އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅައިލާ ބުރިޖުގެ މަސައްކަތަށް ފަންނީ ލަފާދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައިވަނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އެދުމުގެ މަތީން އެ މަޝްރޫއުގެ ސާވޭ، ޑިޒައިން، ޓެންޑާ ޑޮކިއުމަންޓް އަދި ޓެކްނިކަލް ސްޕެސިފިކޭޝަން ހިމެނޭ ގޮތަށް ތައްޔާރުކުރުމުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
އެހެން ކަމުން މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި، ކުންފުނީގެ ފަންނީ ގާބިލުކަމާއި، ދާއިރާއިން ކޮށްފައިވާ މަަސައްކަތްތަކުގެ އަގާއި ތަފުސީލު ހިމެނޭހެން، މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އެނގޭނެ ލިޔެކިޔުން ހިމެނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދައުވަތު ދޭނެ ކަމަށެވެ.
މި މަސައްކަތާގުޅޭ މައުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ޓާމްސް އޮފް ރިފަރެންސް، މާދަމާއިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ ކަމަށް އިއުލާނުގައިވެއެވެ. އެހެން ކަމުން މި މަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 24ވާ ހޯމަ ދުވަހު 13:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] ނުވަތަ [email protected] އަށް ފޮނުވުމަށް ފިނޭންސުން އެދެއެވެ.
އައްޑޫ ސިޓީ ހިތަދުއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖު އެޅުމުގެ ސާވޭއާއީ ޑިޒައިން ހިލޭ ހަދައިދޭ ގޮތަށް، އެ މަސައްކަތް މިސްރުގެ 'ދި އަރަބް ކޮންޓްރެކްޓާޒް"އާ ސަރުކާރުން ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހެވެ.
އައްޑޫ ބުރިޖުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ މަގު ޗާޓުގައި އެންމެ ފަހު ހަފުތާއަށް ތާވަލުކޮށްފައި އޮތް މަސައްކަތެވެ.
ހިތަދުއާއި ހުޅުމީދޫ ގުޅުވައިދޭ ބުރިޖުގެ ސާވޭ މަސައްކަތަށް މިދިޔަ އަހަރު އޮތީ 30 މިލިއަން ރުފިޔާ ބަޖެޓުކޮށްފައެވެ. ހަމައެއާއެކު މި މަޝްރޫޢުގެ ޑިޒައިން ތައްޔާރު ކުރުމަށް ކުރި ފުރަތަމަ ސާވޭތައް އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.
ބުރިޖަކުން ހިތަދޫއާއި ހުޅުމީދޫ ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 2018 ވަނަ އަހަރުގެ އިންތިޚާބު ތެރޭ ވެވަޑައިގެންނެވި ވައުދުފުޅެކެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެ މަނިކުފާނު ތާއިދާއެކުގައެވެ.