ރެޖިސްޓާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ ވަނީ މިކަން "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. މަރިޔަމް ވިސާމް އިސްތިއުފާ ދެއްވީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އޭނާ ވިދާޅުވީ، އިސްތިއުފާ ދެއްވީ ޕްރައިވެޓް ސެކްޓާގައި އިތުރު ހަރުފަތަކަށް މަސައްކަތް ކުރުމަށް ކަމަށެވެ.
އޭނާ މި މަގާމާ ހަވާލުވަޑައިގަތީ 2014ވަނަ އަހަރެވެ.
މަރިޔަމް ވިސާމަކީ، އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކްއީންސްލެންޑުން ބިޒްނަސް އިކޮނޮމިކްސްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ބެޗެލާޒް ޑިގްރީ ހާސިލު ކުރައްވާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ނޮދަންބްރިއާއިން މާކެޓިން މެނޭޖްމަންޓުގެ ދާއިރާއިންނެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް ހަމަޖެއްސެވުމުގެ ކުރިން މަރްޔަމް ވިސާމް ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ މަގާމުގަ އެވެ. އޭގެ ކުރިން، އެތާނގެ މެނޭޖަރު ކަމުގެ މަޤާމާއި، ޑެޕިއުޓީ މެނޭޖަރު ކަމުގެ މަގާމުވެސް އޭނާ ފުރުއްވާފައިވެ އެވެ.