ނޭވާލާން ދަތިވާން ފެށުމުން ފުންނޭވާތަލެއް ލާން އަފްނާން މަސައްކަތްކުރިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އަފްނާން ހުއްޓުނީ މައުވާއާއި، އޭނާއާ އެ ރޭ ތިބި ހިސާބުގައެވެ.

އެރޭގެ ވަކިވަކި ކޮންމެ މަންޒަރެއްމެ އަފްނާންއަށް ގޯނާކުރަން ފެށިއެވެ. އެއާއެކު ނިތުގައި އޭނާއަށް އަތް ޖައްސައިލެވުނެވެ. މަޑު ހިނގުމެއްގައި ގޮސް އޭނާ އިށީނީ، އެރޭ އޭނާ އިށީނދެގެން އިން ތަނުގައެވެ. އެއާއެކު ކަރުނުން ދެލޯ ފުރިއްޖެއެވެ. ފާރުގައި ބޯ ޖައްސައިލުމާއެކު ކުޑަކޮށް މައްޗަށް އުފުއްލާލައިގެން އަފްނާން އިނެވެ.

އަފްނާން ގެއަށް ދިޔައީ ފަތިސް ނަމާދަށް ގޮވަން ކައިރިވެފައި ހުއްޓައެވެ. ސައިކަލު ބަހައްޓާފައި ގެއާ ދިމާލަށް ހިނގަައިގަތް ވަގުތު ދޮރު ހުޅުވާލަމުން، ނަޖީބު ނުކުތެވެ.

"އަދި ކިރިޔާތަ ގެއަށް ތިއައީ؟" ފިޔަވަޅުތައް މަޑުޖައްސައިލި ނަޖީބު ސުވާލުކޮށްލިއެވެ. އަފްނާން އެއްޗެއް ނުބުނީ ލަހުން ގެއަށް އައުމުން ބައްޕަ އެހުރީ ހިތްހަމަ ނުޖެހިފައިކަން އެނގޭތީއެވެ.

"ރޭ ހަތަރު ދަމު ބޭރުގައި ދޯ އުޅުނީ؟" ނަޖީބުގެ ދެވަނަ ސުވާލެއްވެސް އަފްނާންއަށް އަމާޒުވިއެވެ.

"ކުޑަކަމަކު.." އަފްނާން ޖަވާބު ދިން ނަމަވެސް، އެ ޖަވާބުން ނަޖީބު ހިތްހަމަ އެއް ނުުޖެހުނެވެ.

"ދަންވަރު ތިނެއް ހަތަރެއް ޖަހަންދެން ފަރިފުޅު ބޭރުގައި އުޅެންޖެހޭ ސަބަބެއް ބައްޕައަކަށް ނުވިސްނޭ. މިހާރު ދުވަސްކޮޅެއްވެއްޖެ މިކަން ފާހަގަ ވާތާ." ނަޖީބު ވާހަކަ ދެއްކީ މަޑުމައިތިރިކޮށެވެ. ދަރީން ބޮޑެތިވެ، އަމިއްލަ މިނިވަންކަން، އެ ދަރީންނަށް ދޭން ޖެހޭނެކަމަށް ނަޖީބު ޤަބޫލުކުރިނަމަވެސް، ކޮންމެ ކަމެއްގައި ވެސް އޭނާ އަކީ ރިވެތި އުސޫލުތަކެއް ގެން ގުޅޭ މީހެކެވެ. އަމިއްލަ ދިރިއުޅުމުގައި ގޮތް ނިންމުގެ ހުރިހާ އިޚްތިޔާރެއް ވެސް އޭނާ އޮންނަނީ ދަރީންގެ އަތް މައްޗަށް ދޫކޮށްލާފައެވެ. ދުވަހަކުވެސް ކަމަކަށް މަޖުބޫރެެއް ނުކުރެއެވެ. އެހެންނަމަވެސް ދަންވަންދެން ބޭރުގައި އުޅުމަކީ އެއްގޮތަކަށްވެސް އޭނާ ރުހޭކަމެއް ނޫނެވެ. ކޮންމެހެން އިތުބާރުނުކުރަނީއެއް ވެސް ނޫނެވެ. އެކަމަކު އެއީ ރަނގަޅު ގޮތަކަށް ނުވާތީއެވެ. އޭނާ ދޭ މިނިވަންކަމުގެ ނާޖާއިޒް ފައިދާ އެގޮތަށް ނަގާކަށް، ނަޖީބު ފުރުސަތެއް ނުދޭނެއެވެ. އާއިލާގެ ނަމާ އައިލާ ބަދުނާމު ވާގޮތަށް އެއްވެސް ދަރިއަކު އަމަލު ކުރާނަމަ އެކަން އޭނާ ހުއްޓުވާނެއެވެ.

"ބައްޕަ މިބުނާ ވާހަކަ އެބަ އަޑު އިވޭދޯ އަފްނާންއަށް." ނަޖީބު ބުނެލިއެވެ. "ނަމާދަށް ގޮވަން އެ އުޅެނީ. ހިނގާ މިސްކިތަށް ދާން."

"ފެންވަރާލައިގެން..." އަފްނާން ހަމަ އެކަނި ބުނެލީ އެހެންނެވެ. ބަންގީގެ އަޑު ކަންފަތުގައި ޖެހުނީ އެވަގުތެވެ. ނަޖީބު ގޮސް ގޭޓުން ނުކުތުމުން، އަފްނާން ވެސް ގޮސް ވަނީ ކޮޓަރިއަށެވެ.

އެނދުމައްޗަށް ވެއްޓިގަތުމާއެކު، އަފްނާން ދެލޯ މަރައިލިއެވެ. ބަންގި ގޮވާ ނިމުނު އިރުވެސް ނަމާދުކުރަން ނޫޅެ އޭނާ އޮތީއެވެ. ހިތުގެ ގިލަންވެރިކަމުގެ ސަބަބުން، ނަފްސުގައި ވި އުނދަގޫތަކަށް ހައްލެއް ބޭނުންވެފަައިވީ ފަދައަކުން، ފުން ނޭވާތަކެއް އަފްނާން ލިޔެވެ. އިރުގަނޑަކު އެހެން އޮތުމަށްފަހު، އެނދުން ތެދުވެގެން އޭނާ ވަނީ ފާޚާނާއަށެވެ.

ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓް ފަހުން އޭނާ ނުކުތްއިރު ، ބޮލާ މޫނުގެ އިތުރުން އަތުގެ އުޅަބުއްޓާ ހިސާބުގައި ފެނުގެ އަސަރުހުއްޓެވެ. އެހެންކަމުން އޭނާ އެނުކުތީ ވުޟޫކޮށްގެންކަން ދެނެގަނެވުނެވެ. ވޯކިން ކްލޯސެޓަށް ވަނުމަށްފަހު އެއްފަރާތުގައި ހުރި ކަބަޑެއްގެ ޑްރޯވަރ ދަމާލާފައި އޭގެ ތެރެއިން ނެގި މުސައްލަ ހިފައިގެން ގޮސް ކޮޓަރީގައި އޮތް ހުސް ޖާގައިގައި މުސައްލަ ފަތުރައިލިއެވެ. އެއަށްފަހު އޭނާ މުސައްލަމަތީގައި ހުއްޓުނެވެ. ފުންނޭވާއެއް ދޫކޮށްލި އަފްނާންއަށް ކުރެވުނީ ބުނެދޭން ނޭނގޭ އިޙްސާސްއެކެވެ. އެފަދަ ގޮތަކަށް މުސައްލަ މަތީގައި އޭނާ އެ ހުއްޓުނީ އެތަކެއް ދުވަހެއް ފަހުންނެވެ. ބައްޕަމެން ބުނެކިޔައިގެން ނަމާދަށް އޭނާ ނުދަނީކީ ނޫނެވެ. ދާ ފަހަރުވެސް، ނަމާދުކުރަނީ ކުރީމޭ ބުނަންވެގެންނެވެ. ޚުޝޫއަތްތެރިކަމާއެކު އޭނާ ނަމާދުކުރި ދުވަހެއް ހަނދާނަކު ނުވެސް ނެތެވެ. އެކަމުގެ ސަބަބުން ނަމާދުކުރަން ހުރިއިރުވެސް އޭނާއަށް ނަމާދުގައި ކިޔާ ބައެއް ތަކެތި އޮޅޭ ގޮތްވިއެވެ.

ނަމާދުކޮށް ނިމިގެން މުސައްލަ މަތީގައި އިން ވަގުތުކޮޅު ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެހިތުގެ ޙާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަށް އޭނާގެ އެ ހިތުގެ ޝަކުވާތައް ބަންޑުންކުރިއެވެ. އެހިތަށް ލުޔެއް ދެއްވުމަށް އެދި ދުޢާކުރިއެވެ. އަފްނާންގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބުނީ އެގޮތަށް އަމަލުކުރުމުންނެވެ. ދިިލަހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ.

*****

ހަފްތާއެއް ފަހެވެ. ފިޒިއޯ ނިންމާލާފައި ރޫމަށް އައި މައުވާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ސައިޑްޓޭބަލްގެ މަތީގައި ހުރި ވާޒްއެވެ. އޭގައި ހުރި މާތައް މޯޅިވެފައިވާއިރު، މިހާރަކު އޭގެ އެއްވެސް ވަހެއްވެސް އެތަނަކު ނެތެވެ. ރޭގައިވެސް އެ އެއްޗެހި އެއްލާލަންވެގެން ރާމިޒާ އޭނާގެ ގާތުގައި އެދުމުން މައުވާ އެކަމަށް ދެކޮޅު ހެދިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެ މާތައް އެއްލާލަން އޭނާގެ ހިތްހަމަ ނޭދެނީއެެވެ. އަފްނާން ގެނައި އެއްޗަކަށްވީތީއެވެ. އެ ދުވަހުގެ ފަހުން ހަފްތާއެއް ވީއިރުވެސް އަފްނާން ނާންނާތީ މައުވާގެ ހިތަށް ކޮންމެވެސް ކަހަލަ ތަދެއްވަމުން ދިޔައީ ޚުދު އޭނާގެ ހިތްވެސް އަފްނާން ދުށުމަށް ބޭޤަރާރުވާތީއެވެ. ދޮރު ހުޅުވައިލިޔަސް އޭނާއަށް ހީވަނީ އަފްނާން އަތުވެދާނެހެންނެވެ. އެހެން މީހަކު ފެނުމުން އޭނާ މާޔޫސްވާގޮތްވެއެވެ.

އެ ދުވަހު އޭނާގެ ކައިރިއަށް ޒާޔާއާއި ރިފާގެ އިތުރުން، ޔޫޝައުވެސް އައެވެ. އެ މީހުން ކައިރީގައިވެސް އަފްނާންގެ ވާހަކަ އަަހަން މައުވާ ހުރީ ބޭނުންވެފައެވެ. އެހެންނަމަވެސް، އެ ޚިޔާލު ދޫކޮށްލީ އެއީ އަދި ރަނގަޅުގޮތަކަށް ނުވާނެޔޭ ވިސްނަމުންނެވެ. އަމިއްލަ ހިތުގެ އިޙްސާސްތައް ކޮންޓްރޯލްކުރަން އޭނާ އެބަ ޖެހެއެވެ. ޒާޔާމެން ދިޔުމުން ބާލީސް ދަށުގައި ބާއްވާފައި އޮތް ކަރުދާސްގަނޑު ނަގާ އޭގައި ލިޔެފައި އޮތް އެއްޗެއް މައުވާ ކިޔާލިއެވެ. އެތަކެއް ފަހަރަކު ކިޔާލި ނަމަވެސް، އޭނާ ފޫއްސެއް ނުވިއެވެ. އަފްނާން އޭނާގެ ގާތުން މާފަށް އެދި ފޮނުވާފައިވާ އެ ކަރުދާސްގަނޑު ތުންފަތުގައި ޖައްސައިލެވުނީ ވެސް ބޭއިޚްތިޔާރުގައެވެ.

*****

ހެނދުނު ސައިބޮއިގެން ކޮލެޖަށް ދިޔުމަށްޓަަކައި، ގެއިން ނުކުތް އަފްނާން ސައިކަލަށް އަރާ ކޮލެޖާ ދިމާލަށް ދުއްވައިލީ ކޮލެޖު ތެރޭގައި އިއްޔެ ވީ އެއްވެސް ކަމެއް ނޭނގޭ ޙާލުގައެވެ. އިއްޔެ ބޮލުގައި ރިއްސާވަރުން އަފްނާން ކޮލެޖަކަށް ނުދެއެވެ.

ކޮލެޖާ ހިސާބަށް ގޮސް ސައިކަލު ޕާކުކޮށްލާފައި ގޮސް އޭނާ ކޮލެޖަށް ވަނެވެ. އެއާއެކު ކޮލެޖުގައި ތިބި ގިނަ ކުދިންތަކެއްގެ ނަޒަރު އޭނާއާ އަމާޒުވާން ފެށިއެވެ. އެ އެންމެންގެ އަމާޒުފަތްގަނޑަކަށް އޭނާ ވެގެން ދިޔުމާއެކު، އަފްނާންއަށް ދެ ބުމަ ގާތްކޮށްލިއެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން ގަޑިއަށް ބަލާލާފައި އޭނާ ކްލާހާ ދިމާލަށް ދިޔުމަށް އަވަސްވެގަތީ ގަޑި ޖެހޭތީއެވެ. ކްލާހަށް ވަނުމާއެކު ކްލާހުގައި އޭރު ތިބި ކުދިންގެ ނަޒަރުތައްވަސް އޭނާއަށް އަމާޒުވިއެވެ.

"އަހަރެން ހިޔެއް ނުކުރަން ކަލޭ ތީ ތިކަހަލަ މީހެއްކަމަކަށް؟" ކްލާހުގައި އެމީހުންނާއެކު ކިޔަވާ ޒުވާން ފިރިހެންކުއްޖަކު އަފްނާންއަށް ބަލައިލަމުން ބުނެލިއެވެ.

"ޔާ. ސޯ ޗީޕް." އެ ޒުވާނާ ކައިރީގައި އިން އަންހެންކުއްޖާ ބުނެލިއެވެ. ލެޗްޗަރަރ ނާންނާތީ ކްލާސްތެރެ ހަލަބޮލިވެގެން ދިޔައެވެ. އެ މަންޒަރު ބަލަން އިން ޒާޔާ ނުތަނަވަސްވިއެވެ. އިއްޔެއިން ފަށައިގެން އަނެއްކާވެސް އަފްނާން މައުވާއާ އޮތް ގުޅުން ނިންމާލި ރޭގެ ވީޑިއޯތައް ޔުނިވާސިޓީގެ ވައިބާއަދި ޓެލެގްރާމް ގްރޫޕުތަކުގައި ދައުރުވާން ވަނީ ފަށާފައެވެ. އެ ގްރޫޕްތަކުގައި ވާ މެސެޖުގައި ބުނެފައިވަނީ އެރޭ މައުވާ އެކްސިޑެންޓުވީކަމަށާއި، އެހުރިހާކަމެއްގެ ޒިންމާ ވާން ޖެހޭނީ އަފްނާންކަމަށެވެ. އަދި މައުވާ ހޭ އެރީ އޭގެ ދެ އަހަރުފަހަން އިހަކަށް ދުވަހަކު ކަމުގައި އޭގައި ލިޔެފައި އޮތެވެ.

"ބްރޯ. ވަޓް އިޒް ދިސް…." އަފްނާން ސުވާލުގެ ނަޒަރަކުން ބަލަން ފެށުމާއެކު، ކުރީ ސަފުގައި އިން އާހިލް ކިޔާ ޒުވާނަކު އޭނާގެ ފޯނުން ވީޑިއޯއެއް އަޅުވައިލާ އަފްނާންއަށް ފޯނު ދިއްކޮށްލިއެވެ. އޭގައި ހިފި އަފްނާންއަށް އެއީ ކޮން ވީޑިއޯއެއްކަން އެނގުމާއެކު، ރުޅި އަންނަ ގޮތްވިއެވެ. އޭނާއަށް ކްލާހުގައި އޭނާއާ ދިމާލަށް ބަލަން ތިބި ކުދިންނަށް ނަޒަރު ހިންގާލެވުނެވެ. އަމާޒުވެފައިވާ ނުރުހުމުގެ އަސަރުތަކާއެކު އެ މީހުންގެ ދުލުން އިވެމުން ދިޔަ ބަސްތަކުން އަފްނާންގެ ރުޅި ގަނޑު ހިލެން ފެށިއެވެ.

"އަންހެން ކުއްޖެއްގެ އިޙްސާސްތަކަށް ޤަދަރުކުރަން ނޭނގޭނީ އަސްލު ފިރިހެނަކަށް ވެސް ނުވާތީ ދޯ. އަންހެން ކުއްޖާ އަދި ޕްރޮޕޯސަލް ރިޖެކްޓްކުރީ އެކޭ ކިޔާފައި މިވަރު އަރުވާލާކަށް ނުވާނެ ދޯ ބްރޯ." އާހިލް ބުނެލިއެވެ. އިވެމުން ދިޔަ ބަސްތަކުން ރުޅި އައި އަފްނާން އަތުގައި އޮތް ފޯނު އަތުގެ ކޮޅަށް ހޫރައިލިއެވެ. ފޯނު އެ ދިޔަ ބާރުމިނުގައި ގޮސް ފާރުގައި ޖެހި ކުދި ކުދި ވިއެވެ.

"އޭތް މަގޭ ފޯނު. " ފުންމައިގެން ކަހަލަ ގޮތަކަށް އަފްނާންއާ ދިމާލަށް ދަމުން އާހިލް ހަޅޭއްލަވައިގަތެވެ. "މަށެއް ނޫނޭ އެ ވީޑިއޯ ވައިރަލް ކުރީ. "

އާހިލް އެ ދިޔަ ގޮތަށް ގޮސް އަފްނާންގެ ގަމީހުގެ ގިރުވާނުގައި ހިފާ އޭނާގެ މޫނުމައްޗަށް އެތިފަހަރެއް ވީއްލައިލިއެވެ. އަފްނާންވެސް ރައްދުގައި ހަމަލާންދޭން ފެށިއެވެ.

"ޔޫޝައު…. އަފްނާން ހުއްޓުވާބަލަ." ޒާޔާ އެދުނެވެ. އަފްނާންގެ ރުޅިގަނޑު ފެނި އޭނާ ޖެހިލުންވިއެވެ.

"އަހަރެން ދިޔައެއްކަމަކު އޭނަ ހުއްޓާނެތަ؟" ޔޫޝައު ބުނެލިއެވެ.

"ޕްލީޒް… ދޭބަ…" ޒާޔާގެ އާދޭސްތަކަށް ފުރަގަސް ދޭން ނުކެރި ޔޫޝައު އެންމެފަހުން ގޮސް އެ ދެމެދަށް ވަދެ އެ ދެމީހުން މައިތިރިކުރަން އަވަސްވެގަތެވެ.

"ކަލޭ ދުރުގައި ހުރެބަލަ." އަފްނާން ޔޫޝައު ކޮށްޕައިލުމާއެކު އޭނާގޮސް ވެއްޓުނީ މޭޒެއްގެ މައްޗަށެވެ. ވެއްޓުނު ގޮތަކުން މޭޒުގެ ދާރައިގައި ބޮލާ ދިމާ ނިތްކުރި މަތި ޖެހުނެވެ. ފަޅައިގެން ނުދިޔަނަމަވެސް، އޭނާއަށް ތަދުވިއެވެ.

"އަފްނާން މޮޔަވީތަ؟ ތި އޭނަގެ ގައިން ދޫކޮށްބަލަ." ޔޫޝައު ހަޅޭއްލަވައިގަތެވެ.

"ކަލޭ ދުރުގަ ހުރެބަލާށޭ ބުނެފީމެއްނު." ޔޫޝައު ފެނުމުން އަފްނާންގެ ގާތަށް އިތުރަށް ރުޅި އަންނަ ގޮތްވީ ހޮސްޕިޓަލުގައި ވީކަންތައް ހަނދާންވެފައެވެ. ޔޫޝައުގެ ވާހަކަތައް އޭނާގެ ސިކުނޑީގައި ގުގުމަން ފެށިއެވެ. މައުވާ ދެކެ ލޯބިވާކަމުގައި ބުނެފައިވާ ޖުމްލަތަކެވެ. އަދި އެހެން ބުނެލިއިރު އެ ދެލޮލުން ފާޅުވި އަސަރުތަކެވެ. އެ ލޮލުގައިވި ތެދުވެރިކަމެވެ. އިތުރު ބޮލު ރިހުމަކަށް އެކަންތައްވި އަފްނާންގެ ރުޅިގަނޑު ހައްތަހާ ގަދަވުން ނޫންކަމެއް ނުވިއެވެ. ކްލާހުގައި ތިބި ފިރިހެން ކުދިންގެ ތެރެއިން ކުއްޖަކު އައިސް އެ ތިން މީހުން ދުރުކުރަން އުޅުނު ނަމަވެސް، އެކަކަށް ތިން ފިރިހެނުން މައިތިރިކުރެވޭނީ ވަކި ކިހިނަކުން ހެއްޔެވެ؟ އެންމެފަހުން އޭނާވެސް ދުރަށް ޖެހުނީއެވެ. ލެކްޗަރަ އައިއިރުވެސް އެ ތިން މީހުން ދިޔައީ އެކަކު އަނެކަކާ ތަޅާ ފޮޅަމުންނެވެ. ތިން މީހުން މައިތިރިވީ އެހާ ހިސާބުންނެވެ.

ތިން މީހުންވެސް ޑީންގެ އޮފީހަށް ފޮނުވައިލެވުނެވެ. ވީކީއްކަން އޮޅުން ފިލުވާފައި ބަޔާންވެސް ނެގިއެވެ. އެންމެފަހުން ޑީންއަށް ވީޑިއޯވެސް ދައްކަން ޖެހުނެވެ. އަފްނާން ބަހައްޓާފައި ޔޫޝައުއާއި އާހިލްއާ ފޮނުވާލާފައި ޑީން އޭނާއާ ވާހަކަދެއްކިއެވެ. ކުއްޖަކުގެ މުދަލަށް ގެއްލުންދިނީތީ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭކަމުގައި ބުނެ ރެކްޓަރއާ ހިސާބަށް އެ މައްސަލަ ގެންދަން ޖެހޭނެކަމުގައި ޑީން ބުނެލިއެވެ. އެނާ އަފްނާން ފޮނުވާލީ އަދިވެސް އެ މައްސަލަ ބެލުމަށް އަފްނާން ހާޟިރުވާން ޖެހޭނެކަމުގައި ބުނެފައެވެ.

*****

ޖެހިގެން އައި ދުވަހު ހަވީރު ތިނެއް ޖަހާކަންހާއިރު، އޮފީހުގައި އިން ނަޖީބަށް އައި ފޯނު ކޯލަކާއެކު އޭނާ ކުރަން ހުރި މަސައްކަތް ނިންމާލާފައި ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. ގުޅީ އޭނާގެ ސްކޫލު ދައުރުގެ އެކުވެރިއެއްކަމަށް ވާ ޖައުފަރެވެ. ޖައުފަރު އެދުނީ އޭނާއާ ބައްދަލުކޮށްލުމަށެވެ. ކުއްލިއަކަށް ގުޅާފައި ޖައުފައުރު އޭނާއާ ބައްދަލުކޮށްލަން އެދުމުން ނަޖީބު ހައިރާންވިއެވެ. ބައްދަލުކުރަންވީ ތަނާ ގަޑި ބުނަން އެދުމުން، ޖައުފަރު ބުނީ ޔުނިވާސިޓީއަށް އައުމަށެވެ. ޖައުފަރު ބޭނުންވަނީ އަފްނާންގެ ކަމެއްގައި ވާހަކަ ދައްކާލަންކަމަށާއި، އޭނާއަށް ރަނގަޅީ ވީހާވެސް އަވަހަކަށް އައުމަށްކަމަށް ބުނުމުން ނަޖީބުވެސް ކުރަން ހުރި މަސައްކަތް ނިންމާލާފައި އޮފީހުން ނުކުތީ ޔުނިވާސރިޓީއަށް ދިޔުމުގެ ބޭނުމުގައެވެ. އޭރު އޭނާގެ މޫނުމަތިން ވެސް ފެންނަނީ ނުތަނަވަސްވެފައިވާ އަސަރުތަކެވެ.

ނަޖީބު ޖައުފަރުގެ ކެބިންއަށް ވަނުމާއެކު ޖައުފަރު ތެދުވެ ސަލާމަށް އަތްދިއްކޮށްލިއެވެ. ސެކެޓްރީކައިރީގައި ދެ ކޮފީ ގެނެސްދޭން އެދިފައި، އޭނާ ނަޖީބާއެކު ގޮސް އިށީނީ ސޯފާގައެވެ.

"ޖައުފަރު… ކިހިނެއްތޯ ވީ؟"ކުއްލިއަކަށް އަންނަންބުނީމަ އަޅުގަނޑު ވަރަށް ހާސްވެފަމިހުރީ؟ އަފްނާން އަނެއްކާ ގޯސް ކަމެއް ކުރީތޯ؟" ނަޖީބަށް އަވަސް އަވަހަށް ވާހަކަ ދެކެވުނެވެ.

"ނަޖީބު. އަޅުގަނޑު ބޭނުމެއްނުވި މިކަންތައް ނަޖީބަށް ނާންގާ އެންމެ ވަގުތުކޮޅަކުވެސް މަޑުކުރާކަށް. މުޅި ކޮލެޖުގައި މި ވާހަކަ އެބަ ދެކެވޭ. މިއަދު ވެސް އަފްނާންއާ ކޮލެޖުގެ އިތުރު ދެ ކުއްޖަކާ ދޭތެރޭ ވަރަށް ބޮޑު ތަޅާފޮޅުމެއް ހިނގައިފި." ޖައުފަރުގެ ވާހަކައާއެކު ނަޖީބަށް ހައިރާންވެފައި ހިނދުކޮޅަކު އިނދެވުނެވެ. އޭނާގެ ސުވާލުތަކުގެ ޖަވާބު ލިބުނީ ޖައުފަރު އިތުރަށް ވާހަކަ ދެއްކުމުންނެވެ.

"މި މައްސަލަ އަޅުގަނޑާ ހިސާބަށް ގެނައީ ފެކަލްޓީގެ ޑީން. އަސްލު މައްސަލައަކީ މީގެ ދެ އަހަރުކުރީގެ މައްސަލައެއް؟ ވީކަމެއް ވީވެސް ދެ އަހަރުކުރިން…." ޖައުފަރު ބުނެލިއެވެ.

"އަޅުގަނޑު މިހާރު ހާސްވާން ފަށައިފި؟ ކިހިނެއްތޯ ވީ؟" ނަޖީބަށް ސުވާލުކޮށްލެވުނެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލާފައި ސެކެޓްރީ ކޮފީ ހިފައިގެން ވަދެއްޖެއެވެ. އޭނާ ކޮފީތަށި ބަހައްޓާފައި ދިޔުމުން، ޖައުފަރު އޭނާގެ ފޯނު ހުޅުވާލާފައި ވީޑިއޯ ޕްލޭކޮށްލަމުން ނަޖީބަށް ފޯނު ދިއްކޮށްލިއެވެ.

"މީގައި މިއޮތީ އަސްލުވެގެން އުޅޭ ގޮތް." ފޯނުގައި ހިފާށޭ ބުނާފަދައަކުން ޖައުފަރު އިޝާރާތްކޮށްލިއެވެ.

ސުވާލުގެ ނަޒަރަކުން ޖައުފަރަށް ބަލާލާފައި ފޯނުގައި ހިފާ ނަޖީބު އެ ވީޑިއޯ ބަލަން ފެށިއެވެ. އެ ވީޑިއޯ ބަލަމުން ދިޔަ ވަރަކަށް ނަޖީބުގެ މޫނުމަތީގެ ކުލަވަރުތަކަށް ބޮޑެތި ބަދަލުތަކެއް އައިސް މީހާގެ ތަބީޢަތަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. މީހެއްގެ ކުރިމަތީގައި އިސްޖަހާލަން އޭނާއަށް ފުރަތަމަ ފަހަރަށް މަޖުބޫރުވީ އިޙްސާސްކުރެވުނު ލަދުވެތިކަމެއްގެ ސަބަބުންނެވެ. ޖައުފަރު އަތަށް ފޯނު ދީފައިވެސް އިސްޖަހާލައިގެން ނަޖީބަށް އިނދެވުނީ ތަރުބިއްޔަތުގައި އޭނާއަށް މަދުކުރެވުނީ ކޮން އެއްޗެއްބާއޭ ހިތަށް އަރާ ޙާލުގައެވެ. އަފްނާންގެ ސަބަބަުން ފުރަތަމަ ފަހަރަށް އަމިއްލަ މީހާގެ އަގު ބައެއްގެ ކުރިމަތީގައި ވެއްޓުނު އިޙްސާސް ނަޖީބަށް ކުރެވުނެވެ.

"އޭރުވެސް މި ވީޑިއޯއެއް ވައިރަލްވިކަމަށް ވޭ. ނަސީބަކުން ސޯޝަލްމީޑިއާއަށް ލީކެއް ނުވޭ. ޔުނިވާސިޓީ ތެރޭގަ އެނބުރުން. އަނެއްކާވެސް، ހަމަ އެ ވީޑިއޯ މި ދައުރުވަނީ. އަދިވެސް ސޯޝަލް މީޑިއާއާ ހިސާބަކަށް މި ނުދޭ. މިބުނީ ފޭސްބުކް ތަންތަނަށް. ވައިބާ އަދި ޓެލެގްރާމް ގްރޫޕްތަކުގަ ދައުރުވަނީ. ކިހިނެއް އެނގެނީ މާދަން ނޫންކަމެއްވެސް މި މުޅި ރާއްޖެއަށް ވައިރަލްވާނީ. ނަޖީބަކީ އަހަރެންގެ ވަރަށް ގާތް މީހެއްވީމަ މި ވާހަކަ ބުނެލަން ގެންނަން ޖެހުނީ. އަޅުގަނޑު ނަޖީބަށް ދެރައެއް ލިބެން ނޭދޭތީ." ޖައުފަރު ބުނެލިއެވެ. އެކުވެރިޔާގެ މޫނުމަތީގެ ކުލަވަރުތަކުން އޭނާވެސް ދެރަވިއެވެ. ނަޖީބަކީ މީހުންގެ ކުރިމަތީގައި އޭނާގެ އިއްޒަތް އަބަދުވެސް ހިފައްޓާ މީހެކެވެ. އޭނާގެ ފަރާތުން ޝަކުވާކުރުމުގެ ފުރުސަތެއް ދުވަހަކު ނުދެއެވެ. ލަދުގަނެ އިސްޖަހާލަން ޖެހޭ ވަރުކަމެއް ދުވަހަކު ނުފެނެއެވެ.

"ނަޖީބު… އަޅުގަނޑަށް މާފުކުރައްވާ. މުހިންމުކަމެއްކަމުގައި ދެކޭތީ ހިއްސާކޮށްލީ." ޖައުފަރު މާފަށް އެދުނެވެ. "އަފްނާންއަކީ ނަޖީބުގެ ކުއްޖަކަށްވީތީ އަޅުގަނޑުވެސް ކޮންމެހެންވެސް ނަޖީބާ ވާހަކަ ދައްކަން ބޭނުންވީ."

"ޖައުފަރު ކީއްވެތޯ މާފަށް އެދެންވީ؟ އަޅުގަނޑަށް މާފުކުރައްވާ. ތަރުބިއްޔަތުގައި މަދުވީ ކޮންކަމެއްކަމެއް ނޭނގުނު." މާޔޫސީ އަޑަކުން ނަޖީބަށް ބުނެވުނެވެ.

"ބައެއް ފަހަރު މައިންބަފައިން ދަރީންނަށް ކިތަންމެ ރަނގަޅު ތަރުބިއްޔަތެއް ދިނަސް، މަގުން ކައްސާލާ ފަހަރު އާދޭ. އެހެންވީމަ އެކަމަށް ނަޖީބު އަމިއްލަ ނަފްސު ކުށްވެރިނުކުރައްވާ. އަޅުގަނޑަށް އެވަރު ޔަޤީންކަމެއް އެބައޮތް." ޖައުފަރުގެ އަޑުގައިވަނީ އެކުވެރިޔާއާ މެދު ޙަމްދަރުދީއެވެ. މިއަދު ނަޖީބު ލަދުގަތްފައިވާ މިންވަރުވެސް އޭނާއަށް އެބަ އިޙްސާސްވެއެވެ.

"ޖައުފަރަށް އެނގިލައްވާ ހުރިހާކަމެއް އަޅުގަނޑަށް ކިޔައިދެއްވާ." ނަޖީބު ބުނެލިއެވެ. ނަޖީބު އެހެން ބުނުމުން ޖައުފަރު އިތުރު ވީޑިއޯއެއްވެސް ނަޖީބަށް ދައްކައިލިއެވެ. އެއީ މައުވާއަށް އަފްނާން މާ ދިން ދުވަހު ނަގާފައިވާ ވީޑިއޯއެވެ.

"ހުރިހާކަމެއް ފެށުނުކަމަކީ މިއީކަމަށްވަނީ. އޭރު މި ވީޑިއޯ ވައިރަލްވީމަކަމަށްވަނީ އަފްނާން އެގޮތަށް ކަންތައްކުރީ." މައްސަލަ ބެލި ބެލުމުގައި އެނގުނު ހުރިހާކަމެއްވެސް އޭނާ ނަޖީބަށް ކިޔައިދޭން ޖައުފަރު ފެށިއެވެ.

ތި ވީިޑިއޯއިން ތިފެންނަ އަންހެން ކުއްޖާގެ ނަމަކީ މައުވާ. އެރޭ އެކްސިޑެންޓުވެ ކޯމާއަކަށް ދިޔަކަމަށްވަނީ. އެގޮތަށް ކޯމާއެއްގައި ދެއަހަރު އޮވެފަ، ވަރަށް ފަހުން ހޭއެރި ވާހަކަ ބުނީ.. " ޖައުފަރު ބުނެލިއެވެ. "ވީޑިއޯ އަލުން ދައުރުވާން ފެށުމާ އެކަމާވެސް ގުޅުމެއް ވެދާނެހެން އަޅުގަނޑުން ހީވަނީ."

ޖައުފަރުގެ ވާހަކަތަކަށްފަހު، ނަޖީބު އެތަނުން ނުކުމެގެން ދިޔައީ އެ ވީޑިއޯތައްވެސް ހިފައިގެންނެވެ. ޖައުފަރުގެ ކެބިންއިން ނުކުތްގޮތަށް އެއްވެސް ދިމާލަކަށް ބަލައިލުމެއްނެތި އިސްޖަހާލައިގެން ހުރެ ގޮސް ނަޖީބު ޔުނިވާސިޓީއިން ނުކުތެވެ. އޭރުވެސް އޭނާ ހުރީ ލަދުން ހަލާކުވާން ކައިރިވެފައެވެ. އަފްނާންގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި އިސްޖަހާލަން ނަޖީބަށް މިއަދުވަނީ މަޖުބޫރުވެފައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު