ރަމަޟާން މަހަކީ އަހަރު ތެރޭ އެ މަހަކަށް އެންމެ ބޮޑަށް އިންތިޒާރުކުރާ، އަހަރުތެރޭ ބައްދަލުކުރާ އެންމެ މާތް މައްސަރެވެ.
ޒަމާނުއްސުރެ ދިވެހިންގެތެރޭ އޮންނަ އެއްބައިވަންތަ ކަމުގެ ރީތި އާދަ އެންމެ ބޮޑަށް ފެންނަ އެއް މައްސަރަކީ މާތްވެގެންވާ ރަމަޟާން މަހޭ ބުނުން ދޮގަކަށް ނުވާނެއެކެވެ.
ރަމަޟާން މަސް ފެށެން މައްސަރަކަށް ވުމުން އާއިލީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން "މާހެފުން"ގެ ނަމުގައި އެކި ވައްތަރުގެ ކެއުންތަކުން ގޭގޭ ސުފުރާމަތި ފުރާލި މަންޒަރުތައް ފާއިތުވެދިޔަ މަސްތެރޭ ސޯޝަލްމީޑިއާއިން ވަނީ ފެނިފައެވެ.
ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށް ވުމާއެކު ދަރުމަ އާއި ޘަވާބު އިތުރު ކުރުމަށް މި މައްސަރު ގަދައަޅައި މަސައްކަތް ކުރުމަށް ކޮންމެ މީހަކު ވެސް އެދޭނެއެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި ދިރިއުޅެމުންދާ އެތައް މުސްލިމުންނެކޭ އެއްގޮތަށް ރަމަޟާން މަހު ދިވެހީންގެ ފަރާތުން ވެސް ފެންނަ އެންމެ ރީތި އާދަކާދައަކީ އެއްބައިވަންތަކުގެ ރިވެތި އާދައެވެ.
މީގެ ކުރިން ރޯދަ މަހެއްގައި ދަމުނަމާދު ކުރުން: ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށް ވުމާއެކު ދަރުމަ އާއި ޘަވާބު އިތުރު ކުރުމަށް މި މައްސަރު ގަދައަޅައި މަސައްކަތް ކުރުމަށް ކޮންމެ މީހަކު ވެސް އެދޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އާއިލާގެ އެއްބަޔަކު އަނެއް ބަޔަކަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިކަން ފޯރުކޮށްދީ ރަމަޟާން މަހަކީ އެންމެ ނިކަމެތި މީހާއަށް ވެސް އުފާވެރިކަން ގެނެސްދޭނެ ގޮތަކަށް ކަންކަން ރޭވުމަކީ ދިވެހީންގެ މުޖްތަމަޢުން މިހާރު ވެސް ފެންނަ ވަރަށް އުފާވެރި މަންޒަރެކެވެ.
އަމިއްލައަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ވެސް ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދުމުން އެކަމުގައި އެހީތެރިވާ މީހުންގެ އަދަދު އިތުރުވުމަކީ ވެސް ފާހަގަކޮށްލެވޭ ކަމެކެވެ.
ރަމަޟާން މަހާ ދިމާކޮށް އެކި ގޭގެއަށް ހަދިޔާ ޕެކް ނުވަތަ އެހީގެ ގޮތުގައި ތަކެތި ދިނުމަކީ ޒަމާނުއްސުރެ ދިވެހީންގެތެރެއިން ފެންނަ ކަމެކެވެ. މި މަންޒަރު އެންމެ ގިނައިން ފެންނަމުން ދިޔައީ އަތޮޅުތެރޭގެ ރަށްތަކުން ނަމަވެސް ތޮއްޖެހިފައިވާ މާލެއިން ވެސް މި ފަހަކަށް އައިސް މިއީ ފެންނަ ވަރަށް އުފާވެރި މަންޒަރެކެވެ.
ރަމަޟާން މަސް ނޫނަސް އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގެ ރީތި ސިފަ އަޅުގަނޑުމެންގެ ތެރޭ ދެމެހެއްޓުމަށް ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތް ކުރަންވާނެއެވެ.
ހަމައެއާއެކު ރަމަޟާން މަހު މި ފެންނަ އާއިލީ ގުޅުންތައް އިތުރަށް ބަދަހިކޮށް އިސްލާމީ ރިވެތި އުސޫލާ އެއްގޮތަށް އާއިލީ ގުޅުންތަކާ އެކު ރަހްމަތްތެރި ކަމުގެ ގުޅުންތައް ވެސް އިތުރަށް ބަދަހިކޮށްލުމުގެ އަޒުމާ އެކު މި ރަމަޟާން މަހުގެ ހެޔޮ ދަރުމަ ލިބިގަތުމަށް ކޮންމެ މީހަކު ވެސް މަސައްކަތް ކުރަމާ ހިނގާށެވެ.