"އާނ…" އެހެން ބުނެލާފައި ޒަމީރު ބުނާނެ އެއްޗަކަށް ޒައުލް މަޑުކޮށްލިއެވެ. އެއާއެކު ޒަމީރު ދެން ބުނެލި ވާހަކައާއެކު ޒައުލްގެ މޫނުމައްޗަށްވެސް ހައިރާންކަމެއް ވެރިވެގެން ދިޔައެވެ.
"ރާއްޖެ ދާކަށް އަހަރެން ބޭނުމެއް ނޫން." ތަށި މޭޒުމަތީގައި ބަހައްޓަމުން ޒައުލް އެއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ.
ޒަމީރު ޒައުލްގެ ގާތުން އެދުނީ ރާއްޖެ ދިޔުމަށެވެ. އެހެންނަމަވެސް ޒައުލް އެކަމާ ދެކޮޅު ހެދީ ޔަޤީންކަމާއެކުގައެވެ.
"ބައްޕައަށް އެނގޭ މި އެދެވެނީ ވަރަށް ބޮޑުކަމަކުކަން. އެކަމަކު މިހާރު ބައްޕަ ބޭނުންވަނީ ދަރިފުޅު ބައްޕަ ކައިރީގައި ހުންނަން. ބައްޕައަށް މިއަދު ޒައުލްގެ އެހީތެރިކަން ބޭނުން." ޒަމީރުގެ އަޑުގައި ކޮންމެ ވެސް ވަރެއްގެ މަޑުމޮޅިކަމެއްގެ އަސަރުވެއެވެ. އަދި ބަލިކަމެއްގެ އަސަރުވެސް ވެއެވެ. ޒައުލް އަންނަން އެއްބަސް ނުވެދާނެތީ ކޮންމެވެސް ވަރަކަށް ނާއުންމީދުގެ އަސަރުތައްވެސް އޭނާގެ އަޑުން ހާމަވަމުން ދިޔައެވެ. އެކަމުން އޭނާ ޒައުލްއަށް އެ ގުޅީ ވަރަށް އުންމީދާއެކުކަންވެސް ދޭހަވެގެން ދެއެވެ.
"ޒައުލް! ކޮންމެވެސް އެއްޗެއް ބުނެބަލަ." ޒައުލް ވާހަކަ ނުދައްކާ ގިނައިރު ވާން ފެށުމުން ޒަމީރު އަނެއްކާވެސް ގޮވައިލިއެވެ. ޒައުލްގެ ޖަވާބަކަށް ކެތްމަދު ވެފައިވާވަރު އެ އަޑުން އެކަނިވެސް ހާމަވަމުން ދިޔައެވެ.
"އަހަރެން... އަހަރެން ވިސްނަައިލަން ވަގުތު ކޮޅެއް ބޭނުން." ބައްޕަގެ އަޑުގައިވި އަސަރުތަކުން ނުދާނަމޭ ބުނަން ނުކެރުމުން ޒައުލް ބުނެލިއެވެ. އެ އަޑުން އޭނާއަށް އަސަރުތަކެއް ކުރީއެވެ.
"އަވަހަށް ޖަވާބެއް ދޭނެކަމަށް ބައްޕަ އުންމީދުކުރަން." ޒަމީރު ބުނެލިއެވެ.
"އިހަށް ބޭއްވީ. ކުޑަކަމެއް ޖެހިއްޖެ." އެހެން ބުނެލާފައި ފޯނު ބޭއްވި ޒައުލް، ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ.
"ޒައުލް! ކީކޭ ބައްޕަ ބުނީ؟" ޒައުލްގެ މޫނުމަތީގައިވި އަސަރުތަކުން ޒައުލްގެ ބައްޕަ ބުނި އެއްޗެއް އެނގެން ބޭނުންވެގެން އަރީޝް ސުވާލުކޮށްލިއެވެ.
"ބައްޕަ އެދުނީ އަހަރެން ރާއްޖެ ދިޔުމަށް. އެކަމަކު…..އެ އެގޮތް އަހަރެން ބޭނުމެއް ނޫން." ޒައުލް ބުނެލިއެވެ.
އަހަރެން ވާހަކައެއް ބުނެފިއްޔާ ޒައުލް ޤަބޫލުކުރާނަންތަ؟" ޒައުލްގެ ހިޔާލު ހުރި ގޮތް އެނގުނު ނަމަވެސް، އަރީޝް އޭނާގެ ހިޔާލެއް ފާޅުކޮށްލަން ނިންމިއެވެ.
"ބުނެބަލަ! " ތަށިން އެތި ފޮދެއް ބޮައިލުމާއެކު، ޒައުލް އެދުނެވެ. "އަނެއްކާ އަރީޝްއަށް ވެސް ބައްޕަގެ ޚިޔާލު ކަމުދިޔައީތަ؟"
"އާނ. އަހަންނަށް ފެންނަނީ ޒައުލް މި މާޙައުލު ބަދަލުކޮށްލަން." އަރީޝް ބުނެލިއެވެ. "ބައެއް ފަހަރު ދިރިއުޅޭ ތަން ބަދަލުކޮށްލުމުންވެސް ސިކުނޑީގައިވާ ނުތަންވަސްކަމާއި ހާސްކަން ދުރުވޭ."
"އަރީޝްއަށް ހީވަނީތަ އަހަރެން ރާއްޖެ ދިޔައިމަ ސާރާ މަތީން ހަނދާންނައްތާލަން ފަސޭހަ ވާނެޔޭ!" ޒައުލް ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. "ކޮންމެ ތާކު ހުއްޓަސް އަހަންނަށް ސާރާ މަތީން ހަނދާނެއް ނައްތައެއް ނުލެވޭނެ."
"އުހުމް. އަހަންނަށް އެނގޭ ޒައުލްއަށް ސާރާ މަތިން ހަނދާން ނައްތާލުމަކީ ވާނެކަމެއް ނޫންކަން. އެކަމަކު މިހެން މިބުނަނީ ހަމަ ޒައުލްއަށް ރަނގަޅަކަށް. މިތަނުގައި ހުރެގެން ރަނގަޅަކަށް އެއްކަމެއް ވެސް ވޭތަ އެބަ؟ އެކަކަށްވެސް ނޭނގި އުޅުނު ވަޒީފާ ދޫކޮށްލައިފި. ރޭގަނޑު ހަތަރުދަމު ތިއުޅެނީ ބޭރުގަ. މަޑުމަޑުން އަމިއްލަ ނަފްސުގެ ކޮންޓްރޯލްވެސް ތިދަނީ ޒައުލްގެ އަތުން ދޫވަމުން." އަރީޝް ވާހަކަ ދެއްކިއެވެ.
"ސާރާ ނިޔާވިތާ ތިން މަސް ފާއިތުވެގެން ހިނގައްޖެ. ޒައުލް މުޅިން ބަދަލުވެއްޖެ. ސާރާ ނިޔާވިއެއްކަމަކު، އަންހެން ކުދިންނާއެކު ނަހަމަ ގުޅުންތައް ހިންގާކަށް ނުޖެހެއެއްނު." އަރީޝް ބުނެލިއެވެ. އަރީޝްއަކީ ވެސް މާ ދީންވެރި ޒުވާނެއް ނޫނެވެ. އެހެންނަމަވެސް، އެފަދަ ކަންތައްތަކަކީ އޭނާ ވެސް މާ ގަޔާވާ ކަންތައް ތަކެއް ނޫނެވެ. ނަމާދު ނުކުރިއެއްކަމަކު، ކަލަކު ވޮޑިގެންވާކަން އޭނާ ޤަބޫލުކުރެއެވެ. ޙަރާމް ކަމެއްކަން އެނގި ހުރެ އެތަކެއް ކަމެއް ކުރެއެވެ. އީމާންތެރިކަން ބަލިކަށިކަމުން، އެ ފަދަ ކަންތައްތަކާ މެދު މާ ބޮޑަކަށް ވިސްނުމުގެ ޚިޔާލެއް އޭނާ ނުކުރެއެވެ. ފަހުން ތައުބާވާ ވިސްނުމުގައި ފާފަތައް ކުރެވެނީއެވެ. ޒުވާންކަމުން، އަދި ވަގުތު އެބައޮތޭ ހީކުރެވެނީއެވެ. އަރީޝްއަށް ނުވިސްނުނު ކަމަކީ މަރު ތިމާގެ ހިޔަންޏަށް ވުރެ ވެސް ގާތްކަމެވެ. ތައުބާވާން ލަސްކޮށްކޮށް ހުއްޓާ ވަގުތު ފާއިތުވެދާނެކަމެވެ. ވަގުތަކީ އެއްވެސް މީހަކަށްޓަކައި ހުއްޓޭނެ އެއްޗެއް ނޫނެވެ. ވަގުތުގެ މިލްކުވެރި ފަރާތުންވަނީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަންގަވާފައެވެ. ނަމަވެސް ހިތާމައަކީ ޣާފިލްވެފައިވާ ސިކުނޑިތައް އެ ވިސްނުންތަކުން އެއްކިބައިވެފައިވާކަމެވެ. މަރުވާނެ ވަގުތު ނޭނގުނު ނަމަވެސް، އަދި ވަގުތު އޮތޭ ހީކުރާކަމެވެ.
"އެހުރިހާ ކަމަކާ ތި ކުރިމަތި ލަނީ އަދި ރަނގަޅަކަށް ނޫން. " އަރީޝް ބުނެލިއެވެ. "އަހަންނަށް ހީވަނީ ޒައުލް ދިޔުންހެން ރަނގަޅުވާނީ. ދެން ވިސްނާލާފަ ގޮތެއް ނިންމާނީ ޒައުލް."
އެކުވެރިޔާގެ ވާހަކަތަކާއި މެދު ޒައުލްއަށްވެސް ފުންކޮށް ވިސްނައިލެވުނެވެ. އަރީޝް އެ ބުނީ ރަނގަޅު ވާހަކައެއްކަން އޭނާއަށް އެނގުނެވެ. ސާރާގެ ވަކިވުމަށްފަހު އޭނާއަށް އެ އުޅެވެނީ އަދި އެންމެ ރަނގަޅަކަށް ނޫނެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ސިކުނޑީގެ ހާސްކަމަށް ލުޔެއް ހޯދާނީ ކިހިނަކުން ހެއްޔެވެ؟ ކެނެޑާގައި އުޅޭ އެކުވެރިންގެ ބަހަށް ހެއްލި ޒައުލްއަށް މިހާރު ވަނީ އެ ހުރިހާކަމަކަށް އާދަވެފައެވެ.
އަރީޝް ޒައުލްގެ ކޮނޑުގައި ޖަހައިލީ ހުރިހާކަމެއް ވެސް ރަނގަޅުވާނެޔޭ ބުނުމުގެ ގޮތުންނެވެ. ޒައުލްވެސް އެކުވެރިޔާއަށް ޝުކުރުވެރި ނަޒަރެއް ދިނީ އޭނާއާއެކު އެކުވެރިޔާ ކޮންމެ ވަގުތަކުވެސް ހުންނާނެކަން އެނގޭތީއެވެ.
އަރީޝްއާއި ޒައުލްއާ ދެމީހުން އެންމެ ފުރަތަމަ ދިމާވީ މީގެ ދެ އަހަރު ކުރިން ކެނެޑާއިންނެވެ. އެއީ ޒައުލް އޭނާގެ އަންހެނުން ސާރާއާއިއެކު ކެނެޑާއަށް ދިރިއުޅުން ބަދަލުކުރި ދުވަސްވަރުގައެވެ. އެ މީހުން އޭރު އުޅުނު އަވަށުން އަރީޝްއާ ދިމާވެ ރަޙްމަތްތެރިވެވުނީ އެ ހިސާބުގައި އުޅޭ ހަމައެކަނި ދިވެއްސަކީ އަރީޝްއަށް ވުމާވެސް އެކުގައެވެ.
*****
ސިޓިން ރޫމުގައި ހުރި ސޯފާގައި އިށީނދެގެން އިން ޒަމީރު ފޯނުން ނަޒަރު ވަކިކޮށްލަމުން މަރުފަދަ ހިމޭންކަމެއް ވެރިވެފައިވާ ގޭތެރެެއަށް ބަލައިލިއެވެ. ދިރޭ ފުރާނައެއްގެ ހިލަމެއް ވެސް ނުވާ އެގޭތެރޭގައި ވަނީ ފަޅުކަމެވެ. އެއީ ހުޅުމާލޭގެ ބާރަ ބުރިއަށް ނަގާފައިވާ އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާގައި ހުރި ފެންޓް ހައުސްއެކެވެ. އަގު ބޮޑެތި ފަރުނީޗަރުތަކާއި އެކު، ޝާހީ ގޮތަކަށް ފަރުމާކޮށްފައިވާ އެ ޕެންޓްހައުސް ކިތަންމެ ހާވެސް ފުރިހަމައެވެ. ގޭތެރޭގެ އިންޓީރިއާގެ ހިތްގައިމުކަން ބަލައިލި ކޮންމެ ދިމާލަކުން ފެންނަމުން ދިޔައެވެ. ބޭރު ފެންނާނޭހެން ބިއްލޫރި ޖަހާފައި ހުރުމުން ބޭރުގެ އުސް އިމާރާތްތައް ސިޓިން ރޫމުގައި ތިބޭއިރު، ރީއްޗަށް ފެނެއެވެ. އިމާރާތް ހުރި ހިސާބުގެ ގޮތުން، ގޮނޑުދޮށް ވެސް ހަމަ އެހާމެ ރީއްޗަށް ފެނެއެވެ.
އެހެންނަމަވެސް އެ ހިތްގައިމުކަމަކުން ޒަމީރަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ކިތަންމެ ހިތްގައިމު ނަމަވެސް، ގޭތެރޭގެ ފަޅުކަމުން އޭނާއަށް ދެނީ ނުތަނަވަސްކަމެކެވެ. އެކަނިވެރިކަމެވެ.
ވިސްނުމަކަށް ގެއްލިފައި އިން، ޒަމީރަށް ސިހުން ލިބުނީ ފޯނު ރިންގު ވުމާއި އެކުގައެވެ. ގުޅީ އޮފީހުންނެވެ. ފޯނު ނަގަމުން ކަންފަތުގައި ޖައްސައިލުމާއެކު އެކޮޅުން ބުނެލި ވާހަކައަކުން ޒަމީރަށް ނުތަނަވަސްކަމެއް ލިބިގެން ދިޔަކަން ރަމްޒުކޮށްދެމުން ދިޔައީ ކުއްލިއަކަށް އެ މޫނުގެ ކުލަވަރު އެކީ ބަދަލުވުމުންނެވެ.
"ކީއްވެތަ ކުއްލިއަކަށް ކޮންޓްރެކްޓް ކެންސަލް ކުރަން ބޭނުންވަނީ؟ އެމީހުންނާ ވާހަކަ ދައްކައިފިންތަ!" ޒަމީރު ސުވާލުކޮށްލިއެވެ.
"ލައްބަ ސާރ. އަޅުގަނޑުމެން ވަރަށް މަސައްކަތްކުރިން. އެކަމަކު އެމީހުން އެއްބަހެއް ނުވި." އެކޮޅުން ވާހަކަ ދެއްކި ޒުވާނާ ބުންޏެވެ.
"އެކަމަކު ތި ޕްރޮޖެކްޓް ގެއްލިއްޖެއްޔާ ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ. މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް މިހާރު ވަނީ ގެނެވިފަ. އަދިވެސް އެމީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރެވޭތޯ ބަލަންވީނު." ޒަމީރު ބުނެލިއެވެ.
"ސާރ. އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅުވާނީ ސާރ މިކަމާ އުޅުއްވިއްޔާހެން." އެކޮޅުން ބުނެލިއެވެ.
"އެންމެ ރަނގަޅު. އެބަ ބަލަން ގޮތެއް ވޭތޯ!" އެހެން ބުނެލާފައި ޒަމީރު ފޯނު ކަނޑައިލިއެވެ. ބޮލުގައި ރިއްސަމުން ދިޔައީތީ ބޮލުގައި އަތުން ފިރުމާލެވުނެެވެ. ނިތާ ދިމާލުގައި ދެއިނގިލިން ފިތާލުމާއެކު، ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ބަލި ޙާލަތި ހުރިގޮތުން، އޮފީހުގެ ކަންތައްތައްވެސް މިހާރު އެންމެ ރަނގަޅަށް ކުރެވޭ ގޮތެއް ނުވެއެވެ. އެއް ދުވަހު އޮފީހަށް ދެވިއްޖެއްޔާ އަނެއް ދެ ދުވަހު ދެވޭގޮތެއް ނުވެއެވެ. ހަށިގަނޑުގެ ތެރޭގައި އުފެދިފައިވާ އިންފެކްޝަންތަކަށް ފަރުވާކުރަމުން ދިޔަނަމަވެސް، ދުވަހެއް ދުވަހަކަށް ބަލި ޙާލަތު ދަނީ ދަށަށެވެ. އެހާ ވަރުން ޒައުލް ގެންނަން ބޭނުންވާ ސަބަބަކީވެސް އެއީއެވެ. އޭނާ މިހާރު ބޭނުންވަނީ ޒައުލްއާ ވިޔަފާރީގެ ކަންތައްތައް ހަވާލުކޮށްފައި، ގޭގައި މަޑުކޮށްލާށެވެ. އަރާމުކޮށްލާށެވެ. މަސައްކަތާ ދުރުވާށެވެ. އެހެންނަމަވެސް ދެރައީ ޒައުލް އަންނަން ބޭނުންނުވާތީއެވެ.
ފޯނު ނަގާފައި ނަންބަރެއް ހޯދާލުމާއެކު ޒަމީރު ކޮންމެވެސް މީހަކަށް ގުޅައިލިއެވެ.
"އައްސަލާމު ޢަލައިކުމް." އެކޮޅުން ފޯނު ނެގުމާއެކު ޒަމީރު ސަލާމް ގޮވައިލިއެވެ.
"ވަޢަލައިކުމް ސަލާމް. ސާރ!" ވާހަކަ ދެއްކީ ހައިޝަމެވެ.
"ކުޑަކަމަކު މި ގުޅައިލީ. އިނގޭ ދެ ދުވަހުގެ ޗުއްޓީއެއްގަކަން ތިހުރީވެސް. އެކަމަކު މިކަމުގައި އެހީތެރިވާން ހައިޝަމް ނޫން މީހަކު އަހަރެންގެ ސިކުނޑިއަކަށް ނައި." ޒަމީރު ވާހަކަ ދެއްކިއިރު އެކަމުގައި އޭނާ ހައިޝަމްއަށް އުނދަގޫކުރަން ބޭނުންނުވެފައި ހުރިކަން ރަނގަޅަށް ދޭހަވެއެވެ.
"ކިހިނެއްވީތޯ ސާރ؟ ބޮޑުކަމެއް ދިމާވީތޯ؟" ހައިޝަމްގެ އަޑަށްވެސް ހާސްކަމެއް ވެރިވިއެވެ. ހައިޝަމްގެ ސުވާލާއެކު ޒަމީރު ވެގެން އުޅޭގޮތް ކިޔައިދިނެވެ. އަދި އެމީހުންނާ އަދިވެސް އެއްފަހަރު ވާހަކަ ދައްކާލަން އެދުނެވެ. އިތުރު ޝަކުވާއެއް ނުކޮށް ހައިޝަމް އެއްބަސްވުމުން، ޒަމީރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ޗުއްޓީއެއްގައި ހުއްޓާ ކަމަކު ކިޔަން ޖެހުމުން އޭނާ އެކަމާ މާފަށް އެދުނެވެ.
"ވަރަށް ބޮޑަށް މާފުކުރޭ މިގޮތަށް ބުނަން ޖެހުނީމަ. އެނގޭ އާއިލާގައި ބޮޑުކަމެއް ދިމާވެގެންކަން ޗުއްޓީ ނެގީ." ޒަމީރު ބުނެލިއެވެ.
"އެއްވެސް މައްސަލައެއް ނޫން ސާރ. އަޅުގަނޑު ތިކަމާ އުޅެދޭނަން." ހައިޝަމް ފޯނު ބޭއްވުމުން، ޒަމީރަށް ހިނިތުންވެލެވުނެވެ. ހައިޝަމްއަކީ ކޮންމެ ކަމެއްގައިވެސް އިތުބާރު ކުރެވޭ ޒުވާނެކެވެ. އޭނާގެ ފަރާތުން ދުވަަހަކު ޝަކުވާކުރާނެ ފުރުސަތެއް ނުލިބެއެވެ. ވަގުތަށް ކަމޭ ހިތާ މަސައްކަތަށް އެހާ ފަރުވާތެރިއެވެ. ކޮންމެ ކަމެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަމެއް އަަބަދުވެސް ދިއްކޮށްލަނީ ހައިޝަމްކަމުން، ޒަމީރަށް އެންމެ ގިނައިން ކަންތަކުގައި ކިޔެނީވެސް އޭނާގެ ގާތުގައެވެ.
*****
"އޮފީހަށް ދާން ޖެހުނީތަ؟" ހައިޝަމް ފޯނު ތިރިކޮށްލުމުން ޙަޔާ ސުވާލުކޮށްލިއެވެ. އެ ދެމީހުން ތިބީ ކާ މޭޒުދޮށުގައެވެ.
"ނޫން. މާދަމާ އެކަމާ އުޅޭނީ." ހައިޝަމް ބުނެލިއެވެ.
"ޒަމީރު ސާރތަ ގުޅީ؟" ޙަޔާ އޭނާގެ ތައްޓަށް ކާ އެއްޗެހި އަޅަމުން ސުވާލުކޮށްލިއެވެ.
"އާނ." ހައިޝަމް ޖަވާބު ދިނެވެ.
"މިހާރު ރަނގަޅުތަ؟ އެހާ އަވަހަށް އޮފީހަށް ނުކުންނަން ފެށީތަ؟ ޑޮކްޓަރުވެސް ބުންޏެއްނު ރެސްޓްކުރާށޭ." އެއްފަހަރާ އެތަކެއް ސުވާލެއް ޙަޔާއަށް ކޮށްލެވުނެވެ.
(ނުނިމޭ)