އިންޓާއިން މޮންޒާ ބަލިކޮށްފި

އިޓާލިއަން ސެރީއާގައި އެންމެ ފަހުގެ ޗެމްޕިއަން އިންޓާ މިލާން އާއި މޮންޒާ ބައްދަލުކުރި މެޗު އިންޓާއިން ކާމިޔާބު ކޮށްފިއެވެ.

އިންޓާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ތިން ލަނޑު ދެ ލަނޑުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައ ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓާއިންނެވެ. ނަމަވެސް މިއާއެކުވެސް މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައިވަނީ މޮންޒާއިންނެވެ.

މި ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސެމިއުލޭ ބިރިންޑެއްލީއެވެ. އަދި މެޗުގެ 44 ވަނަ މިނެޓުގައި ކެއިޓާ ބާލްޑޭ ޑިއާއޮ ކާމިޔާބު ކޮށްދިން ލަނޑުން މޮންޒާއިން މި މެޗުގައި ދެ ލަނޑުގެ ލީޑެއް ނެގިއެވެ. މި މެޗުގައި އިންޓާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާކޯ އަނޯޓޮވިޗްއެވެ. އަދި މެޗުގެ 64 ވަނަ މިނެޓުގައި ހަކާން ޗަލަނޮގްލޫ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މި މެޗުން އިންޓާ މޮލުވި ލަނޑަކީ މެޗުގެ 77 ވަނަ މިނެޓުގައި މޮންޒާގެ ޖިއޯޖޯސް ކީރިއަކޮޕޮއުލޮސް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ކާމިޔާބީ އާއެކު އިންޓާ މިހާރު އުޅެނީ 28 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އަދި ދެވަނައިގާ އުޅޭ ނަޕޯލީއަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވީ ނަމަވެސް މިހާރުވަނީ 4 ޕޮއިންޓްގެ ލީޑެއް ނަޕޯލީގެ މައްޗަށް ނަގައިފައެވެ. މި މެޗުން ބަލިވުމުން މޮންޒާ އުޅެނީ 14 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.

މި މުބާރާތުގައި އޭސީ މިލާން އާއި ލެއްޗެ ބައްދަލުކުރި މެޗު ތިން ލަނޑު ދެ ލަނޑުން ކާމިޔާބު ކޮށްފައިވަނީ މިލާންއެވެ. ލެއްޗެގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ލެއްޗެއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލާ ކުރުސްޓޮވިޗްއެެވެ. އަދި އޭނާ ވަނީ މެޗުގެ 59 ވަނަ މިނެޓުގައި ލެއްޗެއަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މި މެޗުގައި މިލާންއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ލެއްޗެގެ އެންޓޯނިއޯ ގާލޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި ފަހު ދެ ލަނޑު މިލާންއަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ.

މި ކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ 44 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. އަދި ލެއްޗެ އުޅެނީ 25 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު