އެސްއެސްޓީވީގެ 'ދިވެހި ރަހަ' ޕްރޮގްރާމުގައި މިހާރު ވަނީ މ. މުލީގައި ފޮނިކިރު ކައްކާ ގޮތުގެ ރެސިޕީ ގެނެސްދީފައެވެ. މިއީ މުލަކުގައި ހުރިހާ އުމުރެއްގެ މީހުންގެ މެދުގައި ވެސް މަގުބޫލު، ކޮންމެ ވަގުތަކަށް ވެސް ރަނގަޅު ފޮނި އެއްޗެއް ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.
ބޭނުންވާ ތަކެތި
- ޒުވާރި ފުށް
- ފުށް ގިރޭ ވަރަށް ފެން
- ފުލް ކްރީމް ކިރު
- ގެރިކިރު
- ތޮޅި
- ފޮނިތޮށި
- ރާނބާފަތް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ތެއްޔަކަށް އެއް ޖޯޑުގެ ކިރު އަޅައި، އުނދުން ރޯކުރާނީއެވެ. އެއަށްފަހު ފެނަށް ޒުވާރި ފުށް އަރައި، ގިރާލާނީއެވެ.
މަޑު ގިނީގައި ކިރު ކެއްކުމަށްފަހު، ތޮޅިއާއި ފޮނިތޮށްޓާއި ރާނބާފަތް އަޅާލާށެވެ. ހުރިހާ އެއްޗެއް އެއްކުރުމަށްފަހު، ދެން އަޅާނީ ފެނާ އެއްކޮށްފައި ހުރި ޒުވާރި ފުށެވެ. ފުށް އެޅުމުން ކިރު އޮލަވާނެތީ، ރަނގަޅަށް ގިރަން ވާނެއެވެ. އަދި އޮލަވާން ފެށުމުން ގެރިކިރު ވެސް އެއްކޮށްލާށެވެ. އެއަށްފަހު ތެލީގައި ހުރިހާ އެއްޗެއް ރަނގަޅަށް ގިރާލުމުން ފޮނިކިރު ތައްޔާރުކުރެވުނީއެވެ.