އިންގްލިޝް ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މެދުތެރެއަށް ކުޅެމުންދާ ސްޕެއިންގެ ތަރި ރޮޑްރީ މިސީޒަންގައި ކުޅޭތަން ފެނުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަނިޔާވި ރޮޑްރީއަށް މިސީޒަންގައި އިތުރަށް ކުޅެވޭނެކަމަށް ކުރިން ހީވެފައިނުވި ނަމަވެސް މިހާރު އެފުރުސަތު ބޮޑުކަން ހާމަވެގެންދިޔައީ އޭނާ ބޯޅަ އާއެކު އެކަނި ހަރަކާތްތެރިވާ މަންޒަރު ތަކެއް ސިޓީއިން ހާމަކުރުމާއެކުއެވެ.
މިގޮތުން އޭނާ އެކަނި ބޯޅައާއެކު ފަރިތަކުރާތަން މި ފޮޓޯތަކުން ފެނިގެންދެއެވެ. މިދިޔަ ސީޒަންގައި ދެއްކި މޮޅު ކުޅުމާއެކު ބެލޮން ޑިއޯގެ އިނާމް ވެސް ހާސިލްކޮށްފައިވާ ރޮޑްރީ ނެތުމުގެ ސަބަބުން ސިޓީއަށް ގިނަ މައްސަލަ ތަކަކާ ކުރިމަތިވިކަން ފާހަގަ ވެގެންދިޔައެވެ.
ސިޓީއަށް ގިނަ މައްސަލަ ތަކާއި ކުރިމަތިވެގެންދިޔައީ ރޮޑްރީ ޑިފެންސިވް މިޑްފީލްގައި ނެތުމުގެ އިތުރުން ޑިފެންސްގައި ކުޅެމުންދިޔަ މުހިންމު ކުޅުންތެރިންނަށް ވެސް އެކި ވަރުގެ އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުމުންނެވެ. އަދި މިއާއެކު ސިޓީ މިހާރު އުޅެނީ ތާވަލްގެ އެއްވަނައިގާ އުޅޭ ލިވަޕޫލަށްވުރެ 20 ޕޮއިންޓް ފަހަތުގައެވެ. ހަމައެއާއެކު މިސީޒަންގެ ޗެމްޕިއަންސް ލީގުން ވެސް ސިޓީ މިހާރު ވަނީ ކަޓާފައެވެ.
ރޮޑްރީ އަމިއްލައަށް ފަރިތަކުރުންތައް ފަށާފައިވީ ނަމަވެސް އޭނާ މާއަވަހަށް ކުޅުމުގެ ތެރެއިން ފެނިގެން ދިއުމަކީ ނާދިރު ކަމެއް ކަމުގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހާމަކޮށްފައެވެ. އޭނާ ހާމަކުރިގޮތުގައި އެންމެ މުހިންމު ކަމަކީ ރޮޑްރީއަށް ލިބިފައިވި އަނިޔާއިން މުޅިން ރަނގަޅުވެގެން ކުޅުމުގެ ތެރެއަށް އޭނާ އައުމެވެ.
އެހެން ކަމުން އަދި އޭނާ ބޯޅައިގަ ޖަހާ ލުއި ފަރިތަކުރުން ތަކުގައި ބައިވެރިވި ނަމަވެސް މެޗަކުން އެހާ އަވަހަށް ފެނިގެންދާނެކަމަށް އުންމީދު ކުރުން އެއީ އެހާ ރަނގަޅު ކަމަކަށް ނުވާނެ ކަމަށް ޕެޕް ވަނީ ބުނެފައެވެ. ޕެޕް ހާމަކުރިގޮތުގައި ރޮޑްރީގެ ރިހެބިލިޓޭޝަންގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި އަދި ސިޓީއިން އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ކުރިއަށް ގެންދިއުމަށް ނުވިސްނާކަމަށް ވަނީ ބުނެފައެވެ.
ރޮޑްރީގެ އިތުރުން ސީޒަންގެ ކުރީ ކޮޅު އަނޔާވި އޮސްކާ ބޮބް ވެސް އަންނަނީ މިހާރު ފަރިތަކުރުން ތަކުގައި ބައިވެރިވަމުންނެވެ. އަދި ހުރިހާ ކަމެއް ރަނގަޅަށް ދާނަމަ މިދެ ކުޅުންތެރިން ވެސް މިސީޒަން ނިމުމުގެ ކުރިން ސިޓީއަށް ކުޅޭތަން ފެނިގެންދާނެކަމަށް ވަނީ ބެލެވިފައެވެ.
މިއަހަރުގެ ޖޫން މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފަައިވާ ކްލަބް ވާލްޑް ކަޕްގައި ވާދަކުރާ ސިޓީ ޓީމުން ރޮޑްރީ ފެނިގެން ދިއުން ވަރަށް ގާތެވެ.