"ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ މިމަހުގައި ސޯޝަމް މީޑިއާ ބޭނުންކުރުން މަދުކޮށް ގިނައިން އަޅުކަމުގައި ވަގުތު ހޭދަކޮށްގެންނެވެ. މިއީ ކުޅިވަރާއި މަޖަލުގެ މަހަކަށް ނަހަދާށެވެ.އަހަރުގައި އެންމެ މަހެއްނަމަވެސް ﷲ ތައާލާއަށް ޚާއްސަކުރުމުން ތިބާއަށް ލިބޭނީ ނަސީބާއި ރަހުމަތެވެ. ދެދުނިޔޭގެ ފައިދާއެވެ."

***

މިރިއަމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނައަށް ހުވަފެނެއް ފެނުނީއެވެ. ނޫނީ ލޯމައްޗަށް އެ މަންޒަރު ސިފަވީއެވެ. މިހާރު ހަގީގަތުން ނިކުމެވިއްޖެއެވެ. އޭނަ މިއޮތީ އަމިއްލަ ކޮޓަރީގައެވެ. ނިދަން އެނދަށް އެރިގޮތަށެވެ.

"މިރިއަމް ފަތިސް ނަމާދަށް ތެދުވޭ........." މަންމަ ގޮވައިލިއެވެ. އޭނަ ތެދުވާން އުޅެނިކޮށް ފޯނުގެ ސްކްރީން ދިއްލުނެވެ. އެއީ ލައިލާގެ މެސެޖެކެވެ. އޭނަގެ ލޯ ބޮޑުވެ މޫނަށް ރަތްކުލަ ވެރިވީ އެ މެސެޖް ކިޔަން ފަށާފައެވެ.

ފަތިހުގެ ފުރަތަމަ އަލި މަޑުމަޑުން ފައުޅުވީ މަޑު މަޑު ފިޔާތޮށްޓާއި ރަންކުލައެއް އުދަރެހުގައި ޖައްސަމުންނެވެ. ވައިގާ ފިނިކަން ހިފާފައިވީއިރު ވެރިވެފައިވާ ހިމޭންކަން ދޭތެރެއަކުން ކަނޑުވައިލަނީ ދުރުން އިވިލާ ދޫނިތަކުގެ ލަވަޖެހުން ނޫނީ ގޮފިތައް ހެލިލާ އަޑުންނެވެ. މިިރިއަމް ލޮލުގެ އެސްފިޔަތައް ކުޑަކޮށް ހުޅުވާލައިގެންް އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނަގެ ވަށައިގެން ވީ ދުނިޔެ ހިމޭންވެފައި އަމާނެވެ. އެނދުގެ އެއްފަރާތުގައި އޮތް ފޯނުން އިވުނު "ބަޒް"އަޑާއެކު އެ ހިމޭންކަން ކަނޑުވައިލިއެވެ. އޭނަ މެސެޖް ބަލައިލަމުން ލޯބޮޑުކޮށްލިއެވެ.

"ގަބޫލެއްވެސް ނުކުރާނެ އަދި މަ ބުންޏަސް...."

މިރިއަމް ލޯ އުގުޅާލާފައި ލޯ ހިމަކޮށްލީ ސްކްރީންގެ ތޫނު އަލިން އުދަގޫވެގެންނެވެ.

"ވަޓްސް އަޕް..."

"ސީލިން....."

"ދެން މަޖާނުވެ ބުނެބަލަ..."

"އޭނަ އެބައުޅޭ.. އެންމެފަހުން އޭނަ އައީ....އެ ޒުވާނާ....މިފަހަރު ތަރާވީސް ލީޑްކުރަން....."

އޭނަ ބުމަ ކައިރިކޮށްލީ ލައިލާ ބުނި އެއްޗެއް ދޭހަނުވެގެންނެވެ. ތަރާވީހް؟ ލައިލާގެ މެސެޖުން އެއްވެސް އެއްޗެއް ނަގައިނުގަނެވެއެވެ.

"ހާފިޒް. އޭނަ އައީ މާލެއިން.ހަމަ ދެންމެހެން އައީ. ބަދަރުން ދެންމެ ދުށިން..."

އޭނައަށް އެނދުގައި އިށީދެވުނީ ހިތުގައި ޝައުގުވެރިކަން އުފެދުނުލެއް ބޮޑުކަމުންނެވެ. ބަދަރަކީ އާއްމުކޮށް ހަލަބޮލިތަނެކެވެ. ބޯޓުފަހަރު ފުރާ ލަފާ ތަނަކަށްވެފައި މުދާވެސް ގެނެސް ބަރުކުރާ ތަނެކެވެ. ދަތުރުވެރިންއައުމާއެކު ބޭރުގެ ޚަބަރުތައްވެސް ތާޒާކަމާއެކު ލިބެއެވެ. މެހުމާނަކު އައުމަކީ އާކަމެއްނޫނަސް ލައިލާގެ ވާހަކަ ހުރިގޮތުން ދޭހަވަނީ އިތުރު އެއްޗެއް ބުނަން އޮތް ހެނެވެ.

"ބަދަރުގައި؟ ކޮބާ އޭނަގެ ހުރި ޚާއްސަކަމަކީ؟"

"ނޭގުނު ދޯ..އެއީ ހަމަ ފުރިހަކަމުގެ މިސާލެއް. މިރިއަމް. ސީރިޔަސްލީ ލޮލަށް ފެނުނީމަ މިބުނި އެއްޗެއް އެނގޭނީ.."

މިރިއަމް ލޮލުގެ ކަޅި ހިންގައިލިއެވެ. އެކަމަކު މޭގެ ތެރެއިން ފިޔަޖަހައިލިގޮތް ދޮގުކުރާކަށް ބޭނުމެއްނުވިއެވެ. އެކަމަކުވެސް ލައިލާ މާބޮޑަށް ޚުޝާމަދުކުރަނީނޫންހެއްޔެވެ؟ މީހަކު އެހާ ފުރިހަމަވެދާނެހެއްޔެވެ؟ ޔަގީނެވެ. ލައިލާގެ އެކަހަލަ ގޮތެއް ހުންނާނެއެވެ. އޭނަ ބާލީސް މައްޗަށް ވެއްޓިގަތެވެ. ކުޑަދޮރުން ބޭރަށް ނަޒަރު ހިންގައިލިއެވެ. އުދަރެސް ކުރިއަށްވުރެ އަލިވަމުން ދިޔައެވެ. ފަތިސް ނަމާދުގެ ވަގުތު ފާއިތުވެދާނެކަން އެނގުނަސް ލައިލާގެ އެޖޯޝުން ފުރިފައިވާ ޚަބަރަށްފަހު އޭނަގެ ލޯވެސް ފޯނާއި ވަކިވާގޮތެއްނުވިއެވެ.

އެ ޒުވާނާ ގެ ސިފަތައ ގާތްގަނޑަކަށް އޭނަގެ ހިތަށް ގެނެވުނެވެ. އާ މޫނެކެވެ. ޚަބަރުތައް ހިފައިގެން އައި ބީރައްޓެއްސެކެވެ. އަނެއްކާވެސް މޭގެ ކޮންމެވެސް ދިމާލަކުން ފިޔަ ޖަހައިލިއެވެ.

"ލައިލާ...މާ ބޮޑަށް އޮބްސެސްވީ ދޯ..އެކަމަކު އެބަދަން ތިމީހަކު ދެކިލަން..ފަހަރެއްގައި.."

ލައިލާގެ ޖަވާބެއް ނުލިބުނެވެ. އެކަމަކު ލައިލާ ފޯރި އަންނާނެވަރު އޭނައަށް ގާތްގަނޑަކަށް އިހުސާސްވިއެވެ. ބަދަރު ގެއާއި ކައިރިވުމާއެކު ލައިލާ ކިޔައިދިންގޮތުން އޭނަގެ ހިތްވެސް އެކަމަށް ދަމައިގަތެވެ.

"މިރިއަމް. ދަރިފުޅު...ފޯނުގައި ހުންނަތާ ވިހިމިނިޓްވެއްޖެ..ކިތައް ގަޑި މިއޮތް އަގުހުރި ވަގުތުން ބޭކާރުކުރީ؟" އޭނަގެ މަންމަ ޖަމީލާ ދޮރުމައްޗަށް އެރިއެވެ. އެއް އަތުގައި މަންމަ ކިޔަވާ މުސްހަފް އޮތެވެ.

"މި ހަދީސް ހަދާން އެބަހުރިތަ؟"މަންމަގެ އަޑުގައިވީ ކުލުނާއި އޯގާތެރިކަމެވެ. އެހާ އަޑު މަޑެވެ. މަޑު ހިނގުމެއްގައި އައިސް އެނދުގެ މަގަތުގައި އިށީދެ އޭނަ ގައިމަތީ އަޅާފައި އޮތް ރަޖާ ގައި ފިރުމަން ފެށިއެވެ. ރަޖާ އޮމާން ކުރަން އުޅޭފަދައިން ނިކަން މަޑުމަޑުންނެވެ.

"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވި. މަލާއިކަތުން ތަކެއް ދުވާލު ތިބާއާއެކު ވާނެ. އަދި ތަފާތު މަލާއިކަތުންތަކެއް ރޭގަނޑު. މަލާއިކަތުންގެ ދެ ގްރޫޕްވެސް ދިމާވާނީ އަސުރާއި ފަޖުރުގަޑީގައި. ރޭގަނޑު ތިބާއާއިއެކު ހޭދަކުރެއްވި މަލާއިކަތުން އުޑަށް އަރާވަޑައިގަތުމުން ﷲ ތައާލާ ހުރިހާކަމެއް ދެކެދެނެވޮޑިގެން ވިޔަސް ތިބާގެ ހާލާއިބެހޭގޮތުން އައްސަވާވޮޑިގެންވާނެ..ތިބާ ހުރީ ކޮން އަމަލެއް ކުރަން ތޯ....މަލާއިކަތުން ވިދާޅުވާނީ އެބޭކަލުން ތިބާ ދޫކޮށްލާފައި ވަޑައިގަތްއިރު ވެސް ނަމާދުކުރުމުގައިކަމަށް...އަދި އަލުން އެނބުރި ވަޑައިގަތްއިރުވެސް ނަމާދުކުރުމުގައި ކަމަށް......"

މިރިއަމް އަވަހަށް އޭނަގެ ފޯނު އެއްފަރާތުގައި ބޭއްވިއެވެ.

"މަލާއިކަތުން އެހެން ވިދާޅުވުމަކީ ލިބޭނެ ކޮންފަދަ ބޮޑު ޝަރަފެއް؟ މިރިއަމްއަށް އެކަން ވިސްނޭތަ؟"ކޮޓަރީގެ ފަނޑު އަލިކަމުގެ ތެރެއިން މަންމަގެ ސާފު ލޯ ވިދަައިލިއެވެ. އޭނަގެ ލޮލުގައިވެސް އެފަދަ އަލިކަމެއް ހުންނާނެނަމައޭ އޭނަގެ ހިތަށް އެރިއެވެ.

"ޢަދި އައިޝާ ރަޟިޔައްﷲ އަލައިހި ވަސައްލަމް ރިވާކުރައްވާފައިވާ ހަދީސެއްގައި ވާގޮތުން ފަތިހުގެ ކުރީގެ ސުންނަތް ދުނިޔޭގައިވާ ހާ އެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ."

މަންމަގެ ފަރާތުން އަބަދުވެސް އޭނައަށް އާޔަތްތަކުގެ މާނައާއި ހަދީސްތައް އަޑުއިވެއެވެ. އެކަމަކު ހަނދާނުގައި ހުންނަނީ އިރުކޮޅަކަށެވެ.

"އެހެންވީމަ ނިދަން ނޫނީ ނަމާދު ފާއިތުކުރަން އެގަޑީގައި ހަމަ ކަންނެތްކަމުން އޮތުމަކީ ކޮންކަހަލަ ކަމެއް؟ އެހެންވީމަ މުއުމިނަކަށް ފަތިސްނަމާދުގެ ސުންނަތްވެސް ދުނިޔޭގައިވާހާ އެއްޗަކަަށްވުރެ ހެޔޮކަން ބޮޑުކަން އެނގޭއިރުވެސް އެނަމާދު ދޫކޮށްލުމަކީ ކިހާ ލަދުވެތިކަމެއް؟ ސުބުހާނަﷲ....ދަރިފުޅަށް ހެޔޮ ވިސްނުން ދެއްވާށި..."

އޭނަ ހިންދިރުވައިލިއެވެ. މަންމަ އެބުނަނީ ރަގަޅަށެވެ. އޭނަ ގަސްތުގައި ނަމާދު އަޅަނީއެއްނޫނެވެ. ހުރަސްއަޅަނީ އޭނަގެ ފޯނެވެ. އާދައިގެ މަތިން އޭނަ ފޯނު ކުށްވެރިކޮށް ބަހަނާއެއް ހޯދިއެވެ.

"އޯކޭ މަންމާ..މިތެދުވަނީ....ލަހުން ނިދުނީމަ ކަންނެތްވެފައި އޮތީ.."އޭނަ އެނދުން ތެދުވުނެވެ. އޭރު ރޭގަނޑުގެ އަރާމު ނިދިން ތެދުވެ ރަށްވެސް ހޭލަމޭލަވާން ފެށިއެވެ. އޭރުވެސް އަދި ރަގަޅަށް އިރުނާރައެވެ. އޭނަ އަވަހަށް ވުޟޫކޮށްލައިގެން ނިކުމެގެން އައިއިރު ތަފާތު އިހުސާސެއް ކުރެވުނެވެ. ދިގު މުއްދަތަކަށްފަހު ކޮންމެވެސް ކަމެއް ބަދަލުވާން އުޅޭފަދަ އެނގުމެކެވެ. އޭނައަށް ނޭގުނީ ޝައިތާނާގެ ވަސްވާސް ކުރިއަށްވުރެ އިތުރުވާނެކަމެވެ. ސަލާމަތްވާނީ ޒިކުރުކޮށް އެކަމުން ސަލާމަތްވާން ދަސްކުރުމުންނެވެ. ހަވާނަފުސްގެ އެދުންތަައް ބަލިކޮށްލަން އީމާންކަން އިތުރުވާނެ ގޮތް އެގެންޖެހޭނެއެވެ. އެފަދަ މީހުންނަކީ ސަލާމަތްކަން ލިބިގެންވާ މީހުންނެވެ.

މިރިއަމްގެ ކޮޓަރި ކުޑަވިޔަސް ފަރުމާކޮށްފައިވަނީ ދުނިޔޭގެ ތާޒާ ހާމަ ވަޔާއި އަލި ވަންނާނެހެން ނެވެ. ފުޅާ ކުޑަދޮރެކެވެ. އެދޮރާއި ދިމާލަށް ގުދުވެފައިވާ ބޯގަންމަލުގެ ގޮފިތަކާއި މާތަކުންވެސް ތާޒާކަން އިހުސާސްވެއެވެ. ވަކަރުން ހަދާފައިވާ ތިރި އެނދަށް ޝާހީ ކުލަ ޖައްސައިދެނީ ހުދު މަދިރިގެއިންނެވެ. އަލަމާރީތެރެއަށް މަންމަ ހުންނަނީ ގަވާއިދުން ހުދުކުލައިގެ ވަށް ކާފޫރު ގުޅަތަކެއްލާފައެވެ. ބައެއްފަހަރު އެވަސް ޖެހުމުން ބިރުވެސް ގަނެއެވެ. މަންމަ ބުނާގޮތުންނަމަ ކަތުރުފަނިއެޅުމުން ސަލާމަތްކޮށްދޭނެއެވެ. އޭނަ ޒީނަތްތެރިވާން ބިތުގައި ލޯގަނޑެއް ހަރުކޮށްފައިވާއިރު އެނދުގެ އަނެއް ފަރާތުގައި ކުޑަމޭޒެއް ހުރެއެވެ. ނޯޓްފޮތްތަކާއި ގަލަންތައް ހުރީ ތަރުތީބެއްނެތި އުކާލާފައެވެ. ކުޑަރޭޑިއޯއަކީ ބައްޕަގެ ހަނދާނެކެވެ. ކޮޓަރީގެ ކަނުގައި އެކި ކުލަތަކުން ފަވާލާފައިވާ ރީތި މުސައްލައެއް ފައްޖަހާފައި އޮތެވެ. ދެރައީ މަންމަގެ ހިތް އުފާވާވަރަށް އޭގެ ބޭނުން ނުކުރެވޭކަމެވެ.

ފޯނު ރިންގްވާން ފެށިއަޑު އިވުމުން ބަލާނުލިޔަސް ލައިލާކަން ދެނެގަތެވެ. އޭނަގެ ހިތްއަވަސްވިއެވެ. އަވަސްއަވަހަށް މުސައްލަ ފަތުރާލިގޮތަށް ތިރީސް ސިކުންތު ނުވަނީސް އޭނަ ނަމާދުކޮށް ނިންމައިލިއިރު ޚުޝޫއަތްތެރިކަމުގެ ކަންފުޅެއްވެސްނެތެވެ. އޭނަގެ ސިކުނޑީގައި އެނބުރުނީވެސް އެ އާ ޒުވާނާއެވެ. މި ގަޑިއަށް އެމީހުން ބަދަރަށް ދާން ރާވާފައިވާއިރު އެކަން ކެންސަލް ކުރެވޭކަށްވެސް ނެތެވެ. ލައިލާ ދުވަހެއްގެ ކޮޅުންވެސް އޭނައަށް މާފެއް ނުކުރާނެއެވެ.

މިރިއަމް ރީތިވެލައިގެން ނުކުތްއިރު ހެދުނުގެ ފަނޑުއަލިކަމާއި ފިނިކަމާއި ކުރިމަތިވިއެވެ. އަދިވެސް ބައެއްމީހުން ހުވަފެންތައް ދެކެން އެނދުގައެވެ. އެއީ އޭނަވެސް އާދައިގެ ދުވަހެއްނަމަ ގަޔާވާ އެންމެ ރުހެވޭ އަމަލެވެ. ލައިލާއާއި އެކީ ހިނގަމުން ދިޔައިރު ދެކުދިންގެ ހިތުގައިވެސް ވަނީ އެ ޒުވާނާ ދުށުމެވެ. ގޯޅިއަކުން ލަނބައިލިތަނާ މުޅިން ކަޅުހެދުމުގައި ފޮރުވިގެންހުރި މީހަކު ކުރިމައްޗަށް އެރިއެވެ. އަލިކަމުގެ ތެރެއިން އެއްކޮށް ކަޅުކުލައިގާ ހުރުމުން ރޫހާނީ ރީތިކަމެއްވިއެވެ.

"ސާޔާ......"މިރިއަމް ކުޑަކޮށް ހާސްވިއެވެ. އެމީހުން ކުރަން އުޅޭ ކަމެއް އެނގިއްޖެއްޔާ ސާޔާ އެމީހުންނަށް ދަރުސް ދޭނެއެވެ. ފޫހިވެގެންގޮސް ނިދިގެން ވެއްޓެން ދެން ހުއްޓައެއްނުލާނެއެވެ.

"އައްސަލާމް އަލައިކުމް...." އިހުތިރާމްއާއި ލޯބި އެކުލެވޭ ލަފުޒެކެވެ. މިރިއަމްވެސް ޖެހިލުންވިއެވެ.

ލައިލާ ސަލާމްގެ ޖަވާބު ދިނަސް މިރިއަމް ކުޑަކޮށް ބޯ ޖަހައިލުމަކުން ފުއްދައިލިއެވެ. އޭނަ ބޭނުންވީ ސާޔާއަށް ސަމާލުކަމެއް ނުދީ އެތަނުން ސަލާމަތްވުމަށެވެ. ސާޔާއަށް އެކަން އެނގުނުފަދަ ގޮތަކަށް މިރިއަމްއަށް ހިނިތުންވުމެއް ދިނެވެ. ނިގާބު އަޅައިގެން ހުއްޓަސް އެލޮލުގެ ރީތިކަން ފޮރުވައެއް ނުލެވެއެވެ.

"މިހާ ހެދުނަކާ ކޮންތަނަކަށް؟" ސާޔާއަށް އެ ސުވާލުގެ ޖަވާބު އެނގޭފަދައެވެ.

މިރިއަމްގެ ހިތުގައި ނުރުހުމުގެ ޒައްރެއްގެ މިންވަރު ހިރިލިއެވެ. އެކަމަކު އެކަން ދައްކާނުލާ ކޮނޑު އަރުވައިލިއެވެ."ހޫމް...މިއަދު އައި ޒުވާނަކު ދެކެލަން ލައިލާ ބޭނުންވެގެން....."

"އާހް...އައި ސީ." ސާޔާ ކުޑަކޮށް ލޯ ހިމަކޮށްލިއެވެ. އަދި މިރިއަމް ދުރަށް ބަލަހައްޓައިގެން ހުއްޓާ ސަމާލުކަން ހޯދަން ކުޑަކޮށް އަރިވެލިއެވެ."އެކަމަކު މިރިއަމް.. އަހަރެމެންނަށް ދެއްވާފައިވާ ރަހުމަތް މަތިން ހަނދާން ނައްތާނުލާތި.....ޚާއްސަކޮށް މިދުވަސްވަރު. ރަމަޟާން މަސް މިއޮތީ ބޯމަތިވެފައި.."

ސާޔާއާއި އެއްބަސްވުމުގެ ނިޝާނެއްގެ ގޮތުން ލައިލާގެ ލޯ ދިއްލުނެވެ. އެކަމަކު މިރިއަމްގެ މެޔަށް ބާރުވެލިއެވެ. "ތިބުނީ؟"

ކޮންމެހެން އެ މައުޟޫއަށް ވާހަކަދައްކަން ބޭނުންނުވިޔަސް އޭނައަށް ސުވާލު ކުރެވުނެވެ. އެއާއެކުު ސާޔާ އިތުރަށް ސީރިޔަސްވެލިއެވެ. އަދި އަޑު އިތުރަށް މަޑުވެލީ އެދައްކަން އުޅެނީ ކިހާ މާތް އަމަލަކާއި ބެހޭގޮތުންކަން އޭނައަށް އެނގޭތީ ކަހަލައެވެ."ރަމަޟާންއަކީވެސް ރަހުމަތެއް...ހަދިޔާއެއް. އަހަރެމެންގެ ހިތާއިފުރާނަވެސް ތާހިރުކުރަން ލިބޭ ފުރުސަތެއް...އެއީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިފައިވާ މަސް. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރައްވާ..ޝައިތާނުން ކަސްތޮޅު އަޅުއްވާ.."

އޭނަ ވާހަކަދެއްކުންވެސް ހުރީ އަޅުކަމެއް ފަދައިންނެވެ.

"ބައެއްފަހަރު އަހަރެމެންނަށް ރަމަޟާންމަހުގެ ވަގުތުގެ އަގު ވަޒަން ނުކުރެވޭ. ކަށްވަޅުގައިވާ މީހުން އަލުން ދުނިޔެ އަންނަން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. އަދި ނަމާދުުކޮށް ރޯދަ ހިފަން...އަދި ފާފަތަކުން ތައުބާވާން..އެހެންވީމަ މީހުންނަށް ރޭކާނުލިޔަސް މިއީ ހަމަ ރަހުމަތެއް......"

މިރިއަމްއަށް ހިންދިރުވައިލެވުނެވެ. ސާޔާ ރަަމަޟާންމަހާއި ބެހޭގޮތުން ވާހަކަދެއްކިއިރު ސާޔާގެއަޑުގައި ތަފާތު އަސަރެއްވިއެވެ. އަޑުނާހާ ނުހުރެވޭނެފަދައެވެ." އަހަރެން ތިގޮތަށް ނުވެސް ވިސްނަން...."

"މިރިއަމްވެސް ބޭނުމެއްނުވާނެ އެފަަ ރަހުމަތަކުން ބަރީއަވާން.."އޭނަގެ އަޑު ކުރިއަށްވުރެ މަޑުވިއެވެ."ރޯދައަކީ އައްޑަނައެއް، އަހަރެމެންގެ ނަފުސްތައް ތާހިރުކުރަން ފުރުސަތެއް. އަހަރެމެން ކުރާ އަމަލުތަކުގެ ސަވާބު އެތައް ގުނައެއް އިތުރުވޭ..ﷲ ވަހީކުރައްވާފައިވަނީ އާދަމުގެ ދަރިން ރޯދަ ފިޔަވާ ކުރާ ކޮންމެ އަމަލެއްކުރަނީ އަމިއްލަ ނަފުސަށްޓަކާކަމާއި ރޯދަ ހިފަނީ ﷲތައާލާއަށްކަމާއި އެކަމުގެ ސަވާބު ދެއްވާނެކަމަށް..."

"ސީރިޔަސްކޮށް ރޯދަ ފިޔަވާ ހުރިހާ އަމަލެއް..." އޭނައަށް ހިތާހިތުން ބުނެވުނެވެ. ރޯދަހިފައިގނެން ދުނިޔޭގެ ހުރިހާ ކަމަކުން ހުސްވެގަންނަނީ އެއަށްވުރެ ބޮޑުކަމެއް ހޯދަންކަމަށްވިޔަސް އެ ޚިޔާލު އޭނައަށް ވެފައިވީ ބީރައްޓެހި އެއްޗަކަށެވެ. އެކަމަކު ސާޔާގެ ލަފުޒުތައް ސިކުނޑީގައި ހަރުލިއެވެ. ދުނިޔެއައި ވަކިވެ އަލުން ރޯދަ ތަޖުރިބާ ނުކުރެވޭނެ މީހުން އެފަދަ ފުރުސަތަަކަށް އެދި އާދޭސްކުރާނެކަން ހަނދާންކޮށް ދިނުމުން އެ އަޑު ސިކުނޑިން ނުފިލިއެވެ.

"ޔޫ ސީ....." ސާޔާ ދުރުބެލުމެއްނެތި ލޮލާއި ލޯ ގުޅުވާލައިގެން ހުރިއިރު އެލޮލުގައިވީ ސާބިތުކަންވެސް މިރިއަމްއަށް ފާހަގަކުރެވުނެވެ."ރަމަޟާންމަހަކީ ކޮންމެހެން ކެއުމުން ދުރުހެލިވުމެއްވެސް ނޫން..އެއީ މުޅިންވެސް ހިތާއި ނަފުސް އިސްލާހުުކުރުން. އަހަރެމެެންގެ މިއަށްވުރެ ރަގަޅު ވާޝަންއެއް ދައްކުވައިދިނުން. އިޓްސް ޓައިމް ޓު ރިފްލެކްޓް...އަމާންކަން ހޯދަން..ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ހަދީސެއްގައިވޭ. ރަމަޟާންމަހުގެ ދަރުމައާއި ސަވާބު ހޯދުމުގެ އުއްމީދުގައި ރޯދަހިފިމިހާގެ ކުރީގެ ހުރިހާ ފާފަތައް ފުއްސަވައިދެއްވާ. އޭގެ މާނައަކީ އަހަރެމެން އުުފުލަމުންދާ ފާފައިގެ ބުރަދަން ދޮވެވިގެން ހިގައިދާނެކަމަށް...."

މިރިއަމް މިއިން ޒަމާނެއްގައިވެސް ތައުބާއައި ފާފަފުއްސެވުމާއިމެދު ވިސްނާފައެއްނެތެވެ. އަމިއްލަ ކުށްތަކާއިއެކު އޮޅިފައިވާވަރުން މިފަދަ ބޮޑެތިކަންތައްތައް ނެގިފައިވަނީ އާދައިގެ ގޮތަކަށެވެ.

"ތިކަން ހަދާނުގައި ބަހައްޓާނަން.."ކިރިޔާ އިވޭވަރަށް އޭނަ ބުނެލިއެވެ.

ސާޔާ ކުޑަކޮށް ބޯ ޖަހައިލިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އެނބުރި ދާން ހިގައިގަތެވެ." ﷲ ތައާލާ އަޅަމެންނަށް ހިދާޔަތް ދެއްވާށި...މި ރަހުމަތް އަތުން ބީވެގެން ދިޔަ ނުދެއްޗޭ..."

ސާޔާ ހިނގާފައިގޮސް ލޯމަތިން ގެއްލެންދެން ބަލަން ހުރި މިރިއަމްގެ ހަށިގަނޑުގައި ނޭގޭ ބުރަދަނެއް ސަވާރުވިއެވެ. ދިރިއުޅުން ބަދަލުކުރުވާނެ ފަދަ ރަގަޅު ފުރުސަތެއް އޮތް ރަމަޟާންމަސް އަތުން ބީވެގެންގޮސްދާނެފަދަ އިހުސާސެއް ކުރެވުނެވެ. މުޅިންއެ އިހުސާސްތައް މާނަ ކުރާން ނޭގުނަސް ކޮންމެވެސް އެއްޗެއް ހިތުގައިވިއެވެ. އޭނަގެ ހިތަށް ދަމަމުން ދިޔައެވެ.

ލައިލާ ފޯރީގައި ހުރުމުން މިރިއަމްގެ ތަބީއަތަށް އައި ބަދަލު ދެނެގަންނަން ފަސޭހައެއްނުވިއެވެ.

"ހިނގާ ދާން. އޭނަ ފެންނާނެ. ހީޒް ޓޯޓަލީ ވޯތް އިޓް...." ލައިލާގެ އަޑާއެކު މިރިއަމްއަށް ހަގީގީ ދުނިޔެއަށް އެނބުރި އާދެވުނެވެ. އެކަމަކު އޭރު އޭނަގެ ހިތްވީ ބަދަރުގައެއްނޫނެވެ. އަދި އަލަށް އައި ބީރައްޓެހި ޒުވާނާއާއިއެކީގައެއްވެސް ނޫނެވެ. އެއަށްވުރެ މުހިއްމުކަމެއްވާކަމުގެ އިހުސާސް ހިތުން އެއްލައެއްނުލެވުނެވެ. އެކަމަކު ދެރައީ އެކަމެއް އޭނަގެ އަތުގެ ތެރެއިން ދޫވެގެންދާތީއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު