އަފްނާންގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އިސްޖަހާލަން ނަޖީބަށް މިއަދުވަނީ މަޖުބޫރުވެފައެވެ.

ނަޖީބު ފެނުމާއެކު ޑްރައިވަރު ކާރުގެ ދޮރުފަތް ހުޅުވައިލަދިނެވެ. އޭނާ އަރާ އިށީނުމާއެކު ޑްރައިވަރުވެސް ގޮސް ކުރީ ސީޓުގައި އިށީނެވެ. އަދި މަޑުކޮށްލީ ނަޖީބު ވާހަކަ ދައްކަން ދެނެވެ. ކާރު ސްޓާރޓްކޮށްލަމުން ޑްރައިވަރު ވާހަކަ ދެއްކީ ނަޖީބު އިތުރު އެއްޗެއް ނުބުނުމުންނެވެ. އޭރު އެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަކުން ބޮޑުކަމެއް ވެއްޖެކަމުގައި ޑްރައިވަރަށް ވެސް ވިސްނުނެވެ.

"ސާރ. އޮފީސް؟" ޑްރައިވަރު ރަކީބު ސުވާލުކޮށްލިއެވެ.

"ނޫން. ގެއަށް ހިނގާ…" ފުން ނޭވާއެއް ދޫކޮށްލަމުން ނަޖީބު ބުނެލިއެވެ. އަފްނާންއާ މެދު ހިތްހަމަ ނުޖެހެވުނުއިރު، އެހާ ވަރަށް ދެރަވެސް ވިއެވެ. އޭނާ ދިން މިނިވަންކަމުގެ ފައިދާ އޭނާގެ ދެ ދަރިީން ކުރެ އެކަކުވެސް އެފަދަ ގޮތަކަށް ނަގާފާނެ ކަމުގައި ފަހަރެއްގައިވެސް ނަޖީބަށް ހީކުރެވިފައެއް ނުވެއެވެ. ތަރުބިއްޔަތުގައި އުނިވީ ކޮންކަމެއްބާއޭ އޭނާގެ ސިކުނޑީގެ ތެރޭގައި އެނބުރެމުން ދިޔައެވެ. އަންހެން ކުއްޖެއްގެ ކުށެއްނެތި އެ އަންހެން ކުއްޖާގެ އިޙްސާސްތަށް ޖޯކަކަށް ހަދާ އެންމެންގެ ކުރިމަތީގައި ބޭޒާރުކޮށްލާނީ ހާދަ ގޮތެއް ނެތީމައެވެ. ހާދަ ރަޙުމު ކުޑަ ވީމައެވެ. ދެރައީ އެހުރިހާ ކަމެއް ކުރީ އޭނާގެ ޒުވާން ދަރިފުޅުކަމަށް ވީތީއެވެ. އެ ޙާލަތާ ކުރިމަތިލާ އަފްނާންއާ ވާހަކަ ދައްކާނީ ކިހިނަކުން ބާއޭ ވެސް ނަޖީބުގެ ހިތަށް އެރިއެވެ.

ޑްރައިވަރުވެސް ކިޔަމަތްތެރިކަމާއެކު އާބަސް ބުނެފައި ކާރު ދުއްވައިލިއެވެ. ގެއާ ހިސާބަށް ދެވެން ނެގި މަދު ވަގުތުކޮޅުވެސް ނަޖީބަށް ހީވީ ގަރުނެއްހެންނެވެ. އޭނާ އިނީ ގެއާ ހިސާބަށް ފޯރުން ލަސްވެފައެވެ. ކަރުގައި އަޅާފައި އޮތް ޓައީ ދޫކޮށްލަމުން ކޯޓުގެ ގިރުވާނަށްވެސް ކުޑަކޮށް ދަމައިލިއެވެ. ބާރު ވާގަނޑަކުން ކަރަށް ވާން ކުރަމުންދިޔަހެން ނަޖީބަށް ހީވާން ފެށިއެވެ.

ގޭގެ ގޯތިތެރެއަށް ކާރު ވައްދައިލާ މަޑުކޮށްލުމާއެކު ޑްރައިވަރަށްވެސް މަޑުކުރުމެއްނެތި ނަޖީބު ކާރުން ފޭބިއެވެ. އަދި އެ ދިޔަ ގޮތަށް ގޮސް ގެއަށް ވަނެވެ. އޭރު ރިސާމާ ސޯފާގައި، އާއިންއަށް އާފަލެއް ކާންދޭންވެގެން އިނެވެ. ނަޖީބު ފެނުމާއެކު ރިސާމާ، ވާހަކަ ދައްކަން އަނގަ ހުޅުވައިލާފައިވެސް މަޑުޖެހިލިއެވެ. އޭނާއާ ދިމާލަށް ބަލައިލުމެއްވެސް ނެތި، ނަޖީބު ގޮސް ވަނީ ކޮޓަރިއަށެވެ. ލަސްވާނެ ވާހަކަ ބުނެފައި އެހާ އަވަހަށް އައުމުން އޭނާއަށް ވަނީ ހައިރާންކަމެއް ވެސް ލިބިފައެވެ.

"ނަޖީބަށް ކިހިނެއްވީބާ؟ އޮފީހުގައި ކަމެއް ދިމާވީބާ؟" ހިތާ ހިތުން ރިސާމާއަށް ވާހަކަ ދެކެވުނީ އެއީ މީގެ ކުރިން ދުވަހަކުވެސް ނަޖީބުގެ ފަރާތުން ފެނުނު އަމަލުތަކެއް ކަމުގައި ނުވާތީއެވެ. އޭނާ ފެނިއްޖެނަމަ އަޅާނުލާ ދުވަހަކު ނަޖީބު ނުދާނެއެވެ. އަނެއްކާ އޭނާ އެތަނުގައި އިންކަންވެސް ނޭނގުނީބާއެވެ. އެހެން ކަމަކަށް ސަމާލުކަން ނުދެވޭ ފަދަ ބޮޑުކަމެއް ވީނަމަ އެއީ ކޮންކަމެއްހެއްޔެވެ؟

"މާމާ… " ރިސާމާ ސިހުނީ އާފަލު ފޮތި ހުސްކޮށްލާފައި އާއިން އޭނާއަށް ގޮވާލުމުންނެވެ. ނަޖީބު ދިޔަ ދިމާލަށް ބަލަން އިން ރިސާމާ އާއިންއަށް ސަމާލުކަން ދިނީ ދެނެވެ.

"ހުސްވީތަ؟ ރިސާމާ ބުނެލުމުން އާއިން ބޯ ޖަހައިލިއެވެ. "އަން…" ރިސާމާ އެންމެފަހު ފޮތި އާއިންއަށް ދިއްކޮށްލިއެވެ.

"ޑެޑީ…" އާފަލު ފޮތި އަނގަޔަށް ލީ އާއިންއަށް ދޮރުން ވަދެގެން އައި އަޒްލަފް ފެނުމާއެކު ގޮވައިލިއެވެ.

"ދަރިފުޅު…. ކޯންޗެއް ކަނީ؟" އާއިންއާ ދިމާލަށް ހިނގައިގަންނަމުން، އަޒްލަފް ސުވާލުކޮށްލިއެވެ. "އެޕަލްއެއްތަ؟"

"ޔެސް…" ހުރިހާ ދަތްތަކެއް ފެންނަވަރަށް ހީނލަމުން އާއިން ބުނެލިއެވެ.

"އެހެންތަ؟ މިހާރު ވަރަށް ސްޓްރޯންގ ބޯއީ އަކަށް ވާނެ ދޯ އެހެންވީމަ." އާއިންއާ ސަކަރާތްޖަހަމުން އަޒްލަފް ބުނެލުމުން އާއިން އޭނާގެ އަތް ދައްކާލަމުން ވާހަކަ ދެއްކިއެވެ.

