ވާރޭ ވެހުމުން ދިމާވާ ދަތިތައް ކުޑަކުރަން، މިނިސްޓްރީން ކާނުތައް ސާފުކުރަން ފަށައިފި

މިނިސްޓަރު އާދަމް ޝަރީފް އުމަރު: ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ފަށައިފައި -- ފޮޓޯ/ ޕަބްލިކް ވޯކްސް މިނިސްޓްރީ

މާލެއަށް ވާރޭ ވެހުމާއެކު ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު ފަށައިފިއެވެ.

ޕަބްލިކް ވޯކްސް މިނިސްޓްރީން ބުނީ އެ ހަރަކާތް ފެށީ މިއަދު ހެނދުނު 9:30ގައި މަޖީދީމަގުގެ ލަގްޒަރީ ފިހާރަ ކުރިމަތިން ކަމަށެވެ.

މިނިސްޓަރު އާދަމް ޝަރީފް އުމަރުވަނީ އެ ސަރަހައްދަށް ވަޑައިގެން، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފައެވެ.

އެ މިނިސްޓްރީން ބުނީ އެއީ މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކުރުމަށް ހިންގާ ހަރަކާތެއް ކަމަށާއި އޭގެ ބޭނުމަކީ، ވާރޭވެހުމުގެ ސަބަބުން މާލޭގެ ރައްޔިތުންނަށް ދިމާވާ އުނދަގޫތައް މިހާރަށް ވުރެ ކުޑަކޮށް ދިނުން ކަމަށެވެ.

މީގެ އިތުރުން އެ ހަރަކާތް ކުރިއަށްގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށް ޕަބްލިކް ވޯކްސް މިނިސްޓްރީން ބުންޏެވެ.

މާލޭގައި ބޯކޮށް ވާރޭވެހޭ ކޮންމެ ފަހަރަކު މަގުތަކުގައި ފެންބޮޑުވެ، ކާނުތަކުން ނަޖިސް އެރުމަކީ ހައްލުނުވެ އޮތް ޒަމާންވީ މައްސަލައެކެވެ.

ރައީސް ވަނީ، މި ސަރުކާރުން މާލޭގެ ހުރިހާ މަގެއް އަލުން ހަދައި، އާ ސްޓޯމްވޯޓާ ނިޒާމެއް ގާއިމުކޮށްގެން، މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް