އަފްސަމް އުއްމީދުކުރީ ލިމްޔާ އޭނާދެކެ ލޯބިވާ ވާހަކަ ބުނުމަށެވެ. އެއީ އަވަސް މުސްތަގުބަލެއްގައި ނުވާނެ ކަމެއްކަން އެނގޭ އިރުވެސް އަފްސަމްގެ ހިތް އެކަމަށް އެދެވުނެވެ. އެކަން ނުވުމުން، ހިތަށް ތަދުވިއެވެ. އެހެން އިންސާނަކުދެކެ ލޯބިވާން ވަގުތު ނަގާނެކަން އަފްސަމަށް އެނގެއެވެ. ލިމްޔާ ހާސިލުވުން އަފްސަމަށް ފުދެއެވެ. ލިމްޔާ ލޯބިވާނެ ދުވަހަކަށް އަފްސަމް އިންތިޒާރު ކުރާނީ ކެތްތެރިކަމާއިއެކުގައެވެ. ލިމްޔާގެ މާޒީ ހަނދާންނެތޭ ވަރަށް ލޯބި ދިނުމަށް އަފްސަމް ހުރީ މާ ކުރިންވެސް ނިންމައިގެންނެވެ.
********
"ނާހާނަންތަ ކީކޭތޯ މަންމަ ބުނީ؟" ޔަލްވީ އިނީ ރަޔާންގެ ގައިގައި ލައްވެލައިގެންނެވެ. ޓީވީ އަޅުވާފައި ހުއްޓަސް، ޔަލްވީގެ ސިކުނޑި ވަނީ އެހެން ދިމާއެއްގައެވެ.
ނަފީސާމެން ނިދަން ވަނުމުން ގޭތެރެ އޮތީ ފަޅުވެފައެވެ. ޓީވީ ބަލަން ތިބެފައި ޔަލްވީ ވާހަކަ ދައްކަން ފެށުމުން ރަޔާން ޓީވީ ނިވައިލިއެވެ. ތަނަށް ވެރިވީ ފަނޑު އަލިކަމެކެވެ.
"ޔާލް ހެޕީވެފަ ހުރިވަރުން އެނގިއްޖެ ގޯސް ވާހަކައެއް ނޫންކަން ދެއްކީ" ރަޔާންއަށް ޔަލްވީގެ އުފާވެރިކަން ސިއްރެއް ނުވިއެވެ. ފަނޑު އަލިކަމުގެ ތެރެއިން އޭނާ ޔަލްވީގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
ޔަލްވީ އެންމެ އުފާވާ ކަމަކީ، އޭނާ ކޮންމެ ވާހަކައެއް ދައްކަން ފެށި ނަމަވެސް ރަޔާންގެ ޝައުގުވެރިކަން އެ ވާހަކައަށް ލިބޭތީއެވެ. ޔަލްވީއަށްވުރެ ރަޔާނަށް އެހެން ކަމެއް މުހިއްމެއް ނުވެއެވެ.
"މަންމަ ރެންއަށް ވަރަށް ތައުރީފުކޮށްފި" ޔަލްވީ އުފާވެލާފައި ބުނެލިއެވެ.
"އެއީ ކީއްވެ؟" ރަޔާންއަށް އަހައިލެވުނެވެ.
"ޔާލް މިހާ ޗޭންޖްވީމައެއްނު... މަންމަ އިނީ ގަބޫލުވެސް ނުކުރެވިފައޭ... ރެންއަށް މިހާރު ވަރަށް ރަނގަޅަށް މީ ކާކުކަން އެނގޭދޯ؟" ޔަލްވީ ހިނިތުންވެލިއެވެ.
"އެނގޭތޯ ބަލާލަންތަ؟" ރަޔާން ޔަލްވީއާއި ގާތަށް ޖެހިލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވިފައި ޔަލްވީއާއި ރަޔާން ތެޅިގަތެވެ. ރަޔާން އިދިފުށަށް ސޯފާމައްޗަށް ވެއްޓުނުއިރު، ޔަލްވީ އޮތީ ރަޔާންގެ ގައިމަތީގައެވެ.
"ބޮތްކެއް އެއްޗެއްވެސް ނުދިއްލައޭ މިކުދިން ނިދަން ވަންނަނީ" ނަފީސާ ކުދިކިޔަމުން ގޮސް ކާގެއަށް ވަނެވެ.
ރަޔާނާއި ޔަލްވީ ސޯފާގައި ތިބިތަން ފެނުނު ނަމަވެސް ނަފީސާ އެމަންޒަރު ފެންނަކަމަށް ނުހެދީއެވެ.
ނަފީސާ ފެންޖަގު ހިފައިގެން ނުކުތްއިރު، ޔަލްވީއާއި ރަޔާން ކޮޓަރިއަށް ވަދެ، ސިއްރުން ދޮރު ލައްޕަނީއެވެ. ޔަލްވީމެން އުޅުނުގޮތުން، ނަފީސާއަށް މަޖާވިއެވެ. އަމިއްލަ ގޭގައިވެސް ދެމަފިރިން އުޅެނީ، ރައްޓެހިވެގެން އުޅޭ ބަޔަކު އުޅޭހެންނެވެ. ކޮޓަރިއަށް ވަންއިރުވެސް ނަފީސާ ހުރީ ހިނި އައިސްފައެވެ.
"ކޮންކަމަކާ މާ ވަރަކަށް ހިނިއައިސްފަ ތިހުރީ؟" ނިމާލު އަހައިލިއެވެ.
"އަހަރެންގެ ދަރިފުޅު ބޮޑުމީހަކަށްވެއްޖެ!.. އެކަމަކު، އަދިވެސް ބޮޑެއްނުވޭ!" ފެންޖަގު ބަހައްޓާފައި ނަފީސާ ގޮސް ނިމާލުގެ ކައިރީގައި އިށީނެވެ.
ޔަލްވީއާއި ރަޔާން ސިއްރުން ކޮޓަރިއަށް ވަން މަންޒަރު ފެނުމުން، ނަފީސާ ހަނދާންވީ އޭނާގެ މާޒީއެވެ. ނަފީސާ އޭނާގެ އަލަތު ލޯބިވެރިޔާއާއި ސިއްރުން ބައްދަލުކުރި ދުވަސްތަކުގައި އުޅުނީ އެފަދަ ސިއްރުވެރި ގޮތަކަށެވެ.
"ކީކޭ ތިކިޔަނީ؟" ނިމާލު އިނީ ވާނުވާ ނޭނގިފައެވެ. "ނަފީ ތީނީ ނިދާފަތަ އަނެއްކާ؟"
"ވަރަށް އަވަހަށް ނިމާލު ކާފައަކަށް ވެދާނެއޭ މިބުނީ" ނަފީސާ ހެމުން ހެމުން އެނދުގައި އޮށޯތެވެ.
"ތިބުނީ... ޔަލްވީ މަންމައަކަށް..." ނިމާލު ފުންމައިގެން ތެދުވިއެވެ. "ނަފީ ސަމާސާ ކުރަނީތަ؟"
********
ނަފީސާ ހެނދުނު ހޭލައިގެން ނުކުތްއިރު، ޔަލްވީ ހުރީ ސައި ތައްޔާރުކުރާށެވެ. ޕާނާއި ބިސްގަނޑާއި ޖޫސް މޭޒުމަތީގައި ހުއްޓެވެ. ޔަލްވީ ހުރީ ސޭންޑްވިޗްތައް ކަފާށެވެ. އޭގެ ކުރިން މެންދުރުވުމުން ނޫނީ ނުހޭލާ ޔަލްވީ އެހާ ހެނދުނާ ހޭލައިގެން މަސައްކަތުގައި އުޅުނު މަންޒަރު ފެނުމުން، ނަފީސާ ހުރީ ހުއްޓުން އަރާފައެވެ.
"ދަރިފުޅު.." ނަފީސާގެ ދެލޯ ފުރާލީ އުފާވެރިކަމުގެ ކަރުނައިންނެވެ.
"ބައްޕަ ކޮބާ؟ މަންމައަށް ޕެކެޓް ކޮފީއެއްތަ؟" ޔަލްވީ އަވަސްވެގަތީ ފެންހޫނުކުރާށެވެ.
ޔަލްވީ ކޮފީ ގިރާ ނިމުނުތަނާ ނިމާލު ކޮޓަރިން ނުކުތެވެ. މޭޒުކައިރީގައި އިން ނަފީސާގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ނަމަވެސް އޭނާގެ ދަރިފުޅުން ވަކި ނުވެއެވެ. ޔަލްވީ ދެތިން އެއްޗެއް ބުނި ނަމަވެސް ނަފީސާއަށް އެ އަޑެއް ނީވެއެވެ. ނަފީސާގެ ހަރަކާތްތަކަށް ބަލަން އިރުކޮޅަކު ހުރެފައި ނިމާލުވެސް ގޮސް މޭޒުކައިރީގައި އިށީނެވެ.
"ނަފީ ތިހެން އުޅެނިކޮށް، އެމަންޖެއަށް އެސްފީނާ ޖެހިދާނެ" ޔަލްވީއަށް ނީވޭ ވަރަށް ނިމާލު ބުނެލިއެވެ.
"ބައްޕާ! ކޮންކަހަލަ ކޮފީއެއްތޯ؟" ނިމާލު ފެނުމުން، ޔަލްވީ އަހައިލިއެވެ.
"ޖޫސްތައްޓެއް ރަނގަޅުވާނެ..." ޔަލްވީއަށްވުރެ ކުރިން ނިމާލު ޖޫސްތައްޓެއް އެޅިއެވެ. "ކޮބާ ރަޔާން؟"
"މިދަނީ ގޮވަން.." ޔަލްވީ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
ބޭރުން މީހަކު ސަލާން ގޮވައިލީ އެވަގުތުއެވެ. އިވުނީ އަންހެނެއްގެ އަޑެވެ. ސަލާން ބަލައިގަތީ ނަފީސާއެވެ. ނަފީސާއާއި އެކުގައި ކަހަލަ ގޮތަކަށް ޔަލްވީ ބޭރު ބަލައިލިއެވެ. ދޮރުމަތީގައި ހުރި އަޒުރާ ފެނުމުން، ޔަލްވީގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
"ކީއްކުރާ ކުއްޖެއް؟" ނަފީސާ އަހައިލިއެވެ.
"މީ ޔަލްވީ ކައިރިއަށް މިއައީ... ދޮންކެޔޮކޮޅެއް ހިފައިގެން...." އަޒުރާ ގޭތެރެއަށް ވަނެވެ. އަތުގައި އޮތް ކޮތަޅުތައް ސިޓިންގްރޫމް މޭޒުމަތީގައި ބޭއްވިއެވެ. "ތީ ޔަލްވީގެ މަންމަތަ؟"
ނަފީސާ ބޯޖަހައިލުމުން، އަޒުރާ ސަލާމަށް އަތް ދިއްކޮށްލިއެވެ.
"އަހަންނަށް ކިޔަނީ އަޒުރާ..." އަޒުރާ އޭނާގެ ތައާރަފެއް ދިނެވެ.
"ކޮޅަށް ނުހުރެ އިށީންނަންވީނު..." ނަފީސާ އެދުނެވެ.
"ލޯބި މަންމައެއް.." ޔަލްވީއަށް ބަލައިލަމުން އަޒުރާ ބުނެލިއެވެ. "ޔަލްވީއަށް ކައްކަން ދަސްކޮށްދޭން އެއް ދުވަހަކު މިގެއަށް އައީމޭ ދޯ ޔަލްވީ؟"
އަޒުރާ އިށީނުމުންވެސް ޔަލްވީ ހުރީ ކޮޅަށެވެ. އޭނާ އަޒުރާއަށް ބެލީ އެކުވެރިއަކަށް ބަލާނެފަދަ ނަޒަރަކުން ނޫނެވެ. ޔަލްވީ ހުރިގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ނަފީސާއަށް އެނގުނެވެ. ނަފީސާ އެތަނުން ދިޔައީ ޔަލްވީއަށް އަޒުރާއާއި ވާހަކަ ދައްކަން ފުރުސަތު ދީފައެވެ.
"ރެން ހިތްހަމައެއް ނުޖެހޭ އަޒުރާ މިގެއަށް އަންނާކަށް" ދުރުދުރުން ވާހަކަ ދައްކާކަށް ޔަލްވީ ބޭނުމެއް ނުވިއެވެ.
"އެއީ ކީއްވެ؟" ޔަލްވީ ހީކުރިގޮތާއި ހިލާފަށް އަޒުރާގެ މޫނުން ފެނުނީ، ޖެހިލުންކުޑަކަމެވެ.
"ޖަވާބު އަޒުރާއަށް އެނގޭއިރު ކީއްވެ ތި އަހަނީ؟" ޔަލްވީ ހިތްހަމަނުޖެހުނެވެ.
"އަހަންނަށް އެނގޭ ތިދެމީހުން ކައިވެނިކޮށްގެން ތިއުޅެނީ ލޯތްބަކުން ނޫންކަން... ޝިފާން އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދިން" އަޒުރާ ދެން ހާމަކޮށްލި ހަގީގަތަކުން ޔަލްވީގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
"ކާކު ބުނީ އަހަރެމެން އުޅެނީ ލޯތްބަކުން ނޫނޭ" ރަޔާން ނުކުތީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ.
"ރެން..." ރަޔާން ފެނުމުން އަޒުރާއަށް ސިހުމެއް ލިބުނެވެ.
"އަހަރެންގެ ލައިފްގަ ޔަލްވީ ނޫން އިތުރު އަންހެނަކަށް ޖާގައެއް ނެތް" ރަޔާން ބުނެލިއެވެ.
"އަހަންނަށް ފުރުސަތެއް ދީ" އަޒުރާ އެދުނެވެ.
"އަޒުރާ މީގެފަހުން މިގެއަށް ވަދެގެން ނުވާނެ!" ރަޔާން އަމުރުކުރިއެވެ.
"ރެން... ޕްލީޒް... އަހަރެން ދައްކާ ވާހަކަ އަޑު އަހާލަދީބަލަ... އަހަރެން އަބަދުވެސް ލޯބިވީ ރެންދެކެއޭ... ކުރިން އުޅެވުނީ ގޯސްކޮށް... އަހަރެން މިއައީ ބަދަލުވެގެން... ދެން ދުވަހަކުވެސް އެ އުޅުމެއް ނޫޅޭނަން... ރެން އަހަރެންގެ ހަޔާތަށް އައިއްސިއްޔާ..." އަޒުރާއަށް އޭނާގެ ޖުމުލަ ފުރިހަމައެއް ނުކުރެވުނެވެ.
ޔަލްވީ އައި ރުޅިން ރަޔާނާއި އަޒުރާގެ ދެމެދަށް ވަނެވެ.
"އަޑެއް ނީވޭތަ އެ ބުނި އެއްޗެއް... ރެން ބުނާހާ މަޑުން އަހަންނެއް ނުބުނާނަން... ދާށޭނު އެބުނީ.. ދޭ، ހަމަ މިހާރު..." ޔަލްވީ ހުރީ ދެލޯ ހަނިކޮށްލައިގެންނެވެ. ފަހުޖުމުލަ ބުނިލެއް ބާރުކަމުން، ރަޔާނަށްވެސް ސިހުމެއް ލިބުނެވެ. ކަރުނަ ފޮހެމުން އަޒުރާވެސް ގެއިން ނުކުތެވެ.
ނަފީސާއާއި ނިމާލު ތިބީ، ވާނުވާ ބަލާށެވެ. ރަޔާންގެ ހަރުދަނާކަމާއި ވަފާތެރިކަން ފެނި، ނަފީސާގެ ހިތް މުޅީން ސާފުވިއެވެ. ހިތާއިހިތުން ތައުރީފުކުރެވުނެވެ.
"ހާދަ ރުޅިގަދަ ކުއްޖެއް..." ރަޔާން މަސައްކަތްކުރީ ޔަލްވީ ހެއްވައިލާށެވެ.
ޔަލްވީ ތުންފިއްތައިލިއެވެ. ރަޔާނަށް މޫނު ނުފެންނާނޭހެން އިސްޖަހާލައިގެން ހުރެ ގޮސް ކޮޓަރިއަށް ވަނެވެ. ރަޔާންވެސް ޔަލްވީގެ ފަހަތުން ކޮޓަރިއަށް ވަނެވެ.
"ސޮރީ!" ރަޔާން މާފަށް އެދުނެވެ.
ކަރުނައިން ފުރިފައިވާ ދެލޮލުން ޔަލްވީ ރަޔާނަށް ބަލައިލިއެވެ. އެ ދެލޮލުން ފެންނަމުން ދިޔައީ ޝަކުވާއެވެ.
"ކީއްވެތަ އަބަދު ރެން މާފަށް އެދެނީ؟ އެއީ ރެން ކުރި ކަމެއް ނޫނެއްނު" ޔަލްވީއަށް ބުނެވުނެވެ.
"މިކުއްޖާ ދެރަވާ ކަމެއްވީމަ..." ރަޔާނަށް އޭނާގެ ޖުމުލަ ފުރިހަމަނުކުރެވެނީސް، ޔަލްވީ ދިޔަ ބާރުމިނުގައި ގޮސް، ރަޔާންގެ މޭގެތެރޭގައި ބޮނޑިވެލިއެވެ.
ރަޔާންއަށް ހިނިތުންވެލެވުނެވެ. ޔަލްވީގެ ގައިގައި ދެއަތް ވަށާލިއިރު، އެހިތުގައި ވަނީ ނުގުޑާނެ އަޒުމެކެވެ.
6 މަސް ފަސް
"މިއަދު ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނުހެން..... ހަޔާތުގައިވެސް މިހާ އުފާވި ދުވަހެއް އަދި ނާދޭ...." ޔަލްވީ އޮތީ ރަޔާންގެ އަތުތެރޭގައެވެ. ދެމީހުން ބަލަން ތިބީ ޔަލްވީގެ އަތުގައި އޮތް ރިޕޯޓަށެވެ.
"މި ހަބަރު ލަސްނުކޮށް، މަންމަމެންނަށް ދޭން އަހަރެން ބޭނުން..." ކުރިއަށްވުރެ ބޮޑަށް ޔަލްވީއާއި ގާތަށް ޖެހިލަމުން ރަޔާން ބުނެލިއެވެ.
"މި ގުޅަނީ މަންމައަށް..." ޔަލްވީ ފޯނު ނެގުމުން، ރަޔާން ފޯނުގައި ހިފައި ތިރިކޮށްލިއެވެ.
"މީ ހަޒްބެންޑް އެންޑް ވައިފް ޓައިމް... އަހަރެން ޔާލްއާ ދައްކަން ބޭނުންވާ ބައިވަރު ވާހަކަ އެބަހުރި... މިގަޑީ ބޭނުން އެހުރިހާ ވާހަކައެއް ބުނަން... އެކަމަކު، ވެއިޓް ކުރެވިދާނެ... ގުޅާ މަންމައަށް..." ރަޔާން އެދުނެވެ.
ދެތިން ރިންގާއެކީ ނަފީސާ ފޯނު ނެގިއެވެ. ކައިރިން ނިމާލުގެ އަޑު އިވުމުން، ޔަލްވީ ފުރަތަމަ އެވާހަކަ ބުނަން ޖެހިލުންވިއެވެ.
"ދަރިފުޅު ހާދަ ނުގަޑިއެއްގަ ތިގުޅީ... އަނެއްކާ ކަމެއްވީތަ؟" ނަފީސާ ހާސްވެފައި ސުވާލުކުރިއެވެ.
"އާނ... ވަރަށް ބޮޑު ވާހަކައެއް..." ޔަލްވީއަށް ބުނެވުނީ އެހިސާބަށެވެ.
"އުފާވެރި ހަބަރެއްތަ ދަރިފުޅާ!" ނިމާލު ފޯނު އަތުލިއެވެ.
"ލައްބަ" ޔަލްވީ ހީލި އަޑު އިވުމުން، ނިމާލުގެ މެޔަށް ފިނިވެގެން ދިޔައެވެ.
"ނަފީސާ މާމައަކަށް ވަނީޔޯ..." ފޯނު ބޭއްވިގޮތަށް ނިމާލު ބުނެލިއެވެ. ނަފީސާގެ ދެލޯ ވިދައިގަތްއިރު، އުފަލުންގޮސް ނިމާލަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގުނެވެ. "އެކުދިން މާލެ އަންނަނީ.... ޔަލްވީ ވިހަންދެން ތިބޭނީ މާލޭގަ... އަހަރެމެންގެ ކައިރީ..."
"އަހަރެން އަތަށް ނުދީ ފޯނު ބޭއްވީ ކީއްކުރަންތަ؟.. ގެނެސްބަލަ ތި ފޯނު... ގުޅަންވެއްޖެ!" ނިމާލު ބުނީ ތެދެއްތޯ ބަލާހިތުން، ނަފީސާ ހުރީ ހިތް އަވަސްވެފައެވެ.
"މިގަޑީ އެކުދިންނަށް އުނދަގޫ ނުކުރޭ ނަފީ!" ނިމާލު އެދުނެވެ. "އެކުދިން އަންނަންވާއިރަށް އަވަހަށް ތައްޔާރު ކުރަން ހިނގާ... ވަގުތެއް ނެތް..."
(ނުނިމޭ)