ދުނިޔޭގެ އެންމެ މަޤްބޫލު ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ޔޫޓިއުބްއިން އެ ކުންފުނީގެ ސްމާޓް ޓީވީ އެޕް އަލުން ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓެކް ރިޕޯޓެއްގައި ބުނެފިއެވެ.
ދަ އިންފޮމޭޝަންއިން ނެރުނު މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އަލުން ފަރުމާކުރެވޭ އެޕްގެ ސިފަ ހުންނާނީ ނެޓްފްލިކްސް އަދި ޑިޒްނީ ޕްލަސް ފަދަ މަޝްހޫރު ސްޓްރީމިން ޚިދުމަތްތަކާ އެއްގޮތަށެވެ.
މި އައު ފަރުމާގައި، ޔޫޓިއުބްގެ ހޯމް ޕޭޖްގައި އެހެނިހެން ސްޓްރީމިން ޚިދުމަތްތަކުގެ ކޮންޓެންޓް ދައްކުވައިދޭނެ ކަމަށް ބެލެވެއެވެ. މިއީ އެމެޒޯން ޕްރައިމް ވީޑިއޯގައި މިހާރުވެސް ބޭނުންކުރާ ނިޒާމެކެވެ.
މީގެ އިތުރުން، ޔޫޓިއުބްގެ އެޕް މެދުވެރިކޮށް ތިންވަނަ ފަރާތުގެ ޚިދުމަތްތަކަށް ސަބްސްކްރައިބް ކުރެވޭނެ ކަމަށްވެސް އެ ރިޕޯޓްގައި ލަފާކޮށްފައިވެއެވެ.
ޔޫޓިއުބްގެ މިހާރުގެ އެޕްގައިވެސް "މޫވީސް އެންޑް ޓީވީ" ޓެބް މެދުވެރިކޮށް ތިންވަނަ ފަރާތުގެ ސްޓްރީމިން ޚިދުމަތްތަކަށް ސަބްސްކްރައިބް ކުރެވެއެވެ. މީގެ ތެރޭގައި މެކްސް، ޕެރަމައުންޓް ޕްލަސް، އަދި އެނިމޭ ސްޓްރީމިން ޚިދުމަތް ކަމަށްވާ ކްރަންޗީރޯލް ހިމެނެއެވެ. ނަމަވެސް، އައު ތިންވަނަ ފަރާތުގެ ޚިދުމަތެއް ތަޢާރަފުކުރިތާ ދުވަސްތަކެއް ވެއްޖެއެވެ.
މި އައު ބަދަލާއެކު، ޔޫޓިއުބްއިން އަމާޒު ހިފާފައިވަނީ އެހެނިހެން ސްޓްރީމިން ޕްލެޓްފޯމްތަކާ ވާދަވެރި ގޮތެއްގައި ވިޔަފާރި ކުރުމަށް ކަމަށް ބެލެވެއެވެ.
މި ބަދަލު ގެނައުމުން، ޔޫޒަރުންނަށް އެއް އެޕެއްގެ ތެރެއިން ގިނަ ޚިދުމަތްތަކެއް ލިބިގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.