ޒައުލްގެ ނަޒަރުގައި ނިޤާބު އަޅާ ނިވާވެގެން، އުޅޭނީ ދެ ވައްތަރެއްގެ އަންހެން ކުދިންނެވެ. އެއް ވައްތަރަކީ، މަޖުބޫރީގެ ސަބަބުން ނިޤާބު އަޅާ ކުދިންނެވެ. އަނެއްބައި ކުދިންނަކީ، ދީނަށް އުޅޭށޭ ކިޔާފައި އުޅޭ ހަރުކަށިފިކުރުގެ މީހުންނެވެ.

ނިޤާބު އަޅައި ފޮރުވިގެން އުޅޭ ކުދިންނާއި، ހަށިގަނޑު ފޮރުވައިގެން ބޮޑު ޖުއްބާލައިގެން އުޅޭ ކުދިންނާ މެދު އޭނާ ޙަމްދަރުދީވެއެވެ. ކިލަނބުވެފައިވާ ސިކުނޑިން ޒައުލްއަށް ވިސްނައިދެމުން ދިޔައީ އެއީ ނާތަހުޒީބު ކަޓު ބައެއްކަމުގައެވެ. އެހާވަރަށް ފޮރުވިގެން އުޅެން ޖެހޭސަބަބެއް އެއްގޮތަކަށްވެސް އޭނާއަކަށް ނުވިސްނެއެވެ. ޒައުލް ޤަބޫލުކުރާ ގޮތުގައި، އިސްލާމްދީނުގައި އަންހެނުންނަށް ދީފައިވަނީ ވަރަށްވެސް ދަށު ދަރަޖައެކެވެ. ވަރަށް ދަށް މަޤާމެކެވެ. އެއްވެސް އަންހެނަކަށް މިނިވަންކަމާއެކު އުޅުމުގެ ފުރުސަތުވެސް ދީފައެއް ނުވެއެވެ. އަދި ހުރިހާ ހައްޤަކުން އަންހެނުން ވަނީ މަޙުރޫމް ކޮށްފައެވެ. ގޮތް ނިންމުމުގެ އިޚްތިޔާރު ނޯންނަ ތާނގައި ހުރިހާކަމެއްގައި ބަލަދުވެރި ފިރިހެނުންގެ ހުއްދަ ހޯދަން ޖެހެއެވެ. އެފަދަ ހުރިހާ ނުބައި ފިކުރުތަކާ ވިސްނުންތަކުގެ ސަބަބުން، ހަޤީގަތުގައި އޭނާއަށް ނޭނގުނުކަމަކީ އިސްލާމް ދީންހާ ފުރިހަމައަށް އަންހެނުންގެ ހައްޤުތައް ރައްކާތެރިކޮށްދީ އަދި ކަށަވަރުކޮށްދީފައިވާ ދީނެއް، ނުވާކަމެކެވެ. އެއީ ފުރިހަމަ ދީނެއްކަމެވެ. އަންހެނަކަށް ފިރިހެނަކަށް އަދި ކުޑަ ކުއްޖަކަސް އެ މީހަކަށް ލިބިދޭން ޖެހޭ ހައްޤެއް އެންމެ ފުރިހަމައަށް އިސްލާމްދީން ފޯރުކޮށްދޭކަމެވެ. ހުޅަނގުގެ ނުބައި ފިކުރުތަކުގެ އަވައިގައި ޖެހި ޒައުލްވަނީ ހަމަ ރަނގަޅަށްވެސް ދީނާ ދުރުވެފައިކަން އޭނާގެ ވިސްނުން ހުރި ގޮތުން ދޭހަވެއެވެ. އެ ވިސްނުން ބަދަލުކުރަން އުނދަގޫވާ މިންވަރަށް އޭނާގެ ސިކުނޑިވަނީ ދޮވެވިފައިހެން ހީވެއެވެ.

އޭނާ ޒަމީރު އޮތް ރޫމަށް ގޮސް ވަނުމާއެކު އެންމެ ފުރަތަމަވެސް އަޅައިގަތީ އެނދުގައި ޒަމީރު ބޭއްވުމަށް އެހީތެރިވަމުން ދިޔަ ޒުވާނާއެވެ. އާދައިގެ ގަމީހަކާއީ ފަޓްލޫނެއްގައި ހުރިއިރު، ތުނބުޅިވަނީ ކުޑަކޮށް ދިގުކޮށްލާފައެވެ. ޒައުލްއަށް އޭނާގެ ދެބުމަ ކުޑަކޮށް ގާތްކޮށްލެވުނެވެ.

"ދަރިފުޅާ." ދޮރު ހުޅުވައިލި އަޑަށް ޒަމީރު އެ ދިމާލަށް ބަލައިލިއެވެ. ލޯބިވާ ދަރިފުޅު އެތަކެއް ދުވަހެއް ފަހުން ފެނުމުން އޭނާއަށް ލިބިގެންދިޔައީ ބަޔާންކުރަން ދަތި އުފަލެކެވެ. އެ މޫނުމަތި އުޖާލާވެގެން ދިޔަ ގޮތުން، ޒައުލް އޭނާގެ ގާތަށް އަންނާނެ އިރަކަށް އިންތިޒާރުކުރިވަރު އެ މޫނުމަތިން ދޭހަވެއެވެ. އެހެންނަމަވެސް ޒައުލްގެ އަތުގައިވާ ޓެޓޫ ފެނި ނުތަނަވަސްކަމެއް ޒަމީރުގެ މޫނުމަތިން ފެނިލިއެވެ. އެހެންނަމަވެސް އެކަމާ ގުޅުވާފައި އެވަގުތު، ޒަމީރު އެއްޗެއް ނުބުނީ ހައިޝަމް ހުރުމުންނެވެ.

"ބައްޕާ…" ޒައުލްވެސް ޒަމީރަށް ގޮވައިލުމާއެކު، އެ ދިމާލަށް ދިޔައެވެ. އެއާއެކު ބައްޕައަށް އެހީތެރިވާން ހުރި ޒުވާނާ އޭނާއަށް ތަންދީފައި ދުރަށް ޖެހިލަމުން ހިނިތުންވެލިއެވެ.

"ކިހިނެއް މިހާރު؟" ލުއިކޮށް އެ ޒުވާނާއާ ދިމާލަށް ބަލައިލާ ހީނލާފައި ޒައުލް ޒަމީރަށް އަނެއްކާވެސް ނަޒަރު ހުއްޓާލުމަށްފަހު، ސުވާލުކޮށްލިއެވެ. ފުރަތަމަ ފެނިލުމުންވެސް ޒަައުލްއަށް ހައިޝަމް ކަމުނުދާކަން އޭނާގެ މޫނުމަތީގެ ކުލަވަރުތަކުން ދޭހަވެއެވެ.

"ٱلْحَمْدُ لِلَّٰهِ. ބައްޕަ ރަނގަޅު." ޒަމީރު ބުނެލިއެވެ. "ޒައުލް ބައްޕަގެ އެދުމަށް އާބަސް ދިނީމަ ބައްޕަ ވަރަށް އުފާވެއްޖެ."

ޒަމީރުގެ ވާހަކައަށް ބޯޖަހާލުމަށްފަހު، ޒައުލް އަނެއްކާވެސް އެތަނުގައި ހުރި ޒުވާނާއަށް ބަލައިލިއެވެ. އެއާއެކު އެ ޒުވާނާ ހިނިތުންވެލާފައި ސަލާމަށް އަތް ދިއްކޮށްލިއެވެ.

"އައްސަލާމު ޢަލައިކުމް." ހައިޝަމް ޒައުލްގެ އަތުގައި ހިފަމުން ބުނެލިއެވެ.

"ހޫމް… ތީ…" ޒައުލް މަޑުޖެހިލިއެވެ. އޭނާ އެ ސުވާލުކޮށްލީ ހައިޝަމްއާ ނަމަވެސް ހައިޝަމްގެ ކުރިން ވާހަކަ ދެއްކީ އޭނާގެ ބައްޕަ، ޒަމީރެވެ.

"ތީ ހައިޝަމް. އޮފީހުގައި މަސައްކަތްކުރާ ކުއްޖެއް. ހޮސްޕިޓަލަށް ގެންނާށާ އަދި އޭގެ ފަހުންވެސް ބައްޕައަށް އެހީވީ ހައިޝަމް." ޒައުލްގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ދިނީ، ޒަމީރެވެ. އޭނާ ހައިޝަމްއަށް ތައުރީފްކޮށް ވާހަކަ ދެއްކިއެވެ. އެ ހުރިހާ ވާހަކައެއް އަޑު އަހަން އިން ޒައުލްއަށް ކޮންމެވެސް ވަރަކަށް އުނދަގޫވެސް ވިއެވެ.

"ދެން އޯކޭ ދިޔަޔަސް. އަހަރެން ބައްޕަ ކައިރީގައި މަޑުކޮށްލާނަން." ޒައުލް ބުނެލިއެވެ. ހީވީ އޭނާ ހައިޝަމް އެތަނުން ފޮނުވާލަން ބޭނުންވެފައި ހުރިހެންނެވެ.

އެވަގުތު އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ތިން މީހުންގެ ނަޒަރު އެ ދިމާލަށް ހުއްޓިގެން ދިޔައެވެ. އެތެރެއަށް ވަނީ ޙަޔާއެވެ.

ޒައުލްއަށް އެ ކުއްޖާ ފެނުމާއެކު، އޭނާގެ ދެބުމަ ކުޑަކޮށް ގާތްވެލީ އެހެން ހުރި ކުއްޖަކު އެތެރެއަށް ވަންނަން ޖެހުނު ސަބަބެއް ނުވިސްނުމުންނެވެ. މި ކަހަލަ އަންހެން ކުއްޖަކާ ބައްޕައާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ނިތަށް ރޫތައް ގިނަ ކޮށްލެވުނީވެސް އެހެންވެގެންނެވެ. އެހެން ހުރިއިރު ދެންމެ އޭނާގެ ގައިގައި ޖެހުނު އަންހެން ކުއްޖާ މަތިން ހަނދާންވާން ފެށުމާއެކު އެއީ ހަމަ މި އަންހެން ކުއްޖާބާއޭ ޒައުލްގެ ހިތަށް އެރިއެވެ. ލާފައިވާ ހެދުމާއި ހުރި ގޮތެއް އެއްވައްތަރުކަމުންނެވެ. ޙަޔާއަށް ބަލަހައްޓައިގެން ޒައުލްއަށް ހުރެވުނު ސަބަބަކީ އެއީއެވެ.

އަނެއްކޮޅުން އެ ޒުވާނާ ފެނި ޙަޔާއަށްވެސް ހުރެވުނީ ބަސް ހުއްޓިފައެވެ. އެއީ މީގެ ކުޑަ އިރުކޮޅެއް ކުރިން އޭނާއާ ދިމާވި ޒުވާނާކަން ޙަޔާއަށް ޔަޤީންވިއެވެ. ޙަޔާގެ ލޮލުގައި އޭނާގެ އަތުގައިވާ ޓެޓޫ އަޅައިގަތުމާއެކު އޭނާގެ ހިތަށް ނުބައި ގޮތެއް ވިއެވެ. އެ ޒުވާނާ އާމެދު އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ކިލަނބުކަމެއް އުފެދުނު ނަމަވެސް، ޙަޔާ އޭނާގެ ނަފްސަށް އެކަމަށް އަޑު ލިޔެވެ. ހުރިހާ ހަޤީޤަތެއް ނޭނގި ވަކި ގޮތެއް ނުނިންމުމަށް އޭނާގެ ނަފްސު އޭނާއަށް ނަސޭޙަތްތެރިވިއެވެ.

"ޙަޔާ…." ހައިޝަމް ޙަޔާއަށް ގޮވައިލުމުން، ޒައުލްގެ ހައިރާންކަން ދެގުނަވެގެން ދިޔައެވެ.

"ޙަޔާ…" ހިތާ ހިތުން އެ ނަން ކިޔާލެވުނުއިރު، އެއީ ހައިޝަމްގެ ކާކުބާއޭ އޭނާގެ ހިތަށް އެރިއެވެ. އަނެއްކާ އެއީ ހައިޝަމްގެ އަންހެނުންބާވައެވެ.

"މީ… ބޭސް…" ބޭސް ކޮތަޅު ހައިޝަމްއަށް ދިއްކޮށްލަމުން ޙަޔާ ބުނެލިއެވެ. ހައިޝަމް އެ ކޮތަޅުގައި ހިފުމަށްފަހު ،ޒައުލްއާ އެ ހަވާލުކޮށްލިއެވެ.

"މީ ބޭސްތައް. ދެން އެ ފައިލްގަ ހުންނާނެ ހުރިހާ ލިޔެކިޔުމެއް." ހައިޝަމް ކޮތަޅު ޒައުލްއާ ހަވާލުކޮށްލަމުން ކަބަޑު މަތީގައި ބާއްވާފައި އޮތް ފައިލަށްވެސް އިޝާރާތްކޮށްލިއެވެ. ބޯ ޖަހާލާފައި ޒައުލް ހިނިތުންވެލި ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

"ދަނީތަ؟" ޒަމީރަށް އެހެން އަހައިލެވުނީ އެ ދެމީހުން ފޮނުވާލަން ބޭނުންނުވެފައި ހުރިފަދައަކުންނެވެ.

"ލައްބަ ސާރ. އަދި ފަހުން އަންނާނަން. އިންޝާ ﷲ." ހައިޝަމް ބުނެލިއެވެ.

"ދެން ތަށިތަކޯ؟" ޙަޔާ ގެނައި ތަށިތަކަށް އިޝާރާތްކޮށްލަމުން، ޒަމީރު ބުންޏެވެ.

"ފަހުންވެސް ގެންގޮސްލެވިދާނެއެއްނު. ދޯ ޙަޔާ." ހައިޝަމް ޙަޔާއަށް ބަލައިލިއެވެ.

"ލައްބަ ސާރ. ފަހުން ގެންދާނީ. އެއީ މައްސަލައެއް ނޫނެއްނު. ފަހުން އަދި އަންނާނަން. އިންޝާ ﷲ. ދެން ކަންބޮޑުނުވޭ. ހުރިހާކަމެއްވެސް ވަރަށް އަވަހަށް ރަނގަޅުވާނެ. އަހަރެމެން ޖެހޭނެ ކޮންމެ ކަމެއްގައިވެސް ކެތްތެރިވާން. މާތް ﷲ ސާރގެ ތި ބައްޔަށް ވީހާވެސް އަވަހަކަށް ޝިފާ ދެއްވާތޯ އަޅުގަނޑު ދުޢާކުރާނަން." ޙަޔާ ބުނެލިއެވެ. އޭނާ ހިނިތުންވެލިކަން މޫނު އަޅައިގެން ހުރިނަމަވެސް، ޒަމީރަށް އެނގުނެވެ. އޭނާ ޙަޔާގެ ވާހަކައަށް ރައްދުދިނެވެ.

އެހުރިހާ އަޑެއް އަހަން އިން ޒައުލް އިނީ ބޮލަށް އުނދަގޫވެފައި ނަމަވެސް، އޭނާ އެއްޗެއް ނުބުނެއެވެ. ލަސްލަހުން ދޫކޮށްލި ނޭވާއާއެކު އޭނާ އަދިވެސް އެއްފަހަރު ޙަޔާއާ ދިމާލަށް ބަލައިލިއެވެ. އެހެންނަމަވެސް، ޙަޔާ އޭނާއާ ނަޒަރު ސީދަލެއް ނުކުރިއެވެ.

ޙަޔާއާއި ހައިޝަމްއާ ދެމީހުން ދިޔުމާއެކު ޒަމީރުގެ ނަޒަރު ޒައުލްގެ އަތުގައި ކުރެހިފައިވާ ޓެޓޫއަށް ހުއްޓުނެވެ. ބައްޕަގެ މޫނުމަތީގެ ކުލަވަރުތަކުން، ޒައުލްއަށް މާ ބޮޑު އަސަރެއް ނުކުރިއެވެ.

"ތީ ކޮން އިރަކު ކުރިކަމެއް؟" އެންމެފަހުން ޒައުލް ފެނުނުއިރު އެ ޓެޓޫ އޭނާގެ އަތުގައި ނެތްކަން ޒަމީރަށް އެނގެއެވެ. ވީއިރު އެއީ ދާދިފަހުން ޒައުލް ކޮށްގެން އުޅޭކަމެއްކަންވެސް އޭނާއަށް އެނގުނެވެ.

"މި ފަހުން." ޒައުލް ޖަވާބު ދިނެވެ.

"ތީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫންކަން ޒައުލްއަށް އެނގެއެއްނު." ޒަމީރުގެ ވާހަކައިން ޒައުލް ޗޮކެއް ކަނޑާލިއެވެ. ބައްޕަމެންގެ ވިސްނުން ހާދަ ނާތަހުޒީބޭ ޒައުލްގެ ހިތަށް އެރިއެވެ. އެހެން ނޫނަސް އެކަހަލަ ކަންތައްތަކާ ބައްޕަ އެހާ ބޮޑަށް ވިސްނަން ފެށީ ކޮން އިރަކު ބާއޭ އޭނާގެ ހިތަށް އެރިއެވެ.

"ދެން މީ އެހާ ވަރުކަމެއް ނޫނެއްނު. އެހެން ނޫނަސް މާ ބޮޑެއް ވެސް ނޫނެއްނު." ޒައުލް ބުނެލިއެވެ. ޒައުލްގެ ވާހަކަ ހުރި ގޮތުން ޒަމީރު ދެރަވި ނަމަވެސް އޭނާ އިތުރު އެއްޗެއް ނުބުނެ ހިމޭންވިއެވެ. ޒައުލްގެ އެ ޖަވާބުން ނުރުހުންވިކަންވެސް އެ މޫނުމަތީގެ އަސަރުތަކުން ދޭހަވެއެވެ.

"އެ ވާހަކަ ބާއްވާފަ ބައްޕަ ބުނެބަލަ. ބައްޕަ ބަލިވީމަތަ އަހަރެން އެވަރަކުން މާލެ ގެންނަން އުޅުނީ." ޒައުލް ސުވާލުކޮށްލިއެވެ.

"ބައްޕައަށް މިއަދު ޒައުލްގެ އެހީތެރިކަަން ވަރަށް މުހިންމު. އޮފީހުގެ ކަންތައްތައްވެސް ވަރަށް ދަތި. ބަލީގެ ސަބަބުން ގިނަ ދުވަސް ދުވަހު އޮފީހަކަށް ވެސް ނުދެވޭ." ޒަމީރު ބުނެލިއެވެ.

"ބައްޕަ އަސްލުވެސް ހަމަ އެހާ ބަލީތަ؟" ޒައުލްއަށް ސުވާލުކޮށްލެވުނެވެ.

"ހަށިގަނޑުގައި އިންފެކްޝަނެއް އުފެދިފައި ހުރިކަމަށް ޑޮކްޓަރު ބުނީ. ފަރުވާ ކުރާތާވެސް ދުވަސްގަނޑެއް ވެއްޖެ. އެކަމަކު އޭގެ އަސަރު ހަށިގަނޑުން ފިލާކަށް ނޫޅުނު." ޒަމީރު ބުންޏެވެ. "ބައްޕައަށް ހީވަނީ ކުރީގައި މާގިނައިން ސިނގިރޭޓާ އެއްޗެހި ބޭނުން ކުރެވުނީމަ އެކަމުގެ އަސަރުހެން މި ފެންނަނީ. މިހާރު ނޭވާއަށް ވެސް ބައެއް ފަހަރު ދަތިވޭ."

"ރާއްޖޭން ބޭރަށް ގޮސް ޑޮކްޓަރަށް ދައްކާލަނިކޮށް ރަނގަޅުވެދާނެ." ޒައުލް ބުންޏެވެ.

"ތިކަންވެސް ކޮށްފިން. ދެނީ ހަމަ އެއް ފަރުވާއެއް. މިކޮޅުގައިވެސް މިކަމަށް ފަރުވާ ކުރާ ޚާއްސަ ޑޮކްޓަރަކު ލައްވާ މި ފަރުވާ ކުރަނީ… ވަރަށް މަސައްކަތް އެބަ ކުރެވޭ." ޒަމީރު ވާހަަކަ ދެއްކިއެވެ.

"މިތަނަކުން ރަނގަޅެއް ނުވާނެ. އަހަންނަށް ޔަޤީން ބޭރަށް ގޮސްގެން މިހާރުވެސް ރަނގަޅުވާނެކަން." ޒައުލް ބުންޏެވެ.

"ކޮންމެތަނަކުން ފަރުވާކުރިޔަސް ބައްޔަށް ޝިފާ ދެއްވާނީ ﷲ." ޒަމީރު ބުންޏެވެ. ޒަމީރުގެ ވާހަކަތައް ހުރި ގޮތުން ޒައުލް ހައިރާންވުން ނޫންކަމެއް ނުވިއެވެ. އެހާ ދީންވެރި މީހަކަށް ބައްޕަ ވީ ކޮން އިރަކު ހެއްޔެވެ؟ އެއީ މީގެ ކުރިން ދީނީ ކަންތައްތަކަށް އެހާ ސަމާލުކަން ދިން މީހެއް ނޫނެވެ. މުޅީންވެސް ވަގުތު ހުސްކުރީ ވިޔަފާރިއަށެވެ. އޭގެން ލިބޭނެ މަންފާއެއް އިތުރު ކުރުމަށެވެ. އަދި ހާސިލްކުރަން މަސައްކަތްކުރީ ވެސް މުޅިން ދުނިޔަވީ ފައިދާއެވެ.

"ކިތަންމެ ގިނަ ފައިސާއެއް ހުއްޓަސް ފުރިހަމަ ސިއްޙަތަކީ ގަނެވޭނެ އެއްޗެއް ނޫން. ނިޢުމަތަކާ މެދު ދެރަވަނީ ނިޢުމަތެއް އަތުން ބީވުމުން." ޒަމީރު އަނެއްކާވެސް ބުންޏެވެ. ބައްޕައަށް އައިސްފައިވާ ބަދަލުތަކުން ޒައުލްއަށް ބަޔާންކުރަން ދަތި ހައިރާންކަމެއް ލިބިގެން ދިޔައެވެ. މީގެ ކުރީގެ ބައްޕަ އެފަދަ ވާހަކައެއް ދުވަހަކުވެސް ނުދައްކައެވެ. ވީއިރު ބައްޕައަށް އެފަދަ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބަކީ ކޮބައިބާވައެވެ؟

"އަހަރެން ބޭނުން ޑޮކްޓަރާ ވާހަކަ ދައްކާލަން." ޒައުލް ބުންޏެވެ.

"މިރޭ އަދި ބަލަން އަންނާނެ ވާހަކަ ބުނި. " ޒަމީރު ޖަވާބު ދިނެވެ. އެވަގުތު ޒަމީރު ބޯއަޅާލައިގެން އޮތް ބާލީސް ދަށުން ފޯނެއްގެ ރިންގުގެ އަޑު އިވުނެވެ.

"މީ ކާކުގެ؟ " ފޯނު ނަގާ އެއަށް ބަަލައިލަމުން އެހެން ބުނުމާއެކު، ދެވަނަ ސިކުންތުގައި އެއީ ހައިޝަމްގެ ފޯނުކަން ޒަމީރަށް ދެނެގަނެވުނީ ޙަޔާގެ ނަން އަރާފައިވާތީއެވެ. އެގުޅަނީ ފޯނު ގެއްލިގެންކަން އެހިނދު އޭނާއަށް އެނގުނެވެ. އަދި އޭނާއަށް އެހީވާން އުޅުނު ގަޑީގައި ހައިޝަމްއަށް ފޯނު ބާލީސް ދަށުގައި ބޭއްވުނީކަންވެސް ފަހުމްވިއެވެ.

ޒަމީރު ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު، އެކޮޅުން ވާހަކަ ދެއްކީ ހައިޝަމްއެވެ. ޒަމީރު އޭނާގެ އަތުގައި ފޯނު އޮތް ވާހަކަ ބުނުމުން މިދަނީކަމަށް ބުނެ ހައިޝަމް ފޯނު ކަނޑައިލިއެވެ.

ހައިޝަމްއާއި ޙަޔާގެ މަތީން ހަނދާންވެ އުފެދުނު ޝައުޤުވެރިކަމެއްގެ ސަބަބުން ޒައުލްއަށް އޭނާގެ ހިތަށް އަރަމުން ދިޔަ ސުވާލު އެންމެފަހުން، ދުލާ ހިސާބަށް ގެނެވުނެވެ.

"އެ އަންހެން ކުއްޖާއަކީ ޙައިޝަމްގެ އަންހެނުންތަ؟" ޒައުލްގެ ސުވާލާއެކު ޒަމީރަށް އޭނާއާ ދިމާލަށް ބަލައިލެވުނެވެ.

"ކިހިނެއްވީ؟" ޒަމީރަށް ވެސް ޒައުލްގެ ސުވާލުން ލިބުނު ހައިރާންކަމާއެކު ކޮށްލެވުނީ ސުވާލެކެވެ.

"އަނެއްކާ އެއީވެސް ބައްޕަގެ އޮފީހުގައި މަސައްކަތްކުރާ ކުއްޖަކީތަ؟" ޒައުލްއަށް ވެސް ދެވަނަ ސުވާލެއް ކޮށްލެވުނެވެ. އޭނާގެ ހިތުގައި އުފެދިފައިވި ޝައުޤުވެރިކަމެއްގެ ސަބަބުންނެވެ.

"ނޫނޭ. އެއީ ހައިޝަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ. ވަރަށްރަނގަޅު ކުއްޖެއް. ބައްޕައާ ޙަޔާ ދިމާވި ފުރަތަމަ ދުވަހުވެސް ހަޔާގެ ވިސްނުން ވަރަށް ކަމުދިޔަ. ބައްޕައަށް ގޭގައި ކައްކަން ގެންގުޅޭ މީހާ ކައްކާ އެއްޗެހި ނުބައި ވީމަ އެއައީ އެއްޗެހިވެސް ހިފައިގެން. " ޒަމީރު ޙަޔާއަށް ތަޢުރީފް ކުރިއެވެ. އެ އަޑު އަހަން އިން ޒައުލް އެހެނަސް އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާއަށް ނޭނގުނު ނަމަވެސް، އެ ކުއްޖާއާ މެދު އެ ހިތުގައި ޝައުޤުވެރިކަމެއް އުފެދުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު