އޭނާއަށް ނޭނގުނު ނަމަވެސް، އެ ކުއްޖާއާ މެދު އޭނާގެ ހިތުގައި ޝައުޤުވެރިކަމެއް އުފެދުނެވެ.

އެހެންނަމަވެސް އެ ޝައުޤުވެރިކަން، އޭނާއަށް ގުޅުވެމުން ދިޔައީ އެހިތުގައި އެ އަންހެންކުއްޖާއާ މެދު ފުރަތަމަ ނަޒަރުން އުފެދުނު ފޫހިކަމާއެވެ. އެފަދަ އަންހެން ކުއްޖަކަށް ބައްޕަ ތައުރީފް ކުރާ އަޑު އެހުމަކީވެސް އޭނާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެއްޗެއް ނުބުނި ނަމަވެސް ޒައުލްގެ ހިތުގައި ނުބައި ޚިޔާލުތައް ރަސްކަން ކުރަން ފެށިއެވެ. އެންމެ ރަނގަޅުވާނީ އެކަހަލަ އަންހެން ކުދިންނާ ދުރުން އުޅުމޭ އޭނާގެ ހިތަށް އަރަން ފެށިއެވެ.

"ދަރިފުޅާ!" އިރުކޮޅެއްގެ ހިމޭންމަކަށްފަހު ޒަމީރު އޭނާގެ ދަރިފުޅު، ޒައުލްއަށް ގޮވައިލިއިރު އެ އަޑުން ފާޅުވަމުން ދިޔައީ އޭނާ ބޮޑު ވާހަކަ އެއް ބުނަން ބޭނުންވެގެން އުޅޭ ފަދަ އަަސަރެކެވެ. ބައްޕަ ދައްކަން އުޅޭ ވާހަކައަކަށް ސަމާލުކަން ދިނުމުގެ ގޮތުން ޒައުލް ޒަމީރަށް ބަލައިލިއެވެ.

"ބައްޕައަށް މާފުކުރޭ ދަރިފުޅާ." ޒަމީރުގެ ދުލުން، އެ ބަސްތައް ބޭރުވެގެން ދިޔައިރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.

"ބައްޕަ ކޮންކަމަކަށް މާފަށް ތި އެދެނީ؟" ޒައުލްއަށް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ.

"ދަރިފުޅު ކުޑައިރު މަންމައާއި ބައްޕަ ވަކިވުމުން ދަރިފުޅަށް ފުން އަސަރުތަކެއް ކުރިކަން ބައްޕައަށް އެނގޭ. ބައްޕައާ މަންމަގެ ވަކިވުމުން އެކަމާ މެދު ދެރަވިވަރާ ހިތާމަކުރި ވަރުވެސް ބައްޕައަށް އެނގޭ. އެކަމަކު އެއީ މާޒީ. އެކަން ބަދަލެއް ނުކުރެވޭނެ. އެކަމާ މިއަދު ބައްޕަ ހިތާމަކުރަން. މަންމައާ ބައްޕައާ އެންމެ ބޮޑަށް މައްސަލަ ޖެހުނީވެސް، ބައްޕައަށް މަންމައަށް ވަގުތު ނުދެވޭތީ. އެ ޝަކުވާތަކަށް ބައްޕައަށް ދެވުނީ ބީރު ކަންފަތެއް. މާޒީއަށް ދެވޭނެ ނަމަ މިއަދުވެސް އެތައް ކަމެއް ބައްޕަ ބަދަލުކުރީމުސް. އެކަމަކު އެއީ ވާނެކަމެއް ނޫން… އެކަމަށް މާފަށް މި އެދެނީ." ޒަމީރު ބުނެލިއެވެ. އޭރު އެ އަޑުގައިވަނީ ހިތާމައިގެ އަސަރެވެ.

"ބައްޕާ! މިހާރު ދެން ތި ވާހަކަ ނުދައްކާ. މަންމަވެސް ދުނިޔެއަކު ނެތް." މަންމަ ނިޔާވި ހިތާމަވެރި ހާދިސާގެ ހަނދާންތައް އާކުރަމުން ޒައުލް ބުނެލިއެވެ. އެއާއެކު އޭނާގެ މޫނުމަތިވެސް މިލައިގެން ހިނގައްޖެއެވެ.

"ހަޤީޤީ ދިރިއުޅުމުގެ މަޤްސަދަކީ ކޮބައިކަން މިއަދު ބައްޕައަށް އެނގޭ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫން. އަދި ފައިސާ ފަހަތުން ދުވުމަކީ އަހަރެމެން ދުނިޔެއަށް ފޮނުއްވި މަޤްސަދެއްވެސް ނޫން. އާއިލީ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން އިޙްސާސްމިވީ މާފަހުން. ދަރިފުޅަށް އެނގޭތަ. ދުނިޔެއާ މެދު ބައްޕަ ދެކޭ ގޮތާއި ނަޒަރިއްޔާތު މިހާރު މުޅިން ބަދަލުވެއްޖެ." ޒަމީރު ބުނެލިއެވެ. ޒައުލްއަށް ބުނާނެ އެއްޗެއް ނޭނގި އިނދެވުނުއިރު އޭނާއަށް ބުމަ އަރުވައިލެވުނެވެ.

"ބައްޕަ ބޭނުމެއް ނޫން ދެން ދަރިފުޅު ބައްޕައާ ދުރަށް ދާކަށް." ޒަމީރު ދެން ވެސް ވާހަކަ ދެއްކިއެވެ. ހަމަ އެހާ އަސަރާއެކުގައެވެ.

"އަހަރެން މިހުރީނު ބައްޕަ ކައިރީގައި. ދާން ވަކި ދުވަހެއް ނިންމައިގެނެއް ނޫނޭ މިއައީ. އެހެންވީމަ ދެން އެ ވާހަކަ ނުދައްކާ." ޒައުލްގެ ޖަވާބުން ޒަމީރު ހިތްހަމަޖެހުނެވެ. ޒައުލް ދެން އޭނާއާ ދުރަށް ފޮނުވާކަށް ޒަމީރު އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ވިޔަފާރި ޒައުލްއާ އެކީ ހަވާލުކުރަން ބޭނުންވާ ވާހަކަ ބުނަން އުޅެފައިވެސް އޭނާ ފަސްޖެހުނީ އެއީ އެކަމަށް އެންމެ މުނާސަބު ވަގުތަށް ނުވާތީއެވެ. ކޮންމެ ކަމެއް ކުރުމަށްވެސް އެކަށޭނެ ވަގުތެއް ވާނެކަމަށް ޒަމީރަށް ޤަބޫލުކުރެވޭތީއާވެސް އެކުގައެވެ. ކެތްތެރިވުމަށް ﷲ އަހަރެމެންނަށް އަންގަވާފައި ވާއިރު، އެއްވެސް ކަމެއް އަވަސް އަރުވާލައިގެން ކުރަންވެއްޖެނަމަ އެކަމެއް އެންމެ އެކަށީގެންވާ ގޮތުގައި ނުކުރެވި ދާނެއެވެ. އަނެއްކޮޅުން ޒައުލްވެސް ހުންނާނީ ދިގު ދަތުރަކަށްފަހު ވަރުބަލިވެފައެވެ. އެހެންކަމުން އެފަދަ ވާހަކައެއް ދެއްކުމުގެ ކުރިން ހަމަޖެހިލުމަށް ޒައުލްއަށް ވަގުތު، ދޭން ޒަމީރު ނިންމިއެވެ.

*****

މަޢްރިބު ނަމާދު ވަގުތު ޖެހުމާއެކު، ޒަމީރު ސޯފާގައި އޮތް ޒައުލްއަށް ގޮވައިލިއެވެ. އޭރު އަދި ބަންގި ނުގޮވައެވެ.

"ދަރިފުޅާ"

"ކިހިނެއްވީ ބައްޕާ؟" ފޯނާ ކުޅެން އޮވެފައި ޒައުލް ތެދުވަމުން ސުވާލުކޮށްލިއެވެ.

"ބައްޕަ ބޭނުން ފާޚާނާއަށް ވަދެލަން." ޒަމީރު ބުނެލިއެވެ.

"ހިނގާ." އެހެން ބުނެލާފައި ޒައުލް ތެދުވެގެން އައިސް ޒަމީރު ތެދުވުމަށް އެހީތެރިވެދިނެވެ.

އޭނާގެ ބާރުގަދަ އަތުން ބައްޕައަށް އެހީތެރިކަން ފޯރުކޮށްދީ ފާޚާނާއާ ހިސާބަށް އެ ބައްޕަ ޒައުލް ގެންދިޔައެވެ. އެތެރެއަށް ވަނުމަށްފަހު ބައްޕަ ވުޟޫކުރަން ފެށުމުން، އެ މަންޒަރު ބަލަން ޒައުލްއަށް ހުރެވުނެވެ. ސާރާއާއި އިނދެގެން އުޅުނުއިރު ނަމާދުކުރަން ވުޟޫކުރެވުނީ ރަނގަޅަށްބާއޭ އޭނާގެ ހިތަށް އެވަގުތު އެރިއެވެ. ސާރާ ނިޔާވިފަހުން އެންމެ ފަހަރަކުވެސް މީހަކަށް ދެއްކުމުގެ ނިޔަތުގައިވެސް އޭނާ ވުޟޫކޮށްފައެއް ނުވެއެވެ.

ޒަމީރު ވުޟޫކޮށް ނިމުމުން އެތަނުގައި އަޅުވާފައިހުރި ހުދުކުލައިގެ ތުވާލި ޒައުލް އޭނާއަށް ދިއްކޮށްލިއެވެ. އެއަށްފަހު، ޒަމީރު ގޮވައިގެން ފާޚާނާއިން ނުކުތެވެ. އެވަގުތަކީ ބަންގި ގޮވި ވަގުތެވެ. އެހާ ދުވަސްފަހުން ކަންފަތަށް އިވުނު ބަންގީގެ އަޑާއެކު ޒައުލްގެ ޒަމީރު އޭނާއަށް ކަމެއް އަންގައިދޭން މަސައްކަތް ކުރަން ފެށި ފަދައެވެ. ކެނެޑާގައި އުޅުނު އިރު ދުވަހަކުވެސް އެފަދަ ގޮތަކަށް ބަންގީގެ އަޑު އޭނާގެ ކަންފަތަށް އިވިފައެއް ނުވެއެވެ. އެހެންކަމުން އެހާ ގިނަ ދުވަސްފަހުން އެ އަޑު އިވުމާއެކު ހިނދުކޮޅަކު ޒައުލްއަށް ހިމޭންކަމުގައި ހުރެވުނެވެ.

އެތަނުގައި ހުރި ގޮނޑީގައި ޒަމީރު އިށީނުމުން ޒައުލް ވާހަކަ ދައްކަން އުޅުނެވެ.

"ބައްޕާ…އަހަރެ…. " ޒައުލްއަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ޒަމީރު އަތުން އިޝާރާތްކުރީ އެހަށް މަޑުކުރުމަށެވެ. ބަންގިއަށް ސަމާލުކަން ދޭން ޒަމީރު ބޭނުންވާވަރު ޒައުލްއަށް ޒަމީރުގެ އެ އަމަލުން އެކަނިވެސް ދޭހަކުރެވުނެވެ. ހިމޭންކަން އިޚްތިޔާރުކުރެވުނުއިރު ސިކުނޑިއަށް ވެރިވި ޚިޔާލުތަކާ ހައިރާންކަމުން އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ބަސް ހުއްޓިފައެވެ. ބައްޕަގެ އުޅުމާ މިޒާޖާއި ވާހަކަ ދެއްކުމަށް ބޮޑެތި ބަދަލުތަކެއް ހަމަ ރަނގަޅަށްވެސް އަތުވެއްޖެއެވެ.

ގޮވަމުން ދިޔަ ބަންގީގެ މާނައާ މެދު ޒަމީރަށް ވިސްނައިލެވުނެވެ. ފަލާޙާއި ކާމިޔާބު ލިބިގަތުމަށް ފަސްވަގުތު ﷲ ގެ ހަޟްރަތުން ގޮވާލާއިރު އެ ގޮވުމަށް މީގެ ކުރިން އިޖާބަ ނުދެވުނީތީ އޭނާ އެކަމާ މިއަދު ހިތާމަކުރެއެވެ. މުސްކުޅިވުމުގެ ކުރިން ޒުވާން ކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް އިސްލާމް ދީން ބާރު އަޅާކަން އޭނާއަށް ވިސްނުނީވެސް މުސްކުޅި އުމުރަށް އެޅުނު ފަހުންނެވެ. ގައިގައި ވަރުހުރި ދުވަހު ނަމާދެއް ނުކުރެވުނެވެ. އެހެންނަމަވެސް ޒަމީރު ވަނީ ތައުބާވެފައެވެ. އޭގެ ފަހުން އެންމެ ނަމާދެއްވެސް ވައްޓާ ނުލާ ޤަވައިދުން އޭނާ ނަމާދުތައް އަދާކުރެއެވެ.

ޒަމީރު ޒައުލްއަށް ބަލައިލީ ބަންގި ގޮވާ ނިމުމުންނެވެ.

"އެބަ އަންނަން." އެއާއެކު އެހެން ބުނެލާފައި ޒައުލް ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ދަރިފުޅުގެ މޫނުމަތީގެ އަސަރުތަކުންނާ އޭނާ އެއްޗެއް ބުނުމުގެ ކުރިން ގޮސް ނުކުތުމުން، ޒަމީރުގެ ހިތަށް ނުބައި ގޮތެއް ވިއެވެ. އެ ދަރިފުޅުގެ މޫނުމަތިން ފެނުނު އަސަރުތައް އޭނާގެ ތަޖުރިބާކާރު ސިކުނޑިއަށް ވިސްނައިގަންނާކަށް ގިނަ އިރެއް ނުނެގިއެވެ. އެއާއެކު އަމިއްލަ ނަފްސު ކުށްވެރި ކުރެވި ހިތާމަޔާއި މޮޅިވެރިކަމުގެ ސާލަކުން އޭނާގެ މުޅި ހަށިގަނޑު ވަށާލިއެވެ. އެއީ ކުޑައިރު ދީނާ ދުރުކުރެވުމުގެ ނަތީޖާކަން މިއަދު ޒަމީރަށް ވެސް ފަހުމް ވެއްޖެއެވެ. އިސްލާމާއި ޤުރުއާން މާއްދާ ކިޔެވުމަށް އޭނާއާ ޝަމްލާއާ ދެމީހުން ކުރެ އެކަކުވެސް ޒައުލްއަކަށް ބާރެއް ނާޅައެވެ. އޭގެ އިތުރުން ދީނީ އެއްވެސް ތަޢުލީމެއް ދިނުމަށްވެސް އެ ދެމީހުން މަސައްކަތެއް ނުކުރެއެވެ. އޭރު އެ ދެމީހުން ވެސް މަސައްކަތްކުރީ، ރާއްޖޭން ބޭރުގެ މޮޅެތި ޔުނިވާސިޓީތަކަށް އެ ދެމީހުންގެ ދަރިފުޅު ފޮނުވާށެވެ. ދުނިޔެއަށް ލޯ ހުޅުވިފައިވާ ތަހުޒީބީ ޒުވާނަކަށް ހަދާށެވެ. އޭރު ނުވިސްނުނު ކަމަކީ ދީނީ ތަޢުލީމު ދީ އިސްލާމް ދީނަށް ދަރީން ކުޑައިރުއްސުރެ ހާނުވާ ތަރުބިއްޔަތު ކުރުމަކީ ކިހާ މުހިންމުކަމެއް ކަމުގައެވެ. ޒައުލްގެ އަމަލުތައް ފެނި މިއަދު ޒަމީރު ދެރަވެ އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ އެ ސަބަބުތަކަށްޓައެވެ. ދެލޮލުން އޮހޮރުނު ކަރުނަތައް ފުހެލާފައި ޒަމީރު ނަމާދުކުރަން އަވަސްވެގަތް ނަމަވެސް، ހިތަށްކޮށްފައިވާ އަސަރާއި ބިރުވެރިކަމެއްގެ ސަބަބުން އޭނާއަށް ގިސްލެވެމުން ދިޔައެވެ.

ގޮނޑީގައި އިނދެ ނަމާދުކުރަން ޖެހުމުގެ ހިތްދަތިކަން ކިތަންމެ ވަރަކަށް ވެސް ޒަމީރަށް އިޙްސާސްކުރެވެއެވެ. ސަޖިދަޔަށް ތިރިވެވޭ ޙާލުގައި އޭނާ ވަނިކޮށް ނަމާދުނުކުރެވުނީތީ އެކަމާ ވަރަށް ބޮޑަށް އޭނާ ހިތާމަކުރެއެވެ. އެހެންނަމަވެސް ހިތަށް ހަމަޖެހުން ލިބުނީ ﷲގެ ރަޙްމަތުގެ ތަނަވަސްކަން ވިސްނުމުންނެވެ. ބަލި ޙާލުގައި ވަނިކޮށް އޭނާއަށް ތެދުމަގު ދައްކެވީތީ އޭނާއަށް ﷲއަށް ޙަމްދުކުރެވުނެވެ.

ނަމާދުކޮށް ނިމިގެން ވެސް، އެތަކެއް އިރަކު ދުޢާކުރުމުގައި އޭނާއަށް އިނދެވުނެވެ. އޭނާއަށް ތެދުމަގު ދައްކަވާ ސީދާ ރާސްތާއަށް ނެރުއްވި ފަދައިން އޭނާގެ ދަރިފުޅުގެ ހިތުގައި ވެސް އިސްލާމް ދީނަށް ލޯބި ޖެއްސެވުމަށް އެދިއެވެ. އަދި މާޒީގައި އޭނާއަށް ހެދުނު ގޯސްތަކަށް އަފޫކޮށްދެއްވާ ފާފަ ފުއްސަވާތޯއެވެ. ދުނިޔޭގައި ތިމާ ކުރާ ކޮންމެ ޢަމަލަކާ މެދު ސުވާލުވެވޭނޭ ފަދައިން، ދަރީން ތަރުބިއްޔަތު ކުރި ގޮތާ މެދު ވެސް ސުވާލުކުރެވޭނެކަން ޒަމީރަށް އެނގެއެވެ. އެ ދަރީންނަށް ކުޑަ އިރުއްސުރެ ހެވާ ނުބައި ވަކިކޮށްދީ، ދީނީ ކަންތައްތައް އުނގަންނައިދިނުމަކީ، މައިންބަފައިންގެ މައްޗަށް ވާޖިބެކެވެ. އޭނާ ވަނީ އެ ކަމަށް އިހުމާލުވެފައެވެ. ﷲއަށް ބިރުވެތިވަނީ އެހެންވެގެންނެވެ.

ނިމިގެން ގޮނޑިން ތެދުވަން އުޅެނިކޮށް ޒައުލް އައިސް ވަނެވެ. އޭނާއަށް ބައްޕަ ފެނުމާއެކު، އެހީތެރިވާން އަވަސްވަގެތެވެ. ޒައުލްގެ ގާތުގައި ނަމާދަށް ދާންވެގެން ބުނަން އުޅެފައިވެސް، ޒަމީރު ޖެހިލުންވީ ކީއްވެގެންކަމެއް އޭނާއަކަށް ނޭނގުނެވެ. ހީވީ ޒައުލްގެ ވިސްނުން ހުރީ ކިހިނެއްކަން އޭނާއަށް އެނގުމުން އެކަން ކުރަން ނުކެރުނީހެންނެވެ.

އިޝާނަމާދު ވަގުތުގައިވެސް ޒައުލް ކަންތައްކުރީ ހަމަ އެގޮތަށެވެ. ޒަމީރު ނަމާދުކުރަން ފެށުމުން އޭނާ ނުކުމެގެން ދިޔައީއެވެ. ހޮސްޕިޓަލުން ބޭރަށް ނުކުމެލުމަށްފަހު، އޭނާ ޖީބުގައި އޮތް ވޭޕް ނަގާ އެ ދަމައިލިއެވެ. ދުންތައް ބުރުވައިލުމާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ. ހޮސްޕިޓަލު ކައިރީގައި ހުރި މިސްކިތަށް އޭރު ބައެއް މީހުން އަރަމުން ދިޔަ މަންޒަރު އޭނާއަށް ފެނުނެވެ. ވަށައިގެންވީ މަގުމައްޗަށް ބަލައިލުމަށްފަހު، އަނެއްކާވެސް މިސްކިތާ ދިމާލަށް ބަލައިލެވުނެވެ. މަގުމަތީގައި އޭރުވެސް މީހުން ހޭލަމޭލަވެ އުޅެއެވެ. އެކި ތަންތަނުގައި ބައިބަޔަށް މީހުން ވާހަކަ ދައްކަން ވެސް ތިއްބެވެ. އެއިން އެކެއްގެ ހިތަށްވެސް މިސްކިތަށް ދިޔުމުގެ ޚިޔާލު ވެރި ނުވާ ފަދައެވެ. ވޭޕް ދަމަން ހުރެފައި ޒައުލް އެތެރެއަށް ވަނީ ޒަމީރު ނަމާދުކޮށް ނިމޭހާ އިރުކޮށްފައެވެ.

އެރޭ ޒައުލް ނިދީވެސް ހޮސްޕިޓަލުގައެވެ. ބައްޕަ އެކަނިކޮށްފައި ގެއަށް ދާން ނުކެރުނީއެވެ. ބައްޕައާ ދުރުގައި އުޅުމުން މާ ގާތް ގުޅުމެއް އުފެދިފައި ނެތްނަމަވެސް، ކައިރިއަށް އާދެވުމުން ކޮންމެވެސް ކަހަލަ ކުލުނެއް އޭނާގެ ހިތުގައި ހޭލިފަދައެވެ.

*****

ޖެހިގެން އައި ދުވަހު ހެނދުނު އޮފީހަށް ދިޔުމުގެ ކުރިން ހައިޝަމް، ހޮސްޕިޓަލަށް އައިއިރުވެސް އޭނާގެ އަތުގައި ތަށި ބަރިއެއް ހުއްޓެވެ.

"ޙަޔާ ނާދޭތަ؟" ޒަމީރަށް ސުވާލުކޮށްލެވުނެވެ.

"ޙަޔާއަށް މިވަގުތު އާދެވެން ނެތީމަ މި އެއްޗެހި އަޅުގަނޑު އަތަށް ދީފަ ފޮނުވީ." ހައިޝަމް ޖަވާބު ދިނެވެ.

"ހާދަ ރަނގަޅޭ. މާތް ﷲ ތި ދެކުދިންނަށް ރަޙްމަތް ލައްވާށި." ޒަމީރަށް ބުނެވުނެވެ. ޙަޔާއާއި ހައިޝަމްގެ އެހީތެރިކަމާއި އޯގާތެރިކަން އޭނާ ދުވަހަކު ހަނދާން ނުނެތޭނެއެވެ. އޭނާ ބަލިވި ދުވަހު އޭނާއަށް އެހީތެރިކަމެއް ދިއްކޮށްލީތީ އުމުރު ދުވަހު އޭނާ އެ ކުދިންނަށް ހެޔޮ ރަޙްމަތްލެއްވުން އެދި ދުޢާކުރާނެއެވެ.

"ސާރ. އަޅުގަނޑު އަދި އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެފަ." ހައިޝަމް ނުތަނަވަސްވެފައި ހުރި ފަދައަކުން ވާހަކަ ދައްކަން ފެށިއެވެ.

"ކިހިނެއްވީ؟ ބޮޑުކަމެއް ދިމާވީތަ؟" ހައިޝަމްގެ މޫނުމަތިން ފެނުނު ހާސްކަމުން ޒަމީރުވެސް ކުޑަކޮށް ކަންބޮޑުވާގޮތްވިއެވެ. "މިތާ އިށީނދެބަލަ. އިށީނދެފަ ވީގޮތް ކިޔައިދީބަލަ."

"ސާރ. ފަހަރުގައި އަޅުގަނޑަކީ މި ވާހަކަ ދައްކަން އެންމެ އެކަށީގެންވާ މީހާއަށްވެސް ނުވެދާނެ." ހައިޝަމްގެ މޫނުމަތީގެ ކުލަވަރުތަކުންނާ އޭނާގެ އަޑުން އެކަނިވެސް ނުތަނަވަސްކަން ހާމަވަމުން ދިޔައެވެ.

"އޮފީހުގައި ކަމެއްވީތަ؟" ޒަމީރަށް ބުނެވުނެވެ.

"ސާރ. އޮފީހަށް މި ފަހުން ނެގި ކުދިންތަކުގެ ތެރޭގައި ހުރި ނައުފާއަށް ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން ދީފި." ހައިޝަމް ބުނެލިއެވެ.

"އެއީ… އެއީ ކީއްވެ؟ ނައުފާއަކީ ވަރަށް އަަޚްލާޤު ރަނގަޅު ކުއްޖެއްނު. ދެން ކީއްވެގެން؟ އެހެންނޫނަސް އަހަންނަށް ނޭނގި ކީއްވެ ވަކިކުރެވެންވީ؟" ޒަމީރަށް ސުވާލުކޮށްލެވުނެވެ.

"ކުންފުނީގެ ފޮލިސީއާ ޚިލާފުވެފައިކަމަށް ބުނެ ވަކިކުރީ." ހައިޝަމް ބުނެލިއެވެ.

"ޕޮލިސީ އޭ… ކޮން ޕޮލިސީއެއް؟" ޒަމީރުވެސް ހައިރާންވެއްޖެއެވެ.

"އެއީ މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މޫނު ހުންނަން ޖެހޭނީ ފެންނަގޮތަކަށްކަމަށް އޮތީތީ." ހައިޝަމް ބުނެލިއެވެ. "ނައުފާ ނިޤާބު އަޅައިފި. ސާރ.. ކީއްވެ ނައުފާއަށް ފުރުސަތު ގެއްލެންވީ؟ ނިޤާބަކީ މިކަހަލަ ކަންތައްތަކަށް ހުރަހެއް ނޫނެއްނު. މިނިވަންކަމޭ ހައްޤުތަކޭ ކިޔާފައި މިވެސް އަރައިގަނެވެނީ ހަމަ ހައްޤަކަށް ނޫންތަ؟"

ހައިޝަމްއަށް ޖަޒުބާތީ ވެވުނެވެ. ޙަޔާއަށް ވެސް ވަޒީފާ ނުލިބުނީ އެހެންވެގެންނެވެ. އެހެން އަންހެން ކުއްޖަކާ މެދު އެފަދަ ނާއިންސާފުން ކަންތައް ވާކަަށް ހައިޝަމް ބޭނުމެއް ނޫނެވެ.

" ތިކަމެއް އަދި ނޭނގޭ ހައިޝަމް. މިފަހުން ކުންފުނީގެ ބައިވަރު ޤަވައިދު ބަދަލުކުރިން. ތީ އެއްގޮތަކަށްވެސް އެނގިގެން ވީކަމެއް ނޫން. އިރާދުކުރެއްވިއްޔާ ނައުފާގެ ވަޒީފާއެއް ނުގެއްލޭނެ. އެ ޔަޤީންކަން ހައިޝަމްއަށް މިދެނީ." ޒަމީރު ބުނެލީ ޔަޤީންކަމާއެކުގައެވެ. އެކަމުގެ ސަބަބުން، ހައިޝަމްގެ ތުންފަތް މައްޗަށް ވެސް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

"ކޮން ހައްޤެއް. ކޮން މިނިވަންކަމެއް؟ ބޮޑު ހެދުން ލައިގެން އެހާ ފޮރުވިގެން ތިބެންޏާ ވަޒީފާ އަދާނުކުރީމަ ވީނުން. ކާކު ބުނެގެންތަ އެ ޖުއްބާ ލަނީ؟" އެ ހުރިހާ ވާހަކައެއް އަޑު އަހަން ހުރި، ޒައުލްގެ ހިތަށް ވަގުތުން ޝައިޠާނާގެ ވަސްވާސްތައް ވެރިވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު