ގޫގުލްގެ އެންޑްރޮއިޑް ޑިވައިސްތަކަށް ނެރޭ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަޕްޑޭޓް ކަމުގައިވާ އެންޑްރޮއިޑް 16 މިއަހަރުގެ ޖޫން މަހު ނެރުމަށް ހަމަޖެހިފައިވާ ކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.
އެންޑްރޮއިޑް ޕޮލިސް ގައި ޝާއިޢުކުރި ރިޕޯޓެއްގައި ބުނީ މި މަޢުލޫމާތު ހާމަކޮށްފައިވަނީ މިމަހުގެ ތިނެއްގައި ބާސެލޯނާގައި ބޭއްވުނު މޯބައިލް ވޯލްޑް ކޮންގްރެސް (އެމްޑަބްލިއުސީ) 2025ގައި ނޫސްވެރިއަކު ކުރި ސުވާލަކަށް އެ ކުންފުނީގެ އިސް އޮފިޝަލަކު ޖަވާބު ދެމުން ކަމަށެވެ.
އާންމު ގޮތެއްގައި ގޫގުލުން އެންޑްރޮއިޑް އޯއެސްގެ އައު ވާޝަންތައް ނެރެނީ އޯގަސްޓް މަހުގައި ނަމަވެސް، މިފަހަރު އެންޑްރޮއިޑް 16 ޖޫން މަހު ނެރުމަށް ގޫގުލް އިން މިވަނީ ރާވައިފައެވެ.
އެމްޑަބްލިއުސީ 2025ގައި އެންޑްރޮއިޑް ޕޮލިސްއާ ވާހަކަދައްކަމުން، ގޫގުލްގެ އެންޑްރޮއިޑް އިކޯސިސްޓަމްގެ ރައީސް ސަމީރު ސަމަތް ވިދާޅުވީ އެންޑްރޮއިޑް 16 އާއި އެހެނިހެން އެންޑްރޮއިޑް އޯއެސް އަޕްޑޭޓްތައް މިއަހަރު އަވަހަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެންޑްރޮއިޑް ޑިވެލޮޕްމަންޓް ޓީމުގައި ހުރި ގޮންޖެހުންތަކާ ގުޅިގެން ގޫގުލުން "ޓްރަންކް ސްޓޭބަލް ޑިވެލޮޕްމަންޓް" މޮޑެލް ބޭނުންކުރަން ފަށާފައިވާ ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ޓްރަންކް ސްޓޭބަލް ޑިވެލޮޕްމަންޓަކީ ސޮފްޓްވެއާ ބްރާންޗިން މޮޑެލެއް ކަމަށާއި، މި މޮޑެލްގައި ޑިޒައިނަރުން ސޮފްޓްވެއާގެ ކޯޑަށް ކުދިކުދި ބަދަލުތައް ގެންނަމުންދާއިރު އެ ބަދަލުތައް ސީދާ އެއް ޝެއާޑް ބްރާންޗަކާ ގުޅިފައި ހުންނާނެއެވެ. މި ގޮތުން ސޮފްޓްވެއާ ޑިވެލޮޕްމަންޓް ޕްރޮސެސްގެ މާޖިން އަދި އިންޓެގްރޭޝަން މަރުހަލާތައް އަވަސްވެ، އާންމު ގޮތެއްގައި ފީޗާ ބޭސްޑް ޑިވެލޮޕްމަންޓާ އަޅާބަލާއިރު ސޮފްޓްވެއާ ނެރުން އަވަސްވެގެންދާނެއެވެ.
"ޓްރަންކް ސްޓޭބަލް ޑިވެލޮޕްމަންޓް މާނައަކީ އެންޑްރޮއިޑްގެ މަސައްކަތްކުރާ އެންމެން އެއް ކޯޑް ބްރާންޗަކަށް ކޮންޓްރިބިއުޓް ކުރަމުންދިއުން ކަމަށް،" ގޫގުލްގެ އޮފިޝަލް ވިދާޅުވިކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މިހާތަނަށް އެންޑްރޮއިޑް 16ގެ ދެވަނަ ޑިވެލޮޕާ ބީޓާ އެކަނި ނެރެފައިވީ ނަމަވެސް، 2025ވަނަ އަހަރުގެ ޖޫން މަހު މި އަޕްޑޭޓް ނެރުމަށް ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
އެންޑްރޮއިޑަކީ ގޫގުލުން ތަރައްޤީކޮށްފައިވާ މޯބައިލް އޮޕަރޭޓިން ސިސްޓަމެކެވެ. 2008ވަނަ އަހަރު ފުރަތަމަ ނެރުނު މި އޯއެސް، މިހާރު ދުނިޔޭގެ އެންމެ މަޤްބޫލު މޯބައިލް އޯއެސްގެ ގޮތުގައި ވަނީ ހިމެނިފައެވެ.
ކޮންމެ އަހަރަކު ގޫގުލުން އެންޑްރޮއިޑްގެ އައު ވާޝަނެއް ނެރެއެވެ. މި ގޮތުން އެންމެ ފަހުން ނެރުނު ވާޝަނަކީ 2024ވަނަ އަހަރުގެ އޯގަސްޓް މަހު ނެރުނު އެންޑްރޮއިޑް 15އެވެ.
މި ބަދަލާއެކު އައު ފީޗާތަކާއި ސެކިއުރިޓީ އަޕްޑޭޓްތައް ބޭނުންކުރުމުގެ ފުރުސަތު އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް އަވަހަށް ލިބިގެންދާނެއެވެ.