީ އެއަށް ތައްޔާރުވެ ތިބުން. އުމުރެއް، ޒުވާން ކަމެއް އަދި ބަލި ޙާލަތެއް ނޯންނާނެ. ވަގުތު ޖެހުނީމަ އަހަރެމެން އެންމެންނަށް ވެސް ދާން ޖެހޭނީ ﷲ ގެ ހަޟްރަތަށް...." ކާރަށް އަރާ އިށީނުމަށްފަހު، ޒައުލްއަށް ބަލައިލަމުން، ޒަމީރު ބުނެލިއެވެ. އެކަމުންވެސް ޒައުލްގެ ހިތަށް އަސަރެއް ކުރޭތޯއެވެ.
(ނުނިމޭ)