"ދުވަސްކޮޅަކުން ޑެޑީއަށް ވުރެ ސްޓްރޯންގް ވާނެ. ދޯ މާމާ…" އާއިން ރިސާމާއަށް ބަަލައިލިއެވެ. "ޑެޑީއަށް އެނގޭތަ؟ މާމަ ބުނީ ފްރުޓްސް ކަންޏާއޭ އެންމެ ސްޓްރޯންގް ވާނީ. އެހެންވެ ކޮއްކޮ ގިނައިން ފްރުޓްސް ކަނީ މިހާރު. ޑެޑީ ބޭނުންތަ؟"

"ނޫން. ދަރިފުޅު ކާލާ." އަޒްލަފް ހީނލިއެވެ. ޝައުފާ ނެތުމުގެ ފަޅުކަން އާއިންއަށް އިޙްސާސް ކޮށްނުދެވޭތޯ އަޒްލަފް މަސައްކަތްކުރެއެވެ. އެކަމަށް އޭނާއަށް އެންމެބޮޑު އެހީތެރިކަމެއް ދެނީ ރިސާމާއެވެ. އެހެން ނަމަވެސް، މަންމައެއް ނެތުމުގެ އިޙްސާސް އާއިންއަށް ވާނެކަން އަޒްލަފްއަށްވެސް އެނގެއެވެ. ބައެއް ފަަހަރު ކަންބޮޑުވަނީ އެހެންވެގެންނެވެ. އެ އިޙްސާސް އޭނާއަށް ވެސް އެންމެ ބޮޑަށް ކުރެވެނީ، އާއިންގެ ޝައުފާގެ ވާހަކަ އަހާ ފަހަރުތަކުގައެވެ. މަންމައެއްގެ މަޤާމު އެހެން މީހަކަށް ފޫބައްދައި ނުދެވޭނެކަމުގައި ޤަބޫލުކުރެވެނީވެސް އެހެންވެގެންނެވެ.

"މަންމަ އެބަ އަންނަން އިނގޭ." ރިސާމާ އަޒްލަފްއަށް ބަަލައިލާފައި ބުނެލިއެވެ. އަޒްލަފް ބޯ ޖަހާލާފައި އާއިން އުރައިލިއެވެ.

ކޮޓަރިއަށް ގޮސް ރިސާމާ ވަތްއިރު، ނަޖީބު އިނީ ކޮޓަރީގެ އެއްފަރާތު ކަނާ ދިމާލުގައި ބަހައްޓާފައި ހުރި ވިންގްޗެއާގައި އިށީނދެލައިގެން އިސްޖަހާލައިގެންނެވެ. ހީވަނީ ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެފައި އިންހެންނެވެ.

"ނަޖީބު…. ކިހިނެއްވީ؟" އެ ދިމާލަށް ހިނގައިގަންނަމުން ރިސާމާ ސުވާލުކޮށްލިއެވެ.

"ނަޖީބު… ބޮޑުކަމެއްވީތަ؟" ނަޖީބު އެއްޗެއް ނުބުނުމުން ދެވަނަ ފަހަރަށްވެސް ރިސާމާ ސުވާލުކޮށްލިއެވެ. އޭނާ މަޑުމަޑުން ނަޖީބުގެ ކޮނޑުގައި އަތް ޖައްސައިލިއެވެ.

"ރިސާމާ…." އުދާސްކަމުގެ ނޭވާއެއް ދޫކޮށްލަމުން ނަޖީބަށް އޭނާގެ އަނބިމީހާއަށް ގޮވައިލެވުނެވެ. ހިތުގެ ހައިޖާނުގަނޑު ރިސާމާއާ ހިއްސާކުރާނީ ކިހިނަކުން ބާއޭ ނަޖީބުގެ ހިތަށް އެރިއެވެ.

"ކިހިނެއްވީ؟ އޮފީހުގައި އަނެއްކާ ކަމެއް ދިމާވީތަ؟ ތިގޮތަށް އެއްޗެއް ނުބުނެ އިންނަން ފެށީމަ އަހަރެން އެބަ ވަރަށް ހާސްވޭ. ކޮންމެވެސް އެއްޗެއް ބުނެބަލަ…." ރިސާމާވެސް ހާސްވެއްޖެއެވެ. "ނަޖީބު. އަހަންނާ ހިއްސާކޮށްލަބަަލަ."

ފިރިމީހާގެ ހިމޭންކަމުން ރިސާމާއަށް އުނދަގޫވިއެވެ. ކިތަންމެ ބޮޑުކަމެއް ދިމާވިނަމަވެސް، ނަޖީބަކީ އެގޮތަށް މާޔޫސްވެފައި އިންނަ މީހެއް ނޫނެވެ. ކޮންމެ ކަމެއްވެސް ޙިކުމަތްތެރިކަމާއެކު، ކުރާ ވިސްނުން ތޫނު މީހެެކެވެ. އެހާ ފަސޭހައިން ކަންތައްތަކާ ގޮތްހުސްވެ އުންމީދު ކަނޑާލާ މީހެއްވެސް ނޫނެވެ. ރިސާމާ އެންމެ ހާސްވީ އެހެންވެގެންނެވެ. މީގެ ކުރިން ނުފެންނަ މާޔޫސީ އަަސަރުތަކަކުން ނަޖީބުގެ މޫނުމަތި ވަނީ މިލާފައެވެ.

"އަހަރެން މިއަދު ވަރަށް ލަދުގަނެއްޖެ." ނަޖީބު ރިސާމާއަށް ބަލައިލިއެވެ. އެމޫނުމަތިން ފެންނަމުން ދިޔަ އަސަރުތައް މާނަކުރާނީ ކިހިނެއްކަމެއް ރިސާމާއަކަށް ނޭނގުނެވެ.

"ކިހިނެއްވީ؟ އަހަރެން ގާތު ބުނެބަލަ." ރިސާމާއަށް އެ ސުވާލުކޮށްލެވުނީ ހައިރާންވެފައިވާ ޙާލުގައެވެ. ވާނުވާ ނޭނގޭފަދަ އަސަރުތަކެއް އެ މޫނުމައްޗަށް ވެރިވެ ދެބުމަ ވެސް ކުޑަކޮށް އުފުއްލައިލެވުނެވެ.

"އަހަރެމެންގެ ތަރުބިއްޔަތުގައި ކޮންކަމެއްތަ މަދުވީ ރިސާމާ. ދަރީންނަށް މާ ބޮޑަށް މިނިވަންކަން ދެވުނީތަ؟ ކުރާ ކަންތައް ނުބެލުނީމަތަ މިހެން ކަންތައް މިވީ. " ނަޖީބަށް ބުނެވުނެވެ. "އަހަންނަކަށް ނޭނގެ ރުޅި އަންނަންވީކަމެއްވެސް، ދެރަވާންވީކަމެއްވެސް. ހަދާނެ ގޮތެއް ވެސް ނޭނގެ. "

ދެފަރާތަށް ބޯ ހޫރައިލި ނަޖީބު ވާހަކަ ދައްކަން ފެށިގޮތުން ރިސާމާގެ ހިތަށްވެސް ބިރުވެރިކަންވަނެވެ. އޭނާގެ ހާސްކަންވެސް ދެގުނަވެގެން ދިޔައެވެ.

"ސާފުކޮށް ކިޔައިދީބަލަ ނަޖީބު. އަޒްލަފްތަ؟ ނޫނީ އަފްނާންކަމެއް ކުރީތަ؟" ރިސާމާއަށް ސުވާލުކޮށްލެވުނެވެ.

"ރިސާމާ… އަފްނާންގެ ސަބަބުން މިއަދު ފުރަތަމަ ފަހަރަށް މީހެއްގެ ކުރިމަތީގައި އިސްޖަހާލަން އަހަންނަށް މަޖުބޫރުވެއްޖެ." ލަދުވެތިކަމާއި، ހިތާމަވެރިކަމާ ރުޅިވެރި އަސަރުތަކުން ފުރިފައިވާ އިޙްސާސްތަކެއް ނަޖީބުގެ މޫނުމައްޗަށް ވެރިވިއެވެ. އަފްނާން ކޮށްގެން އުޅޭކަމުގެ ބޮޑުކަން ރިސާމާއަށް ވެސް އިޙްސާސްކުރެވުނީ ދެނެވެ.

"މީ އަހަރެންގެ މައްސަލަ. ރިސާމާ ބުނާހެން ކޮންމެ ކަމެއްގައި ދަރީންނަށް އެހާ ބޮޑަށް ދޫދޭކަށް ނުވާނެ. އެހެންނޫނީ އެމީހުން އަހަރެމެން ދޭ މިނިވަންކަމުގެ ނާޖާއިޒް ފައިދާ ނަގާނީ." ނަޖީބު ބުންޏެވެ. ރިސާމާއަށް ވެސް އެއްޗެއް ނުބުނެ ހުރެވުނީ ވިސްނަންވީ އެއްޗެއް ވެސް ނޭނގިފައެވެ.

"އަދިވެސް ވެގެން އުޅޭ ގޮތެއް ނުބުނަމެއްނު ނަޖީބު…" އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ރިސާމާ ވާހަކަ ދެއްކިއެވެ. ނަޖީބު ވިސްނައިލިއެވެ. އެ ހުރިހާކަމެއް އެނގުމުން ރިސާމާއަށް ލިބޭނެ ހިތްދަތިކަންވެސް އޭނާއަށް އެނގެއެވެ. އެހެންނަމަވެސް ރިސާމާއަށް ވެސް ކަންތައްތައް އެނގެން ޖެހޭނެކަމަށް ޤަބޫލުކުރެވޭތީ އެ ހުރިހާ ވާހަކައެއް ކިޔައިދޭން އޭނާ ނިންމިއެވެ. ނަޖީބު އޭނާގެ ފޯނު ނަގާ އެ ވީޑިއޯ އަޅުވާލާފައި ރިސާމާއަށް ދައްކައިލިއެވެ.

"މީގެން ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ." ސުވާލުގެ ނަޒަރަކުން ރިސާމާ ބަލަން ފެށުމުން ނަޖީބު ބުނެލިއެވެ. ރިސާމާ ފޯނުގައި ހިފަމުން އެ ވީޑިއޯ ބަަލަން ފެށިއެވެ.

"އަފޫ…." އޭނާއަށް އަފްނާންގެ ނަން ކިޔައިލެވުނީ ފެނުނު މަންޒަރު ޤަބޫލުނުކުރެވުނު ފަދައަކުންނެވެ. އެއީ ހަމަ އަފްނާންހެއްޔެވެ؟ އަންހެން ކުއްޖަކު އެފަދަ ގޮތަކަށް ބޭޒާރު އެކުރަނީ ހަމަ އަފްނާންހެއްޔެވެ؟ އެވެސް އެންމެންގެ ކުރިމަތީގައެވެ. އެ އަންހެން ކުއްޖާގެ ރުއިމާ ގިސްލުމުގެ އަޑުން އަފްނާންއަށް ހަަމަ އެއްވެސް އަސަރެއް ނުކުރަނީހެއްޔެވެ؟ އެފަދަ ގޮތަކަށް އަންހެން ކުއްޖެއްގެ އިޙްސާސްތަކާ ކުޅެން އަފްނާންއަށް ކެރުނީވެސް ކިހިނަކުން ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އެހާ ދަށު ދަރަޖައިގެ އަމަލެއް އަފްނާން ކުރީ ކީއްވެހެއްޔެވެ؟ އޭނާ އަކީވެސް އަންހެނެކެވެ. އަންހެނަކަށް ވެ ހުރެ އެ މަންޒަރު ބެލުމަކީ ރިސާމާއަށް ވެސް ފަސޭހަކަމަކަށް ނުވިއެވެ. ފިރިހެން ދަރިފުޅާ މެދު ކުރި އިތުބާރު ގެއްލިއްޖެއެވެ. އަފްނާންގެ އެ ސިފައަކީ މީގެ ކުރިން ދުވަހަކުވެސް އެ ދެމީހުން ކުރެ އެކަކަށްވެސް ފެނިފައިވާ ސިފައެއް ނޫނެވެ. އަފްނާން އަކީ އެހާ ރަޙުމު ކުޑަ މީހެއްކަމެއް މީގެ ކުރިއަކުން އޭނާއަށް އެނގިފައެއް ނުވެއެވެ.

"މީ… މީ ގަރޑަން އިންގެ ހޯލް ދޯ… ނަޖީބު… ނަޖީބަށް ކިހިނެއް މި ވީޑިއޯ ލިބުނީ.؟" ރިސާމާއަށް ވާހަކަ ދެއްކުންވެސް ވީ ދަތިކަމަކަވެ. ރިސާމާއަށް ވީގޮތް ފެނި ނަޖީބު އޭނާއަށް ހިތްވަރު ދިނެވެ. އޭނާ ގޮނޑިން ތެދުވެލާ ރިސާމާގެ ކޮނޑުގައި ހިފައްޓައިލިއެވެ. އަދި ރިސާމާ ގެންގޮސް ސޯފާގައި ބައިންދާ ކައިރީގައި އިށީނދެލިއެވެ.

"ތީ މީގެ ދެ އަަހަރުކުރީގެ ވީޑިއޯއެއް." ނަޖީބު އެހެން ބުނެލާފައި އޭނާއަށް އެނގޭ ހުރިހާ ވާހަކައެއް ރިސާމާއަށް ކިޔައިދިނެވެ. އެހުރިހާ ވާހަކައެއް އަޑު އަހަމުން ދިޔަ ވަރަކަށް ރިސާމާގެ މެއަށް ވެސް ތަދެއް އަރާހެން ހީވިއެވެ. އެ އަންހެން ކުއްޖާ އެކްސިޑެންޓުގެ ކޯމާއަކަށް ދިޔަ ޚަބަރު ލިބުމާއެކު، އިތުރަށް ދެރަވުން ނޫންކަމެއް ނުވިއެވެ.

"ރުޅިއައިސްގެން އެއްޗެހި ކިޔަސް ވީކަމެއް ނުވާކަމަކަށްވެސް ނުހެދޭނެ. އެކަމަކު މިކަމާ އަފްނާންއާ ވާހަކަ ދައްކަން އަހަރެން ބޭނުން. އަފްނާންއާ ސުވާލުކުރަން ބޭނުން. " ނަޖީބު ތެދުވެ ކޮޓަރިން ނުކުންނަން ހިނގައިގައިގަތެވެ.

"އަފްނާން ގޭގައި އެބަ އުޅޭތަ؟" ނަޖީބު ސުވާލުކޮށްލުމުން ރިސާމާ، ހެނދުނުގެއިން ދަނިކޮށް ފެނުނުކަމަށާއި އޭގެފަހުން ނުދެކޭކަމަށް ބުނެލިއެވެ.

އެ ދެމީހުން ކޮޓަރިން ނުކުތް މަންޒަރު އާއިންއާއެކު ބޯޅަކުޅެން ގޭތެރޭގައި ދުވެދުވެފައި އުޅުނު އަޒްލަފްގެ ލޮލުގައިވެސް އަޅައިގަތެވެ. މަންމަމެން ލިފްޓުން މައްޗަށް އަރައިގެން ދިޔުމުން ކުޑަކޮށް ހައިރާންވެސް ވިއެވެ. އާއިން އޭނާއަށް ގޮވާލުމުން އަޒްލަފްވެސް އާއިންއަށް ސަމާލުކަން ދިނެވެ. އިރުކޮޅެއްފަހުން ދެން ފެނުނީ އަނެއްކާވެސް ނަޖީބާއި ރިސާމާއާއި ދެމީހުން އެ ދިމާލަށް އައި ތަނެވެ. އޭރު ނަޖީބުގެ ކަންފަތުގައި ވަނީ ފޯނު ޖައްސާލެވިފައެވެ.

"ފޯނެއް ވެސް ނުނަގާ. އަޒްލަފްއަށް އެނގޭތަ އަފްނާން ދިޔަތަނެއް؟" ނަޖީބުގެ މޫނުމަތިން ނުރުހުންތެރިކަން ފެނި، އަޒްލަފްއަށް ވެސް ހައިރާންކަމެއް ލިބުނު އިރު ނިކަން އަވަސް އަވަހަށް އޭނާ ނޫނެކޭ ބުނެލައިފިއެވެ. ރިސާމާއަށް ބަލައިލުމުން ރިސާމާ ވެސް އެއްޗެއް ނުބުންޏެވެ. އެ ތިން މީހުންނަށް ބަލަހައްޓައިގެން އާއިން ހުރިތަން ފެނުމުން ގޭގައި ގެންގުޅޭ ނޯކަރު ކުއްޖަކަށް ގޮވާލާފައި އާއިން ގޮވައިގެން އެތަނުން އެހަށް ގޮސްލުމަށް ރިސާމާ އެދުނެވެ. ރިސާމާ އާއިން ހައްދާލުމުން އާއިންވެސް އެ ކުއްޖާއާއެކު ބަގީޗާއަށް ނުކުމެލަން ހިނގައިގަތެވެ. ވެގެން އުޅޭ ކަންތަކުގެ ސީރިއަސްކަން އަޒްލަފްއަށްވެސް ރޭކާލީ އެހާ ހިސާބުންނެވެ. ނަޖީބާއި ރިސާމާގެ މޫނުމަތިންވެސް ފެންނަނީ ބުނެދޭން ނޭނގޭ ފަދަ އަަސަރުތަކެކެވެ.

"އަޅުގަނޑު ގުޅާލަންތަ؟" އަޒްލަފް އެހެން ބުނެލާފައި ފޯނު ނަގާ އަފްނާންއަށް ގުޅައިލިއެވެ.

"ބުނޭ ހަމަ މިހާރު ގެއަށް އަންނާށޭ…ކޮންމެ ތަނަކު ކިތަންމެ މުހިންމުކަމެއް ކުރަން ހުއްޓަސް ހެޔޮ." ނަޖީބު ބުންޏެވެ. ބައްޕަ އެހާ ހިތްހަމަނުޖެހިފައި ހުއްޓާ އަޒްލަފްއަށްވެސް މީގެ ކުރިން ފެނިފައެއް ނުވެއެވެ. ވެގެން އުޅޭ ކަމެއް އެނގުމުގެ ޝައުޤުވެރިކަން ހިތުގައިވީލެއް ބޮޑުކަމުން އަނެއްކާވެސް ރިސާމާއަށް ބަލައިލެވުނެވެ. ލޯ މަރާލުމާއެކު ރިސާމާ އަތުން އިޝާރާތްކޮށްލީ މަޑުކޮށްލުމަށެވެ.

"ފޯނެއް ނުނަގާ." ރިންގްވެފައި ފޯނު ކެނޑުނުއިރުވެސް އަފްނާން ފޯނު ނުނަގާތީ އަޒްލަފް ބުންޏެވެ.

"ފޯނު ނަގަންދެން ގުޅާ. ނެގީމަ ބުނޭ ހަމަ މިހާރު އަންނަން." ނަޖީބު ބުންޏެވެ. ބައްޕަގެ އަމުރަށް ކިޔަމަން ވުމުގެ އަޒްލަފް އަނެއްކާވެސް އަފްނާންގެ ނަންބަރަށް ޑައިލްކޮށްލިއެވެ.

ތިން ހަތަރު ފަހަރު ގުޅިފަހުން އަފްނާން ފޯނު ނަގައިފިއެވެ.

"އަފޫ. ކޮންތާކު؟" އަޒްލަފް ސުވާލުކޮށްލިއެވެ. "ކީއްވެ ފޯނު ނުނަގަނީ؟ "

"ސައިކަލުމަތީގަ އިނީ. މި ވަންނަނީ ގެއަށް. ކިހިނެއްވީ؟" އަފްނާން ސުވާލުކޮށްލިއެވެ.

"އާ. އޯކޭ އެހެންވިއްޔާ ވަދޭ…" އަޒްލަފް ބުނެލިއެވެ.

"އެބަ ވަދޭ ގެއަށް." ނަޖީބަށް ބަލައިލާފައި އަޒްލަފް ބުނެލިއެވެ.

އަފްނާން ގެއަށް ވަތްއިރު އެންމެންވެސް ތިބީ ބޮޑުކޮޓަރީގައި ކޮޅަށެވެ. ހީވަނީ އޭނާގެ އިންތިޒާރުގައި ތިބިހެންނެވެ. އޭނާއަށް ވަކިވަކީން ފަހަރަކު މީހެއްގެ މޫނުމައްޗަށް ބަލައިލެވުނެވެ. ރިސާމާއާއި ނަޖީބުގެ މޫނުމަތިން ނުރުހުމުގެ އަސަރުތައް އޭނާއަށް ފާހަގަވިއެވެ. އަޒްލަފްއަށް ބަލައިލެވުނީ ވެގެން އުޅޭ ގޮތެއް ބުނާށޭ ބުނާ ފަދަ ނަޒަރަކުންނެވެ. އަޒްލަފް ނޭނގެޔޭ ބުނުމުގެ ގޮތުން ކިރިޔަކިރިޔާ ދެފަރާތަށް ބޯ ހޫރައިލިއެވެ. ވެގެން އުޅޭ ގޮތަކާ މެދު ވިސްނާލުމުން އޭނާގެ ސިކުނޑިއަށް ވެސް އަންނަނީ މައުވާއެވެ. އެނޫން އިތުރުކަމެއް ނުވެސް ވިސްނުނެވެ. އެކަމަކު މައުވާގެ ކަންތައް ބައްޕައަށް އެނގޭނީ ކިހިނަކުންބާއޭ ހިތަށް އެރުމުން އެ ޚިޔާލު އެއްފަރާތްކޮށްލަންވެސް މަޖުބޫރުވާން ފެށިއެވެ.

ލަސް ފިޔަވަޅުތަކެއްގައި ގޮސް އެ އެންމެންނާ އަރާ ހަމަވުމާއެކު، އަފްނާން މަޑުޖެހިލިއެވެ. ވާން އުޅޭގޮތެއް ނޭނގި ނުގޮތަކަށް ހިތް ތެޅިލީ ލިބެން އުޅޭ ޚަބަރެއްގެ ނުބައިކަން އެހިތަށް ވެސް އިޙްސާސްކުރެވުނު ފަދައަކުންނެވެ.

"ކޮންތާކުން ތިއައީ؟" ނަޖީބުގެ އަޑުގައި ހަރުކަށިކަންވެއެވެ.

"ބޭރުން. ކޮފީއަކުން…" އަފްނާން ބުނެލިއެވެ. އޭނާއަށް އޭރުވެސް ބެލެނީ ފަހަރަކު މީހެއް މޫނަށެވެ.

"ތަރުބިއްޔަތުގައި ކޮންކަމެއް މަދުވެގެން އަފްނާން އެފަދަ މަގެއް ޚިޔާރުކުރީ؟ އަހަރެމެންނަށް އަފްނާންއަށް ކޮން ކަމެއް ނުކޮށްދެވިގެން… މިނިވަންކަން ދިނީމަ އޭގެ ނާޖާއިޒް ފައިދާ ނަގަން އެނގުނު ގޮތަކީ މީތަ؟" ނަޖީބު ބުނެލިއެވެ. އޭނާ ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. އެ ޖުމްލަތަކުން އަފްނާންގެ ހިތް ބާރަށް ތެޅެން ފެށިއިރު މީހާ ފިނިވާން ފެށިއެވެ. ނޭވާލާން ދަތިވި ނަމަވެސް، ފުންކޮށް ނޭވާއެއް ދޫކޮށްލަންވެސް އަފްނާން ޖެހިލުންވިއެވެ. ހިމޭންކަން އިޚްތިޔާރުކުރެވުނީ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް އޭނާގެ މައިންބަފައިން އޭނާއާ ކުރިމަތިކުރުވި ސުވާލުތަކެއް ނޫނެވެ. ސުވާލުގެ ނަޒަރަކުން، އަޒްލަފްއަށް ބަލައިލި ނަމަވެސް، އަޒްލަފްގެ ނަޒަރު ބުނެދެނީ އޭނާއަށް ވެސް ވެގެން އުޅޭ ގޮތެއް ނޭނގޭ ސީދާ ނޭނގޭ ކަމުގައެވެ.

"މިބުނި އެއްޗެއް ނޭނގުނުތަ؟ ނޫނީ އެނގުނީމަތަ ހިމޭންވީތި؟" އަތުގައި އޮތް ފޯނުން ވީޑިއޯ އަޅުވާލާފައި އަފްނާންއަށް ދިއްކޮށްލަމުން ނަޖީބު އެހެން ބުނެލިއެވެ. "މީގަ ހިފާބަލަ."

ނަޖީބުގެ އަޑާއެކު އަފްނާން ފޯނުގައި ހިފިއެވެ. އެއަށް ބަލައިލުމާއެކު ކަންފަތުގައި ޖެހުނު އަޑާއެކު، އޭނާގެ މެއަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލިހެންނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު