މާލެ އަށް ކަރަންޓް ދެވޭނެވަރުގެ ކެޕޭސިޓީ މިހާރު އެބަހުރި: ސްޓެލްކޯ

މާލެ އަށް ކަރަންޓް ފޯރުކޮށްދެވޭ ވަރަށް ސްޓެލްކޯގައި މިހާރު ކެޕޭސިޓީ އެބަހުރި ކަމަށާއި ބައެއް ފަހަރު މާލެ އިން ކަރަންޓް ކެނޑެނީ ދިމާވާ ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފު އިއްޔެ ވިދާޅުވީ މީގެ ކުރިން ޕީކް ގަނޑިތަކުގައި ތަކުރާރުކޮށް ކަރަންޓް ކަޑާލަން ޖެހެނީ މާލެ އަށް ބޭނުންވާ ވަރަށް ކަރަންޓް ނުއުފެއްދޭތީ ކަމަށާއި ނަމަވެސް ފޯތު ޕަވާ ޕްރޮޖެކްޓަރުގެ އެއް ޖަނަރޭޓަރު ލިބި ބޭނުން ކުރަން ފެއްޓުމުން މާލެ އަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ ސްޓެލްކޯގައި މިހާރު އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފޯތުޕަވާ ޕްރޮޖެކްޓްގެ އެއް އިންޖީނު ލިބި ހިންގަން ފެއްޓުނީމާ އަޅުގަނޑުމެންނަށް އެބަލިބޭ ވަގުތު މިހާރު ދެން ހުރި އިންޖީނުތައް މަރާމާތުކޮށްލާ ހަދަން. މިހާރު ކަރަންޓް މިކެޑެނީ މިހާރު ބަހައްޓާފައި އެ ހުރި ޖަނަރޭޓަރުތަކަކީ މައްސަލައެއް ދިމާވެއްޖިއްޔާ އޮޓަމެޓިކުން ކެޑޭ އެއްޗިހިކަމަށް ވާތީ އޮޓަމެޓިކުން ނިއްވާލަނީ. އެހެންވީމާ އެ ނަގާ ވަގުތަކީ އެ މުވައްޒަފުން އެ ޖައްސަން ނަގާ ވަގުތުކޮޅެއް. އަޅުގަނޑުމެން މިހާރު އޮންނާނީ އެކަން ވެސް އަވަސް ކުރަން އަންގާފައި،" ޝަރީފު ވިދާޅުވި އެވެ.

ފޯތު ޕަވާޕްރޮޖެކްޓްގެ ދަށުން ބެހެއްޓި ޖަނަރޭޓަރުތަކުން ކޮންމެ ޖަނަރޭޓަރަކުން 8.9 މެގަ ވޯޓު ކަރަންޓް އުފައްދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. ޝަރީފު ވިދާޅުވީ ފޯތު ޕަވާ ޕްރޮޖެކްޓްގެ ސަބަބުން 2015 ވަނަ އަހަރާ ހަމައަށް މާލެއަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދޭނެ ކަމަށެވެ.

ސްޓެލްކޯ އިން ބުނީ ރޯދަ މަހު ދުވާލު ކަރަންޓް ބޭނުންކުރާ މިންވަރު އެހެން މަސްމަހަށް ވުރެ ހަތަރު މެގަ ވޯޓް އިތުރުވާ ކަމަށެވެ. ޝަރީފު ވިދާޅުވީ ރޯދަ މަހު ވެސް ކަރަންޓް ބޭނުންވާ މިންވަރަށް ކަރަންޓް އުފެއްދޭނެ ކަމަށާއި ރައްޔިތުންނަށް ދަތިކަމެއް ނެތި ކަރަންޓް ދެވޭނެ ކަމަށެވެ.

"މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ވެސް އަޅުގަނޑުމެން ޓީމްތައް ތިބޭނީ ތައްޔާރަށް އެ މައްސަލައެއް ހައްލުކުރަން. އަޅުގަނޑުމެންގެ ޓީމުތައް އެޑެންޓް ކުރެވޭ ހާލަތްތަކުގައި ތިބޭނީ. އަދި ރާއްޖެ ތެރޭގެ އިންޖީނު ގެއަކަށް މައްސަލައެއް ދިމާވިޔަސް އަޅުގަނޑުމެން އެއަށް އެޓެންޑް ކުރަން ވާނީ އެއްބަސްވެފައި. އެ ގަނޑީގައި އަޅުގަނޑުމެން ކޮސްޓަކަށް ވެސް ނުބަލާނަން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފޯތު ޕަވާ ޕްރޮޖެކްޓްގެ ދަށުން ހެދިފައިވާ އިންޖީނު ގޭގައި އިތުރު ޖަނަރޭޓަރު ބެހެއްޓޭނޭ ކަމަށާއި ހުސްކޮށް ހުރިތަންތަނަށް އިތުރު ޖަނަރޭޓަރު ހޯދާ ސްޓެލްކޯގެ ކެޕޭސިޓީ ބޮޑުކުރުމަށް ފައިނޭންސް ހޯދުމަށް ސަރުކާރާއި ވާހަކަ ދައްކާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ކުންފުންޏަށް ސަރުކާރުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން އިމަޖެންސީގައި ބޭނުން ކުރުމަށް 50 މިލިއަން ރުފިޔާގެ އޯޑީއެއް ހަމަޖައްސައިދީފައިވާ ކަމަށެވެ.

ސްޓެލްކޯ އިން މިހާރު އަންނަނީ ފޯތު ޕަވާ ޕްރޮޖެކްޓްގެ ދެވަނަ އިންޖީނު ވެސް ހިންގާ 21 ދުވަހުގެ ޓެސްޓްތައް ކުރަމުންނެވެ. ޝަރީފު ވިދާޅުވީ އެ އިންޖީނަށް ކުރިން ދިމާވި ވައިބުރޭޝަންގެ މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި އެ މަޖެންސީ ހާލަތެއްގައި ބޭނުން ކުރުމަށް ސްޓެލްކޯ އިން ވަނީ ކުޑަ ދެ އިންޖީނެއްވެސް މާލެ ގެނެސްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު