ޔުއޭފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16ގައި އާސެނަލް އާއި ޕީއެސްވީ އެއިންދްހޯވެސް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ތަފާތު ބޮޑުކޮށް އާސެނަލްއިން ކާމިޔާބުކޮށް މި މުބާރާތުގެ ކްއާޓާ ފައިނަލްގެ ޖާގައެއް އެ ޓީމުން ގާތްގަނޑަކަށް ކަށަވަރު ކޮށްފިއެވެ.
ޕީއެސްވީގެ ދަނޑުގައި ކުޅުނު މި މެޗު އާސެނަލްއިން ކާމިޔާބު ކޮށްފައިވަނީ ހަތް ލަނޑު އެއް ލަނޑުގެ ބޮޑު ތަފާތަކުންނެވެ. ފަހަކަށް އައިސް ލަނޑު ޖެހުމުގައި ގިނަ މައްސަލަ ތަކަކާއި ކުރިމަތިވަމުންދިޔަ އާސެނަލްއަށް މިމެޗުގައި އެފަދަ ކަމެއް އުޅޭކަމުގެ އެއްވެސް އިޝާރާތެއް ފެނިގެނެއް ނުދިޔައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު އާސެނަލްއިން ނަގާފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައި ޖޫރިއެން ޓިމްބާ ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ. އަދި މި ލަނޑު ކާމިޔާބު ކުރި ތާ ތިން މިނެޓް ފަހުން އީތަން އެންވަނޭރީވަނީ އާސެނަލްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި މެޗުގައި އާސެނަލްގެ ތިން ވަނަ ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިކޭލް މެރިނޯއެވެ.
މި މެޗުގައި ޕީއެސްވީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ނޮއާ ލޭންގްއެވެ.
މި މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް އާސެނަލްގެ މޮޅު ކުޅުން ފެނިގެންދިޔައެވެ. މި ގޮތުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓްގެ ތެރޭގައި ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބު ކޮށްދިން ލަނޑާއެކު އަނެއްކާވެސް މި މެޗުގައި އާސެނަލްއިން ތިން ލަނޑުގެ ލީޑެއް ނެގިއެވެ. އަދި އޭގެ ޖެހިގެން އައި މިނެޓްގައި ލިއާންޑްރޯ ޓްރޮސާޑް ވަނީ އާސެނަލްގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްދީފައެވެ. މި މެޗުގައި އާސެނަލްގެ ހަ ވަނަ ލަނޑު 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ އޮޑެގާޑްއެވެ. އަދި ފަހު ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރިކާޑޯ ކަލަފިއޮރީއެވެ.
މި އަންނަ ހަފުތާގައި އަމިއްލަ ދަނޑުގައި ޕީއެސްވީ އާ ދެކޮޅަށް ނިކުންނައިރު ހަ ލަނޑުގެ ލީޑެއް ލިބިފައިވުމުން މިއީ ޕީއެސްވީއަށް އަނބުރާލެވޭނެ ނަތީޖާ އެއް ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެހެން ކަމުން ކްއާޓާ ފައިނަލްގެ ޖާގައެއް އާސެނަލްއަށް ލިބިގެންދިއުން ވަރަށް ގާތްކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންދިޔަ ޕީއެސްވީއަށް މިމެޗުގައި މާރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ދެވަނަ ލެގުގައި އެ ޓީމުގެ ކުޅުން ރަނގަޅު ކުރާނެކަމަށް ބެލެވެއެވެ.
މި މުބާރާތުގައި އެސްޓަން ވިލާ އާއި ކްލަބް ބްރޫޖް ބައްދަލުކުރި މެޗު ތިން ލަނޑު އެއް ލަނޑުން ރަށުން ބޭރުގައި ކާމިޔާބު ކޮށްފައިވަނީ ވިލާއެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ތިން ވަނަ މިނެޓުގައި ޖަހާ ލީޑު ނަގައިފައި ވަނީ ވިލާއިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލިއޮން ބެއިލީއެވެ. ނަމަވެސް މި ލަނޑު ޖެހިތާ ނުވަ މިނެޓް ފަހުން ބްރޫޖްގެ މެކްސިމް ޑި ކައިޕާ ކާމިޔާބު ކޮށްދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ވެގެންދިޔައެވެ.
މި މެޗުން ވިލާއަށް ދެވަނަ ފަހަރަށް ލީޑު ލިބިގެންދިޔައީ ބްރޫޖްގެ ޑިފެންޑާ ބްރެންޑަން މެޝެލޭ އަތުން ބައިކޮޅަށް ވަތް ލަނޑަކުންނެވެ. އަދި މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީ އަކުން މާކޯ އަސެންސިއޯ ވަނީ ވިލާގެ ތިންވަނަ ލަނޑުވެސް ކާމިޔާބު ކޮށްދީފައެވެ. މި މެޗުގައި ބްރޫޖްއަށް ވެސް އިތުރު ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. މި މުބާރާތުގައި މިރޭވެސް ފޯރިގަދަ ހަތަރު މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.