މި ރޯދަމަހު ވެސް ފެނަކައިން ކަރަންޓާއި ފެން ބިލަށް ޑިސްކައުންޓު ދެނީ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް --

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މިއަހަރުގެ ރޯދަ މަހު ވެސް ފެނަކަ ކަސްޓަމަރުންގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭން ނިންމައިފިއެވެ.

އެގޮތުން އެ ކޯޕަރޭޝަންގެ ކަސްޓަމަރުން ބޭނުންކުރާ ފެނާއި ކަރަންޓަށް ރޯދަ މަހުގެ ނިޔަލަށް ހަތަރު ގޮތަކަށް ޑިސްކައުންޓު ދޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިގޮތުން، މިދިޔަ އަހަރު އެންމެ ހޫނު ގަދަ ކަމަށް ފާހަގަވި، ފެބްރުއަރީއާއި މާރިޗު އަދި އޭޕްރީލް މަސް އުނިކުރުމަށް ފަހު ބާކީ ނުވަ މަހުގެ ކަރަންޓާއި ފެން ބިލަށްވާ އެވަރެޖު މިންވަރަށްވުރެ ރޯދަ މަހުގެ ބިލުތަކުން އިތުރުވާ މިންވަރަށް ޑިސްކައުންޓު ދޭން އެ ކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.

ރޯދަ މަހާއި މިދިޔަ އަހަރުގެ ނުވަ މަހުގެ ބިލުގެ ފަރަގު، ބިލުގެ ދިހަ ޕަސެންޓަށް ވުރެ ކުޑަ ނަމަ، ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށާއި ރޯދަ މަހާއި ކުރީގެ ބިލުތަކުގެ އެވަރެޖު ކުޑަ ވިޔަސް 10 ޕަސެންޓު ޑިސްކައުންޓަށް ލިބޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އެއާއެކު، ފެނާއި ކަރަންޓުގެ ޚިދުމަތް އަލަށް ހޯދާ މީހުންނަށް ވެސް ރޯދަ މަހުގެ ބިލުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދޭނެ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އެހެންވެ، މި ރޯދަ މަސް ނިމިގެން ލިބޭ ފެނާއި ކަރަންޓު ބިލްތަކަށް އަރާނެ މިންވަރު ދުރާލައި އަންދާޒާ ކުރުމަށް ކަސްޓަމަރުންނަށް ފަސޭހަވާނެ ކަމަށާއި ބިލުތައް ބޮޑުވެގެން ނުދާނެކަމުގެ ޔަޤީންކަން ލިބޭނެ ކަމަށް ފެނަކަިއން ގަބޫލުކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސްޓެލްކޯއިން ވެސް ވަނީ ރޯދަމަހުގެ ބިލުން ކަސްޓަމަރުންނަށް ދިހަ ޕަސެންޓުގެ ޑިސްކައުންޓު ދޭން ނިންމާފައެވެ.

comment ކޮމެންޓް