"ﷲ ސުބުހާނަހޫ ވަތައާލާ އެހެން މަޚުލޫގުންނާއި ޚިލާފަށް އިންސާނާއަށް ބުއްދިދެއްވީ ވިސްނާ ފިކުރުކުރުމަށެވެ. ކުޅަދުންވަންތަކަމާއިމެދުގައެވެ. ވަށައިގެން ފެންނަ ކޮންމެ އެއްޗަކާއިމެދުގައެވެ. ކޮންމެ ކަމަކުން އިބުރަތް ލިބިގަތުމަށެވެ. ކޮންމެ ދުވަހަކު ދުނިޔެދޫކޮށްދާ އިންސާނުންނާއިމެދު ވިސްނައިލުމަކީވެސް ތިބާއަށް ފައިދާ ހުރިކަމެކެވެ. ޒުވާން އުމުރުގައި ވަކިވެގެންދާ މީހުން އިންތިހާއަށް ގިނަވެއްޖެއެވެ. އެލިސްޓްގައި ތިބާގެ ނަން އޮތީ ކިހާހިސާބެއްގައި ކަން އެނގެނީއެއްނޫނެވެ. ވީމަ މި ރަމަޟާންމަހުގެ އެންމެ ދުވަހެއްވެސް ބޭކާރުކޮށްނުލާ އަޅުކަމުގައި ހޭދަކުރުމުން ނަސީބުވެރިއަކަށް ވެވިދާނެއެވެ."

***

އާދައިގެ މަތިން އެރަށް ހިމޭންވެފައި އަމާނެވެ. ހިތްފަސޭހަ ގޮނޑުދޮށާއި ހިމޭން ނޫކުލައިގެ ކަނޑުވެސް އެވަގުތު މިރިއަމްގެ ހިތުގައި އުފެދިފައިވާ ހަލަބޮލިކަމުގެ ދިމާއިދިކޮޅެވެ.

މިރިއަމް އަނބުގަހުގެ ހިޔަލުގައިވާ ޖޯއްޔަކަށް ހަށިގަނޑު ދޫކޮށްލައިގެން އޮވެ ދެފައި ހަލުވަމުން ދިޔައެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ މޫދުގެ ރާޅުތަކަށެވެ. އިރުއޮއްސެމުން ދިިޔައީ ރަންކުލައިގެ ވިދުމަކުން ދޮންވެލިގަނޑު ފެންވަރުވައިލަމުންނެވެ. އެރަށް އެހެން ދުވަސްތަކާއި ތަފާތެއް ނެތެވެ. ހޫނު ހިމޭން އަދި ހިތްގައިމު މާހުލެކެވެ. އެކަމަކު އޭނަގެ ބޮލުގައި އެނބުރެމުން ދިޔައީ ނުތަނަވަސްކަމެވެ. ކޮންމެވެސް އުދަގޫތަކެއް ވާތީ މަޑުމަޑުން މޭގައި ފިރުމައިލެވުނެވެ.

ރަމަޟާން މަސް އަންނަނީއެވެ. ރޯދަހިފުމާއި ނަމާދުގެ މޫސުމެވެ. އެންމެން ޖޯޝާއި ރޫހާނީ އުފަލަކާއެކު އެ މަހަށް މަރުހަބާ ކިޔަން ފޯރި ހުއްޓަސް އޭނަ އަދި ތައްޔާރެއް ނޫނެވެ. އެހެން ހިތަށް އަރާފައިވެސް ހިތް ގެނބޭގޮތްވިއެވެ. އޭނަ އިންތިޒާރުކުރަނީ މަޖަލާއި މިނިވަންކަމާއިއެކު އެކުވެރިންނާއެކު އުޅުމަށެވެ. އެމީހުންގެ އަމިއްލަ ޕްލޭންތަކުގައެވެ. ދަތުރު ދިޔުމާއި، އިފްތާރަށްފަހު ހިނގާލަން ދިޔުމެވެ. އަޅުކަމަށްވުރެ ބޮޑަށް ދުނިޔޭގެ އުފާތަކަށެވެ. އޭނަ ޚިޔާލީ ދުނިޔެއިން ހޭލައްވާލީ އުނގުމަތީގައި އޮތް ފޯނުގެ ގުގުމުގެ އަޑަށެވެ. އެއީ އެންމެ ގާތް އެކުވެރިޔާ ލައިލާގެ މެސެޖެކެވެ. އޭނަ އަވަހަށް ފޯނު ހުޅުވާލާފައި މެސެޖް ކިޔައިލިއެވެ.

"ރަމަޟާން އައީމަ އެކްސައިޓްވެފަ؟ އިފްތާރު ރޭތަކާއި ދަންވަރުތަކަށް އިންތިޒާރުގައި ކެތެއްވެސް ނުވޭ..ރޯދަ ހިފަންތަ؟"

މިރިއަމް ހީލާފައި ޓައިޕްކުރަން ފެށިއެވެ.

" ޔަގީނެއްނު...ރޯދަ ހިފާނަން. އެކަމަކު ރޯދަ ނިންމާލާފައި އެންމެން އެކީގައި އުޅޭނެ ވަގުތަކަށް އެންމެ އިންތިޒާރުކުރެވެނީ. މާ މަޖާވާނެެއްނު........" އޭނަ އަނެއްކާވެސް ފޯނު ކުރިން އޮތް ޖާގައިގާ ބާއްވާފައި ޖޯލީގައި ހަމަޖެހިލިއެވެ. ޖަވާބު އައުން ލަސްވާނެކަން އެނގޭތީ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. ރަށްފުށު ނޫންހެއްޔެވެ؟ ނެޓްވެސް ލަސްވާނެއެވެ. ހުރިހާކަމެއްވެސް އުޅޭނީ ފަހަތުގައެވެ. ފޫހިކަމާއެވެ. އޭނަ މިފަދަ ރަށަކަށް އުފަންވީ ކީއްވެހެއްޔެވެ؟

މިރިއަމް އަނެއްކާވެސް ރާޅުތަކުގެ ހަރަކާތްތަކަށް ހިތް ދޫކޮށްލިއެވެ. ރަމަޟާންމަސް ސީރިޔަސްކޮށް ނުނެގުމުން އެކަމާއި ކުށްވެރި އިހުސާސެއް ކުރެވުނެވެ. އެކަމަކުވެސް އެތައް ކަމެއް ދިރިއުޅުގައި ހިނގަމުންދާއިރު އެކަމަށް ސަމާލުކަން ނުދެވިދާނެކަމަށް ސިކުނޑީގެ ކޮންމެވެސް ދިމާލަކުން ބުނެލިއެވެ.

އޭނައަށް ސަތާރަ އަހަރު ފުރެން ދެންއޮތީ އިނގިލިން ގުނައިލެވޭނެހާ މަދު ދުވަސްކޮޅެކެވެ. ދެ ދުވަސް ކުރިން ބާރަވަނަ ގްރޭޑްގައި އުޅޭ ފިރިހެންކުއްޖެއްގެ ފަރާތުން އޭނައަށް ލޯބީގެ ފުރަތަމަ ސިޓީ ލިބުނެވެ. އެއީ އޭނަ އެއްގޮތަކަށްވެސް ގަޔާވާޒާތުގެ ކުއްޖެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ ފެނުނަސް ފޫހިން ހަލާކުވާވަރުވެއެވެ. އެސިޓީއާއިމެދު ކަންތައްކުރާނެގޮތް ވިސްނާލާފައި ނިންމީ އެންމެންގެ ތެރޭގައި ބޭޒާރުކޮށްލުމަށެވެ.

ތުންފަތަށް ވެރިވި ނުސިޔާނު ހިނިތުންވުން ފަނޑުވީ މަންމަގެ ގޮވުމުގެ އަޑަށެވެ. ރޭގަނޑުގެ ކެއުމަށެވެ. ކަންނެތްކަމާއިއެކު ތެދުވެ ދެފައި ދަމަމުން ހިނގައިގަތީ ދޮންވެލިގަނޑުގައި ފައިވާނުގެ ނިޝާންތައް ދޫކުރަމުންނެވެ. އޭނަ ސްކާޓުން ހިރަފުސް ފޮޅައިލިއެވެ. ގޭގެ މެދުގޯތީގައި ހިނގަން ހަދާފައިވާ މަގުގެ ދެފަރާތުގައި އެކިސައިޒްގެ ގާތައް އަތުރާފައިވިއެވެ. ގޭގެ ފާރުގައި ހުދުކުލަވީއިރު އެންމެ މަޑުކުލައިގެ ނުލުގެ އަސަރު ފެންނައިރު ހީވަނީ އުދަރެހުން ތަންކޮޅެއް ނެއްޓި ފާރުގައި ހޭކިފައިވާ ހެންނެވެ. ގޭގެ ފާރުގައި ކޭއްތެމުންދާ ބޯގަންވިލާގަސްތައް ބަރާވެފައިވަނީ ދަނބު އަދި ފިޔާތޮށިކުލައިގެ މާތަކުންނެވެ. ދޮންވެލިގަނޑު މައްޗަށް މާތައް ވިހުރިފައިވުމުން މަންޒަރު އިތުރަށް ފުރިހަމައެވެ.

ގޭގެ މައިދޮރު ކުޑަކޮށް ހުޅުވިފައިވީއިރު ދޮރުގެ ތަޅުގެ އޮމާންކަން ކެނޑިފައިވަނީ އެތައް ޒަމާނެއްވާންދެން ބޭނުންކުރުމުގެ ސަބަބުންނެވެ. ގޭގެ ލިވިން ރޫމްގެ ތަޅުންމަތި ފޮރުވާފައިވީ އަތުން ވިޔެފައިވާ ކުނަލުންނެވެ. އެއްފަރާތުގައި ބަހައްޓާފައިވީ ދުވަސްވީ ވަކަރު މޭޒުގެ އަރިމަތިން ކޮންމެވެސް ވަރަަކަށް ނެއްޓިފައެވެ. ފާރުތައް ޒީނަތްތެރިވެފައިވީ ފްރޭމްކޮށްފައިވާ ކެލިގްރާފީގެ އާޔަތްތަކުންނެވެ. ފަހަތުގައިވީ މަޑުކުލަތަކަށް އެ އާޔަތްތަކުގެ ކުލަތައް ގަދަކޮށްލާފައިވިއެވެ. ގޭތެރެއަށް ވަނުމާއިއެކު ވައިގެ ފިނިކަން އިހުސާސްވިއެވެ. ނޭފަތުގައި ޖެހުނީ ކޮށާފައިވާ ރާނބާ ފަތުގެ މީރުވަހެވެ.

"މަންމަ އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި...ފޫހިވެސް ނުވަނީތަ؟ "މިރިއަމް އަމިއްލަ ނަފުސަށް ބުނެލިއެވެ.

ބަދިގޭގައި ރަސްކަން ކުރާ ފަނޑު ރީދޫކުލައިގެ އަލި ކޮންމެވެސް ވަރަކަށް ތުރުތުރުލަމުން ދިޔައެވެ. އެކަމުގެ ސަބަބުން ގަލުން ހަދާފައިވާ ކައުންޓަރަށް އެޅިފައިވާ ދިގު ހިޔަނިތައްވެސް ހަރަކާތްކުރާފަދައެވެ. އުނދުންމަތީގައި ހުރި މަސްރިހަ ތެލި ކެކެމުން ތަނަށް މީރުވަހެއް ފަތުރަމުން ދިޔައެވެ. އެކަމަކު ތަންކޮޅެއް ފެންގިނައެވެ. ހުޅުވިފައި ހުރި ކުޑަ ދޮރުން އައި ވައިރޯޅި ދޮރުފަތުގައި ދަމާފައިވާ ލޭސް ފަރުދާތަކާއި ކުޅެލިއެވެ. އަދި އަވަށްޓެރިން މަޑުމަޑުން ދައްކާ ވާހަކަވެސް ގޭތެރެއަށް އިއްވައިލިއެވެ. ކިޔާ އެއްޗެއް އޮޅުން ނުފިލިޔަސް އަޑުތައް ކަންފަތުގައި ޖެހުނެވެ.

މިރިއަމް މޭޒުދޮށުގައި ހުރި ގޮނޑިއެއް ދަމާލައިގެން އިށީނެވެ. މޭޒުގެ ވަކަރުގައި އަތުގެ އިނގިލިތަކުން އެއް ރާގަކަށް ތަޅަމުން ދިޔައިރު ބޭރުން އިވެމުންދާ ކަނޑުގެ ރާޅުތަކާއި މެޗްވެއެވެ. ރަށްފުށުގައި ރޯދަމަސް އަބަދުވެސް އިހުސާސްވަނީ ތަފާތުގޮތަކަށެވެ. މަޣުރިބުގެ ކުރިން އެއޮންނަ ފޯރި އަދި ބަންގީގެ އަޑު ވައިގާ ހިފުމާއެކު އުފާވެރި ބޮމެއް ގޮވުން ފަދައެވެ. ރަމަޟާންމަހު ހަނދު ބަލަން އެންމެ ދެދުވަހަށް ވީއެވެ.

އެކަމަކު މިރިއަމް ގެ ތަބީއަތުވީ ގޯސްވެފައެވެ.

މިރިއަމް އޭނަގެ ފޯނުގެ ސްކްރީނުން މޫނަށް ބަލައިލިއެވެ. މަޑު މުށިކުލައެއްގެ ހަންގަނޑު އޮމާންކަމުން ވިދައެވެ. އަވީގައި ގިނައިރު އުޅުމުގެ ސަބަބުން މުށިކުލައަރާފައި އޮތް އިސްތަށިގަނޑު އޮތީ ވިހުރުވިފައެވެ. ތުނި ތުންފަތެކެވެ. އޭނަގެ މަރުހޫމް ބައްޕައާއި ވައްތަރު ހަމައެކަނި ސިފައަކީ ކޯތާފަތުގައިވާ ކަޅުތިލައެވެ. އެކްސިޑެންޓެއްގައި ބައްޕަވަނީ ދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. އެ ޚިޔާލު އައުމުން ހިތަށް ތޫނު ތަދެއްގެ އިހުސާސް ކުރެވުނެވެ. އޭނަ މަންމައާއި އެހާ ވައްތަރުނުވިނަމައެވެ. ބައްޕަގެ ސިފަތައް ލިބުނުނަމައެވެ. އޭނަގެ ތެދުވެރި މައުސޫމް ބައްޕަ.....

އޭނަގެ ލޮލުން ކަރުނަތިއްކެއް ނީރައިލިއެވެ.

މިރިއަމްގެ މަންމަ ޖަމީލާ ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. މަންމަ އަޅައިގެން ހުރި ހިޖާބު ވިހުރުވޭ އަޑު ސޫޕް ތެލި ކެކެމުންދާ އަޑުގެ ތެރެއިން ކިރިޔާ އިވޭކަމެވެ. ފިޔާގަނޑު ތެލުލާ ވަސް އެކުޑަ ބަދިގޭގެ ފާރުތަކާއި ވައިގާ ހޫނުކަމާއި ބޯކޮށް ހިފާފައިވިއެވެ. ކުޑަދޮރު ހުޅުވާފައިވުމުން މަންމަގެ ކެއްކުމުގެ ހަވާދު މީރުވަހާއި ކަނޑުގެ ސެންޓްވެސް އެކުވިއެވެ.

"މިރިއަމް. މޭޒު ތައްޔާރުކޮށްބަލަ..." ޖަމީލާ ގޮވައިލިއެވެ.

މިރިއަމް ގުޑާވެސް ނުލާ އިނެވެ. ނިޔަފަތިތަކުން މޭޒުމަތީގައި އެކި ޕެޓާންތަކަށް ނުފެންނަ ސޫރަތަކެއް ކުރެހުމުގައި ގެއްލިފައެވެ. އޭނަ ވިސްނައިލިއެވެ. އޭނަ ޖެހެނީ ބަދިގޭގައި މަސައްކަތް ކުރަން ހެއްޔެވެ؟ ނޫނެކެވެ. އޭނަގެ ވާޖިބަކީ ފިލާވަޅު ދަސްކުރުމެވެ. ނޫނީ ހަމަ އޮށޯވެލައިގެން އަރާމުކޮށްލުމެވެ. މިއިން ޒަމާނެއްގައި އަރާމުކޮށް ނިދައިލެވުނުކަމެއްވެސް ނޭގެއެވެ. ޔަގީނުންވެސް ހަމަ ނިދި ނުލިބި އަހަރެއްހާ ދުވަސްވެދާނެއެވެ.

"މިރިއަމް....."

އޭނަ ބާރު ނޭވާއެއް ދޫކޮށްލާފައި ތެދުވެ ކެބިނެޓާއި ދިމާލަށް ހިނގައިގަތީ ބިންމަތީ ދެފައި ކާއްތަމުންނެވެ. ތަށިތައް އެކަތި އަނެކައްޗާއި މައްލަވަ ކޮށްލީ އޭނަ ދަމައިގަތްގޮތުންނެވެ. ގަސްތުގައި އޭނަ ގެ ކޮންމެ ހަރަކާތެއްގެ އަޑުގަދަކޮށްލިއެވެ. ހިމޭން އިހުތިޖާޖެކެވެ. މަންމަ އެއްޗެކޭ ނުބުންޏަސް އެހިމޭންކަމުގައި ވި ނުރުހުން އޭނައަށް ނަގައިގަނެވުނެވެ.

"އަބަދުވެސް އެހީވާން މިޖެހެނީ ކީއްވެ؟"މިރިއަމް ތުންތަޅުވައިލިއެވެ.

މަންމަ އެއްޗެކޭ ނުބުނެ ހުރެ ދޭފަތުން ސޫޕް ހަލުވަމުން ދިޔައެވެ. އެހެން ދުވަހާއި ޚިލާފަށް އަތުގެ ހަރަކާތް ތަންކޮޅެއް ލަހެވެ. އޭނަ މަންމައަށް ބަލައިލީ ބުމަ ހިއްލަމުންނެވެ. އާއްމުކޮށް ބަދިގޭގައި އުޅޭއިރު މަންމަގެ އަތްމަތި އަވަސްވެފައި މަސައްކަތް ނިންމާލަން ގިނައިރެއް ނުނަގާނެއެވެ. އެކަމަކު މިފަހަކަށް އައިސް ލަސްވުމާއި ހަނދާންނެތުމުގެ އަލާމާތްތައް ފެނެއެވެ. ލޮނު އެޅުނުކަން ޔަގީންނުވެފައެވެ. ރަގަޅަށް ނުކެއްކެނީސް އުދުން ނިވައިލަފާނެއެވެ.

"މަންމަ އެހެރީ ކިއުކަންބާ ކޮށަން ހަނދާންނެތިފަ..." މަރިޔަމް ކަޓިން ބޯޑަށް އިޝާރާތްކޮށްލިއެވެ.

ޖަމީލާ އެއަށް ބަލައިލީ ފުރަތަމަފަހަރަށް ކިއުކަމްބާއެއް ފެނުމުން ބަލައިލާފަދަ ތަފާތު ނަޒަރަކުންނެވެ."އޯ...." ޖަމީލާ ވަޅި ނެގިއިރު ކުޑަކޮށް އަތުން ދޫޫވާގޮތް ވިޔަސް ދެވަނަ ސިކުންތުކޮޅުގައި ރަގަޅަށް ހިފެހެއްޓިއެވެ. އެމަންޒަރުން މިރިއަމްގެ ހިތަށް ނުތަނަސްވަކަން ވެރިޔަސް އޭނަ އެޚިޔާލުތައް އެއްފަރާތްކޮށްލިއެެވެ.

***

މަޣުރިބު ބަންގީގެެ ހިތްގައިމު އަޑު ވައިގާ ހިފައިލިއެވެ. ފުޓް ބޯޅަ މެޗްތައް ނިމިގެން ގެއަށް އަންނަ މީހުންގެ ފިޔަވަޅުތައް ޖެހޭ އަޑާއި މިސްކިތުގެ ބޭރުގައި ތިބި މީހުން ވާހަކަދައްކާއަޑުވެސް އޭނަގެ ކަންފަތުގައި ޖެހުނެވެ.އޭނަގެ މަންމަ އޭރު މަންމަގެ ސައިތަށި ތައްުޔާރުކޮށްލަނީއެވެ. އެ މީރު ލުއިވަސް އޭނަގެ ރޫހަށް ދިރުމެއް ގެނެސްދިނެވެ. މަލެއްގެ ވަހާއެކު އާފަލު އަދި މާމުއިގެ އަސަރެއްވެސް އެކުލެވެއެވެ. މަންމަ އަބަދުވެސް ސައި ތައްޔާރުކޮށްލަނީ އެގޮތަށް ހިއްކާފައި ހުންނަ ފަތްތައް ހޫނުފެނަށް އަޅައިގެންނެވެ. އެއީ ދިގު ހަވީރުތައް ހަނދާންކުރުވާ ވަހެކެވެ. މަންމަގެ ހީވާގި ދެއަތްވެސް މެއެވެ. ރަގަޅަށް ތައްޔާރުކޮށްފައިވާ ސައިތަށްޓަކުން ލިބޭ އަރާމު ބަޔާންކޮށެއް ނުދެވޭނެއެވެ. ބަސްނުމޮށޭ އަދި ތަފާތު އިހުސާސެއްކުރުވާ އެއްޗެކެވެ. ކެމޮމިލްގެ ވަހެވެ.

މިރިއަމް ތަށި ފުރެންދެން އަޅައިގެން އިނަސް އޭނަ ކާކަށް ނޫޅެއެވެ. ޖަމީލާ ދުޢާއަށް އަތް އުފުލާލައިގެން އިންއިރު ކޮންމެވެސް އެއްޗެއް މަޑުމަޑުން ކިޔަމުން ދިޔައެވެ. އޭނަ މަންމައަށް ބަލަހައްޓައިގެން އިރުކޮޅެއްވާންދެން އިނެވެ. މަންމަ ދުވަހަކުވެސް ނަމާދެއް ވައްޓައިލިކަމެއް އެނގިފައެއްނެތެވެ. ބިސްމިﷲއިން ނުފަށާ އަނަގަޔަށް ސުވަލެއް ލިތަނެއްވެސް ނުދެކެއެވެ.

"މަންމާ...؟" ކުއްލިއަކަށް އޭނަ ގޮވައިލިއެވެ.

ޖަމީލާ އަތް ތިރިކޮށްލަމުން ދަރިފުޅަށް ބަލައިލިއެވެ."ހޫމްމމް؟"

"މަންމަ ތިހާވަރަށް އަޅުކަން ކުރަނީ ކީއްވެތަ؟ މިބުނީ.....މަންމަ ދެން ތިކަން ކޮށްކޮށް ވަރުބައްޔެއްވެސް ނުވޭތަ؟"

ޖަމީލާ ހިނިތުންވެލިއެވެ. ލަސް އަދި މާނަވީ ހިނިތުންވުމެކެވެ."ހެއްދެވި ފަރާތާއި އޮތް ގުޅުން ވަރުގަދަވާކަމެއް ކުރަން ވަރުބަލިވާންވީ ކީއްވެތަ؟"

މިރިއަމް ދުރަށް ބަލަން ފެށީ އެއަށް ދޭން ޖަވާބެއް ނެތީމައެވެ.

***

ދަންވަރުގެ ހިމޭން ވަގުތެވެ. މިރިއަމް އޮތީ އެނދުގައި ބުދެއްހެން ހަރަކާތެއް ނެތިފައެވެ. ސީލިންއަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު ލޮލުގައި ނިދީގެ އަސަރެއްނެތެވެ. މަތީގައި ހުރި ފަންކާ ކަންނެތްގޮތަށް އެނބުރެމުން ދިޔައީ އޭގެ ވާޖިބު އަދާކުރަމުންނެވެ. ހިޔަނިތައް ފާރުގައި ލަސްކަމާއެކު ހަރަކާތްތެރިވަމުން ދިިޔައެވެ. އޭނައަށް މަންމަ މަޑުމަޑުން ގުރުއާން ކިޔަވާ އަޑު އިވުނެވެ. އެގޭގެ ފާރުތައް ތުނިކަމުންނެވެ. އެއީ އޭނަ ހޭނި ފަރިތަވެފައިވާ އަޑެކެވެ. އޭނަ ބޮޑުވެ އުމުރުން މިހިސާބަށް އައީވެސް އެއަޑުތަކުގެ ތެރެއަށެވެ. އެކަމަކު މިރޭ އެ އަޑު އިވުމުންވެސް ތަފާތު އިހުސާސެއް ކުރެވުނެވެ.

***

ފަޒާގައި ހަރުލާގައިވީ ކެމޮމައިލްގެ ވަހެވެ.

މިރިއަމް އެތަނުގައި ހުރި މޭޒުދޮށުގައި އިށީދެލައިގެން އިންއިރު އަރުގެ އިނގިލިތަކުން މޭޒުގެ ވަކަރުގައި އެއް ރާގަކަށް ތަޅަމުން ދިޔައިރު ބޭރުން އިވެމުންދާ ކަނޑުގެ ރާޅުތަކާއި މެޗްވެއެވެ.

"މިރިއަމް މޭޒު ތައްުޔާރުކޮށްބަލަ..."

މިރިއަމް އިސްއުފުލާބަލައިލިއެވެ.މަންމަ އެއްޗެކޭ ނުބުނެ ހުރެ ދޭފަތުން ސޫޕް ހަލުވަމުން ދިޔައެވެ. ކުޑަދޮރުން ވަންނަ އަލި މަންމަގެ ހިޖާބަށް އެޅި ވިދައެވެ.

ކޮންމެވެސް ގޯހެއް އުޅޭހެން އޭނައަށް ހީވިއެވެ. މޭޒުމަތީގައި ތަށިތައް އަތުރާފައިވިއެވެ. އޭނަގެ ބަނޑުތެރެއަށް މީހަކު ފިތައިލިފަދައެވެ. އޭނަ މޭޒު ތައްޔާރުކުރީހެއްޔެވެ؟ އޭނަ މަންމައާއި ދިމާލަށް އެނބުރުނެވެ. މަންމަ ކިއުކަމްބާ ކޮށަނީއެވެ. އަތުގެ ހަރަކާތްތައް ލަހެވެ. މިރިއަމް ހައިރާންވިއެވެ. މިއީ ކުރިންވެސް ހިނގާފައިވާ ކަމެއް ނޫންހެއްޔެވެ؟ ދެވަނަ ފަހަރަށް އެ މަންޒަރު ތަކުރާރުވާންވީ ކީއްވެހެއްޔެވެ؟ އެއާއެކު ކޮޓަރި ކޮންމެވެސް ވަރަކަށް އެނބުރެން ފެށިހެން ހީވިއެވެ. ބޯޓެއް މަޑު ރާޅުތަކެއްގެ ތެރޭގައި ހަރަކާތްތެރިވާފަދައިންނެވެ. އޭނަ ހަށިގަނޑު ސަމާލުކުރަން ގޮނޑީގެ އަތްގަނޑުގައި ހިފެހެއްޓިއެވެ.

އެހެން ދިމާލަކުން ތަފާތު އަޑަކުން ގޮވައިލިއެވެ."މިރިއަމް؟"

އޭނަ ކުއްލިއަކަށް އެނބުރި ބަލައިލިއިރު ބަދިގެ ފެންނާކަށް ނެތެވެ. ކެމޮމައިލްގެ ވަހެއްވެސް ނެތެވެ. އޭނައަށް އިންތިހާއަށް ފިނިވެ ކަރުތެރެ ހިކުނެވެ. ކުޅުދިރުވައިލަން މަސައްކަތްކުރިއެވެ. އަވަސްއަވަހަށް އެސްފިޔަތައް ޖަހައިލިއެވެ.

އެއާއެކު ކުއްލިއަކަށް އޭނައަށް އެ ފެނުނު މަންޒަރުގެ ތެރެއިން ނުކުމެވިއްޖެއެވެ. އޮވެވުނީ އަމިއްލަ ކޮޓަރީގައެވެ. އޭނައޮތީ ސީލިންއަށް ބަލަހައްޓައިގެންނެވެ. ކަންފަތުގައި ޖެހުނީ ފަރިތަ ގާތް އަޑެކެވެ. މަންމަ މަޑުމަޑުން ގުރުއާން ކިޔަވާ އަޑެވެ. އެއާއެކު އަޒާންގެ ރީތި އަޑުން އެންމެން ކާމިޔާބަށް އަވަސްވެގަންނަން ދައުވަތު ދިނެވެ. ނަސީބުވެރިން ޔަގީނުންވެސް އަވަސްވެގަންނާނެއެވެ.

މިރިއަމްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނައަށް ހުވަފެނެއް ފެނުނީއެވެ. ނޫނީ ލޯމައްޗަށް އެ މަންޒަރު ސިފަވީއެވެ. މިހާރު ހަގީގަތުން ނިކުމެވިއްޖެއެވެ. އޭނަ މިއޮތީ އަމިއްލަ ކޮޓަރީގައެވެ. ނިދަން އެނދަށް އެރިގޮތަށެވެ.

"މިރިއަމް ފަތިސް ނަމާދަށް ތެދުވޭ........." މަންމަ ގޮވައިލިއެވެ. އޭނަ ތެދުވާން އުޅެނިކޮށް ފޯނުގެ ސްކްރީން ދިއްލުނެވެ. އެއީ ލައިލާގެ މެސެޖެކެވެ. އޭނަގެ ލޯ ބޮޑުވެ މޫނަށް ރަތްކުލަ ވެރިވީ އެ މެސެޖް ކިޔަން ފަށާފައެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު