ފުރިހަމަ ރިސާޗް ލައިބްރަރީއަކާއެކު، ޝައިޚް އިސްމާއީލު މުހައްމަދު (ތޮއިބާ އިސްމާއިލް)ގެ ޚަރަދުގައި ހުޅުމާލޭގައި ބިނާކުރާ މިސްކިތުގެ ބިންގާ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވައިދެއްވައިފިއެވެ.
އެ މިސްކިތުގެ ބިންގާ ރައީސް އަޅުއްވައިދެއްވީ، އެކަމަށްޓަކައި މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި މިސްކިތަށް ނަން ދީފައި ވަނީ، ކީރިތި ރަސޫލާ ގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝާ رضی اللہ عنھاއަށް ނިސްބަތްކޮށެވެ.
މި މިސްކިތަކީ، ދެ ފަންގިފިލާއަށް ޢިމާރާތްކުރާ، ދެހާސް މީހުންގެ ޖާގައިގެ އެ މިސްކިތެކެވެ. ރިސާޗް ލައިބްރަރީއަކާއެކު ބިނާކުރާ އެ މިސްކިތުގައި އަންހެނުންނަށް ނަމާދު ކުރެވޭ ޖާގައަކާއި، އަންހެނުންނަށް ހާއްސަ ފާޚާނާއެއް ވެސް ހިމެނުމަށް ހަމަޖެހިފައި ވެއެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މަދީނާ އިންވެސްޓްމަންޓްގެ މެނޭޖްމަންޓާއެވެ. އަދި އެ މިސްކިތުގައި ކަރަންޓު އުފެއްދުމަށް ނިންމާފައިވަނީ، އިރުގެ ހަކަތަ ބޭނުންކޮށްގެން ކަމަށްވެސް ރައީސް އޮފީހުން ވަނީ މައުލޫމާތުދީފައެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، ޝައިޚް އިސްމާޢީލު މުޙައްމަދާއި އެމަނިކުފާނުގެ އާއިލާގެ މެންބަރުންނާއި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.