އިނގިރޭސި އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުން ވިލާ ޖާގަ ހޯދައިފި

އިނގިރޭސި އެފް އޭ ކަޕްގެ ކުއާޓާ ފައިނަލުން އެސްޓަން ވިލާ ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ކުއާޓާ ފައިނަލުން ވިލާ ޖާގަހޯދީ ފަސްވަނަ ބުރުގައި ކާޑިފް ސިޓީއާ ބައްދަލުކުރި މެޗު ދެ ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ވިލާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗުގައި ކާޑިފްއިން ވެސް ވަނީ ވަރަށް ރަނގަޅަށް ޑިފެންޑްކޮށް ވިލާއަށް އުނދަގޫތަކަކާ ކުރިމަތިކުރުވައިފައެވެ.

މިމެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ވިލާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ވިލާއަށް މިހާފުގައި ކާޑިފްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވަތަ އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއްް ނުވިއެވެ. މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ވިލާއިން މިމެޗަށް ނެރެފައިވަނީ ވަރަށް ވަރުގަދަ ޓީމެކެވެ. އެއާ ޚިލާފަށް ޗެމްޕިއަންޝިޕްގެ ރެލިގޭޝަނާ ހަނގުރާމަ ކުރަމުންދާ ކާޑިފްއިން ނެރެފައިވަނީ އެންމެ ވަރުގަދަ ޓީމު ނޫންކަން ފާހަގަވި.

މިމެޗުގައި ވިލާއިން ކާމިޔާބު ކުރި ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މިލަނޑު މާކަސް ރަޝްފަޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ މާކޯ އަސެންސިއޯއެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީވެސް އެސެންސިއޯއެވެ. މިއީ އޭނާ މިއަހަރުގެ ޖެނުއަރީގައި ޕެރިސް ސެއިންޓް ޖާމެއިންއިން ވިލާއަށް ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި ފަހުން ކާމިޔާބުކުރި ހަތަރު ވަނަ ލަނޑެވެ.

މި ކާމިޔާބީއާއެކު ވިލާ މިހާރު މިވަނީ މިމުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފައެވެ. އަދި މިމުބާރާތުގެ ފަސް ވަނަ ބުރުގެ ބާކީ މެޗުތައް މިއަދާއި މާދަމާ ކުޅުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން މިއަދު ހަތަރު މެޗު އަދި މާދަމާ ތިން މެޗު ވަނީ ކުޅުމަށް ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު