"އަހަރެން އަތަށް ނުދީ ފޯނު ބޭއްވީ ކީއްކުރަންތަ؟.. ގެނެސްބަލަ ތި ފޯނު... ގުޅަންވެއްޖެ!" ނިމާލު ބުނީ ތެދެއްތޯ ބަލާހިތުން، ނަފީސާ ހުރީ ހިތް އަވަސްވެފައެވެ.
"މިގަޑީ އެކުދިންނަށް އުނދަގޫ ނުކުރޭ ނަފީ!" ނިމާލު އެދުނެވެ. "އެކުދިން އަންނަންވާއިރަށް އަވަހަށް ތައްޔާރު ކުރަން ހިނގާ... ވަގުތެއް ނެތް..."
********
ހޫނުގަދަ ދުވަހެކެވެ. މެންދުރުގެ އެންމެ ހޫނުގަދަ ވަގުތު ބަނދަރަށް މީހުން ޖަމާވަމުން ދިޔައެވެ. އެންމެން އިންތިޒާރުކުރަމުން ދިޔައީ ފަޅުތެރެއަށް ވަދެގެން އައި ލޯންޗު ޖެޓީއާއި ކައިރިކުރާނެ ވަގުތަކަށެވެ. ގަހެއްގެ ހިޔަލުގައި އިށީނދެލައިގެން އިން ޔަލްވީގެ ކައިރީގައި ލިމްޔާއާއި އަމީރާ ހުރީ ކޮޅަށެވެ. އަމީރާ ދޭތެރެއަކުން ޔަލްވީގެ ބުރަކަށީގައި ފިރުމައިލައެވެ. އަފްސަމްއާއި ރަޔާންގެ އިތުރުން މުސްތަފާ ފޮށިތައް ޖެޓީމައްޗަށް ގެންދިޔުމުގައި އަވަދިނެތި އުޅުނެވެ.
"އަދިވެސް މޭނުބައިކުރޭތަ؟" އަމީރާ ވަރަށް ލޯބިން ޔަލްވީއާއި ސުވާލުކުރިއެވެ.
"ދައްތަ ދިން ކަރަންފޫ ކާލީމަ އޯކޭވެއްޖެ" ޔަލްވީ ހިނިތުންވެލިއެވެ.
އަމީރާ ޖީބުން ނެގި މެޓާތަކެއް ޔަލްވީގެ އަތަށް ލައިދިނެވެ. އެމަންޒަރު ބަލަން ހުރި ލިމްޔާ އަމީރާއަށް ފެންނާނޭހެން މޫނަށް ވައްތަރެއް ޖައްސައިލިއެވެ.
"މާބޮޑަށް ސަކަރާތްވަންޏާ، މިންޓެއް ކާލީމަ ރަނގަޅުވެދާނެ" ޔަލްވީ ބަނޑުބޮޑުކަން އެނގުނު ހިސާބުން އަމީރާ ޔަލްވީއަށް ހާއްސަގޮތެއް ބަހައްޓައެވެ.
"މަންމާ! ލިމްވެސް ހޮޑުލަވާފަ މިހުރީ.. ކޮބާ ލިމްއަށް ވީ މިންޓްތައް؟" ލިމްޔާ އަމީރާގެ ގައިގައި ބައްދަލިއެވެ.
"އަނެއްކާ ދަރިފުޅުވެސް..." އަމީރާ އުޅުނީ ސަމާސާކުރާށެވެ.
"ކަނޑުމައްޗަށް އަރަންޖެހޭތީއޭ ހޮޑުލަވާގޮތްވަނީ... މަންމަވެސް ހަމަ ލިމްއާ ދިމާކުރާހިތުން..." ލިމްޔާ އަވަސް އަވަހަށް ބުނެލިއެވެ. "މެޓާ ބޭނުންވާނެއެއްނު ލިމްވެސް..."
"ލިމްގެ ގޮތެއްވެސް ނޭނގެއެއްނު ދޯ ދައްތާ... ލިމްއަށްވެސް މެޓައެއް ދޭންވާނެ..." ޔަލްވީ އަމީރާއަށް ބަލައިލާފައި އެއްލޯ މަރައިލިއެވެ.
އަމީރާއާއި ޔަލްވީ ހީގަތުމުން ލިމްޔާ ތުން ފިއްތައިލިއެވެ. އަފްސަމް އައުމުން، ލިމްޔާ ކުޑަކުއްޖެއްހެން ޝަކުވާކުރިއެވެ. ގިނަފަހަރު ލިމްޔާގެ އެފަދަ ޝަކުވާތަކުގައި އަފްސަމް ލިމްޔާއާއި ބައިވެރިވެއެވެ. ލިމްޔާ އުފާވާ ކޮންމެ ކަމެއް ކުރުމުގައި އަފްސަމް އެއްވެސް ވަރަކަށް ފަހެއް ނުޖެހެއެވެ.
"ދަރިފުޅު ތިހެން ހަދާތީ އަހަރެންގެ ލިމްޔާ މިހާރު ހީވަނީ ހައެއްކަ އަހަރުގެ ކުއްޖެއްހެން" ލިމްޔާ ދުރަށްޖެހިލުމުން، އަމީރާ ބުނެލިއެވެ. "މާލެގޮސް ލިމްޔާ ރަނގަޅަށް ބަލައްޗޭ!"
"މަންމަ އެކަމާ ހާސްނުވޭ!..." އަފްސަމް ހުރީ ހަމަޖެހިފައެވެ.
"ދަރިފުޅާ!.." އަފްސަމް ހިނގައިގަތުމުން އަމީރާ އަފްސަމްގެ އަތުގައި ހިފެހެއްޓިއެވެ. "މަންމަ ބުނީ..."
އަމީރާ ވަށައިގެން ހޯދައިލިއެވެ. އޭނާގެ އަޑު އިވޭ ހިސާބުގައި މީހަކު ނެތްކަން ޔަގީންކޮށްލިގޮތުން އަމީރާ ދައްކަން އުޅެނީ ކޮން ވާހަކައެއް ކަން އަފްސަމަށް އެނގުނެވެ.
"ދަރިފުޅަށްވެސް މިހާރު އެނގޭނެ ކަންނޭނގެ ލިމްޔާއަކީ ކޮންކަހަލަ ކުއްޖެއްކަން..." އަމީރާ ބުނެލިއެވެ. "ކަމެއް ބޭނުންވިޔަސް، އެހެންމީހަކު ހީކޮށްފާނެ އެއްޗެއް ނޭނގޭތީ، ލިމްޔާ ހުރެދާނެ އެވާހަކައެއް ނުބުނެ... މަންމަ އާއްމުކޮށް މިކަހަލަ ވާހަކައެއް ނުދައްކަން... ލިމްޔާއާވެސް... އެކަމަކު، މަންމައަށް ހީވަނީ މަންމަ މިވާހަކަ ނުދައްކައިފިއްޔާ، ކަމެއް ގޯސްވެދާނެހެން... މަންމަ ބޭނުމެއް ނުވޭ ތި ދެކުދިންގެ ކައިވެނި ރޫޅޭކަށް... މަންމައަށް ހީވަނީ ލިމްޔާވެސް މިހާރު ކުއްޖަކު ބޭނުންވާހެން... ދަރިފުޅު ލިމްޔާއާ އެވާހަކަ ދައްކާލައްޗޭ!..."
"މަންމަ މާބޮޑަށް ނުވިސްނާ!... ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" އަފްސަމް އަމީރާގެ ކޮނޑުގައި މަޑުމަޑުން އަތް ބާއްވައިލިއެވެ.
"ލޯންޗު އައިއްސި..." މުސްތަފާގެ ކައިރީގައި ހުރެފައި، ލިމްޔާ އަމީރާގެ ކައިރިއަށް ދިޔައީ ލޯންޗު ޖެޓީއާއި ކައިރިކުރީމައެވެ. "ދެމީހުން މާ ސިއްރުން ކޮން ވާހަކައެއް ދައްކަނީ؟"
އަމީރާއާއި އަފްސަމް އެކަކު އަނެކަކަށް ބަލައިލިއެވެ. އަމީރާ ލިމްޔާގެ ގައިގައި ހިފަހައްޓާލައިގެން ހުރެ، ލޯންޗާއި ދިމާއަށް ހިނގައިގަތެވެ.
"ވަރަށް ވަރަށް ހިތްހެޔޮކުރާތި ދަރިފުޅާ!" ލިމްޔާ ލޯންޗަށް އަރަން އުޅުމުން އަމީރާ ލިމްޔާގެ ގައިގައި ބައްދައިލިއެވެ. "ދެކުދިންވެސް ބަލައިގެން އުޅޭތި! ލޯބިން އުޅޭތި!.. މައްސަލައެއް ޖެހޭނެ ކަހަލަ ކަމެއް ވިޔަނުދޭތި! ކޮންމެ ކަމެއްގަވެސް ވާހަކަ ދައްކައިގެން ހައްލު ހޯދޭތޯ ބަލާތި!"
"މަންމާ! މިގަޑީވެސް ނަސޭހަތް ދެނީތަ؟" ވަށައިގެން ތިބި މީހުންނަށް ނަޒަރު ހިންގައިލަމުން ލިމްޔާ ބުނެލިއެވެ.
"ހިތްހެޔޮކުރައްޗޭ ދައްތާ!" ޔަލްވީވެސް އަމީރާއާއި ސަލާންކުރިއެވެ.
ދަރިން ފަދައިން ގެންގުޅުނު އެންމެން ލޯންޗަށް އެރި މަންޒަރު ފެނުމުން އަމީރާގެ ދެލޯ ފެންކަޅިވިއެވެ. ކައިރީގައި ހުރި މުސްތަފާގެ ގައިގައި ހިފަހައްޓާލެވުނެވެ. ގޭތެރެ ފަޅުވާނެވަރު އިހުސާސްވުމުން، އަމީރާ ހުރީ މާޔޫސްވެފައެވެ. ކައިރީގައި މުސްތަފާ ހުރިކަން އެއީ އަމީރާގެ ނަސީބެވެ. ލިމްޔާއާއި ޔަލްވީ އަތުން ހަނާއަޅައިލުމުން އަމީރާވެސް ހަނާ އަޅައިލިއެވެ. ލޮލުން ފޭބި ކަރުނަތިކި ފޮހެލުމަށްފަހު، އަމީރާ ހިނިތުންވެލީ ގަދަކަމުންނެވެ. ލޯންޗު ގޮސް ލޮލުގެ ކޮޅަށް އޮބާލަންދެން އަމީރާ ބަލަން ހުއްޓެވެ.
"ވަރަށް އަވަހަށް އެކުދިން އަންނާނެއޭ އަމީރާ..." އަމީރާ ހުރިތަނުން ގުޑާވެސް ނުލުމުން، މުސްތަފާ ބުނެލިއެވެ.
އަމީރާ ބޯޖަހައިލިއެވެ. މުސްތަފާއާއިއެކު މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. ގެއަށް ވަނުމުން، އަމީރާއަށް އިހުސާސް ކުރެވުނީ ފަޅުކަމެވެ. އަބަދު ކައިރީގައި ގެންގުޅުނު ދަރިފުޅު މިއަދު ބޮޑުވެއްޖެއެވެ. މީހަކާއި އިނދެފިއެވެ. މައިންބަފައިންގެ އަތްދަށުން މިނިވަންވެއްޖެއެވެ. އަމީރާގެ ހިތް އަދިވެސް އެކަމަށް ނުހޭނެނީއެވެ. ދަރިފުޅު ކައިރީގައި ބަހައްޓަން ބޭނުންވަނީއެވެ. އެކަމަކު، އަމީރާއަކީ އަމިއްލަ އެދުން އިސްކުރާނެ މައެއް ނޫނެވެ.
********
ޔަލްވީ މާލެ އަންނަ ލޯންޗު ނައްޓާލި ހަބަރު ލިބުނުފަހުން ނަފީސާގެ ދެފައި އެއްތާކު ނުޖެހެއެވެ. ފަހަރަކު ކަމެއްގައި އަވަދިނެތި އުޅުނެވެ. ތާސާވެސް އެފަދައެވެ. ގޭތެރޭގެ ކަންކަން ފުރިހަމަކުރުމުގައި ނަފީސާއަށްވުރެ ބޮޑު ޒިންމާއެއް އަދާކުރީ ތާސާއެވެ. ތާސާ އަބަދުވެސް ޔަލްވީދެކެ ބިރުގަނެއެވެ. ޔަލްވީ ބޭނުންވާގޮތަށް ހުރިހާ ކަމެއް ފުރިހަމަ ކުރެވޭތޯ ތާސާ ބެލިއެވެ.
"އެމަންޖެ ވަރަށް ހޮޑުލާނެ ކަންނޭނގެ... ތާސާ!... ކުރުނބާ ފަނިފޮދެއްވެސް ގިރާލާތި!" ނަފީސާ ފަހަރަކު ކަމެއް ހަނދާންކުރަން ފެށިއެވެ.
ޔަލްވީއަށް މީރުވާނެހެން ހީވާ ހުރިހާ އެއްޗެއް ނަފީސާގެ ބެލުމުގެ ދަށުން ތައްޔާރުކުރުވިއެވެ. ކޮޓަރިއާއި ގޭތެރެ ފޮޅާ ޒީނަތްތެރި ކުރީ ކުޑަ ހިރަފުސްކޮޅެއްވެސް ނުހުންނާނޭ ވަރަށެވެ. ގޭގައި ކުރިން ހުރި ފަރުނީޗަރުތައް އާކުރިއެވެ. ތުއްތު ކުއްޖަކާއިއެކީ އުޅެވޭނެގޮތަށް ޔަލްވީގެ ކޮޓަރި ބަދަލުކުރިއެވެ.
"އަހަންނަށް ފެންނަނީ ބަނދަރަށް ދާން" ނިމާލު ގެއަށް އައުމުން ނަފީސާ ބުނެލިއެވެ.
"ބަނދަރަށް ދިޔަސް އަންނަން ޖެހޭނީ ދެ ކާރުގަ... އެކުދިން އަންނައިރު ގޭގަ ތިބުން މާ ރަނގަޅުވާނެ.." ނިމާލު ބޭނުންވީ އެހެން ގޮތެކެވެ. ނަފީސާ އެގޮތް ގަބޫލުކުރިއެވެ.
ޔަލްވީމެން ތިބި ކާރު ގޭގެ ކުރިމައްޗަށް ހުއްޓާލިއިރު، ނަފީސާއާއި ނިމާލުގެ އިތުރުން ތާސާ ހުރީ ގެއިން ބޭރަށް ނުކުމެއެވެ. ޔަލްވީ ފެނުމުން ނަފީސާ އުފަލުން ބައްދައިލިއެވެ. ތާސާ ހުރީ ބިރުން ޔަލްވީއާއި ކައިރިވާންވެސް ނުކެރިފައެވެ. ރަޔާން ކާރުން ފޮށިތައް ބާލަން އުޅުމުން، ނިމާލު އެކަން މަނާކުރިއެވެ. ފޮށިތައް ގޭތެރެއަށް ވެއްދުމުގެ މަސައްކަތުގައި ބިދޭސީ ފިރިހެނަކު އުޅުނެވެ. ރަޔާނަކީ އަމިއްލަ ކަންކަން އެހެން މީހުން ލައްވާ ކުރުވާ މީހަކަށް ނުވާތީ، އެމަންޒަރު ބަލާކަށް ފަސޭހައެއް ނުވިއެވެ.
އަމިއްލަ ގެއަށް އާދެވުމުން ޔަލްވީއަށް ކުރެވުނީ ބަޔާންކުރަންދަތި އުފާވެރި އިހުސާސެކެވެ. ގޭގެ ތަންތަން ރަޔާނަށް ދައްކަމުން ދިޔައިރު، ޔަލްވީގެ އުފާވެރިކަން އޭނާގެ މޫނުން ސިއްރެއް ނުވެއެވެ. ޔަލްވީ ވަކީން އުފާވީ އޭނާގެ ކޮޓަރި ފެނުމުންނެވެ. ޔަލްވީއަށް ލިބެން އުޅޭ ދަރިފުޅަށްޓަކައި އޭނާގެ ތަނަވަސް ކޮޓަރިން ބައެއް ތައްޔާރުކޮށްފައިވަނީ ޔަލްވީ ކުޑަކޮށްވެސް އުއްމީދު ނުކުރާހާ ފުރިހަމައަށެވެ. ޔަލްވީ އުފާވެގެން އުޅުނު މަންޒަރު ބަލަން ހުރި ރަޔާންގެ ހިތް ބިރުގަތެވެ. އެ ދިރިއުޅުން ޔަލްވީ ބޭނުންވާވަރު އެނގުމުން، ރަޔާންއަށް ކުރެވުނީ ބީރައްޓެހި އިހުސާސެކެވެ. އަމިއްލަ ނިކަމެތިކަން މާ ބޮޑަށް އިހުސާސްވާން ފެށިއެވެ. ޔަލްވީގެ ހިތް ބަދަލުވެދާނެހެން ރަޔާންއަށް ހީވާން ފެށިއެވެ. ރަޔާނަކީ މާލޭގައި އުޅޭހިތްވާ މީހެއް ނޫނެވެ. އަމިއްލަ މައިމީހާގެ ގެ ދޫކޮށް، އެހެން ތާކަށް ދިރިއުޅުން ބަދަލުކުރުމަކީ ރަޔާން ހުވަފެނަކުންވެސް ދެކުނު މަންޒަރެއް ނޫނެވެ. މިއަދުވެސް އޭނާގެ ވިސްނުން ބަދަލެއް ނުވެއެވެ.
"ހާދަ އަރާމޭ މި ބެޑު..." އެނދުގައި އޮށޯވެލިގޮތަށް ޔަލްވީ ދެލޯ މަރާލިއެވެ. ބާލީހުގައި ބައްދައިލިއެވެ. "މަންމަ މިހުރީ މުޅި ރޫމް ބަދަލުކޮށްލާފަ... އެނގޭތަ، ކުރިން އެތާ ސްޓަޑީ ޓޭބަލްއެއްވެސް ނުހުންނާނެ... ރެންއަށް ހާއްސަކޮށްފައޭ އޭނީ ބެލްކަނީކޮޅުގަ ޓޭބަލްއެއްވެސް ލައިދީފަ... މިރޭ ވާނެ އެތާ ޑްރިންކެއް ބޯން ދޯ؟"
ރަޔާން ހަމައެކަނި ހިނިތުންވެލީއެވެ. ޔަލްވީ އުފާވުމުން ރަޔާންވެސް އުފާވާން ބޭނުންވެއެވެ. އެކަމަކު، އުފަލެއް ނުވެވުނެވެ. ފޮށިތައް ހުސްކުރުމުގައި ރަޔާން އުޅެނިކޮށް، ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. ރަޔާން ދޮރު ހުޅުވާލިއިރު، ދޮރުމަތީގައި ހުރީ ތާސާއެވެ.
"މެޑަމް ބުނީ ފޮށިތަކުގަ ހުރި އެއްޗެހި ކަބަޑަށް ލާން.." ތާސާ އެތެރެއަށް ވަންނަން ހުއްދައަށް އެދުނެވެ.
"އަހަރެމެން އެކަން ކޮށްލާނަން..." ރަޔާން އުޅުނީ ތާސާ ފޮނުވައިލާށެވެ.
"އެގޮތް ކަމަކުނުދާނެ... ދެންމެއެއްނު ދަތުރުކޮށްފަ ތިއައީ... ވަރުބަލިވެސް ވާނެ... ތާސާ ދޭ... ގޮސް ހުރިހާ އެއްޗެއް އަލަމާރިއަށް ލައިދީ!" ތާސާގެ ފަހަތުން އައި ނަފީސާއަށް ރަޔާންގެ ޖަވާބު ކަމަކު ނުދިޔައެވެ.
އިތުރުގޮތެއް ނެތުމުން، ރަޔާން ދޮރު ހުޅުވިއެވެ. ތާސާ އެތެރެއަށް ވަނެވެ. ފޮށިތައް ހުސްކޮށްފައި، އަލަމާރިއަށް އެއްޗެހިތައްލައި، ތަރުތީބު ކުރިއެވެ. އެހުރިހާއިރު، ރަޔާން ހުރީ ތަނަކު އިށީންނަންވެސް ބޭނުންނުވެފައެވެ.
"ނިމުނީ.." ހުސްފޮށިތައް ހިފައިގެން ނުކުންނަމުން ތާސާ ބުނެލިއެވެ. "މެޑަމް ބުނީ މިފޮށިތައް ގުދަނަށް ލަނީ.."
ވަރުބަލިވެގެން ޔަލްވީއަށް އޮތީ ނިދިފައެވެ. ސޯފާގައި އިށީން ރަޔާނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ޔަލްވީއަށްޓަކައި ކެތްކުރަން ރަޔާން ބޭނުންވިއެވެ. މުއްސަނދި ދިރިއުޅުމެއްގައި އުޅެފައި ޔަލްވީވެސް ވަނީ ރަޔާންގެ ނިކަމެތި ދިރިއުޅުން ތަޖުރިބާ ކޮށްފައެވެ. ވީއިރު، ރަޔާނަށް ޔަލްވީގެ ދިރިއުޅުމުގައި ކެތްނުވާންވީ ކީއްވެ ހެއްޔެވެ؟
ރަޔާނަށް ހޭލެވުނީ ޔަލްވީ ގޮވީމައެވެ. ސޯފާގައި އިށީންގޮތަށް ރަޔާނަށް އިނީ ނިދިފައެވެ.
"ކީއްވެ ސޯފާގަ ނިދީ؟" ޔަލްވީ ޝަކުވާކުރިއެވެ.
"ފެންނުވަރާ ހުރީމަ" ރަޔާން ހިނިތުންވެލިއެވެ.
"އޯކޭވާނެއޭ... މިގޭގަ ކޮންމެ ދުވަހަކު ބެޑްޝީޓް ޗޭންޖްކުރާނެ" ޔަލްވީ ރަޔާންގެ ގައިގައި ބައްދަލިއެވެ. "ހިނގާ ކާން... މަންމަ ގޮވީމަ ޔާލްއަށްވެސް ހޭލެވުނީ... ބޭބީކޮޅު ވަރަށް ބަނޑުހައިވެގެން އުޅެނީ" ޔަލްވީ ބަނޑުގައި އަތުން ފިރުމައިލިއެވެ.
ކާމޭޒުމަތީ ފުރާލާފައިވާ ކާތަކެތީގެ މީރު ވަސް މުޅި ތަނުގައި ހިފާލާފައި ހުއްޓެވެ. ރަޔާން ކާހިތް ކެނޑުނެވެ. އިސްރާފުކުރުމަކީ ރަޔާން ވަރަށް ނުރުހޭ ސިފައެކެވެ.
"ކޯއްޗެއް އަޅައިދޭންވީ؟" ޔަލްވީ ރަޔާންގެ ތަށި ނެގިއެވެ.
"އޯކޭ ކޮންމެ އެއްޗެއްވެސް.." ރަޔާން ގަދަކަމުން ހިނިތުންވެލިއެވެ.
"ތާސާ! ކޮބާ ކުރުނބާ ޖަގު؟ ބުނީމެއްނު މިގަޑީ އެ ނަގައްޗޭ!" ނަފީސާ ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
ތާސާ ހަލުވި ފިޔަވަޅުތަކެއްގައި ކުރުނބާޖަގު ހިފައިގެން އައެވެ. އަތް ތުރުތުރުއަޅާވަރުން ތާސާއަށް ފަނިތައްޓެއް އެޅޭގޮތެއް ނުވިއެވެ. އެމަންޒަރު ބަލަން ނީނދެވިގެން ރަޔާން ތާސާގެ އަތުން ޖަގު އަތުލިއެވެ. ޔަލްވީއަށް ކުރުނބާފަނި ތައްޓެއް އަޅައިދިނެވެ. ރަޔާންގެ އެ އަމަލުން، ތާސާ ހުރީ ބިރުން ވިރޭވަރު ވެފައެވެ. ނަފީސާއާއި ޔަލްވީ ނުރުހޭނެވަރު ހިތަށް އަރާފައެވެ.
"އަހަރެން ހިތްހަމައެއްނުޖެހޭ ރަޔާން އެ އުޅޭ ގޮތަކުން..." ކޮޓަރިއަށް ވަދެފައި ނަފީސާ ޝަކުވާކުރީ ނިމާލުގެ ކައިރީގައެވެ.
"ހާދަ އަވަހަކަށް ހިތްހަމަނުޖެހުނީ؟" ނިމާލު ހައިރާންވެފައި ނަފީސާއަށް ބަލައިލިއެވެ.
"ގޭގަ ގެންގުޅޭ މީހުންލައްވާ މަސައްކަތް ކުރުވަނީ މުސާރަ ދީގެނެއްނޫންތަ؟" ނަފީސާ ބޭނުންވީ ނިމާލު އޭނާއާއި އެއްކޮޅަށް ވާހަކަ ދައްކާށެވެ. "އެމީހުންލައްވާ ކަމެއް ކުރުވާކަށް ރަޔާން ބޭނުމެއް ނުވޭ!... ކޮންމެ ކަމެއް އަމިއްލައަށް ކުރަން އުޅެނީ..."
"ދެން އެއީ އެހާ ބޮޑު ކަމަކަށް ނުހަދާ ނަފީ!... ރަޔާންމެން އުޅެބޮޑުވި މާހައުލުގަ ކުރި ކަންކަން ނޫންވީމަ، އުނދަގޫވާނެ މި މާހައުލަށް އާދަވާން..." ނިމާލު ހުރީ ހަމަޖެހިފައެވެ.
"ބަލަ އަހަރެންގެ ދަރިފުޅުވެސް އުޅެފަ އެއައީ އޭނަގެ ގޭގަ ކިހާ ނިކަމެތިކޮށް... ދެން އޭނަ މިތަނަށް އައިސް ކީއްވެ މިތަނުގަ މީހުން އުޅޭގޮތަށް ނޫޅެންވީ؟" ނަފީސާ އިތުރަށް ހިތްހަމަނުޖެހުނެވެ.
"ނަފީ!... ތިކަން ދެން ދޫކޮށްލަބަލަ!... ކޮންމެ ކަމެއް މައްސަލައަކަށް ހަދަންވެއްޖެއްޔާ ކިހިނެއް އުޅޭނީ؟" ނިމާލު މަސައްކަތްކުރީ ނަފީސާއަށް ވިސްނައިދޭށެވެ.
"އަހަރެން ބޭނުން ޔަލްވީއަށް މިވާހަކަ ދައްކަން" ނަފީސާ ފަހުގެ ނިންމުން އިއްވިއެވެ.
(ނުނިމޭ)