ބައްޕައާއެކު ގެއަށް ގޮސް ވަތްތަނާ، ޒައުލްގެ ފޯނު ރިންގުވުމާއެކު އޭނާ ބަލައިލިއެވެ. ގުޅީ އަރީޝްއެވެ. ޒައުލް ނިކަން އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމަށްފަހު "ހެލޯ" އޭ ބުނެލިއެވެ.
"ހައި. ޒައުލް . ކިހިނެއް؟" އަރީޝް ސުވާލުކޮށްލިއެވެ.
"އަހަރެން ރަނގަޅު. ތިކޮޅު ކިހިނެއް؟" ޒައުލް ބުނެލިއެވެ. އެކުވެރިޔާ ގުޅުމުން ޒައުލްގެ ހިތަށް ހަމަޖެހުމެއް ވެރިވިއެވެ.
"އަހަރެން ވެސް ރަނގަޅު. ބައްޕަ ކިހިނެއް މިހާރު؟" އަރީޝް ސުވާލުކޮށްލިއެވެ. އޭނާއަށް ޒަމީރުގެ ޙާލަތު އެނގުނީ ޒައުލް އޭނާއާ އެވާހަކަ ހިއްސާކޮށްފައިވާތީއެވެ.
"ބައްޕަވެސް ރަނގަޅު. " ޒައުލް ބުންޏެވެ. ޒަމީރު ޒައުލްއަށް ބަލައިލާފައި ވެސް އެއްޗެއް ނުބުނީ ޒައުލް ފޯނުގައި ހުރުމުންނެވެ. އޭނާ ކޮޓަރިއާ ދިމާލަށް އިޝާރާތްކޮށްލުމުން ޒައުލްވެސް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެެވެ. ޒަމީރު ގޮސް ކޮޓަރިއަށް ވަނުމުންވެސް ޒައުލް އެކުވެރިޔާއާއެކު އެތަކެއް އިރަކު ވާހަކަ ދައްކަން ސޯފާގައި އިނެވެ.
"މަބުނީ އަރީޝްގެ ބައްޕަގެ ރިސޯޓު އެއީ ކިހާ ހިސާބެއް؟" ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއިން ޒައުލް ސުވާލުކޮށްލިއެވެ.
"މާލެ ކައިރި ރިސޯޓަށް ދެވޭނެ ދިހަ މިނެޓް ތެރޭގަ. ކިހިނެއްވީ؟" އަރީޝް ސުވާލުކޮށްލިއިރު، ޒައުލްގެ ބޭނުން އޭނާއަށް އެނގޭފަދައެވެ.
"އެނގެއެއްނު. " ޒައުލް ހަމައެކަނި ބުނެލީ އެހެންނެވެ. އޭނާ ފޯނު ބާއްވާފައި ވަށައިގެން އެ ޕެންޓްހައުސްއަށް ބަލައިލިއެވެ. ޒަމާނީ ފެންވަރުގެ ބޮޑު ތަނެއް ނަމަވެސް، ފަޅުކަމެއް އޭނާއަށް ވެސް އިޙްސާސްކޮށްލެވުނެވެ. ބައްޕަ އެބުނީ ހަމަ ތެދެކޭ ޒައުލްގެ ހިތަށް އެރިއެވެ. އެ ބޮޑު ގޭގައި އެއްވެސް ދިރުމެއް ނެތެވެ.
*****
އެރޭގެ ކެއުމުގެ ވަގުތުގައި ޒަމީރު ޒައުލްއާ ވާހަކަ ދައްކަން ނިންމިއެވެ. ކޮޓަރިއަށް ކާ އެއްޗެހި ގެންނަން ބުނުމުން ވެސް ދެކޮޅު ހަދާފައި، އޭނާ ދިޔައީ ކާކޮޓަރިއަށެވެ. މޭޒުދޮށުގައި އިށީންތާ ގިނައިރެއްނުވެ ޒައުލްވެސް އަތުވެއްޖެއެވެ. އޭނާ ވެސް މޭޒު ދޮށުގައި އިށީނދެ ކާން ހުރި އެއްޗެއްސަށް ބަލައިލިއެވެ.
ބަތާއި ސެލެޑެއްގެ އިތުރުން ޒަމީރަށް ޚާއްސަކޮށްގެން ހަދާފައި ހުރި ސޫޕެއްވެސް ހުއްޓެވެ. ޒަމީރު ސޫޕްތަށިން އެތިފޮދެއް ބޮައިލިއިރު އޭގެ ލޮނު ރަހަ ގަދަކަމުން އޭނާގެ އަރުން ދިރުނީ އެތި ފޮދެކެވެ. ގޭގައި ގެންގުޅޭ ކައްކާ މީހާއަށް އަދިވެސް ކާއެއްޗެހީގެ ލޮނު ރަނގަޅަށް ހެޔޮވަރުކުރާކަށް ނޭނގެއެވެ. ދިވެހި ކެއުންތައް ކައްކާކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާއާ ދިމާލަށް އިތުރު އެއްޗެއް ބުނާކަށް ޒަމީރު އެވަގުތަކު ބޭނުމެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ވިސްނުން ހުރީ ޒައުލްއާ ދިމާލަށެވެ.
"ދަރިފުޅާ." ޒަމީރު އޭނާގެ ފުރިހަމަ ސަމާލުކަން ޒައުލްއަށް ހުއްޓައިލިއެވެ. "ބައްޕަ ބޭނުން ދަރިފުޅާ ވާހަކައެއް ދައްކައިލަން."
ޒަމީރުގެ ވާހަކައިން ޒައުލްވެސް ކެއުން މަޑުޖައްސައިލިއެވެ. އެއަށްފަހު، އޭނާ، ޒަމީރު އެ ބުނަން އުޅޭ ވާހަކައަކަށް ސަމާލުކަން ދިނެވެ.
"ދަރިފުޅާ. ބައްޕަ ބޭނުންވަނީ ދަރިފުޅު ވިޔަފާރިއާ ހަވާލުވާން." ޒަމީރު ބުނެލިއެވެ. އެއާއެކު ޒައުލްއަށް ވެސް ކުޑަ ހައިރާންކަމެއް ލިބިގެން ދިޔައެވެ.
"ވިޔަފާރިއާއޭ؟" އޭނާއަށް ބުނެވުނެވެ. އޭނާ ރާއްޖެ އައީ އެފަދަ ކަމަކަށް ތައްޔާރުވެގެންނެއް ނޫނެވެ. ކޮންމެވެސް ދުވަހަކުން ކެނެޑާއަށް ދިޔުމަކީ އޭނާގެ އުންމީދެކެވެ.
"އާނ. ދަރިފުޅާ. ބައްޕަގެ ބަލި ޙާލަތުގެ ސަބަބުން މިހާރު ވިޔަފާރީގެ ކަންތައްތަކުގައި އުޅެވޭވަރެއް ނުވޭ. ހަޤީގަތުގައި އޮފީހުގެ މާލީ ޙާލަތުވެސް ފުދޭވަރަކަށް ދަށަށް ހިނގައްޖެ." ޒަމީރު ތަފްސީލްކޮށްލަދިނެވެ. އޭނާ އޮފީހުގެ މަސައްކަތްތައް ކުރިއަށްދާގޮތްވެސް ޒައުލްއަށް ހިއްސާކުރިއެވެ. އެހެންނަމަވެސް އެ ވާހަކައާއެކު ޒައުލްގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެކެވެ.
"ވަގުތުން ވަގުތަށް ޖަވާބު ނުދިޔަސް އެންމެ ރަނގަޅޭ. ވިސްނާލާފަ ޖަވާބެއް ދީ. ބައްޕަ ކަމަކު ކިޔާކަށް ދަރިފުޅު ނޫނީ އިތުރު މީހަކު ނެތް." ޒަމީރު އަނެއްކާވެސް ބުނެލިއެވެ. ޒައުލް އާއެކޭ ބުނެލާފައި ކާންއިން ތައްޓަށް ސަމާލުކަން ދިނެވެ. ބައްޕައަށް ޖަވާބެއް ދޭން އޭނާ ބޭނުންވަނީ ވަރަށް ވިސްނާފައެވެ. ޒަމީރުވެސް ބޯ ޖަހައިލީ އޭނާ އެވަގުތު ޒައުލްއަށް ދީފީމޭ ބުނާފަދައަކުންނެވެ.
*****
ޖެހިގެން އައި ދުވަހެވެ. ހައިޝަމް އޮފީހުގެ ލިޔެކިޔުންތަކެއް ހިފައިގެން އެގެއަށް އައީ އޭގައި ޒަމީރުގެ ސޮއި ބޭނުންވާތީއެވެ. ދެމީހުން އިށީނދެލީ ސިޓިން ރޫމުގެ ސޯފާތަކުން ސޯފާއެއްގައެވެ.
"ސާރ… އަދި މީގަވެސް ސޮއިކޮށްލާ. " އެއްބައިގައި ސޮއިކޮށް ނިމުމުން އަދި އިތުރު ފައިލެއް ނަގާ ދިއްކޮށްލާފައި އަނެއްކާވެސް ހައިޝަމް އެދުނެވެ.
"އިތުރު އެއްޗެއް އެބަ އޮތްތަ؟" އޭގައި ސޮއިކޮށް ނިންމާލާފައި ޒަމީރު، ބުނެލިއެވެ.
"ނޫން. ސާރ. މިނިމުނީ. " ހައިޝަމް ހިނިތުންވެލިއެވެ. "ކިހިނެއްތޯ މިހާރު؟"
""الحمد لله. ރަނގަޅު." އެ ސުވާލަށް ޖަވާބު ދީފައި ޒަމީރުވެސް ހިނިތުންވެލިއެވެ. "އޮފީހުގެ ހުރިހާކަމެއްވެސް ރަނގަޅު ދޯ؟"
"ލައްބަ. މިއަދު އެހާ ބުރައެއް ނޫން. އެންމެ ބޮޑު މަސައްކަތް މި ނިމުނީ…. ދެން އަޅުގަނޑު މިވަގުތު ގޮސްލާނަން." އެހެން ބުނެލާފައި ހައިޝަމް ތެދުވަން އުޅުނު ވަގުތު ޒަމީރު އޭނާ މަޑުކުރުވިއެވެ.
"ހައިޝަމް އެހަށް މަޑުކޮށްލަދީފާނަންތަ؟" ޒަމީރު ބުނެލިއެވެ. އެ މޫނުމަތީގައިވި އަސަރުތަކުން، ހައިޝަމްއަށް ދޭހަކުރަންވީ މާނައެއް ނޭނގުނުއިރު އަނބުރާ އޭނާއަށް އިންތާ އިށީނދެ ހަމަޖެހިލެވުނެވެ. ޒަމީރު ދައްކަން އުޅޭ ވާހަކައެއް އަޑު އެހުމަށްޓަކައި އޭނާ ހުރިހާ ސަމާލުކަމެއް، ދިނެވެ. ޒަމީރުގެ މޫނުމަތީގެ ހާސްކަން ހައިޝަމްއަށްވެސް އުނދަގޫކުރުވިއެވެ.
"ކިހިނެއްވީ ތޯ ސާރ.؟" ހައިޝަމް ސުވާލުކޮށްލީ ޒަމީރު ވާހަކަ ނުދައްކާ އިންނަން ފެށުމުންނެވެ.
"މީ އަނެއްކާ އެންމެ ރަނގަޅު ގޮތްބާއޭ ހިތަށް އަރަނީ؟ އެކަމަކު ހިތަށް ހަމަ އަރާ އެއްޗަކުން…" ޒަމީރު ބުންޏެވެ.
"އަޅުގަނޑު މީނީ އަޑު އަހަން ސާރ." ހައިޝަމް ބުނެލިއެވެ.
"މީ… ޙަޔާ ރަނގަޅުތަ؟" ޒަމީރަށް ބުނެވުނެވެ.
"ކިހިނެއްވީ ތޯ ސާރ؟" އެ ސުވާލަށް ޖަވާބު ދިނުމެއްނެތި ހައިޝަމްއަށް ވެސް ސުވާލެއް ކޮށްލެވުނީ އޭނާ ހައިރާންވީ ވަރުންނެވެ. ޒަމީރު ބަލަހައްޓައިގެން އިންނަން ފެށުމުން، ހައިޝަމް އެންމެފަހުން ހަޤީޤަތް ހާމަކޮށްލިއެވެ.
"ޙަޔާ އުޅެނީ ބަލިވެ." ހައިޝަމް ބުނެލިއެވެ. އެއާއެކު ޒަމީރަށް އެހެންހެއްޔޭ އަހައިލެވުނުއިރު، އެއީ ކުޑަކަމެއް ނޫނޭ އޭނާގެ ހިތް ބުންޏެވެ.
"ހައިޝަމް. ބޮޑުކަމެއް ދިމާވީތަ؟" ހައިޝަމްގެ މޫނުމަތީގެ ކުލަވަރުތަކާ އެ މޫނުމަތިން ފެންނަމުން ދިޔަ މަޑުމޮޅިކަމުގެ އަސަރުތަކުން، ޒަމީރަށް ސުވާލުކޮށްލެވުނެވެ. އޭނާ ހުރިހާކަމެއް އެނގެން ބޭނުން ވެފައިވާވަރު އެ އަޑުގައިވި އަސަރުތަކުން ހާމަވަމުން ދިޔައެވެ.
"ލިވަރ ކެންސާރ ސާ!. ތިންވަަނަ ސްޓޭޖް." ހައިޝަމް ހާމަކޮށްލިއެވެ.
"ކުޑަކޮށް ކައިރީގައި ހުރި ގުންވަންތަކަށްވެސް އަސަރު ފޯރަން ފަށާފަ ހުރިކަމަށް ޑޮކްޓަރު ބުނީ. ލިވަރ ނަގަންޖެހުނަސް އަދި، ޑޯނަރ އެއްވެސް ބޭނުންވާނެ."
އެ ވާހަކަތައް އަޑު އަހަން އިނުމަށްފަހު ޒަމީރަށް ވެސް ޙަޔާއަށްޓަކައި ދުޢާ ކޮށްލެވުނެވެ.
"ތިހާ ބޮޑުކަމެއްވީއިރުވެސް ޙަޔާގެ ފުށުން އެފެންނަ ކެތްތެރިކަމަށް ފަޚުރުވެރިވަން. " ޒަމީރަށް ބުނެވުނެވެ.
"ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާލާކަށް ނުވާނެޔޭ ޙަޔާ އަބަދުވެސް ބުނާނެ. މީ ވެސް ޙަޔާތުގައި ކުރިމަތިވި ވަރުގަަދަ އިމްތިޙާނެއްކަމަށް ޙަޔާ އަދި އަޅުގަނޑުވެސް ޤަބޫލުކުރަނީ. އަޅުގަނޑުމެން ޖެހޭނީ ދުޢާކުރުން މަތީ ސާބިތުވާން." ހައިޝަމް ބުނެލިއެވެ. އޭނާ ހިނިތުންވެލިއެވެ. ޙަޔާ އަބަދުވެސް ބުނާ ބަސްތައް މަތީން ހައިޝަމް ހަނދާންވާން ފެށިއެވެ.
"އިންޝާ ﷲ. ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެ. ކޮންމެ ކަމެއްގައިވެސް ސަބަބެއް ވާނެ." ޒަމީރު ބުނެލިއެވެ.
"ލައްބަ ސާރ. ދެން އެންމެ ރަނގަޅުތޯ އަޅުގަނޑު ގޮސްލިޔަސް." ހައިޝަމް ހުއްދައަށް އެދުނެވެ.
"އެންމެ ރަނގަޅު." ޒަމީރު ބުނެލިއެވެ.
ހައިޝަމް ނުކުތްއިރު، ޒައުލް އައިސް ގެއަށް ވަންނަނީއެވެ. ޒައުލް ހިނިތުންވެލުމުން، ހައިޝަމްވެސް ހިނިތުންވެލާ ސަލާމް ގޮވައިލިއެވެ. އެހެންނަމަވެސް ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް، ޒައުލް ސަލާމް ބަލައެއް ނުގަތެވެ. އެތެރެއަށްވަދެ ދޮރު ޖަހައިލުމުން ހައިޝަމްވެސް ތިރިއަށް ދިޔުމަށްޓަކައި ލިފްޓަށް އެރިއެވެ.
ޒައުލް އެތެރެއަށް ވަނުމާއެކު އޭނާގެ ކަންފަތުގައި ފުރަތަމަވެސް ޖެހުނީ ޒަމީރުގެ ކެއްސުމުގެ އަޑެވެ. އޭނާ ޒަމީރުގެ ކައިރިއަށް ދިޔައިރު، ގޭގައި ގެންގުޅޭ ކުއްޖާ، ޒަމީރަށް ފެންތައްޓެއް ދެނީއެވެ. ފެންތަށި ބޮއިލުމާއެކު ޒަމީރުގެ ކެއްސުން ކުޑަކޮށް މައިތިރިވި ނަމަވެސް، އިރުއިރުކޮޅުން ކޮށި އަރާގޮތްވިއެވެ. ޒައުލް ގޮސް ޒަމީރުގެ ބުރަކަށީގައި ފިރުމައިދިނީ ބައްޕައަށް ފަސޭހަކޮށްދިނުމުގެ ގޮތުންނެވެ.
"މިހާރު ރަނގަޅުތަ؟" ޒައުލްއަށް ސުވާލުކޮށްލެވުނެވެ.
"އާނ. ރަނގަޅު." ޒަމީރު ބުންޏެވެ. ޒަމީރަށް ބަލަން ހުރި ޒައުލް ޒަމީރުގެ އެ ޙާލަތާމެދު ހަމްދަރުދީވިއެވެ. އޭނާ ޒަމީރަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު ވާހަކަ ދެއްކިއެވެ. އެވަގުތު އޭނާގެ ހިތް އެދި ގޮވަންފެށީ ބައްޕަގެ ޙާލަތަށް ޙަމްދަރުދީވެ ބައްޕަ އެދޭ ގޮތަށް ކަންތައްތައް ކޮށްދިނުމަށެވެ. އިތުރު ވިސްނުމަކަށް ދިޔުމަށްވެސް ޒައުލްއަށް އެވަގުތު މުހިންމެއް ނުވިއެވެ.
"އަހަރެން ބައްޕަގެ ވިޔަފާރިއާ ހަވާލުވާނަން." އެއީ އޭނާ މުޅީން ބޭނުންވާ ގޮތް ނޫނަސް އެވަގުތު އޭނާގެ ޒަމީރު އެގޮތަށް ކަންތައްކުރަން ޒައުލްއަށް މަޖުބޫރުކުރުވިފަދައެވެ. އޭނާ އަދި ކެނެޑާއަށް ދާން ބޭނުމެވެ. ގިނަ ދުވަސްމިކޮޅުގައި ހޭދަކުރަން އައެއްކަމަކު އޭނާއައީ، އެއްކޮށް ދިރިއުޅުން ބަދަލުކުރާކަށް ނޫނެވެ. ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސްކަމެއް ހިތަށް ވެރިވީ އެހެންވެގެން ކަންނޭނގެއެވެ.
"ވަރަށް އުފާވެއްޖެ ދަރިފުޅާ." ޒަމީރުގެ އަޑުން ފާޅުވި އުފާވެރިކަމާއެކު އިތުރަށް ވާހަކަ ދައްކަން ޒައުލްގެ ނަފްސު އުޒުރުވެރިވިއެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީ ބައްޕަގެ އުފާވެރިކަމުންނެވެ.
ޒައުލް އެދުނީ ވަގުތެއް ވުމުން އޮފީހުގެ ކަންތައްތައް އޭނާއަށް ކިޔައިދިނުމެވެ. ޒަމީރު އާއެކޭ ބުނެލިއިރުވެސް އޭނާގެ މޫނުމަތީން ފެންނަނީ ހިތްހަމަޖެހިފައިވާ ފަދަ ކުލަވަރުތަކެކެވެ.
*****
އެ ހަފްތާ ތެރޭގައި، ޒަމީރު ޒައުލްއަށް އޮފީހުގެ ހުރިހާކަމެއް ހެން ކިޔައިދިނެވެ. އަދި ޒައުލްއާ އޮފީސް ހިންގަން ހަވާލުކުރިއެވެ. ޒަމީރު ޒައުލް ގޮވައިގެން ގޮސް އޭނާގެ ކެބިންއަށް ވަދެލިއެވެ.
"މީ ބައްޕަގެ ކެބިން. މީގެ ފަހުން މިތަން ބޭނުންކުރާނީ ދަރިފުޅު." ޒަމީރު ބުނެލިއެވެ. ޒައުލްވެސް ވަށައިގެން ކެބިންއަށް ބަލައިލިއެވެ. ޖާދަ ތަަނަވަސް އެ ކެބިންގައި ޒަމީރު މަސައްކަތްކުރަން މޭޒެއްގެ އިތުރުން ވާހަކަ ދައްކާލަން ތިބެވޭ ލެދަރ ސޯފާސެޓެއް ބަހައްޓާފައި ހުއްޓެވެ. ސޯފާތައް ކައިރީގައި ބަހައްޓާފައި ހުރި އިންޑޯ ގަސްތަކުން، ތަނަށް ފުރިހަމަކަމެއް ގެނެސްދެއެވެ. ބެލްކަންޏަށް ނުކުމެވޭ ދޮރެއް ހުރިއިރު އެ ދިމާލުގައި ހުރި ކަހާލެވޭ ބިއްލޫރި ދޮރުގެ ފަރުދާތައް އެއްފަރާތްކޮށްލެވިފައިވުމުން، ހުޅުމާލޭގެ ބައެއް އިމާރާތްތައްވެސް ފެނެއެވެ.
"އޮފީހުގެ އެއްވެސް ކަމެއްގައި އެހީތެރިކަން ބޭނުންވާނަމަ، ހައިޝަމްއާ ގުޅިގެން ކުރިއަށް ގެންދިޔައިމަ ރަނގަޅުވާނެ. ހައިޝަމްއަކީ ބައްޕަ އެންމެ އިތުބާރުކުރާ މުވައްޒަފު." ޒަމީރު ބުނެލިއެވެ. އޭނާ ހައިޝަމްއަށް ގޮވާ ގެނައެވެ.
"ހައިޝަމް… މީ ޒައުލް…. މީގެފަހުން އޮފީހުގެ ހުރިހާކަމަކާ ހަވާލުވެ ހުންނާނީ ޒައުލް " ޒަމީރު ބުނެލިއެވެ. ހައިޝަމް ޒައުލްއަށް ހިނިތުންވުމެއް ހަދިޔާކޮށްލާފައި، މަރުޙަބާ ކިޔެވެ. ޒައުލްވެސް ޝުކުރިއްޔާއޭ ބުނެލުމަށްފަހު ބައްޕައާއެކު އޮފީހުގެ އެހެން ތަންތަން ބަލައިލުމަށް ދިޔައެވެ. އޭނާ އެންމެ ހައިރާންވީ އެ އޮފީހުގައި އަންހެނުންނާ ފިރިހެނުންނަށް ވަކީން މަސައްކަތްކުރެވޭ ގޮތަށް ހުރުމެވެ. ދެބައި ވަކިކޮށްފައި ހުރުމުން އޭނާގެ ބޮލުގައި ރިއްސައިލިއެވެ. ހައްދުފަހަނަ އެޅިޔަސް އެއީ ބޮޑުވަރޭ އޭނާގެ ހިތަށް އެރިއެވެ. ބައްޕަމެންގެ ވިސްނުން ހުރި ގޮތް އޭނާއަށް ކަމު ނުދިޔަނަމަވެސް، އެވަގުތު އިތުރު އެއްޗެއް އޭނާ ނުބުނެއެވެ. އެހެން ހުރި ކަންތައްތައް މަޑުމަޑުން ބަދަލުކުރުމަށް އޭނާ އަޒުމު ކަނޑައެޅިއެވެ. އެހެންނަމަވެސް، އޭރު އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ ޙަޔާތުގެ ގިނަ ކަންތައްތަކެއް ވެސް ބަދަލުވާން އުޅޭކަމެވެ.
ޒައުލް އޮފީހުގެ މަސައްކަތްތަކާ ހަވާލުވުމާއެކު އޭނާ އަށް އެންމެ އެހީތެރިކަމެއް ފޯރުކޮށްދިނީ ހައިޝަމްއެވެ.
ޒައުލް އޮފީހަށް ނުކުންނަން ފެށިތާ ކައިރިކައިރީގައި ހައިޝަމް ދެފަހަރަކު ޗުއްޓީ އެއް ނެގިއެވެ. ފުރަތަމަ ދުވަސްކޮޅު ވުމުން، ޒައުލްއަށް އެކަމުން އުނދަގޫވެސް ވިއެވެ. ހަޤީގަތުގައި ހައިޝަމް ޗުއްޓީ ނެގީ މަޖުބޫރުވެގެންނެވެ. ޙަޔާ އާދަޔާ ޚިލާފަށް ބަލިވުމުންނެވެ. ޙަޔާގެ ޙާލަތު ނޭނގި ޒައުލްއަށް އެކަމުގެ މާނަ ނެގުނީ މުޅީން ގޯސްކޮށެވެ. ހައިޝަމްއަށް ބައްޕަ އެހާ ވަރަށް ތައުރީފް ކުރާއިރު، އޮފީހަށް އައިތާ ކުރީކޮޅު އޭނާއަށް ހައިޝަމްގެ ފަރާތުން ފާހަގަކުރެވުނީ ފަރުވާ ކުޑަކަމެވެ. އެހެންކަމުން ހައިޝަމްއާ މެދު އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއް އުފެދުނެވެ. ހައިޝަމް އެވަނީ ބައްޕަގެ ސިކުނޑި ދޮވެލާފައެވެ. އަދި ބައްޕަގެ ބޮލަށް ސަވާރުވެފައެވެ. އެއީ މަސައްކަތަށް ފަރުވާ ކުޑަކުރަން ފަސޭހަ ވާނެތީކަމަށް ޒައުލްއަށް ޤަބޫލުކުރެވުނެވެ. ޗުއްޓީ ނެގިއިރު، ކަމެއް ދިމާވެއްޖެނަމަ ގުޅުމަށާއި، ކޮށްދެވޭ ވަރު ކަމެއް ވިއްޔާ ކޮށްދޭނަމޭ ބުނުން ވެސް ޒައުލްއަށް މާނަކުރެވުނީ އެ މީހުން ހައްލައިލަން ބުނާ ބުނުމެއް ކަމަށެވެ. އެންމެ ބޮޑަށް އޭނާއަށް އެހެން ހީކުރެވުނީ ވަރަށް މުހިންމުކަމެއްގައި ގުޅުމުން ހައިޝަމް ފޯނު ނުނެގުމުންނެވެ.
އެންމެފަހުން ޒައުލް ހައިޝަމްގެ ވާހަކަ އޭނާގެ ބައްޕައާ ހިސާބަށް ގެންދިޔައެވެ.
"ނޫން ދަރިފުޅާ. ހައިޝަމްއަކީ ފަރުވާކުޑަ ޒުވާނެއް ނޫން. މިވަގުތުގެ ޙާލަތުން އޭނާއަށް އެގޮތަށް އުޅެން މަޖުބޫރުވެފައިވަނީ." ޒަމީރު ބުނެލީ އެހެންނެވެ. ހައިޝަމްއާއި ޙަޔާއާ ދެމީހުންގެ ޙާލަތު އޭނާއަށް ތަސައްވަރު ކުރެވޭތީއާވެސް އެކުގައެވެ.
"ދެން އެހެންވީމަ އޮފީހުން ކެނޑުނީމަ ވީނުން… " ޒައުލް ހުރީ ހިިތްހަމަނުޖެހިފައެވެ. "އެހާ ފަރުވާކުޑަ މީހަކު ލައިގެން މަސައްކަތެއް ނުކުރެވޭނެ."
"ޒައުލް. އަދި ތިހާ ރުޅި އަންނާކަށް ނުވެއެއްނު. ހަމަ ވެދާނެއެއްނު ބޮޑުކަމެއް ދިމާވީކަމަށްވެސް. މީހުންނާ ދޭތެރޭ ތިހާ ގޯސްކޮށް ވިސްނާކަށް ނުވާނެ. އަދި ވީގޮތް ނޭނގި ތިފަދަ ގޮތަކަށް ވިސްނާކަށް ވެސް ނުވާނެ." ޒަމީރު ޒައުލްއަށް ވިސްނައިދޭން އުޅުނެވެ.
"ހަމަ ފަރުވާ ކުޑައީ. ބައްޕަ އޭނާއާ ދޭތެރޭ ގޭންގުޅޭ ގާތްކަމުގެ ނާޖާއިޒް ފައިދާ އޭނަ އެ ނަގަނީ. " ޒައުލް ބުންޏެވެ. ހަޤީގަތުގައި އޭނާ ހައިޝަމް ދެކެ ހިތްހަމަނުޖެހެނީ ހަމައެކަނި ޗުއްޓީ ނެގުމަކުން ނޫނެވެ. އެހެންނަމަވެސް، ހައިޝަމްއާ އޭނާއާ ދެމެދު ހިނގި ދެބަސްވުމެއްގެ ވެސް ސަބަބުންނެވެ. ކުންފުނީގެ ބައެއް ޕޮލިސީތައް ބަދަލުކުރުމަށް ޒައުލް ވާހަކަ ދެއްކުުމުން ހައިޝަމް އެކަމާ ދެކޮޅުވީއެވެ. އަދި ހައިޝަމްގެ އެ ހުންނަ ވިސްނުން ޒައުލްއަށް ކަމުނުދިޔައީއެވެ.
"ނޫނޭ ޒައުލް. އެހެންވެގެންނެއް ނޫނޭ. ބައްޕަ ދައްކާ ވާހަކަ އަޑު އަހާބަލަ." ޒަމީރު ބުންޏެވެ.
"އެމީހުން އެވަނީ ހަމަ ރަނގަޅަށް ބައްޕަގެ ސިކުނޑިވެސް ދޮވެލާފަ. އެއްގޮތަކަށްވެސް އޭނާގެ ވިސްނުމެއް އަހަންނަކަށް ކަމަކު ނުދޭ." އެންމެފަހުން ޒައުލްއަށް ބުނެވުނެވެ.
"ޒައުލް... އެއީތަ ޒައުލްއަށް ތިވެގެން އުޅޭ ގޮތަކީ؟" ޒައުލްއަށް ބުނެވުނު އެތި ރޭކާލީ ޒަމީރު އެހެން ބުނެލުމުންނެވެ. ހިމޭންވި ހިނދުކޮޅު އަނެއްކާވެސް ޒަމީރު ވާހަކަ ދެއްކިއެވެ. އޭނާ ދެން ބުނެލި އެއްޗަކުން ޒައުލްއަށް ދެލޯ ބޮޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
(ނުނިމޭ)