މޫސުން ގޯސްވުމުގެ ސަބަބުން މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

މޫސުން ގޯސްވެ މާލޭގައި ފެންބޮޑުވެފައި --

މޫސުން ގޯސްވުމުގެ ސަބަބުން މިއަދަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

އެމަނިކުފާނު މިހެން ހަމަޖައްސަވާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ހަމަޖެއްސެވީ މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށްގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އިއްޔެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެހެންކަމުން މަގުތަކުން ފެން ހިންދުމަށް ސިފައިން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ބޯކޮށް ވާރޭވެހި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކަމާބެހޭ މުއައްސަސާތައް ގުޅިގެން ފެންހިންދުމުގެ މަސައްކަތާއި ވެލި ބަސްތާތައް ޖެހުމުގެ މަަަސައްކަތް ކުރަމުން ދާކަމަށެވެ.

"ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން،" ހީނާ ލިޔުއްވާފައި ވެއެވެ.

ކުރިއަށް އޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ލަފާކޮށްފައެވެ.

މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ ހޯމަ ދުވަހަށެވެ.

comment ކޮމެންޓް