"ދުނިޔޭގައި އުޅޭއިރު އުދަގޫ ވެރިންނާއެކު މަސައްކަތްކުރަން ޖެހޭ ފަހަރުވެސް އަންނާނެއެވެ. ބޭއިންސާފާއި އުދަގޫބޮޑު އަދި ނުލަފާ ވެރިންވެސް މެއެވެ. ބޮޑާ ވެރިންވެސް މެއެވެ. ކޮންމެ އޮފީހެއްގައިވެސް އެކި ފެންވަރުގެ މީހުންގެ ފަރާތުން ބޮޑެތި ނަފްސާނީ އުދަގޫތަކާއި ޖެހި ގޮތްހުސްވާފަހަރުވެސް އަންނާނެއެވެ. ޝަކުވާކުކުރުމުގެ ބަދަލުގައި ހެއްދެވި ފަރާތަށް ދަންނަވާށެވެ. މިއީ ވަގުތީ ގޮވަތްޗެކެވެ. އިންސާފު ލިބޭނެ ދުވަހެއް އަންނާނެއެވެ."
***
ލައިލާ ފޯރީގައި ހުރުމުން މިރިއަމްގެ ތަބީއަތަށް އައި ބަދަލު ދެނެގަންނަން ފަސޭހައެއްނުވިއެވެ.
"ހިނގާ ދާން. އޭނަ ފެންނާނެ. ހީޒް ޓޯޓަލީ ވޯތް އިޓް...." ލައިލާގެ ތޫލި އަޑާއެކު މިރިއަމްއަށް ހަގީގީ ދުނިޔެއަށް އެނބުރި އާދެވުނެވެ. އެކަމަކު އޭރު އޭނަގެ ހިތްވީ ބަދަރުގައެއްނޫނެވެ. އަދި އަލަށް އައި ބީރައްޓެހި ޒުވާނާއާއިއެކީގައެއްވެސް ނޫނެވެ. އެއަށްވުރެ މުހިއްމުކަމެއްވާކަމުގެ އިހުސާސް ހިތުން އެއްލައެއްނުލެވުނެވެ. އެކަމަކު ދެރައީ އެކަމެއް އޭނަގެ އަތުގެ ތެރެއިން ދޫވެގެންދާތީއެވެ.
ވާދައަށް އެކަތި އަނެކައްޗަށް ވުރެ ބާރަށް ގޮވާ ހާތަކުގެ އެކި ރާގު ނިދާފައިވާ ރަށުގެ އެކި ދިމާލުން ގުގުމަމުން ދިޔައެވެ.
"ސާޔާ ބުނި އެއްޗަކާއިމެދު ވިސްނަނީތަ؟ އޭނަވެސް ފަހަރެއްގައި އެދިޔައީ އެކުއްޖާ ބަލަންކަން ނޭގޭ. އެހެންނޫންމަ މިހާ ހެނދުނަކާ ތެދުވާންވީ ކީއްވެ؟ އެހެން ހިތަށް ނާރާތަ؟ އަދި އެހެން މޫނު ފޮރުވައިގެން ހުއްޓަސް އެންމެ އަޅުވެރި މީހާއަށް ނުވާނެއޭ ބުނާ އަޑު އަހަން..... އެހެންވީމަ އެކަމާ ނުވިސްނާ އޯކޭ؟"ލައިލާ މިރިއަމްގެ ކޮނޑުގައި ހިފާ ކުޑަކޮށް ހަލުވާލަފައި ހިނގައިގަތެވެ.
މިިރިއަމްވެސް ހުއްޓުން އަރާފައި ހުރެފައި ލައިލާއާއ އަރާ ހަމަކުރަން އަވަސްވެގަތެވެ. ދޮންވެލިލާފައިވާ މަގަށް ވެރިފައިވާ ހިކިފަތްތަކުގެ މުރުމުރު އަޑުގަދަވަމުން ދިޔައެވެ. ލައިލާ އަދިވެސް ހުރީ ބަނދަރުމަތިން އެ ހޯދުނު "އަޖައިބު" ވާފަދަ ޒުވާނާގެ ސަބަބުން ބޮލަށް އެނބުރުން އަރާފައެވެ. ލިބިފައިވާ ފޯރިއަކުން ހިނގުމުގެ ބަދަލުގައި ފާޑަކަށް ފުންމަމުން ނަށަމުން ދިޔައެވެ. އެކުދިންނަށް ހަސަންބޭގެ ގޭގެ ކަންމައްޗާއި ހަމަޔަށް ފޯރިތަނާ ކެނޑިފައިވާ ބަރުއަޑަކުން ތަނުގެ ހިމޭންކަން ނަގައިލިއެވެ.
"އަނހާ....ﷲއަށް ހަމްދުހުރި.......ހަމަ އަހަރެން މިވަގުތަށް ބޭނުންވާ މީހުން..."
މިރިއަމްގެ މޭގަނޑު ތިރިއަށް ސޮއްސާލައިގެން ދިޔަފަދަ ނުބައި އިހުސާސެއް ކުރެވުނެވެ. އޭނަގެ ނަޒަރު ލައިލާގެ މޫނަށް ހުއްޓުނެވެ. ދެކުދިންވެސް ހަދާނެގޮތް ހުސްވިއެވެ. ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟ އެކުދިންނަށް ހަސަންބެގެ ސަކަރާތާއިހެދީ އެހާ އަގުބޮޑު "މިޝަން" އެއް މެދުކަނޑާލުމުގެ ހިތްވަރެއް ނެތެވެ.
"އަޑު ނީވުނުކަމަށް ހަދާފައި ދަމާ...."ލައިލާ ވައިއަޑަކުން ކިޔައިލިއެވެ.
"ހަސަންބެގެ ކަންފަތް އަދި އެހާ ކޮށިއެއްނޫން އެނގޭތަ؟"ހަސަން ބެ އަސާގަނޑު ހޫރުވައިގަތެވެ." މުސްކުޅިއެއްގެ އަސާގަނޑަށް ފިލައިގެން ދެވިދާނެކަމަށް ހީކުރަންޏާ ކުށްހީއެއް.ބޭބެ ތިކުދިންގެ ކާފަމެންނަށވުރެ ކުރިން ކުކުޅުހާ ފަހާ ދުވިން......."
"ހަސަންބެ ކިހިނެއްވީތަ؟ކުކުޅު ފަހާ ދުވަންވީ ؟"މިރިއަމް ހަސަންބެ އާއި ދިމާލަށް އެނބުރުނެވެ.
"ބޭބެ ގެންގުޅޭ ކުކުޅު....އަނެއްކާވެސް ރައްކާވެއްޖެ..."ހަސަންބެ އަސާގަނޑަށް ބުރަވެގެން ހުއްޓުނެވެ.
"އަނެއްކާ؟މިދިޔަ ހަފްތާގައިވެސް ފިލައިގެން ދިޔައެއްނު..ސައިކޯ ކުކުޅަކަށް ނުވާނެތަ؟" ލައިލާ ނޭފަތް ގުރުޑުކޮށްލިއެވެ.
"އެއީ ބާޣީއެއް...."ހަސަންބެ ކިޔައިލިއެވެ."އެކަމަކު ބިސް އަޅަން ކައިރިވެފައިވާއިރު އެހެން ގޯތްޗަކަށް ބިސް އަޅައިގެން އެމަންޖެ ބޭބެގެ އިއްޒަތަށް ހިރަފުސް ބުރުވާ މިގެ ބަދުނާމްކުރާކަށް ބޭނުމެއްނުވޭ............"
"އެންމެ ރަގަޅު...ގެސްކޮށްލަންތަ؟ މިރިއަމް ހަށަން ބަދެލިއެވެ."ހަސަންބެ ބޭނުމީ އަހަރެމެން ކުކުޅު އަތުލާދޭން؟"
"އަނ...މި އަސާގަނޑަކީ ކޮންމެހެން ދައްކަން ގެންގުޅޭ އެއްޗެއްނޫން.."ހަސަންބެ އަސާއިން ބިންމަތީގައި ޖެހިއެވެ.
މިރިއަމްއާއި ލައިލާ ނަޒަރު ބަދަލުކޮށްލިއެވެ.
"އޯކޭ...ކޮބާތަ އެ ރައްކާވި މަންޖެ؟"
ހަސަންބެ އަސާގަނޑުން އިޝާރާތްކޮށްލީ ކެޔޮ ފީނިއަކާއި ދިމާލަށެވެ. "އެދިމާލަށް ވަޑައިގަތީ...އަޑުގޮއްވަމުން ދިޔަގޮތުން މުޅިރަށުގެ ވެރިއަކީވެސް އެއީ ކަހަލަ...ހަސަންބެއަށް އެނގޭ. އެމަންޖެ ކޮންމެވެސް ކަމެއް ރާވައިގެން ނައްޓައިލީ......"
މިރިއަމްއާއި ލައިލާ އެދިމާލަށް ހިނގައިތީ ގޮތްހުސްވެފައިވާ ގޮތަކަށް ނޭވާއެއް ދޫކޮށްލަމުންނެވެ. ގަސްފީނިތަކުގެ ހިޔަނިތަކުގެ ތެރޭގައި ފިލާ އޮވެދާނެކަމަށްވެސް ބަލަމުން ހިނގަމުން ދިޔައިރު ކެޔޮގަހުގެ ފުޅާ ފަތްތަކަށް ކޮންމެވެސް ވަރަކަށް އިރުގެ އަލިކަން އެޅެން ފަށައިފިއެވެ. ކޮންމެވެސް ދިމާލަކުން ގޮފިކޮޅެއް ބިންދައިލި އަޑުއިވުނެވެ.
"އެއޮތް އުޅެނީ...."ލައިލާއަށް ބުނެވުނެވެ. މިރިއަމްއަށްވެސް ބަލައިލެވުނުއިރު ގެއެއްގެ ފާރުމަތީގައި ކުކުޅު އިނެވެ.ރަންކުލައިގެ ފަތްތައް ސާމަރާ ދޫންޏެއްހެން ފަތުރާލައިގެން ފުރިަހަމ އިއްޒަތުގައެވެ. އެ ލޮލުން އެކުދިންނަށް ބަލަހައްޓައިގެން އިން ގޮތް ބަޔާން ކޮށްދޭން އެންމެ އެކަށީގެންވާ ލަފުޒަކީ ފަޚުުރުވެރިކަމެވެ.
"އޯލްރައިޓް...އަހަރެމެންނާއި ކުކުޅު ކަނބުލޮ.."ލައިލާ އިނގިލިން ކަށިގޮއްވަން ފެށުމުން މިރިއަމް ލޯ އަޅައިލިއެވެ. އެއާއެކު ވެއްޓިފައި އޮތް ހިކި ފަންގަނޑެއް ނެގިއެވެ."އަހަރެން މިކޮޅު ބަންދުކުރާނަން..ލައިލާ އެފަރާތުން ދޭ.."
ޝިކާރަވެރިންހެން ދެކުދިން ފަނުގެ ހަތިޔާރާއެކު ކުކުޅު އަތުލައިގަންނަން ފުންމައިގަތުމާއެކު އެސޮރު ބާރަށް ފިޔަގަނޑު ތަޅައިގަންނަމުން ވައިގެ ތެރޭ އުދުއްސައިގަތެވެ. އިތުރަށް ހިރަފުހާއި އޭގެ ފަތްތައްވެސް ވައިގެ ތެރެއަށް ބުރުވައިލަމުންނެވެ. މިރިއަމްއަށްވެސް އަޑެއް ލައްވައިލެވުނެވެ. އޭނަގެ ބޯ މަތިން އުދުހިފައި ދިޔަ ކުކުޅުގެ މިސްރާބަކަށްވީ ހަސަންބެއެވެ. އޭނަ އެ ކަމުގެ މާހިރެއްހެން އެއްފަރާތަކަށް ޖެހި ރެކިލިއެވެ. ކުކުޅަށް ދުވެލި ނުހުއްޓިގޮސް ޖެހުނީ ގަތާފައިވާ ދާގަނޑެއްގައެވެވެ. އޭގެ ފޭރާމުގެތެރޭގައި ހައްތަރުވެ ތެޅިގަތްގޮތުން ހީވީ ބެޑްޝީޓެއްގައި ބަދެވުނު ހަންޑިއެއް ސަލާމަތްވާންވެގެން ކޮޅުކޮޅަށް ދުއްވައިގަތްހެންނެވެ. ލައިލާއާއި މިރިއަމް ހީހީ ބަނޑުގައި ގޮށްލާގޮތްވިއެވެ. ހަސަންބެ ނިކަން ހަމަޖެހިލާފައި ކުރިއަށްގޮސް އެ ދާގަނޑުގެ ތެރެއިން ކުކުޅު ނަގާ އަތުތެރެއަށްލިއެވެ. އަދި އަތުން ހިރަފުސް ފޮޅައިލިއެވެ." މިއީ ކުކުޅު ހިފަންވީ ގޮތަކީ....."
