"ޒައުލް. އެއީތަ ޒައުލްއަށް ތިވެގެން އުޅޭ ގޮތަކީ؟" ޒައުލްއަށް ބުނެވުނު އެތި ރޭކާލީ ޒަމީރު އެހެން ބުނެލުމުންނެވެ. ހިމޭންވި ހިނދުކޮޅު އަނެއްކާވެސް ޒަމީރު ވާހަކަ ދެއްކިއެވެ. އޭނާ ދެން ބުނެލި އެއްޗަކުން ޒައުލްއަށް ދެލޯ ބޮޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"ކީކޭ؟" ދެވަނަ ސިކުންތުގައި އޭނާއަށް ޒަމީރަށް ބަލައިލާފައި ސުވާލުކޮށްލެވުނެވެ. އިވުނު އަޑު ޤަބޫލުނުކުރެވުނުފަދައަކުންނެވެ.

"ހައިޝަމްގެ ކޮއްކޮ ޙަޔާއަށް އުޅެނީ ކެންސަރު ޖެހިގެންނޭ. އެހެންވެގެންނޭ ހައިޝަމް ޗުއްޓީ ނަގަނީ. މި ޙާލަތުގައި ހައިޝަމް ވަޒީފާއިން ވަކިކުރަންވީތަ؟ ނޫން ޒައުލް. ހައިޝަމް ވަޒީފާއިން ވަތްކެއް ނުކުރެވޭނެ. އެެހެންމީހުންނަށް ދިމާވާ ދަތި ޙާލަށް އެހީތެރިވެ އެ މީހުންނަށް ކަންތައްތައް ފަސޭހަކޮށްދިނުމަކީ އަހަރެމެންނަށް ވެސް ގިނަ ގުނަ ސަވާބު ލިބޭނެކަމެއް. އަދި ﷲ އަހަރެމެންނަށްވެސް އިންޝާ ﷲ ކަންތައްތައް ފަސޭހަކޮށްދެއްވާނެ. މާދަން އަހަރެމެންނަށްވެސް ހަމަ އެފަދަ ޙާލަތެއް ކުރިމަތިވެދާނެ. އޭރުން އަހަރެމެންވެސް އެެހެންމީހުންގެ އެހީތެރިކަން ބޭނުންވާނެ." އިތުރު އެއްޗެއް ޒައުލްއަށް ބުނުމުގެ ފުރުސަތު ނުދީ ޒަމީރު އޭނާގެ އަނގަ ބަންދުކޮށްލިއެވެ. ޒައުލްއަށްވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޙަޔާއަށް ވަނީ ކެންސަރުޖެހިފައި ހެއްޔެވެ؟ ބަލާބެލުމަށް ހިޔެއް ނުވެއެވެ. އޭނާއަށް ވީ ގޮތެއް ނޭނގެއެވެ. ޙަޔާއާމެދު ޒައުލްއަށް ވިސްނައިލެވުނެވެ. ޙަޔާގެ އުމުރަކީ ކޮބައިހެއްޔެވެ؟ ހައިޝަމްގެ އުމުރަކީ އަށާވީހަށް ވާއިރު، ޙަޔާގެ އުމުރު އެއަށްވުރެ ކުޑަ ވާނެ ނޫން ހެއްޔެވެ؟ ވީއިރު އެހާ ޅަ އުމުރުގައި ކެންސަރު ފަދަ ބައްޔަކާ ހަނގުރާމަކުރުމަކީ ކިހާ ހިތާމަވެރިކަމެއް ހެއްޔެވެ؟ ކުޑަ ހިނދުކޮޅަކަށް ހައިޝަމްއާ ދޭތެރޭ ދެކެވުނު ގޮތުން އޭނާ ދެރަވެސް ވިއެވެ.

"ޒައުލް. ހައިޝަމްއަކީ ރަނގަޅު ޒުވާނެއް. ބައްޕައަށް އެނގޭ ޒައުލްއަށް އޮފީހުގެ ބައެއް ކަންތައްތައް ކަމުނުދާކަން. މީގެ ކުރިން ބައްޕަވެސް، މީ އެކަހަލަ ކަންތައްތަކާ މާ ބޮޑަށް ވިސްނި މީހެއް ނޫން. އެކަމަކު ހެވާ ނުބަޔާ ވަކިވީމަ މިހާރު ބޭނުމެއް ނުވޭ ކުރީގައި ކަންތައް ކުރި ގޮތަށް ކަންތައްކުރާކަށް. އަހަރެމެން އަބަދުވެސް ކުރާ ކޮންމެ ކަމެއްވެސް ކުރަން ވާނީ ﷲ ގެ ރުހިވޮޑިގަތުން ހާސިލްކުރުމަށް." ޒަމީރު ބުނެލިއެވެ. "ބައްޕަކައިރީގައި މިތާ އިށީނދެލަން އާދެބަލަ. ދަރިފުޅާ ވާހަކައެއް ދައްކާލަން ބައްޕަ ބޭނުން."

ސޯފާގައި އިން، ޒަމީރު ޖެހިގެން ހުރި ސޯފާއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. އެއާއެކު ޒައުލްވެސް، އިތުރު އެއްޗެއް ނުބުނެ އައިސް އިށީނެވެ. އެހެންނަމަވެސް، އޭރު ބައްޕަގެ ވާހަކައިގެ މިސްރާބު ދާނެ ދިމާ އޭނާއަށް އަންދާޒާކޮށްލެވިއްޖެއެވެ. އެއާއެކު ކޮންމެވެސް ވަރެއްގެ ފޫހިކަމެއް ވެރިވިއެވެ. ބައްޕަ ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އޭނާގެ ވިސްނުމެއް ބަދަލެއް ނުކުރެވޭނެޔޭ ޒައުލްގެ ހިތަށް އެރިއެވެ. އޭނާ ހައްލައިލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.

"އަހަރެމެން ދުނިޔެއަށް ފޮނުއްވި މަޤްސަދު އެންމެ ހިނދުކޮޅަކަށްވެސް އަހަރެމެން ހަނދާން ނައްތައިލައިގެން ނުވާނެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެން ދުނިޔެއަށް ފޮނުއްވީ އެކަލާނގެއަށް އަޅުކަންކުރަން. އެކަލާނގެ ރުހިވޮޑިގަތުން ހާސިލްކުރުމަށް. ދީނާ ދުނިޔޭގެ ދިރިއުޅުމާ އަހަރެމެންނަކަށް ވަތްކެއް ނުކުރެވޭނެ. ކުރާ ކޮންމެ ކަމެއް އަހަރެމެން ކުރަން ޖެހޭނީ އާޚިރަތަށް ވިސްނާފަ. " އެހެން ބުނެލާފައި ޒަމީރު ހިނދުކޮޅަކަށް މަޑުޖެހިލީ ޒައުލް އިން ގޮތުންނެވެ.

"ޒައުލް." ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު، ޒަމީރު ޒައުލްއަށް ގޮވައިލިއެވެ.

"ހޫމް." ޒައުލް ހޫމެއް ލައްވައިލި ގޮތުން އެކަނިވެސް އޭނާ އެ ވާހަކައާ ގަޔާނުވާކަން އެނގުނެވެ.

"ޒައުލް ނަމާދުކުރާތަނެއް ބައްޕައަކަށް ނުފެނޭ." ޒައުލް ނަމާދުނުކުރާކަން ޒަމީރަށް އެނގެއެވެ. އެހެންނަމަވެސް ކީއްވެތޯ ސުވާލުކުރުމުގެ ބަދަލުގައި ޒަމީރު އެހެން އަަހައިލީ ޒައުލް ބުނާ އެއްޗެއް ބަލައިލުމުގެ ބޭނުމުގައެވެ. ޒައުލްގެ ޙާލަތު ތަސައްވަރު ކުރެވޭތީ ޒަމީރު ވާހަކަތައް ބައްޓަން ކުރަމުން ދިޔައީ ވަރަށް ވިސްނައިގެންނެވެ.

"ޒައުލް." އެއްޗެއް ނުބުނެ ޒައުލް އިންނަން ފެށުމުން ޒަމީރަށް އަނެއްކާވެސް ޒައުލްއަށް ގޮވައިލެވުނެވެ.

"ޒައުލް. ތައުބާވެ، ނަމާދަށް ފަރުވާތެރިވޭ. ވަގުތު ފާއިތުވުމުގެ ކުރިން، ނަމާދަށް ރައްކާތެރިވޭ. ދުވާލަކު 5 ފަހަރު ސަލާމަތްތެރިކަމާއި ފަލާޙަށް ގޮވާލާ އަޑު ޒައުލްގެ ކަންފަތަށް ނީވޭތަ؟ ޒުވާން އުމުރުގައި އަޅުކަންތަކާ ދުރުވީމަ އެކަމުގެ ހިތާމަ މިހާރު ބައްޕަ އެބަ ކުރަން." ޒަމީރު ބުންޏެވެ.

ދެންވެސް އެއްޗެއް ބުނާ ޚިޔާލެއް ޒައުލް ނުކުރިއެވެ. އޭނާ ހަމަ އިންގޮތަށް އިނީއެވެ. ދުލުން އޭނާ ދީން ޤަބޫލެއް ނުކުރަމޭ ބުނާނެ ހިތްވަރެއް ނުލިބުނު ނަމަވެސް، ހިތާ ހިތުން އޭނާއަށް އެހެން ބުނެވުނެވެ. އެހެންނަމަވެސް އެ ލަފުޒު ދުލާ ހިސާބަށް ގެންނަން އޭނާއަށް އުނދަގޫވިއެވެ.

ޒުވާން ދަރިފުޅުގެ ޙާލަތު ތަސައްވަރު ކުރެވުމާއެކު ޒަމީރުގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ދަރިފުޅު ދީނާ ދުރުވެފައިވާ ވަރު ފެނުމުން އޭނާގެ ދެލޮލުން ކަރުނަ ހިލުނެވެ. އެ ދަރިފުޅަށް ހިދާޔަތް ދެއްވުމަށް އެދި ﷲ ގެ ހަަޟްރަތުގައި ދުޢާ ކުރެވުނެވެ. ހަމަ ޔަޤީނުންވެސް ﷲ އީ ހިތްތަކުގެ ޙާލަތު މޮޅަށް ދެނެވޮޑިގަންނަވާ އިލާހެވެ. ހީނުކުރައްވާ ގޮތްތަކަށް އެ ކަލާނގެ އިންސާނާގެ ހިތް ފުރޮޅުއްވައެވެ. އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު ވެސް ހިތުގައި ނުވާ މީހާއަށް ވެސް ހިދާޔަތް ދެއްކެވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ.

އެރޭ ހައިޝަމް ޒަމީރާ ބައްދަލުކުރަން އެގެއަށް އައެވެ. ދެމީހުން ތިބީ ސޯފާގައެވެ. އޭރު ޒައުލްއެއް ފެންނާކަށް ނެތެވެ. ޒަމީރުގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔަ ހިނދު، ހައިޝަމްއަށް ސުވާލުކޮށްލެވުނެވެ.

"ސާރ. ކިހިނެއްވީ ތޯ؟ އޮފީހާ މެދު ހާސްވެފައި ތޯ؟" ހައިޝަމް ސުވާލުކޮށްލިއެވެ.

"ނޫނޭ ހައިޝަމް. އަހަންނަށް އެނގޭ ހައިޝަމް ހުއްޓާ އޮފީހުގެ ކަންތައްތައް ގޯހުން ގޯހަށް ދަންޏާ އަހަންނަށް އަންގާނެކަން." ޒަމީރު ބުނެލިއެވެ. "އަހަރެން ކަންބޮޑުވަނީ ޒައުލްއާ ދޭތެރޭ."

"ޒައުލް ސާރ އޮފީހުގެ ކަންތައްތައް ވަރަށް ބަރާބަރަށް ކުރޭ……… ސާރ… " ހައިޝަމް ބުނެލިއެވެ. "އެކަމަކު…."

އެހިސާބަށް ބުނެފައި ހައިޝަމްއަށް މަޑުޖެހެވުނެވެ. އޭނާއަށް ދެން ބުނާނެ ބަސްތައް އަތުރައިލަން އުނދަގޫވިއެވެ. ހިމޭންކަން ޚިޔާރުކުރެވުނީ އެހެންވެގެންނެވެ. ޒަމީރުގެ ގާތުގައި ޒައުލްގެ ވާހަކަ ދައްކާނީ ކިހިނަކުންހޭ ހައިޝަމްގެ ހިތަށް އެރިއެވެ.

"ހައިޝަމް. ކީއްވެ ހުއްޓައިލީ. އަހަންނަށް އެނގޭ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެގެން އުޅޭކަން." ޒަމީރު ސުވާލުކޮށްލިއެވެ. "ބުނެބަލަ. އަޑު އަހަން މީނީ. ހައިޝަމްއަށް އެނގެއެއްނު، ހައިޝަމްގެ ޚިޔާލުތަކަށް އަހަރެން އިޙްތިރާމްކުރާނެކަން."

"ސާރގެ ދަރިފުޅު… ޒައުލް ސާރ ހުރިހާކަމެއްވެސް ރަނގަޅަށް ކުރަނީ. ހިންގުންވެސް ވަރަށް ރަނގަޅު. އެކަމަކު….އަޅުގަނޑަށް ހީވަނީ ޒައުލް ސާރއަށް އޮފީހުގެ ކަންތައްތައް ހިނގާ ގޮތް އެހާ ކަމުނުދާހެން." އެންމެފަހުން ހައިޝަމް ބުނެލިއެވެ.

"ތަފްސީލުކޮށްލަދީ ހައިޝަމް. ހައިޝަމް ކޮންމެ ވާހަކައެއް ބުންޏަސް އަހަރެން ރުޅި އެއް ނާންނާނަން." ޒަމީރު ބުނެލިއެވެ. ދަރިފުޅުގެ ކަންތައްތައް ހުންނާނެ ގޮތް އަންދާޒާކޮށްލެވޭތީ ޒަމީރު ބުންޏެވެ.

"ޒައުލް ސާރ ބޭނުންވަނީ އަނެއްކާވެސް ދެބައި އެއްކޮށްލަން. އަންހެން ފިރިހެން ބައި ވަކިކޮށްގެން މަސައްކަތްކުރުމަކަށް ޒައުލް ސާރ ތާއީދެއް ނުކުރޭ." ހައިޝަމްގެ ވާހަކަ އިވި ޒަމީރަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

"ތީ އަހަރެންވެސް އެންމެ ކަންބޮޑުވާކަންތައް. ޒައުލް މިހުރިހާ ދުވަހު އުޅުނީ ރާއްޖޭން ބޭރުގަ. ދީނީ ކަންތައްތަކާ އޭނާ ވަރަށް ދުރު. ނަމާދު ކުރާތަކެއް ނުފެނޭ. ކުޑަ މިނުން އެކަހަލަ ކަމަކަށް ޝައުޤުވެރިކަމެއްވެސް ނުހުރޭ. އެކަމާ ހުރެ އަހަރެން މިހުންނަނީ ވަރަށް ހާސްވެފަ. ހަޤީގަތުގައި ޒައުލް ދީނާ ދުރުވުމުގައި އަހަރެންގެ އަތެއްވެސް ވޭ. އެހެންވެ އެކަމާ ވަރަށް ހިތާމަކުރެވޭ." ޒަމީރު އިސްޖަހައިލިއެވެ. އެއަށްފަހު މާޒީގެ ވާހަކަތައް އޭނާ ހައިޝަމްއަށް ކިޔައިދިނެވެ. ހައިޝަމްއަށް ޒަމީރުގެ މޫނުމަތިން މާޔޫސްކަމުގެ ކުލަވަރު ފެނުމާއެކު އޭނާ ހިތްވަރު ދިނެވެ.

"ހައިޝަމް. ތިހެން އުޅޭއިރު ޒައުލްއާ ވާހަކަ ދެއްކޭތޯ ބަލައިލައްޗޭ." ޒަމީރު އެދުނެވެ. ހައިޝަމްވެސް ބޯ ޖަހައިލަމުން އާއެކޭ ބުނެލިއެވެ.

*****

ޖެހިގެން އައި ހަފްތާ ތެރޭގައި ހައިޝަމް އޮފީހަށް ނުކުތެވެ. އޭނާ ޒައުލްއާ ބައްދަލުކުރިއެވެ. އެންމެ ފުރަތަމަވެސް ޒައުލް މާފަށް އެދުނެވެ. އަދި އޭނާއަށް ޙަޔާގެ ޙާލަތު ނޭނގޭކަމުގައި ބުންޏެވެ.

"އަހަރެންގެ ހިތުގައި ސާރއާ މެދު އެއްވެސް ހިތްބުރަކަމެއް ނެތް." ހައިޝަމް ހިނިތުންވެލިއެވެ.

"ޙަޔާގެ ޙާލު މިހާރު ރަނގަޅުތަ؟" އިތުރަށް އެނގެން ބޭނުންވެގެން ޒައުލް ސުވާލުކޮށްލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ޙަޔާގެ ޙާލަތު އޮޅުން ފިލުވަން އޭނާ ބޭނުންވީއެވެ.

"ބަލިކޮށް އުޅެނީ. އެކަމަކުވެސް ٱلْحَمْدُ لِلَّٰهِ‎, " ހައިޝަމް ބުނެލިއެވެ. ޒައުލްއަށް އެނާގެ އެއްބުމަ އަރުވައިލެވުނީ ގަސްތަކު ނުނެވެ. އެ ޙާލުގައި ވެސް ﷲ އަށް ޝުކުރުވެރިވާތަން ފެނި އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. މުސީބާތުގެ ވަގުތުގައިވެސް ހައިޝަމް ހެއްދެވި ފަރާތަށް ޝުކުރުވެެރިވުމަށް "ٱلْحَمْدُ لِلَّٰهِ‎," އޭ ބުނެލުމުން އޭނާއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. އެހެންނަމަވެސް އިތުރަށް ވިސްނާނުލެވި އުޅެނިކޮށް އެހިނދު އެހިތަށް ޝައިޠާނާ ސަވާރުވިއެވެ. ﷲ އެކަލާނގެ އަޅުތަކުންނަށް މުސީބާތްތަކާ ހިތާމަތައް ކުރިމަތިކުރައްވަނީ ކީއްވެބާއޭ ޒައުލްގެ ހިތަށް އެރިއެވެ. އެހެންނަމަވެސް، އެ ސުވާލު ހައިޝަމްއާ ކުރާކަށް އޭނާގެ ހިތެއް ނުރުހުނެވެ.

ބަންގި ގޮވީވެސް އެ ދެމީހުން އެތަނުގައި ތިއްބައެވެ. އެއާއެކު ހައިޝަމް އޭނާ މިސްކިތަށް ދާ ވާހަކަ ބުނެލިއެވެ. އަދި ޒައުލް ނުދާނަންތޯ ސުވާލުކުރިއެވެ.

"މިގަޑިއަކު ނޫން." ސީދާ ނުދާނަމޭ ނުބުނަންވެގެން ޒައުލް ބުނެލިއެވެ.

"މިސްކިތަށް ގޮސްލާފަ އައިސްވެސް، ތިކަންތައް ކޮށްލެވިދާނެއެއްނު." ހައިޝަމް ބުނެލިއެވެ.

"ހައިޝަމް ގޮސްލާ." ޒައުލް ދެންވެސް ބުނެލިއެވެ. ޒައުލްގެ ޙާލަތު އެނގޭތީ ހައިޝަމްވެސް އިތުރު އެއްޗެއް ނުބުނެ ނުކުތީ ޒައުލްއަށް ތެދުމަގު ދެއްކެވުން އެދި ދުޢާ ކުރާ ޙާލުގައެވެ.

ހައިޝަމް ނުކުމެގެން ދިޔުމާއެކު ޒައުލްގެ، މޫނުގެ ކުލަވަރުތައް ބަނަވިއެވެ. ދެފަރާތަށް ބޯވެސްހޫރައިލެވުނެވެ. އެހާވަރަށް ނަމާދުކުރަން ބޭނުންނަމަ ހައިޝަމް ދިޔައިމަ ވީ ނޫން ހެއްޔެވެ؟ އަދި އޭނާ ގެންދަން ޖެހޭ ހެއްޔެވެ؟ ހައިޝަމް އަކީ ހަމަ ޔަޤީނުންވެސް ހައްދު ފަހަނަ އަޅާފައިވާ މީހެކެވެ. ބަންގިގޮވުން ލަސްވިފަދައެވެ. އެދިޔައީ މިސްކިތަށެވެ. އޮފީހުގައި މަސައްކަތް ކުރެވޭނީވެސް ދެން ކިހިނަކުން ހެއްޔެވެ؟ ނަމާދުކޮށްގެން އައިސް ވަދެ މަސައްކަތް ފަށާއިރަށް އަނެއްކާ އޮންނާނީ އަނެއް ނަމާދު ވަގުތު ޖެހިފައެވެ. މަސައްކަތް ނިންމާލާފައި ވެސް ގޮސް ނަމާދުކުރެވިދާނެއެއް ނޫން ހެއްޔެވެ. ޒައުލްގެ ހިތުގައި އިސްލާމް ދީނާ މެދު ވީ ކުށްހީތައް އޭނާއަށް ވިސްނައިދެމުން ދިޔައީ މުޅީން ގޯހަށެވެ. ނަމާދު ނުކޮށް ކުރާ ކަމަކުން ތިމާއަށް ފައިދާއެއް ނުވާނެކަމަށާއި، ވަގުތުގައި ނަމާދުކުރުމަކީ ތިމާގެ ވަގުތުގައިވެސް ބަރަކާތް ލައްވާ ކަމެއްކަން ޒައުލްއަށް ނުވިސްނުނީއެވެ. ވަގުތުގެ ވެރިފަރާތަކީ ﷲ ކަމާއި، އެކަލާނގެ ބާރުގަދަކަމާއި ކުޅަދުންވަންތަކަން ވެސް އޭނާގެ ކިލަނބުވެފައިވާ ސިކުނޑިއަށް ނުވިސްނެނީއެވެ.

އެދުވަހު ޙަޔާ އޭނާއަށް ހޮޑުލެވޭތީ ގުޅީ ހައިޝަމް މިސްކިތުން ފޭބި ވަގުތުގައެވެ. އޭރުވެސް ހަޔާގެ އަޑުން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ.

ހައިޝަމް ޒައުލްއަށް ގުޅާފައި އޭނާ ޙަޔާ ގޮވައިގެން ހޮސްޕިޓަލަށް ދާން ޖެހުމުން ގެއަށް ދާ ވާހަކަ ބުނެލިއެވެ. ޒައުލްވެސް އިތުރު އެއްޗެއް ނުބުނެ އާބަސް ދިނެވެ.

ހައިޝަމް ގެއަށް ދިޔައިރު ޙަޔާ އޮތީ ކޮޓަރީގައި އެނދުގައި އޮށޯވެލައިގެންނެވެ. އޭރު އޭނާގެ ގައިގައި އެއްވެސް ވަރަކަށް ވަރެއް ނެތެވެ.

"ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން." ހައިޝަމް ޙަޔާއަށް ބުނެލިއެވެ. ޙަޔާވެސް ދެކޮޅެއް ނުހަދައެވެ. އޭނާ އެނދުން ތެދުވެލިއެވެ. އަދި އެއްޗެހި ބަދަލުކޮށްލަންވެގެން ބުނުމުން ހައިޝަމް ބޭރަށް ނުކުމެލިއެވެ. ތައްޔާރުވެލައިގެން ޙަޔާ ދޮރު ހުޅުވައިލިއިރު ހުރީ އޭނާ ލާ ކަޅު ޖިލްބާބު ހެދުމުގައެވެ. މޫނު ނިވާކޮށްލާފައި ވުމުން މޫނުމަތީގެ އަސަރުތައް ނުފެނުނު ނަމަވެސް، ދެލޮލުންވެސް އޭނާ ވަރުބަލިވެފައިވާ މިންވަރު ހާމަވަމުން ދިޔައެވެ.

ހޮސްޕިޓަލަށް ދިޔުމުން ވަގުތުން ޙަޔާ އެޑްމިޓްކުރެވުނެވެ. އެހެންކަމުން ހައިޝަމް އަނެއްކާވެސް ޗުއްޓީއެއް ނަގަން ޖެހުނެވެ. އޭނާ ޒައުލްއަށް ގުޅާފައި އެ ޚަބަރު ދިނެވެ. އޭރު ޒައުލް އިނީ ޒަމީރު ކައިރީގައެވެ. ޒައުލް މިފަހަރު ނިކަން އަވަސް އަވަހަށް އާބަސް ދިނެވެ.

"ކިހިނެއްވީ؟" ޒައުލް ފޯނު ބޭއްވުމާއެކު، ޒަމީރު ސުވާލުކޮށްލިއެވެ.

"ޙަޔާ ހޮސްޕިޓަލުގައި ބާއްވައިގެން އުޅެނީ. ތިން ވަރަކަށް ދުވަހުގެ ޗުއްޓީއަކަށް އެދުނީ. އަހަރެން މި ބުނީ އޯކޭއޭ. " ޒައުލް ބުނެލިއެވެ. އެއާއެކު ޒަމީރު ހިނިތުންވެލިއެވެ.

****

ޖެހިގެން އައި ދުވަހު ޒަމީރު ޙަޔާގެ ގާތަށް ދާންވެގެން ތައްޔާރުވެގެން ކޮޓަރިން ނުކުތްތަނާ ޒައުލް އައިސް ވަނެވެ.

"ބައްޕާ. ކޮންތާކަށް ދާން." ޒައުލް ސުވާލުކޮށްލިއެވެ.

ޒަމީރު ހުރި ގޮތުން އޭނާ އެ އުޅެނީ ބޭރަށް ދާންކަން ޒައުލްއަށް އެނގުނެވެ. ޒަމީރު ޝާފިއުއަށް ގުޅައިލަމުން ޒައުލްއަށް ޖަވާބު ދިނެވެ.

"ހޮސްޕިޓަލަށް. ޙަޔާގެ ގާތަށް ގޮސްލަންކަމަށް. " ޒަމީރު ބުނެލިއެވެ. ރިންގްވެފައި ފޯނު ކެނޑުނުއިރު ވެސް ޝާފިއު ފޯނެއް ނުނެގިއެވެ. "ޝާފިއު ފޯނެއް ނުނަގާ."

"ޑްރައިވަރު މިއަދު ނާދެ. " ޒައުލް އެހެން ބުނެލާފައި އޭނާ ޒަމީރު ގެންގޮސްލަދީފާނެކަމުގައި ބުނެލިއެވެ. ޒަމީރު ބޯ ޖަހައިލުމުން ޒައުލް އަވަސްވެގަތީ ޒަމީރާއެކު ދިޔުމަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު