ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭ ހިމެނޭ އާލިއާ ބަޓް އަންނަނީ މަންމަ ސޯނީ ރަޒްދާން ކައިރިން ކައްކަން ދަސްކުރަން ފަށާފައިވާ ކަމަށް ބުނެފިއެވެ.
މީގެ ދެ ދުވަސްކުރިން އާލިއާގެ އަމިއްލަ ޔޫޓިއުބް ޗެނަލްއަށް ދޫކޮށްލި ވީޑިއޯގައި ބަތަލާ ބުނެފައިވަނީ ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ޔޫޓިއުބް ޗެނަލުން ބައްދަލުކޮށްލީ މަންމަގެ ބަދިގެއިން ކަމަށެވެ. މަންމަގެ ބަދިގެއިން މެކް އެންޑް ޗީޒް ތައްޔާރުކުރާނެ ގޮތް ގެނެސްދެމުން އާލިއާ ބުނީ، މިހާތަނަށް އެންމެ މީރު ކެއުންތައް އާލިއާއަށް ލިބިފައިވަނީ މަންމަ ސޯނީގެ ފަރާތުން ކަމަށެވެ.

އާލިއާ، މަންމަ ސޯނީއާ އެކު ކެއްކުމުގައި ހަރަކާތްތެރި ވަނީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ކުޑައިރު އާލިއާއަށާއި ދައްތަ ޝާހީނަށް ތައްޔާރުކޮށްދިން ކެއުންތައް ދަރިފުޅު ރަހާއަށް މަންމަ މިހާރު ތައްޔާރުކޮށްދޭ ކަމަށާއި އެ މަންޒަރަކީ ވަރަށް ޖަޒުބާތީ އުފަލުން ފުރިގެންވާ މަންޒަރެއްގެ ގޮތުގައި އާލިއާ ވަނީ ސިފަކޮށްފައެވެ.
ދެ މައިން އެކުވެގެން 'މެކް އެންޑް ޗީޒް' ތައްޔާރުކުރާނެ ގޮތް ބެލުންތެރިންނަށް ގެނެސްދިންއިރު ކުރީގެ ފިލްމީތަރި ސޯނީ ވަނީ ކެއްކުމުގައި ގެންގުޅޭނެ މޮޅެތި އުކުޅުތަކާއި ޓިޕްސްތައް ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
އެތައް އަހަރުތަކަކަށް ފަހު މަންމަ ސޯނީގެ ގާތުން ކައްކަން ދަސްކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ބަތަލާއަށް ވަގުތު ލިބޭ ވަރަކުން ކުޑައިރު މަންމަގެ ފަރާތުން ކާން ލިބުނު މީރު ކެއުންތައް ދަސްކުރާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އެކްޓަރު ރަންބީރު ކަޕޫރުގެ އަންހެނުން އާލިއާ އަމިއްލަ ޔޫޓިއުބް ޗެނަލްއެއް ލޯންޗުކުރީ 2019ވަނަ އަހަރެވެ. ބަތަލާ އެންމެ ފަހުން ޔޫޓިއުބް ޗެނަލަށް ވީޑިއޯއެއް ދޫކޮށްލާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.
އަލަށް ފެށި ކެއްކުމުގެ ހުނަރު ދަސްކުރުމުގެ ސިލްސިލާއާ އެކު އާލިއާގެ އާ ވީޑިއޯތަކެއް ޔޫޓިއުބް ޗެނަލުން ތަންކޮޅެއް ގިނައިން ފެންނަމުންދާނެ ކަމަށް އުންމީދުކުރާ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.