"އެއްވެސް ދަލެއްނުއޮހުރުވާ...ވަރަށް ފޫހި ދެން. ހަސަންބެ ކުކުޅު ހިފިކަމަށް އެވީ.........."މިރިއަމް ބޯ ހޫރައިލިއެވެ.
"އެއްބަސްވޭ މިރިއަމް.."ލައިލާ ލޮލުން ކަރުނަހޮފެލިއެވެ." އަދި މިހާ މަޖާ ހާދިސާއަކާއި ދިމަލެއްނުވޭ...."
ލައިލާ ބުނިފަދައިން އެ ހާދިސާއަކީ އޭނައަށްވެސް މަޖާވި ފޯރިގަނޑަކަށްވިއެވެ. އެކުދިން އައި މަގުސަދުވެސް އިރުކޮޅަކުން ހަނދާނުން ކައްސައިލިއެވެ. ހެނދުނުގެ ފަނޑު އަލީގައި ދެކުދިން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބީ ހުއްޓުން އަރާފައެވެ. ދެކުދިންގެ އިސްތަށިގަނޑާއި ހެދުމުގައި ހިރަފުހާއި ދޫނިފަތް ހަރުލާފައެވެ. ހިކިފަތްތައްވެސް ކޮނޑުގައި އެލިގަނެގެން ތިބީދައުވަތު ނުދޭ މެހުމާނުންފަދައިންނެވެ. ތެތްލޮނުގެ އަސަރު އެކުލެވޭ ވައިރޯޅިއެެއް އައީ ކަނޑުގެ ރާޅުތައް ބަނދަރަށް ބިންދާލާ އަޑުވެސް ހިފައިގެންނެވެ.
ލައިލާ އަނގަ ހުޅުވައިލުމާއެކު އިސްތަށިގަނޑުގައި ހަރުލާފައި އޮތް ހުދު ފަތެއް ވެއްޓިގެން ގޮސް ފައިގާ ޖެހުނެވެ.
"މިހެން ތިބެ ދާކަށް ނުވާނެ.."މިރިއަމް ބިރުން ހަލާކުވާވަރުވިއެވެ.
ލައިލާ އޭނަގެ އިސްތަށިގަނޑުގައި އަތުން ފުނާ އަޅަންފެށިއެވެ."ހަމަ ހުވާ...... ގެއްލިފައިވާ ކުކުޅެއްގެ ސިފައިގާ އަހަރެމެން ތިއްބާ އޭނައަށް ފެނިއްޖެއްޔާ...."
މިރިއަމް އިތުރު ޖުމްލައެއް އަހަން މަޑުނުކޮށް ދެފަޔަށް ބާރުލާފައި ދުއްވައިގަތުމުން އެކުވެރިޔާވެސް ބައިވެރިވިއެވެ. ހަނގުރާމައިގެ މައިދާނުން ބަލިވެގެން ފިލަން ދުވާ ލަޝްކަރެއްގެ ބަޔެއްހެންނެވެ.ހަނި ގޯޅިތަކުންނާއި ރުއްގަސްތަކާއި ވިނަތަކުގެ ދޭތެރެއިން ރެކެމުންނެވެ. މިރިއަމްއަށް ގެއާއި ހަމަޔަށް ފޯރިއިރު އިރުގެ ކުޑަކޮށް ހުޅުވިފައިވާ ދޭތެރެއިން އިރުގެ ރަން އަލި ޖާގައެއް ހޯދައިގެން ގޭތެރެއަށް ވަދެ ރަސްކުރަންފެށިއެވެ. ގޭތެރޭގައި ދުވަނީ ކެމޮމިލް ސައިގެ ހިތްގައިމު ވަހެވެ. ދޮރުގެ އޮޅިގަނޑުމަތީގައި އޭނަ މަޑުކޮށްލީ ނޭވާ ހަމަޔަކަށް އަޅުވައިލުމަށެވެ. ލައިލާ ވަކިވަމުން ބުނި ބަސްތައް ކަންފަތުގައި ރަނގަބީލު ޖަހަމުން ދިޔައެވެ. އޭނަގެ މަންމަ ސިޓިން ރޫމްގެ ތިރި ބެންޗެއްގައި އިށީދެލައިގެން އިންއިރު އަތުތެރޭގައި ފަތްޖަހާފައިވާ ކުޑަ ފޮތިކޮޅެއް އޮތެވެ.
މިރިއަމްގެ ފިޔަވަޅުގެ އަޑަށް ޖަމީލާ އިސްއުފުލާބަލައިލިއެވެ. ސިކުންތުކޮޅަކަށް އޭނަގެ ލޮލުން އެއްޗެއް ދެނެގަންނަން މަސައްކަތްކުރިފަދައެވެ. ސުވާލެއްގެ ކުރިން އަންނާނެ ފަދަ ހިމޭންކަމެކެވެ. މަންމަގެ ބުރުގާ ކުޑަކޮށް އިސްތަށިގަނޑުން ކައްސާލާފައިވުމުން ހުދު އިސްތަށިތައް ފެންނާން ހުއްޓެވެ. މަޑުމުށިކުލައިގެ ލޮލުން ފެނުނީ އޯގާތެރިކަމުގެ އިންތިހާއެވެ. މޫނުން ފެންނަން ހުރި ރޫތަކަކީ ގިނައިން ހިނިތުންވުމުގެ ނިޝާންތަކެވެ. މަންމަވެސް މުސްކުޅިވީހެއްޔެވެ؟ އޭނަ މިހާ ޅައިރު މަންމަ މުސްކުޅިވާންވީ ކީއްވެހެއްޔެވެ؟
"ހާދަ ލަހުން ތިއައީ..." މަންމަ އުނގުގައި ފޮތިކޮޅު ބާއްވަމުން އޮމާން ކުރަންފެށިއެވެ."އިންތިޒާރުގައި އިނީ.."
"ލައިލާއާއެކު ދިޔައީ...ހަސަންބެއަށް އެހީތެރިވީ. އެއީ ރަގަޅުކަމެއްނު މަންމާ...މީހުންނަށް އެހީތެރިވުން......."
މަންމަ ބޯ ޖަހައިލިނަމަވެސް އެލޮލަށް ކުޑަ ހިޔަންޏެއް އެޅުނެވެ. ޝައްކުގެ ހިޔަންޏެއް ހެއްޔެވެ؟ މަންމަ އަނެއްކާވެސް ނަޒަރު ހުއްޓައިލީ ފޮތިކޮޅަށެވެ. އޭގައި ހުރި ކުރެހުންތަކުގައި އިނގިލިން ފިރުމަންފެށިއެވެ. އެއީ ވަރަށް ޒަމާންވީ އެއްޗެކެވެ. ރޮދިތަކާއި ކުލަވެސް ކޮންމެވެސް ވަރަކަށް ކެނޑިފައެވެ. މަންމަ އެވަރަށް ބަލަނީ ކީއްވެހެއްޔެވެ؟ ތަފާތެވެ. ކުރީގެ މަންމައެއްނޫނެވެ. މިރިއަމްގެ ހިތުގައި ފިނި ރާޅެއް ދުވެލިއެވެ. އެއީ އަބަދުވެސް ބައްޕަ ގެންގުޅުނު އެއްޗެކެވެ. ތިނެސްކަނަށް ފަތްޖަހާފައި ބައްޕަގެ ހުރިހާ ގަމީހެއްގެ ޖީބުގައި އެ ރުމާ އޮވެއެވެ.
"ބައްޕަ މި ބާއްވަފައި އެދިޔައީ..."ޖަމީލާ ކުއްލިއަކަށް ކަމެއް ހަނދާންވިކަހަލަ ގޮތަކަށް ބުނެލިއެވެ."އެނބުރި އަންނާނެ މި ހޯދަން..."
މިރިއަމް ނޭވާ ހިފެހެއްޓިއެވެ. އެ ރުމާ ފަށްޖަހާފައިވާ ގޮތާއި މަންމަ ސާބިތުކަމާއެކު ހިފަހައްޓައިގެން އިންގޮތް އޭނައަށް ފެނުނެވެ. ކުއްލިއަކަށް އޭނަގެ ބޮލަށް ސަވާރުވި އެއްޗެއް ނޭގުނެވެ. ރުވައިލި ދުންޏެއްހެން އައިގޮތަށް ރުމާ ޖަހައިގަތެވެ. " މިއީ ބައްޕަގެ....."
ޖަމީލާގެ ނަޒަރު އޭނައަށް ހުއްޓުނެވެ. އެލޮލުން ފެނުނު އޮޅުން އެރުން ސިކުންތުކޮޅަކަށް ދެމިގެން ދިޔައެވެ. ކަނޑުން އަރާ ދުންފިނިވެސް އިރުގެ އަލިން ވިރުވައިލާ ފަދައިންނެވެ. އެއާއެކު އަވަސްއަވަހަށް ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ވަރަށް ކުޑަކޮށެވެ. ހިތާމަވެރި އަސަރުވެސް އެކުލެވުނެވެ. އަތް ނުފޯރާނެ އެއްޗެއް ސިކުނޑިއަށް ވެރިވުމުން ފެންނާނެ ފަދަ ކުލަވަރެކެވެ.
"މިރިއަމް ވާލިދު..މޫނު ދޮންނަން ދޭ..."ޖަމީލާގެ ދުލުން ބޭރުވީ ސިކުނޑީގައި ވި އެއްޗެއް ނޫނެވެ."ކުކުޅުހާލުގެ ބަޣާވާތަކަށް ގޮސްފައި އައިހެން ހީވަނީ...."
މަންމަގެ ވާހަކަ އާއްމު ދުވަހެކޭ މާބޮޑު ތަފާތެއްނެތެވެ. ބައްޕަ އެނބުރި އަންނާނެ ވާހަކަ އެބުނީ ޅެންބަހުރުވައިން ކަމަށް ވެދާނެއެވެ. ބައެއްފަހަރު އެހެން މާނައެއް އެކުލެވޭގޮތަކަށްވެސް މަންމަ ވާހަކަދައްކަފާނެ ނޫންހެއްޔެވެ؟ ބައްޕަ އެނބުރި އަންނާނެކަމަށް ގަބޫލުކުރާނީ މަންމަގެ ބުއްދި ގޯސްވީމަ ނޫންހެއްޔެވެ؟ މިހާރު މަންމަ މުޅިން ރަގަޅެވެ. އެއްވެސް ބަދަލެއް ނުފެނުނެވެ.
މިރިއަމްއަށް ހިނިގަނޑެއް ޖަހައިލެވުނީ ބޮލަށް ލުއިވިވަރުންނެވެ. އަދި ބުނެދޭން ނޭގޭ އެހެން ޖަޒުބާތަކާއެކުގައިވެސް މެއެވެ. އޭނަ އެ ރުމާލަށް ނަޒަރު ހުއްޓައިލަމުން އިނގިލިތަކުން ފިތައިލިއެވެ. އެއީ ދެނެފަރިތަ ރުމާލެކެވެ. ލޯބިވާ ބައްޕަގެ ހަނދާނެކެވެ.
"މިވަގުތަށް މި ރުމާ އަލަމާރީގައި ބާއްވާނަން އިނގޭ މަންމާ..."މިރިއަމް އަޑަށް އޯގާތެރިކަން ގެނައެވެ. އެހާ ހުތުރުކޮށް މަންމަ އަތުން ޖަހައިގަނެވުނީތީ މާފަށް އެދުމުގެ ގޮތުންނެވެ. ޖަމީލާ ހަމައެކަނި ބޯ ޖަހައިލަމުން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓައިލީއެވެ. ރަން އަލީގެ ދަލުގައި ހިރަފުހުގެ އެތިކޮޅުތައް ނަށާތަން ފެނުނެވެ. މިރިއަމް ކޮޓަރިއާއި ދިމާލަށް ހިނގައިގަތްތަނާ އޭނަގެ މަންމަ ބުނި އެއްޗަކުން އޭނަގެ ފިޔަވަޅު ކަސިޔާރުވެ ފާރުގައި ބޯ ނުޖެހުނީ ހަމަ ކިރިޔާއެވެ.
ނުނިމޭ