ބޭހެއް ގަންނަންވެގެން ދިޔަ ރާމިޒާ، އައިސް ވަނުމާއެކު އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެތަނުގައި އޮތް ބޮޑު ބުކޭއެވެ. ސުވާލުގެ ނަޒަަރަކުން މައުވާއަށް ބަލައިލާފައި އޭނާ އެ ނަގާ ބަލައިލިއެވެ. އެވަގުތު އޭގެ ތެރެއިން ކަރުދާސްކޮޅެއް ވެއްޓުނެވެ.

ރާމިޒާއެ ނަގާ އެއަށް ބަލައިލަން އުޅުމާއެކު މައުވާ ވާހަކަ ދެއްކިއެވެ. އޭނާ ރާމިޒާ އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަން ބޭނުންނުވާފަދައެވެ.

"މަންމާ!." މައުވާ ރާމިޒާއަށް ގޮވައިލިއެވެ. އަދި ކަރުދާސްކޮޅަށް އިޝާރާތްކޮށްލަމުން ވާހަކަ ދެއްކިއެވެ. "ތީތި ދީބަ."

އެ ކަރުދާސްގަނޑު ނިއުޅައިލަން އުޅެފައިވެސް ރާމިޒާ މައުވާގެ އެދުމަށް އޭނާގެ އަތަށް އޭތި ދިއްކޮށްލިއެވެ. އޭރު އެއީ އަފްނާން ނޫނީ އެހެން މީހެއްގެ ކަމަކަށް ނުވާނެޔޭ އޭނާގެ ހިތް ދިޔައީ ބުނަމުންނެވެ. ރާމިޒާ ދިން ގަނޑުކޮޅުގައި ހިފަމުން މައުވާ އެ ކަރުދާސްގަނޑު ނިއުޅައިލިއެވެ. އެއަށްފަހު، ރާމިޒާއަށްވެސް އަވަސް ނަޒަރެއް ދީފައި، އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަން ފެށިއެވެ.

"މައު… އަހަންނަށް އެނގޭ އަހަންނަށް މައުއަށް ވަރަށް ހާރޓްކުރެވިއްޖެކަން. ކުރިންވެސް. އަދި މިހާރުވެސް. މައުގެ ކޮންމެ ވާހަކައަކަށްވެސް އަހަރެން ޤަދަރުކުރަން. ކޮންމެ ވާހަކައެއް ވެސް ޤަބޫލުކުރަން. އެންމެ ވާހަކައެއް ފިޔަވާ. އަހަރެން ދެކެ ނަފްރަތުކުރާކަމަށް ކިތަންމެ ވަރަކަށް ބުންޏަސް ތި ދެލޮލުން އަހަންނަށް ނަފްރަތެއް ނުފެނުނު. ފެނުނީ ޝަކުވާ. އަހަންނާ ދޭތެރޭ ތި ހިތުގައި އުފެދުފައިވާ ޝަކުވާތައް. އަދިވެސް ތި ދެލޮލުން ލޯބި އަހަންނަށް ފެނޭ. އެ އިޙްސާސްތައް ވަންހަނާ ކުރަން ކިތަންމެ މަސައްކަތް ކުރިޔަސް، އެކަމެއް މައުއަކަށް ނުކުރެވުނު. ހިތުގަ މިވާ ކުށްވެރި އިޙްސާސުން މިންޖުވާނީ ކިހިނެއްކަމެއް ނޭނގެ. މައު ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެން މައު ދެކެ އިންތިހާއަށް ލޯބިވަން. ކުރިންވެސް… އަދި މިހާރުވެސް، ހަމައެކަނި ތަފާތަކީ އޭރުގެ އަފްނާންއަށް އެއިން އެއްވެސް ކަމެއް ރިއަލައިޒް ނުވުން. ހިތުގެ ގޮވުންތަކަށް ފުރަގަސްދިނުން. އަމިއްލަ އެދުން އިސްކުރެވުން. އެކަމަށް އައި އެމް ސޮރީ..... ވެރީ ސޮރީ…. އަހަރެން މައުގެ ގާތަށް އަންނަނީ ފަހަރެއްގައި މައުއަށް އިތުރު ހިތްދަތިކަމަާ ތަކުލީފެއް ދޭކަށް ނޫން. އެހެންނަމަވެސް މައު ދެކެ އިންތިހާއަށް ލޯބިވާތީ. ކޮންމެވެސް ގޮތަކުން މައުގެ މާފު އަހަރެން ބޭނުންވތީ. އެނޫން ގޮތަކަށް މިހިތަށް ހަމަޖެހުމެއް ނެތީތީ. އެހެންނަމަވެސް އެކަމުން މައުއަށް ތަކުލީފެއް ލިބެންޏާ ދެން އަހަރެން މައުއާ ބައްދަލުކުރާކަށް ނާންނާނަން. ކިތަންމެ ހިތްދަތިވި ވި ނަމަވެސް، އަހަރެން ދުރުގަ ހުންނާނަން. އެނގޭ ފަސޭހަ ނުވާނެކަންވެސް، އެނގޭ މިހިތަށް ކެތްނުވާނެކަންވެސް. އެކަމަކު، މީ އަހަރެން ކުރި ކުށުގެ ސަޒާކަމުގައި ވާނަމަ އެކަންވެސް އަހަރެން ހެޔޮ ހިތުން ޤަބޫލުކުރަން. ސޮރީ މައު. އައި ލަވް ޔޫ. އައި ލަވް ޔޫ ވެރީ މަަޗް.... -އަފްނާން-" އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލުމާއެކު މައުވާ ފެންކަޅިވިއެވެ. އެ ކަރުދާސްކޮޅު އެއްލާނުލާންވެގެން، ރީއްޗަށް ފަތް ޖަހައިލެވުނެވެ. ސައިޑް ޓޭބަލް މަތީގައި އޮތް މާ ބޮނޑިއަށް ބަލައިލުމާއެކު، އިރުކޮޅަކު އެ އޮތްގޮތަށް އޭނާ އޮތެވެ.

"މަންމާ… އެ މާތައް ފެން އެއްޗަކަށް ލައިދީފާނަންތަ؟" މައުވާ އެދުނެވެ. ރާމިޒާ އާއެކޭ ބުނެ އެތަނުގައި ހުރި ވާޒްގައި ޖަހާފައި ހުރި ޕްލާސްޓިކް މާތައް ނަގާފައި އެއަށް ފެން އަޅާ އެ މާތައް އޭގައި ޖަަހަން ފެށިއެވެ. ރަތް ފިނިފެންމަކާއި ލިލީގެ އިތުރުން އެކިކަހަލަ މާތަކުގެ މީރުވަސް މުޅި ކޮޓަރިތެރޭގައި ހިފައިލިއެވެ. މައުވާއަށް އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑަށް ބަލައިލެވުނެވެ. އެއާއެކު އެ ގެނެސް ތުންފަތުގައި ޖައްސައިލެވުނީ ވެސް ބޭއިޚްތިޔާރުގައެވެ. އަފްނާންއަށްޓަކައި އެހިތުގައިވާ އިޙްސާސްތަކުގެ ފުންކަން މައުވާއަށް އިޙްސާސްވިއެވެ. ކިތަންމެ ރުޅި އައިކަމަށް ހެދުނު ނަމަވެސް، އަދިވެސް އެހިތުގައި އަފްނާންއަށްޓަކައި ލޯބިވެއެވެ. އިންތިހާއަށް ލޯބިވެއެވެ. ދުވަހަކު އެ ލޯބި ފުހެލެވޭނެކަމެއް ނޭނގެއެވެ. ކިތަންމެ ނޫންކަމަށް ހެދުނު ނަމަވެސް، އަދިވެސް އެހިތުގެ މިލްކުވެރިއަކީ އަފްނާންއެވެ. އެހިތް އޮތީ އޭނާގެ މޭތެރޭގައި ނަމަވެސް، އަފްނާންގެ ކޮންމެ އަަމަލަކުން އޭނާގެ ހިތަށް އަސަރުކުރަނީ އެއީ އަދިވެސް އަފްނާންގެ ހައްޤެކޭ ބުނާފަދައަކުންނެވެ.

"މީ ކާކު ގެނައި މާތަކެއްތަ؟" ވާޒްއަށް އެހުރިހާ މަލެއް ޖަހާ ނިންމާލާފައި ރާމިޒާ ވަރަށް ފުން ނަޒަރަކުން މައުވާއަށް ބަލައިލިއެވެ. އެ މޫނުމަތިން ފެންނަނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. "މައުވާ… ދަރިފުޅާ…"

ވިސްނުމަކަށް ގެއްލިފައި އިން މައުވާއަށް ރާމިޒާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

"އާނ. މަންމާ… ކީކޭ؟" މައުވާ ބުނެލިއެވެ.

"މަންމަ ބުނީ މީ ކާކު ދިން މާ ބޮނޑިއެއްހޭ." އެއީ އަފްނާންކަން އެނގި ހުރެމެ ރާމިޒާ ސުވާލުކޮށްލީ މައުވާ ބުނާ އެއްޗެއް ބަލައިލުމުގެ ގޮތުންނެވެ.

"އަފްނާން…" ކުޑަ މަޑުޖެހުމަކާއެކު މައުވާ ޖަވާބު ދެމުން އިސްޖަހައިލިއެވެ. އަފްނާން އެތަނަށް އަންނަންވެސް ނޭދޭއިރު އަފްނާން ދޭ އެއްޗެއް އެގޮތަށް އެތަނުގައި ބެހެއްޓުމުން މަންމަ ހިތަށް އަރާނެ އެއްޗަކާ ދޭތެރޭ އޭނާ ކަންބޮޑުވިއެވެ. އޭނާ ހަމަޖެހުނީ ރާމިޒާ އިތުރު އެއްޗެއް ނުބުނުމުންނެވެ.

*****

ކްލާސް ނިމުމާއެކު ހުރިހާ ކުދިންވެސް ދަބަސްތައް ހިފައިގެން ކްލާސް ރޫމުން ނުކުންނަން އަވަސްވެގަތެވެ. ޔޫޝައުވެސް ދަބަސް ހިފައިގެން ގޮޑިން ތެދުވެ ކޮނޑުގައި އަޅުވައިލަން އުޅުނު ވަގުތު ސިހުނީ ގާތުގައި އިން ޒާޔާ ވާހަކަ ދެއްކުމުންނެވެ.

"ޔޫޝައު…" ޒާޔާ ގޮވައިލިއެވެ.

"ކިހިނެއްވީ؟" ބުމަ އަރުވާލަމުން ޔޫޝައު ސުވާލުކޮށްލިއެވެ.

"އައި ވަޮނަ ޓޯކް ޓު ޔޫ…" ޒާޔާ ބުނެލިއެވެ.

"މިތާ؟" ޔޫޝައު ސުވާލުކޮށްލީ ވަށައިގެން ބަލައިލަމުންނެވެ.

"އެންމެން ދިޔައިމަ. ކެންޕަސްތެރޭގަ މިގަޑީގަ ވަރަށް ކުދިން ގިނަވާނެ." ޒާޔާ ބޯ ޖަހައިލިއެވެ. "މިތަން އޯކޭއެއްކު."

ހުރިހާ ކުދިން ނުކުމެގެން ދިޔައިރުވެސް އެ ދެމީހުންނަށް ބަލަހައްޓައިގެން އަފްނާން ހުރިތަން ޔޫޝައުގެ ލޮލުގައި އަޅައިގަތެވެ. ޒާޔާވެސް އަފްނާންއަށް ބަލައިލިއެވެ. ސީދާ އެ ދެމީހުންނަށް ބަލަހައްޓައިގެން އަފްނާން ހުރި ގޮތުން ޒާޔާ ކުޑަކޮށް ބިރުވެސް ގަތެވެ. އަނެއްކާވެސް އެ ދެމީހުން އެކަކު އަނެކަކުގެ ގައިގައި ތަޅައިފޮޅައި ގަނެފާނެތީ އޭނާ ޖެހިލުންވިއެވެ.

"ލެޓްސް ގޯ…" ޒާޔާ ތެދުވީ އަފްނާން އެތަނުން ނުދިޔުމުންނެވެ. އޭނާ ޔޫޝައުއަށް ބަލައިލާފައި އޭނާއާއެކު އައުމަށް އިޝާރާތްކޮށްލިއެވެ. ދެމީހުން ކްލާހުން ނުކުންނަން، ހިނގައިގަތުމުން އަފްނާން އޭނާގެ ދެބުމަ ކައިރިކޮށްލިނަމަވެސް އެއްޗެއް ނުބުނެއެވެ. ކްލާސް ރޫމުން ނުކުތުމާއެކު ޒާޔާ އެދުނީ އޭނާއާއެކު މީހުން މަދުތަނަކަށް ދިޔުމަށެވެ.

"މާދަން އޯކޭއެއްނު. މިއަދު ކުޑަކަމެއް އެބައޮތް." ބަހަނާއެއް ދައްކާފައި ދިޔުމަށް ޔޫޝައު އުޅުނީ ޒާޔާ އެ ދައްކަން އުޅޭ ވާހަކައާ މެދު ޝައްކުވެފައިވާތީއެވެ. އަދި އޭނާ އެވާހަކަ ދައްކަން އެހާ ބޭނުންނުވާތީއެވެ. ސިކުނޑީގެ އެތެރޭގެ ހައިޖާނުގަނޑު ހަމައަކަށް އަޅުވާ، ވިސްނަން ވަގުތުކޮޅެއް އޭނާ ބޭނުމެވެ.

"ހަމަ ކޮންމެ ދުވަހަކުވެސް، ތިކަހަލަ ބަހަނާއެއް ތި ދައްކަނީ. މިހާރު ތިން ދުވަސްވީ." ޒާޔާ އަތް އުރައިލަމުން ވާހަކަ ދެއްކިއެވެ. އޭނާގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައްވެސް ފާޅުވަމުން ދިޔައެވެ.

"އޯކޭ… ސޮރީ..." ޔޫޝައު އެންމެފަހުން ބަލި ޤަބޫލުކުރިއެވެ. "ކޮންތާކަށް ދާނީ."

"މިތާ ކަންމަތީގަ ހުންނާނެ ކޮފީ ޝޮޕެއް. އެތަނުގަ އެހާ މީހުންވެސް ގިނައެއް ނުވާނެ. އެތަނަށް ދަމާ." ޒާޔާ އެދުނެވެ. "އޭރުން ހަމަޖެހިލައިގެން ވާހަކަވެސް ދައްކާލެވޭނެ."

"ހިނގާ…" ޔޫޝައު ބުނެލިއެވެ. ޒާޔާ ހިނގައިގަތުމުން އޭނާ ވެސް ޒާޔާއާ އެއްހަމައެއްގައި ހުރެެގެން ހިނގަމުން ދިޔައެވެ. ކޮފީ ޝޮޕަށް ވަނުމަށްފަހު، އެ ދެމީހުން ބޭރު ފެންނަގޮތަށް ހުރި ބިއްލޫރިގަނޑާ ދިމާލުގައި ހުރި މޭޒެއްގެ ދޮށުގައި އިށީނެވެ. ޒާޔާ ބުނި ގޮތަކަށް އެތަނަކު މީހުންތަކެއްވެސް ނެތެވެ. ހަމަޖެހިލައިގެން ވާހަކަ ދައްކާލެވޭފަދަ ހިތްގައިމު މާހައުލެކެވެ. ވެއިޓަރު އައުމުން ޔޫޝައު ކަޅު ކޮފީއަކަށް އޯޑަރު ދިންއިރު، ޒާޔާ ނެގީ ފްރެޝް ޕައިންއެޕަލް ޖޫހެކެވެ.

"ޔޫޝައު… " ޒާޔާ ގޮވައިލިއެވެ. "އަސްލު އެނގޭދޯ އަހަރެން ކީއްވެގެންކަން ޔޫޝައުއާ ވާހަކަ ދައްކަން މިއުޅެނީ."

"ބުނީމައެއްނު އެނގޭނީ…" ޒާޔާގެ ވާހަކައާއެކު ޔޫޝައު ފުންނޭވާއެއް ދޫކޮށްލިއެވެ. ޒާޔާގެ ރާގު ހުރި ގޮތުން ޔޫޝައު ކޮންމެވެސް ވަރަކަށް ކަންތައްވެސް ބޮޑުވާގޮތްވިއެވެ. މިހުރިހާ ދުވަހު އޭނާ ސިއްރުކޮށްގެން އުޅުނުކަންތައް ފަޅާއަރަނީކަން ޔޫޝައުއަށް އެނގުނެވެ. ޒާޔާއަށް ފިލައިގެން އަބަދު ނުވެސް އުޅެވޭނެއެވެ. މިއަދު ނޫނީ މާދަމާ އެ ސުވާލުތައް އޭނާއާ ކުރިމަތިވާނެކަން ޔޫޝައުއަށް ވެސް އެނގެއެވެ.

"ލަޔަރ. އެނގޭނެ ހަމަ ރަނގަޅަށް." ޒާޔާ ހަށިގަނޑު ސީދާކޮށްލިއެވެ. "މައު ކައިރީގައި ހުރެފައި ބުނި ވާހަކައިގަ ކިހާ ވަރެއްގެ ހަޤީގަތެއް ވޭ؟"

ޒާޔާ ގެ ސުވާލާއެކު ޔޫޝައުއަށް ބިއްލޫރިގަނޑުން ބޭރަށް ބަލައިލެވުނެވެ. ޒާޔާއާ ހަތަރުކަޅި ހަމަކޮށްލުން އޭނާއަށް އުނދަގޫވިއެވެ. މި ނޫނީ ދުވަހަކުވެސް ޒާޔާއާ ވާހަކައެއް ހިއްސާކުރަން އެހާ އުނދަގޫވި ދުވަހެއް ނާދެއެވެ. ހިތުގެ ޙާލު އަމިއްލަ ނަފްސަށް ވެސް އޭނާ ދިޔައީ ސިއްރުކުރަން މަސައްކަތް ކުރަމުންނެވެ. ވީއިރު އެހެން މީހަކާ އެ ވާހަކަ ހިއްސާކުރާނީ ކިހިނަކުން ހެއްޔެވެ؟

"ކޮންކަމެއްގެ ހަޤީގަތެއް؟ އަހަރެން އެހެން ބުނީ އަހަރެންގެ ހިތުގައި އެފަދަ އެއްޗެއް އޮވެގެނެއް ނޫނޭ." ތެދު ހާމަކުރާނެ ހިތްވަރެއް ޔޫޝައުއަކަށް ނުލިބުނެވެ. ދުރު ބަލަހައްޓައިގެން އިނދެގެން ވާހަކަ ދެއްކީ އެހެންވެގެންނެވެ. " ރުޅި އައިސް ހުރިވަރުން ބުނެވުނީ."

"ދެން ކީއްވެ އަހަންނާ ދިމާލަށް ބަލާފަ ތިހެން ތި ނުބުނަނީ؟ ޔޫޝައު ނުބުންޏަސް އަހަންނަށް އެނގޭ ޔޫޝައު މައު ދެކެ ލޯބިވާކަން. އެ ދުވަހު ޔޫޝައު ދެއްކި ވާހަކަތައް ޤަބޫލުކުރީ މައު އެކަނި. އަހަންނެއް ނުކުރަން. ޔޫޝައުގެ ލޮލުން މައުއަށްޓަކާ ލޯބި އަހަންނަށް ފެނުނު. މައުއަށް އެކަން ފާހަގަ ނުވިޔަސް، އަހަންނަށް ރީއްޗަށް ފެނުނު. ކީއްވެ ދޮގު ހަދަނީ؟" ޒާޔާ ބުނެލިއެވެ.

"އަހަރެން ކީއްވެ ދޮގު ހަދަންވީ؟ ތީ ޒާޔާއަށް ހީވާ އެއްޗެކޭ؟" ޔޫޝައު ބުނެލިއެވެ.

"ޔޫ އާރ ލައިން ޓު ޔޯ ސެލްފް. ދެން ކީއްވެ މި ތިން ދުވަހު އަހަރެން އިގްނޯރކުރީ؟ އަހަރެން ވާހަކަ ދައްކަން ބުނީމަ އަބަދުވެސް ބަހަނާ ދައްކަނީ. އަހަންނާއެކު މައު ކައިރިއަށް ނުދަނީ؟" ސުވާލަކަށްފަހު، ސުވާލެއް ޒާޔާ ޔޫޝައުއާ އަމާޒުކުރަމުން ގެންދިޔައެވެ.

"އަހަރެން ބިޒީވީމަ." ޔޫޝައު ބުނެލިއެވެ. އެވަގުތު ވެއިޓަރު އައިސް އެ ދެމީހުން އޯޑަރު ކުރި އެއްޗެހި މޭޒުމަތީގައި ބަހައްޓައިފިއެވެ. ޝުކުރު އަދާކޮށްފައި ޒާޔާ ޔޫޝައުަށް ބަލައިލިއެވެ.

"އަދިވެސް ހުސް ދޮގު. މައު ދެކެ ޔޫޝައުވާ ލޯބި ޔޫޝައުއަކަށް ސިއްރެއް ނުކުރެވޭ.." ޒާޔާ ބުނެލިއެވެ. "ތީ އިއްޔެއަކު މިއަދަކު ވީކަމެއް ވެސް ނޫނެއްނު. މީގެ ދެ އަހަރުކުރިން އަފޫއާއެކު މައުވާ އުޅުނު އިރުން ފަށައިގެންވެސް ޔޫޝައުގެ ހިތުގައިވާ އިޙްސާސްތަކެއްނު ތީ. ދޮގެއްތަ މިބުނެވުނީ؟ އޭރު އަހަންނަށްވެސް ވިސްނާނުލެވުނީ. އެކަމަކު މިހާރު އެ ދުވަސްތަކާ ދޭތެރޭ ވިސްނާލީމަ އެނގޭ އަފްނާންއާ މައުވާ ގުޅުމުން ޔޫޝައުއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިކަން. އަދި އޭގެފަހުންވެސް ޔޫޝައު އެހެން ކުއްޖަކާ ލޯބީގެ ގޮތުން ދުވަހަކުވެސް ނުގުޅޭ. މިހުރިހާކަމަކުން އަހަރެން ނަގަންވީ ކޮން މާނައެއް؟ "

"ޔޫ ކޭން ޓްރަސްޓް މީ ޔޫޝައު… " ޔުޝައު ހިމޭންވެފައި އިންނަން ފެށުމުން ޒާޔާ ބުންޏެވެ. "އަހަންނަށް އެނގޭ އަހަރެމެންގެ ރަޙްމަތްތެރިކަމަށް ބުރޫ އަަރަން ބޭނުންނުވާތީކަން ޔޫޝައު އެގޮތަށް ކަންތައްކުރީ. "

"ޒާ… އައި ލަވް ހާރ." އެންމެފަހުން ޔޫޝައު އެއްބަސްވިއެވެ. އޭރު އެ އަޑުގައިވަނީ ބަޔާންކުރަން ދަތި އަސަރެކެވެ. "އަހަރެން ކިހިނެއް އަލުން މައުވާ އަފްނާންގެ އަތް މައްޗަށް ދޫކޮށްލާނީ؟ އަދިވެސް އެރޭ މައު ރުއި ރުއިން އަހަންނަށް ފެންނަ ކަހަލަ. އެނގޭ މައު އަދިވެސް އަފްނާން ދެކެ ލޯބިވާކަން ވެސް. އޭނަ އެގޮތަށް ކަންތައް އެކުރަނީ ކޮންމެހެން ލޯބިނުވާތީއެއް ނޫން. ހަޤީގަތުގައި ޝީއިޒް ހާރޓް އެހެންވެ އަފްނާން ދުރުކުރަނީ. "

އަލުން މައުވާ އަފްނާންގެ މީހަކަށް ވާތަން ބަލަން ޔޫޝައުއަކަށް ކެތެއް ކުރެވޭނެއެވެ. އޭނާ މައުވާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ކުރީގައިވެސް އޭނާ އެކަންތައް ސިއްރުކުރީ މައުވާގެ އުފާތައް މުހިންމުވީމައެވެ. އެހެންނަމަވެސް އަލުން އެ ހިތް ހަލާކުކޮށްލި މީހަކަށް މައުވާ ފުރުސަތު ދޭތަން ބަލަން ހުންނަނީ ކިހިނަކުން ހެއްޔެވެ؟

"އައި ކޭންޓް ގިވް އަފްނާން އެނަދަރ ޗާންސް ޒާ. އެއްފަހަރު ޗާންސް ދީފީމު. އެކަމަކު ދެން ބޭނުމެއް ނޫން." ޔޫޝައު ބުންޏެވެ. "އެކަމަކަށް އަހަރެންގެ ހިތް އެއްބަހެއް ނުވޭ."

"އެކަމަކު އެކަމުގައި ވަކި ޔޫޝައުއަށް ކުރެވޭނީ ކީއް؟" ޒާޔާ ބުނެލިއެވެ. އޭނާ ޔޫޝައުގެ މޫނުމަތީގެ ކުލަވަރުތައް ދިރާސާކުރަން އިނުމަށްފަހު ވާހަކަ ދެއްކިއެވެ. "މައު ދެކެ ލޯބިވާ ވާހަކަ ބުނަންތަ ތިއުޅެނީ؟"

"މައު އެކީ ރިކަވަރ ނުވަނީސް ކިހިނެއް އަހަރެން،....... ކިހިނެއް އެކަހަލަ ކަމެއް ކުރާނީ. އެކަމަކު އެނގޭހާވެސް އެއްޗަކީ، އަލުން އަފްނާންއާ މައުވާ ގުޅެން އަހަރެންގެ މިހިތް ބޭނުން ނުވާކަން." ޔޫޝައު ބުނެލިއެވެ. "ދެން ނޭނގެ ޒާ… އަހަރެންވެސް ހީވަނީ މޮޔަވެދާނެހެން."

"ކޮންމެވެސް ގޯސް ފިޔަވަޅެއް ނާޅާތި ޔޫޝައު." ޒާޔާ ބުނެލިއެވެ. "މައު އިޒް ސްޓިލް ރިކަވަރިންގ..."

"އައި ނޯ… އައި ކެއަރ ފޯރ ހާ…" ޔޫޝައު އެހެން ބުނެލާފައި ކޮފީ ތަށި ތުމުގައި ޖެހިއެވެ. ހިތުގެ އިޙްސާސްތައް ފުރަތަމަ ފަހަރަށް ދުލުން ބޭރުކޮށްލެވުމުން ކޮންމެވެސް ވަރަކަށް ލުއި ވިހެން ހީވިއެވެ. އެންމެ ބޮޑަށް ހިތްހަމަޖެހުނީ ޒާޔާ އޭނާ ދެކެ ރުޅި ނައުމުންނެވެ.

"އަހަރެން ދެެކެ ރުޅިއެއް ނާދޭތަ؟" ޔޫޝައުއަށް ސުވާލުކޮށްލެވުނެވެ.

"ކީއްވެ ރުޅި އަންނަންވީ؟ އަހަރެމެން ރުޅި އަންނަވަރު ކަމެއް ޔޫޝައު ކުރިންތަ؟ ހިތުގެ އެދުންތަކުގެ ކުރިމަތީގައި އަނެކާގެ އުފާތައް އިސްކުރާނީ ވަރަށް ހިތްވަރުގަދަ މީހުން. ޔޫ ޑިޑް ދެޓް، ފޯ މައު…. ތެންކިއު ޔޫޝައު. ފޯ އޯލްވޭޒް ބީއިން ދެއަރ ފޯ ހާރ. އެންޑް އައެމް ސޮރީ…" ޒާޔާ މާފަށް އެދުމުން ޔޫޝައު ސުވާލުގެ ނަޒަަރަކުން ބުމަ އުފުއްލަައިލިއެވެ. ޒާޔާ ސަބަބު އޮޅުން ފިލުވައިދިނީ ދެނެވެ.

"މިބުނީ ކުރީގައި ޔޫޝައުގެ ފީލިންގްސްތައް ނޭނގުނީމަ. އިޓްމަސްޓް ހޭވް ބީން ޑިފިކަލްޓް ހުރިހާ އެއްޗެއް ހިތުގަ ބަހައްޓައިގެން ހުންނަން." ޒާޔާ ބުނެލިއެވެ.

"ތެންކިއު…." ޔޫޝައު ހިނިތުންވެލިއެވެ.

ކޮލެޖު ނިންމާފައި ނުކުމެ ސައިކަލަށް އެރި އަފްނާންގެ މިސްރާބުހުރީ ގާރޑެންއިން ހޮޓެލާ ދިމާލަށެވެ. އެ ހިސާބަށް ދެވުމާއެކު ސައިކަލު ބަހައްޓާފައި އޭނާ ހޮޓެލަށް ބަލައިލިއެވެ. ސައިކަލުން ފޭބުމަށްފަހު ލަސްފިޔަވަޅުތަކެއްގައި ގޮސް ހޮޓެލަށް އަފްނާން ވަނެވެ. ރިސެޕްޝަންގައި ތިބީ، އޭނާ ދަންނަ ދެ ކުދިންނެވެ. އެއީ މީގެ ދެ އަހަރުކުރީން ފެށިގެންވެސް އެތަނުގައި މަސައްކަތްކުރަމުން ދާ ދެ ކުދީންނެވެ.

"ބާރަ ވަނަ ފްލޯގެ ހޯލް ހުސްތަ؟" އަފްނާން ސުވާލުކޮށްލުމުން އެތަނުން އެއް ކުއްޖަކު ކޮންޕިއުޓަރުން ޗެކްކޮށްލާފައި "ލައްބައޭ" ބުނެލިއެވެ. އެއާއެކު އަފްނާން އެދުނީ އެތަން ހުޅުވާލަދިނުމަށެވެ. ރިސެޕްޝަންގައި އިން ކުއްޖާ ކޮންމެވެސް މީހަކަށް ގުޅާލާފައި ފޯނު ބާއްވަމުން ހުޅުވަން މީހަކު އެބަ ދެޔޭ ބުނެލިއެވެ.

އެއާއެކު އަފްނާން އެރީ މައްޗަށެވެ. އޭނާ ހޯލާ އަރާ ހަމަވިއިރު އެތަނުގައި އެ މަސައްކަތާ ހަވާލުވެ ހުންނަ މީހާ ހޯލް ހުޅުވަނީއެވެ. އަފްނާން ފެނުމުން އޭނާ އެ މަސައްކަތް ކޮށް ނިންމާލާފައި ދިޔައީއެވެ.

އަފްނާން ހޯލް ތެރެއަށް ވަދެލިއެވެ. އެއާއެކު އޭނާގެ މޭ ހީވީ ފިތެން ފެށިހެންނެވެ. އެ ބޮޑު ހޯލްތެރޭގައި އޭނާގެ ނޭވާ ހާސްވާން ފެށިގެން ހީވާން ފެށީ މާޒީގެ ހަނދާންތައް އައިސް ގޯނާކުރަން ފެށުމުންނެވެ. މައުވާއާ އޭނާގެ ގުޅުމުގެ ސިއްކަ އޭނާ ޖެހީ މި ހޯލް ތެރޭގައެވެ. އެންމެންގެ ތެރޭގައި މައުވާ ބޭޒާރުކޮށް ލަދުގަންނުވާލީ މިތަނުގެ ތެރޭގައެވެ. ނޭވާލާން ދަތިވާން ފެށުމުން ފުންނޭވާތަލެއް ލާން އަފްނާން މަސައްކަތްކުރިއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް އަފްނާން ހުއްޓުނީ މައުވާއާއި، އޭނާއާ އެ ރޭ ތިބި ހިސާބުގައެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު